ނޫސްވެރިންގެ ކަންބޮޑުވުންތައް ފާޅުކުރުމަށް ކުރިން ބޭއްވި ހިނގާލުމެއްގައި ބައެއް ނޫސްވެރިން ބައިވެރިވަނީ

އެމްޖޭއޭ

މަސްދަރު ހާމަކުރަން މަޖުބޫރުކުރާ މާއްދާ އަނބުރާ ގެންދަން 5 ޖަމިއްޔާއަކުން ގޮވާލައިފި

ޖަމިއްޔާތަކުން ބުނީ އެ ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ބައިނަލްއަގުވާމީ މިންގަނޑުތަކާ ހިލާފު ކަމެއް ކަމަށް. ރާއްޖޭގައި އޮތް ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭތީ އެބިލާ ވަނީ ދެކޮޅު ހަދާފައި
28 ސެޕްޓެމްބަރު 2021

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލުގައި ނޫސްވެރިން ބޭނުންކުރާ މަސްދަރުތައް ހާމަކުރުމަށް ކޯޓުތަކަށް މަޖުބޫރުކުރެވޭ ގޮތަށް އޮތް މާއްދާ އަނބުރާ ގެންދިއުމަށް ފަސް ޖަމިއްޔާއަކުން ގޮވާލައިފި އެވެ.

މައްސަލައިގެ ފެށުން - ސަރުކާރުން ހުށަހަޅައި އިބުތިދާއީ ބަހުސް ވެސް ފަށާފައިވާ ހެއްކާ ބެހޭ ބިލުގެ 136 ވަނަމާއްދާގެ (ށ)ގައި ބުނެފައި ވަނީ، މައްސަލައެއްގައި ހިމެނޭ މީހަކު ހުށަހަޅާ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިިން ނޫސްވެރިޔާގެ މައްޗަށް ނުވަތަ އެ މީޑިއާއަކަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ ކަމަށެވެ.  

ތަފްސީލް - އެ މާއްދާ އަނބުރާ ގެންގޮސް، މަސްދަރު ސިއްރުކުރުމުގެ ހައްގު ކަށަވަރުކޮށްދިނުމަށް ގޮވައިލީ:

  • އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ)

  • މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)

  • މޯލްޑިވްސް އެޑިޓާސް ގިލްޑް

  • ޓްރާންސްޕޭރަންސީ މޯލްޑިވްސް 

  • އެމްނެސްޓީ އިންޓަނޭޝަނަލް

ބުނީ ކީކޭ؟ - ފަސް ޖަމިއްޔާއިން ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބިލުގައި އޮތް ގޮތަށް ގާނޫނު ތަސްދީގުކޮށްފި ނަމަ، ގާނޫނު އަސާސީގެ 28 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހައްގުތައް ބޮޑުތަނުން ހަނިވެގެންދާނެ ކަމަށެވެ. ގާނޫނުއަސާސީގެ 28 ވަނަ މާއްދާއަކީ ނޫސްވެރިކަމުގެ މިނިވަންކަން ބަޔާންކުރާ މާއްދާ އެވެ. އެ މާއްދާގައި ބުނެފައި ވަނީ:

  • ނޫސްވެރިކަން ކުރުމާއި، މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. މީގެތެރޭގައި ހަބަރާއި، މައުލޫމާތާއި، ފެންނަ ގޮތްތަކާއި، ހިޔާލުތައް ފާޅުކުރުމާއި، ޝާއިއުކުރުމާއި، ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ. މިގޮތުން ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެނެއް ނުވާނެއެވެ.

އެ ޖަމިއްޔާތަކުން ބުނީ މަސްދަރު ހާމަކުރަން ނޫސްވެރިންނަށް މަޖުބޫރުކުރުމަކީ ރާއްޖެއިން ބައިވެރިވެފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް ވެސް ހުރަސްއެޅިގެންދާނެ ކަމެއް ކަމަށެވެ.

ޖަމިއްޔާތުން ނެރުނު ބަޔާނުގައި ބުނީ ބިލުގެ 136 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ދެ ހާލަތުން ކުރެ އެއް ހާލަތަކީ ވެސް އެއްވެސް ޒާތީ ތައައްސުބެއް ނެތި، ހަމައެކަނި ހެއްކަށް ބުރަވެ ވަޒަން ކުރެވޭނެ ހާލަތްތަކެއް ނޫންކަމަށެވެ. އަދި އެ ދެ ހާލަތަކީ އޮބްޖެކްޓިވް އަދި ކޮލިޓޭޓިވް މިންގަނޑަކުން ވަޒަންކުރުން ނާދިރު ދެ ހާލަތް ކަމަށާއި، އެކަމާ މެދު ޔަގީންކަމާއެކު ގޮތެއް ނިންމުމަކީ ނުވާނެ ކަމެއް ކަމުން، މިކަމުގެ ސަބަބުން ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު އިންތިހާއަށް ފަހަތަށް ޖެހިގެންދާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"ހަމައެއާއެކު، މިކަމުގެ ސަބަބުން ބިރުވެރިކަމުގެ މާހައުލެއް އުފެދި، ސެލްފް-ސެންސަޝިޕަށް މަގުފަހިވެގެންދިއުމަކީ ވެސް އޮތް ނުރައްކަލެކެވެ." ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައި ވަނީ، ބިލު އޮތް ގާނޫނަކަށް ވެއްޖެ ނަމަ:

  • ނޫސްވެރިންގެ މަސްދަރުތައް ގެއްލިގެން ދިއުން

  • ކޯޓުގައި މަސްދަރު ހާމަކޮށްފާނެ ކަމުގެ ބިރަށް ބޭނުންކުރާ މަސްދަރުތަކުގެ ފަރާތުން މައުލޫމާތު ނުދިނުން

  • ނޫސްވެރިންގެ މަސައްކަތަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރުން

ޖަމިއްޔާތަކުގެ ބަސް - އެމްޖޭއޭގެ ރައީސް މުހައްމަދު ހަމްދޫން ވިދާޅުވީ ބިލުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރާނެ ނޭދެވޭ އަސަރު ވަރަށް ސާފު ކަމަށާއި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ނޫސްވެރިކަމުގެ މިނިވަންކަން ހަރުދަނާކުރަން ހޯދުނު ކުރިއެރުންތައް ވެސް ގެއްލިގެންދާނެ ކަމަށެވެ.

"އެހެން ކަމުން ލަސްނުވެ، ނޫސްވެރިންނަށް މަސްދަރު ރައްކާތެރިކުރުމަށް ލިބިދީފައިވާ ހައްގަށް އޮތް އިތުބާރު ދެމެހެއްޓުމަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާ، މިހާރު ހުށަހެޅިފައިވާ ހެއްކާ ބެހޭ ބިލުގެ 136 ވަނަ މާއްދާގެ (ށ) އަނބުރާ ގެންދިއުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ގޮވާލަން،" ހަމްދޫން ވިދާޅުވި އެވެ.

އައިއެފްޖޭގެ އޭޝިއާ ޕެސިފިކް ޑިރެކްޓަރު ޖޭން ވާތިންގޓަން ވެސް ވަނީ ބިލާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ މިހާރު އޮތް ގޮތަށް ބިލު ފާސްވެގެން ގޮސްފި ނަމަ، ވޭތުވެދިޔަ ތާނގައި ނޫސްވެރިކަމުގެ ދާއިރާގައި ހުރި މައްސަލަތައް އިސްލާހުކުރުމަށް އެޅުނު ރަނގަޅު ފިޔަވަޅުތައްވެސް ނުރައްކަލުގެ ތެރެއިން ހުށަހެޅިގެންދާނެ ކަމަށެވެ.

"މިއީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ބައިނަލްއަގުވާމީ މިންގަނޑުތަކާ ހިލާފު ކަމެއް ކަމުން ދިވެހިރާއްޖޭގައި އޮތް ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމަށް ކުރެވޭ މިމަސައްކަތާ ދެކޮޅު ހަދަން،" އޭނާ ވިދާޅުވި އެވެ.

މޯލްޑިވްސް އެޑިޓާސް ގިލްޑުގެ ރައީސް އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ އަބުރުގެ ގާނޫނު އުވާލައި، ގާނޫނާ ހިލާފަށް ކުރާ ކަންކަން ކާކުކަން ހާމަނުކޮށް ރިޕޯޓްކުރުމަށް ބާރުއަޅާ ވިސްލްބްލޯވަރުން ހިމާޔަތްކުރުމުގެ ގާނޫނު ތަސްދީގުކުރީވެސް މިސަރުކާރުން ކަމަށް ވާއިރު، މިހާރު މިއޮތް ގޮތަށް ހެއްކާ ބެހޭ ބިލު ތަސްދީގުކޮށްފިނަމަ ހޯދުނު ހުރިހާ ކުރިއެރުންތައް ގެއްލިގެންދާނެ ކަމަށެވެ.

"މިކަންކުރުމުގެ ނިޔަތަކީ ކޮބާ ކަމެއް ސާފެއް ނޫން. މަސްދަރު ހިމާޔަތްކުރުމުގެ ހައްގު ގެއްލޭ ގޮތަށް ހުރި މާއްދާތައް ވަގުތުން ވަގުތަށް އަނބުރާ ގެންދިއުމަށް އެޑިޓާސް ގިލްޑުން ގޮވާލަން،" ޒާހިރު ވިދާޅުވި އެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރު އާސިއަތު ރިލްވީނާ ވިދާޅުވީ ނޫސްވެރިންނަކީ ޑެމޮކްރަސީ އަދި އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ ބަޔަކަށް ވާއިރު، ނޫސްވެރިކަމުގެ މިނިވަންކަމަށް އަދި ނޫސްވެރިންގެ މަސްދަރު ރައްކާތެރިކުރުމުގެ ހައްގަށް ހުރަސް އެޅޭ ހުރިހާ މާއްދާއެއް އަނބުރާ ގެންދިއުމަށް ދިވެހި ސަރުކާރަށް ގޮވާލާ ކަމަށެވެ.  

އެމްނެސްޓީ އިންޓަނޭޝަނަލްގެ އޭޝިއާ ޕެސިފިކް ޑިރެކްޓަރު ޔާމިނީ މިޝްރާ ވިދާޅުވީ ނޫސްވެރިންގެ މަސްދަރުތައް ހާމަކުރަން މަޖުބޫރުކުރުމަކީ މީޑިއާ އެތިކްސް އާއި، ނޫސްވެރިންގެ ހައްގުތަކާއި ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނުގައި އަދި ބައިނަލްއަގުވާމީ މިންގަނޑުތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ހިލާފު ކަމެއް ކަމަށެވެ.

ބިލުގައި ހިމަނާފައިވާ ހާލަތްތައް ސާފުނުވުމުގެ ސަބަބުން ނޫސްވެރިންނާއި ނޫސްވެރިންގެ މަސްދަރުތަކަށް ދުއްތުރާކޮށް ފުރައްސާރަކުރުމުގެ ޖާގަވެސް ހުޅުވި، މަސްދަރު ހާމަކުރުމުގެ ސަބަބުން ކުރިމަތިވެދާނެ ދުއްތުރާތަކާ ހެދި މަސްދަރުތަކުން ހާމަކުރަން ބޭނުންވާ މައުލޫމާތު ހާމަކުރުމަށް ހުރަސްތަކެއް އެޅިގެންދާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ނޫސްވެރިންގެ މަސައްކަތައް ނުރައްކާތެރި ހުރަސްތަކެއް ކުރިމަތިވާނެ ބިރުވެރިކަމުގެ މާހައުލެއް އެފެދިދާނެ ގޮތަށް އޮތް މިކަންބޮޑުވާ މާއްދާ އަނބުރާ ގެންދިއުމަށް ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލަން،" އޭނާ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް