ހެއްކާ ބެހޭ ބިލު ދިރާސާ ކުރާ ޖުޑީޝަރީ ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި އެމްޖޭއޭ އެކްސޯ މެންބަރުން: އެ ޖަމިއްޔާ އިން ވަނީ އެ ބިލަށް ގެންނަން ބޭނުންވާ އިސްލާހުތައް ހިމެނޭ ހިޔާލު ކަރުދާހެއް ހުށަހަޅާފައި. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ނޫސްވެރިކަން

މަސްދަރު ހާމަކުރެވޭ ހާލަތްތައް ހަނިކުރަން އެމްޖޭއޭން އިސްލާހު ހުށަހަޅައިފި

ހެއްކާ ބެހޭ ބިލު ހުށަހެޅި އިރު މަސްދަރު ހާމަކުރުމުގެ ބައި އޮތީ ވަރަށް ފުޅާކޮށް؛ އެކަމުގެ ކަންބޮޑުވުން ކަމާ ބެހޭ ފަރާތްތަކުން ވަނީ ފާޅުކޮށްފައި

ނޫސްވެރިން ލިޔާ ލިޔުމެއްގެ މަސްދަރު ހާމަ ކުރެވޭ ގޮތަށް ހެއްކާ ބެހޭ ބިލުގައި ފުޅާ ދާއިރާއެއްގައި އެކަން ކުރުމަށް އޮތް ފުރުސަތު ހަނިކޮށް، ވަރަށް މަދު ހާލަތެއްގައި މަސްދަރު ހާމަ ކުރެވޭ ގޮތް ހަދަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ރައްޔިތުންގެ މަޖިލީހަށް ހިޔާލު ކަރުދާހެއް މިއަދު ހުށަހަޅައިފި އެވެ.

މައްސަލައިގެ ފެށުން - މިދިޔަ ސެޕްޓެމްބަރު މަހު ސަރުކާރުން ހުށަހަޅައި މިހާރު ޖުޑީޝަރީ ކޮމިޓީން ދިރާސާ ކުރަމުން އަންނަ ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގެ (ށ)ގައި ބުނެފައި ވަނީ، މައްސަލައެއްގައި ހިމެނޭ މީހަކު ހުށަހަޅާ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިިން ނޫސްވެރިޔާގެ މައްޗަށް ނުވަތަ މީޑިއާއަކަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ ކަމަށެވެ. އެގޮތުން:

  • އެ މައްދާ އަކީ ނޫސްވެރިންނާއި މައުލޫމާތު ދޭން ތިބޭ ފަރާތްތަކަށް ކުރިމަތިވާނެ ގޮންޖެހުމަކަށް ވާތީ މީގެ ކުރިން ވެސް ޖަމިއްޔާތަކުން ވަނީ އެ މާއްދާ އުނި ކުރުމަށް ގޮވާލާފައި 

  • މާއްދާ އުނި ކުރަން މީޑިއާ ކައުންސިލާއި އެމްޖޭއޭ އިން ވެސް މީގެ ކުރިން ކޮމިޓީގައި އެދިފައިވޭ

ވީ ކިހިނެއް؟ - ހެއްކާ ބެހޭ ބިލަށް އެމްޖޭއޭ އިން ގެންނަން ބޭނުންވާ އިސްލާހުތަކާ އެކު ހިޔާލު ކަރުދާހެއް މިއަދު މަޖިލީހަށް ވަނީ ފޮނުވާފަ އެވެ. އެމްޖޭއޭ އިން ބުނީ، އެ ކަރުދާހުގައި ހިމަނާފައިވާ ކަންކަމަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށް، ބޭރުގެ ތަޖުރިބާކާރެއްގެ މަޝްވަރާގެ މަތިން ހިމަނާފައިވާ ކަންކަން ކަމަށެވެ.

ތަފްސީލު - އެމްޖޭއޭ އިން ހުށަހެޅި ހިޔާލު ކަރުދާހުގައި، އެ ބިލަށް ގެންނަން ބޭނުންވާ ޖުމްލަ ހަތް އިސްލާހެއް ހިމަނާފައިވެ އެވެ. މައިގަނޑު އިސްލާހަކަށް އޮޮތީ، މިހާރު ބިލު ފަރުމާކޮށްފައި އޮތް ގޮތުން މަސްދަރު ހާމަ ކުރުން ވަރަށް ފުޅާ ދާއިރާއެއްގައި މާނަ ކުރެވޭތީ އެކަން ހަނި ކުރާ ގޮތަށް ހުށަހަޅާފައިވާ އިސްލާހެވެ.

އެމްޖޭއޭ އިން ބުނި ގޮތުގައި، އެ ޖަމިއްޔާ އިން މި ކަރުދާސް ތައްޔާރުކޮށްފައިވަނީ މީގެ ކުރިން ކޮމިޓީގައި ދެއްކި ވާހަކަތަކުގެ މައްޗަށް ބިނާކޮށް، ކޮމިޓީން އިސްލާހު ގެނެސް ފޮނުވި ޑްރާފްޓެއްގެ މައްޗަށް ބިނާކޮށެވެ. އެ ޑްރާފްޓްގައި މަސްދަރު ހާމަ ކުރަން ޖެހޭ ހާލަތްތައް ތަފްސީލުކޮށްދީފައިވެ އެވެ.

އެމްޖޭއޭ އިން ހުށަހެޅި ހިޔާލު ކަރުދާހުގައި ހިމެނޭ މުހިންމު ކަންކަން:

  • ތަހުގީގަށް މައުލޫމާތު ހޯދޭނެ ހުރިހާ ގޮތެއް ބޭނުންކޮށްގެން ވެސް ކަމުގެ ހަގީގަތަށް ވާސިލްނުވެވޭނެކަން ސާބިތުވުމާ އެކު، ދެން ހަމައެކަނި ކުރިއަށް ދެވެން އޮތް ގޮތަކީ މަސްދަރު ހާމަ ކުރުމުން ކަމަށް ބެލެވޭ ހާލަތުގައި ޝަރީއަތުން ގޮތެއް ކަނޑައެޅުން

  • އެގޮތަށް އެންގޭނީ ޓެރަރިޒަމް ފަދަ ވަކި ހާއްސަ، ބޮޑެތި މައްސަލަތަކުގައިކަން ބިލުގައި ބަޔާން ކުރުން

  • ބިލުގައި ނޫސްވެރިޔާގެ މާނައަކީ "މީޑިއާގައި މަސައްކަތް ކުރާ ފަރާތްތައް" ކަމުގައި ބަޔާން ކުރުން؛ އެގޮތަށް އިސްލާހު ގެންނަނީ، ނޫސްވެރިންގެ އިތުރުން ވީޑިއޯ އަދި ފޮޓޯ ނަގާ މީހުންނާއި އެ ނޫން ވެސް މީޑިއާތަކުގެ އެކިއެކި ޕްރޮފެޝަނަލް ގިންތިތަކުގައި މަސައްކަތްކުރާ މީހުންނަށް ވެސް މަސްދަރު ހިމާޔަތްކުރުމުގެ ހައްގު ދިނުމަށް

  • މަސްދަރުގެ މާނަ ވީހާ ވެސް ފުޅާކޮށް ބިލުގައި ބަޔާން ކުރުން؛ އޭގެ ތެރޭގައި މީޑިއާގައި މަސައްކަތް ކުރާ ފަރާތްތައް ގެންގުޅޭ ލިޔެކިޔުމާއި ނޯޓުތަކާއި ފޯނު ކޯލާއި މެސެޖާއި އެ ނޫން ވެސް މުއާމަލާތްތަކާއި އަރުޝީފް އަދި އެ ނޫނަސް އެފަދަ ތަކެތި

  • މި މާއްދާތަކުގެ މަގްސަދު ހާސިލް ކުރުމަށް އެއްވެސް ފަރާތަކުން އޭގެ ނަހަމަ ބޭނުންކޮށްގެން ހައްގެއް ހަނިކޮށް ނުވަތަ ހިފެހެއްޓުން މަނާނުކުރެވޭނެ ގޮތަށް ބިލު އިސްލާހު ކުރުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް