ނޫސްވެރިންގެ ކަންބޮޑުވުންތައް ފާޅުކުރުމަށް ކުރިން ބޭއްވި ހިނގާލުމެއްގައި ބައެއް ނޫސްވެރިން ބައިވެރިވަނީ.

މީޑިއާ

ގާނޫނުއަސާސީއާ ފުށުއަރާ ގޮތަށް މަސްދަރު ހާމަކުރަން ހެއްކާ ބެހޭ ބިލުގައި މަޖުބޫރު

ހެއްކާ ބެހޭ ބިލުގައިވާ ގޮތުގައި، ނޫސްވެރިއެއްގެ މައްޗަށް ނުވަތަ މީޑިއާއެއްގެ މައްޗަށް މަސްދަރު ހާމަކުރަން މަޖުބޫރުކޮށް ކޯޓަށް އަމުރެއް ނެރެވިދާނެ

ގާނޫނުއަސާސީއާ ފުށުއަރާ ގޮތަށް ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ހެއްކާ ބެހޭ ބިލުގައި ހިމަނައިފި އެވެ.

އެންގުން މުހިންމު - ގާނޫނުއަސާސީގެ 28 ވަނަ މާއްދާގައިވާ ގޮތުން އެއްވެސް މީހަކަށް މަސްދަރު ހާމަ ކުރުމަށް މަޖުބޫރުކޮށްގެން ނުވާނެ އެވެ.

އެ މާއްދާގައިވާ ގޮތުން:

  • ނޫސްވެރިކަން ކުރުމާއި މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވޭ

  • އޭގެ ތެރޭގައި، ހަބަރާއި މައުލޫމާތާއި ފެންނަ ގޮތްތަކާއި ހިޔާލުތައް ފާޅުކުރުމާއި ޝާއިުކުރުން އަދި ފެތުރުމުގެ މިނިވަންކަން ހިމެނޭ

  • އެގޮތަށް ޝާއިއުކުރާ، ފަތުރާ ނުވަތަ ފާޅުކުރާ މައުލުމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ

ބިލުުގައި ބުނަނީ ކީކޭ؟ - ސަރުކާރުން ހުށަހަޅައި އިބުތިދާއީ ބަހުސް ވެސް ފަށާފައިވާ އެ ބިލުގެ 136 ވަނަ މާއްދާގެ (ށ)ގައި ބުނެފައި ވަނީ، މައްސަލައެއްގައި ހިމެނޭ މީހަކު ހުށަހަޅާ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިިން ނޫސްވެރިޔާގެ މައްޗަށް ނުވަތަ އެ މީޑިއާއަކަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ ކަމަށެވެ.

އެގޮތަށް ކަނޑައަޅާއިރު ޝަރީއަތުން ބަލަން ޖެހޭ ކަންކަން:

  • ނޫސްވެރިޔާ އަށް މައުލޫމާތު ދިން މީހާ އަކީ ކާކުކަން ހާމަކުރުމުގެ ސަބަބުން އެ މީހާ އަށް ނުވަތަ އެހެން އެއްވެސް ފަރާތަކަށް ކޮށްފާނެ އަސަރު ކުޑަވުން

  • މަސްދަރެއް ހާމަކުރުމުން، މައުލޫމާތު ހޯދުމުގައި މައުލޫމާތު ދޭނެ ފަރާތަކާ ހަމައަށް ނޫސްވެރިން ވާސިލުވުމުގެ ގާބިލުކަމަށް އަސަރުކޮށްފާނެ މިންވަރު ކުޑަވުން

ވިލިމާލެ ދާއިރާ މެންބަރު އަހްމަދު އުޝާމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: ހެއްކާ ބެހޭ ބިލުން ނޫސްވެރިންގެ މިނިވަންކަން ހަނި ކުރެވޭތީ ކަންބޮޑުވުން ފާޅުކުރެއްވި. (ފޮޓޯ/މަޖިލިސް)

އުޝާމްގެ ކަންބޮޑުވުން

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ކުރިއަށްގެންދިޔަ ބިލުގެ އިބްތިދާއީ ބަހުސްގައި ވިލިމާލެ ދާއިރާ މެންބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެގޮތުން، ބިލު މިހާރު އޮތް ގޮތުން "ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ މިނިވަންކަން ބައެއް ހާލަތްތަކުގައި ހަނިކުރެވޭނެ" ކަމަށް އޭނާ ވިދާޅުވި އެވެ.

"ބިލުގެ 136 ވަނަ މާއްދާ މިހާރު އޮތް ގޮތުން، ބައެއް ހާލަތްތަކުގައި ކޯޓުން ކަނޑައަޅައިފި ނަމަ ނޫސްވެރިންނަށް އަދި ނޫސް ސްޓޭޝަންތަކަށް އެ ބޭފުޅުންގެ މަސްދަރު ހާމަ ކުރަން ޖެހޭނެ. އެއީ ކަންބޮޑުވުމެއް،" އުޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖޭގެ ޝަރުއީ ދާއިރާ މިހާރު އޮތް ހާލަތުގައި "އެފަދަ ބާރުތަކެއް ފަނޑިޔާރުންނަށް ދިނުމަކީ ގަބޫލުކުރާ ކަމެއް ނޫން" ކަމަށެވެ. އެހެންކަމުން، އެ މާއްދާ އިސްލާހު ކުރުމަށް އޭނާ ގޮވާލެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް