މިއަދު ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން އެމްޖޭއޭގެ މެންބަރު ޖުނައިދު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

މީޑިއާ

މަސްދަރު ހާމަ ކުރަން އޮތް މާއްދާ އުނިކުރަން އެމްއެމްސީ އާއި އެމްޖޭއޭއިން އެދިއްޖެ

ނޫސްވެރިން ލިޔާ ލިޔުމެއްގެ މަސްދަރު ހާމަ ކުރެވޭ ގޮތަށް ހެއްކާ ބެހޭ ގާނޫނުގައި މަސްދަރު ހާމަ ކުރަން މަޖުބޫރު ކުރާ ގޮތަށް އޮތް މާއްދާ އުވާލަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން(އެމްޖޭއޭ) އަދި މޯލްޑިވްސް މީޑިއާ ކައުންިސލް (އެމްއެމްސީ)އިން މަޖިލީހުގެ ކޮމިޓީގައި މިއަދު އެދިއްޖެ އެވެ.

މައްސަލައިގެ ފެށުން - ސަރުކާރުން ހުށަހަޅައި، މިހާރު ޖުޑީޝަރީ ކޮމިޓީގައި ދިރާސާ ކުރާ މަރުހަލާގައި އޮތް ހެއްކާ ބެހޭ ބިލުގެ 136 ވަނަމާއްދާގެ (ށ)ގައި ބުނެފައި ވަނީ، މައްސަލައެއްގައި ހިމެނޭ މީހަކު ހުށަހަޅާ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިިން ނޫސްވެރިޔާގެ މައްޗަށް ނުވަތަ މީޑިއާއަކަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ ކަމަށެވެ. އެގޮތުން:

  • އެ މައްދާއަކީ ނޫސްވެރިންނާއި މައުލޫމާތު ދޭން ތިބޭ ފަރާތްތަކަށް ކުރިމަތިވާނެ ގޮންޖެހުމަކަށްވާތީ މީގެ ކުރިންވެސް ޖަމިއްޔާތަކުން ވަނީ އެ މާއްދާ އުނި ކުރުމަށް ގޮވާލާފައި 

ވީ ކިހިނެއް؟ - ބިލުގެ އެ މާއްދާއާ ގުޅިގެން ޖުޑިޝަރީ ކޮމިޓީން މިއަދު ވަނީ އެމްއެމްސީ އާއި އެމްޖޭއޭއާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި އެމްއެމްސީއިން ވެސް އަދި އެމްޖޭއޭއިން ވެސް ވާހަކަ ދެއްކެވި ބޭފުޅުން ވަނީ ރާއްޖޭގެ ހާލަތު އޮތް ގޮތުން މަސްދަރު ހާމަ ކުރެވޭ ގޮތަށް އޮތް އޮތުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި އެ މާއްދާ އުނިކުރަން އެބޭފުޅުން އެދިވަޑައިގަތެވެ.

ތަފްސީލު - ބައްދަލުވުމުގައި އެމްއެމްސީގެ ފަރާތުން ވާހަކަ ދެއްކެވި އެ ކައުންސިލުގެ ލީގަލް އޮފިސަރު ފާތިމަތު ފަހުމީ ވިދާޅުވީ، ގާނޫނު އަސާސީގައި ވެސް ނޫސްވެރިންނަށް، މަސްދަރު ހާމަކުރަން މަޖުބޫރު ނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ އިރު، ބިލުގައި އެފަދަ މާއްދާއެއް ހިމަނާފައި ވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ:

  • ގާނޫނޫއަސާސީން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަން އެ މާއްދާއިން ހަނިވޭ

  • ރާއްޖެއިން ބައިވެރިވެފައިވާ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއުހަދާއާވެސް ހިލާފު

މި ބިލާ ގުޅޭ ގޮތުން އެމްއެމްސީން ހެދި ދިރާސާއެއްގެ މައްޗަށް ބިނާކޮށް ވާހަކަ ދައްކަވަމުން ފާތުން ވިދާޅުވީ، ބިލު މިހާރު އޮތް ގޮތަށް ފާސްވެއްޖެ ނަމަ ނޫސްވެރިންގެ މަސައްކަތްތަކަށް އަސަރު ކުރާނެ ކަމަށެވެ. އެގޮތުން:

  •  މައުލޫމާތު ހޯދައި ލިބިގަތުމުގައި މުހިންމު ވަސީލަތްތަކަށް ނޫސްވެރިންނަށް އެކްސަސް ގެއްލިގެންދާނެ

  • ޝަރުއީ ކޯޓުގައި ހެކިބަސް ދޭން ޖެހިދާނެ ކަމުގެ ބިރަށް އާންމުން، ނޫސްވެރިންނަށް މައުލޫމާތު ދޭން ޖެހިލުން ވާނެ

  • ރާއްޖޭގެ ނޫސްވެރިކަމުގެ ރޮގުން ލިބިފައިވާ ޕްރެސް ފްރީޑޮމް އިންޑެކްސްގެ ކުރިއެރުންތަކަށް އަސަރު ކުރާނެ

  • ފަނޑިޔާރުގެ އިހްތިޔާރަށް މަސްދަރު ހާމަ ކުރަން އޮތުމަކީ، އޭގެ ނާޖާއިޒް ފައިދާ ނަގާނެ ކަމެއް

"މި ހުރިހާ ކަމަކަށް ރިއާޔަތްކޮށް ބިލުގައި މިހާރު ހިމަނާފައިވާ [މަސްދަރު ހާމަކުރަން] އޮތް މާއްދާ އެއްކޮށް އުނިކޮށްލަން އަޅުގަނޑުމެން ހުށަހަޅާފައި ވަނީ،" ފާތުމަތު ވިދާޅުވި އެވެ.

މީޑިއާ ކައުންސިލްގެ ލީގަލް އޮފިސަރު ފާތިމަތު މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ފާތުން އެ ދެއްކި ވާހަކަތަކަށް ތާއީދު ކުރައްވަމުން އެމްޖޭއޭގެ އެސްކޯ މެންބަރު މުހައްމަދު ޖުނައިދު ވިދާޅުވީ، މަސްދަރު ހާމަ ކުރަން އޮތް މާއްދާގައި ޝަރީއަތުން އެކަމުގައި ގޮތް ކަނޑައަޅާއިރު، "ނޫސްވެރިޔާ އަށް މައުލޫމާތު ދިން މީހާ އަކީ ކާކުކަން ހާމަކުރުމުގެ ސަބަބުން އެ މީހާ އަށް ނުވަތަ އެހެން އެއްވެސް ފަރާތަކަށް ކޮށްފާނެ އަސަރު ކުޑަވުން" ކަމަށް އެ މާއްދާގައި އޮތުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. 

"މިސާލަކަށް މަސްދަރަކީ ކާކުކަން، އޭނައަކީ، ކޮންތާކު، ކޮން ވަޒީފާއެއްގައި ހުންނަ މީހެއްކަން، މި ހުރިހާ ކަމެއް ނޭނގޭ ފަނޑިޔާރު މައްސަލަ ބައްލަވާއިރު. އެހެންވީމަ އެ އުސޫލުން ބަލާއިރު ކޮލިޓޭޓިވް މިންގަނޑަކުން ވަޒަން ކުރެވޭނެ ކަމެއް ނޫން، އެއީ ކާކުކަން ނޭނގި، އޭނާގެ ހާލަތަކީ ކޮބާކަން. އެއީ ޔަގީން ކަމާއެކު ވަރަށް ނާދިރު ކަމެއް ނިންމުން، މި މައްސަލައިގައި އޭނާގެ ނަން ހާމަ ކުރުމުން އެއްވެސް ކަހަލަ ގެއްލުމެއް އަނިޔާއެއް އޭނާއަށް ނުވަތަ އޭނާއާ ގުޅުން ހުރި ފަރާތަކަށް ނުލިބޭނެ ކަމަށް،" ޖުނައިދު ވިދާޅުވި އެވެ.

އެމްޖޭއޭގެ އެކްސްކޯ މެންބަރު މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

އޭގެ އިތުރުން، މަސްދަރެއް ހާމަކުރުމުން، މައުލޫމާތު ހޯދުމުގައި މައުލޫމާތު ދޭނެ ފަރާތަކާ ހަމައަށް ނޫސްވެރިން ވާސިލުވުމުގެ ގާބިލުކަމަށް އަސަރުކޮށްފާނެ މިންވަރު ކުޑަވުން ޝަރީއަތުން ރިއާޔަތް ކުރަން ވާނެ ކަމަށް ބިލުގައި ބަޔާން ކޮށްފައިވެ އެވެ. އެ މާއްދާއަށްވެސް ޖުނައިދު ފާޑުވިދާޅުވި އެވެ. އެއީވެސް ވަޒަން ކުރަން "ނާދިރު" ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.

ޖުނައިދު އިތުރަށް ވިދާޅުވީ:

  • ބައެއް ގައުމުތަކުގައި އާންމުންގެ ބަޔަކަށް ނުރައްކާވާ ހާލަތުގައި މަސްދަރު ހާމަ ކުރަން ކޯޓުން ފުރުސަތު ދޭ ކަމަށާއި ނަމަވެސް އެއީ ވަރަށް ނާދިރު މަދު ހާލަތެއް ކަމަށް

  • ނަމަވެސް ރާއްޖޭގެ ޝަރުއީ ދާއިރާގެ އިތުބާރެއް ނެތުމުން އެފަަދަ މަދު ހާލަތެއްގައިވެސް މަސްދަރު ހާމަކުރަން އޮތުމުން އޭގެ ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު އޮންނާނެ

"އެހެންވީމަ މި ހުރިހާ ކަމަކަށް ރިއާޔަތްކޮށް އެމްޖޭއޭގެ ފަރާތުން ކޮމިޓީގައި އެދެން ބޭނުންވާ އެދުމަކީ މި މާއްދާ މުޅިން އެއްކޮށް ބިލުން ނަގައި ދިނުމަށް،" ޖުނައިދު ވިދާޅުވި އެވެ.

'ނޫސްވެރިކަމުގައި ބޮޑު ތަޅު އެޅިގެން ހިނގައިދާނެ'

އެމްއެމްސީގެ ބައެއް މެންބަރުން މިއަދުގެ ބައްދަލުވުުގައި ބައިވެރިވަޑައިގަންނަވަނީ(ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ބައްދަލުވުމުގައި ބެރިވެރިވަޑައިގެންނެވި އެމްއެމްސީގެ މެންބަރު، މުއިއްޒު އިބްރާހިމްވެސް ވަނީ ޝަރީއަތުުން ގޮތް ކަނޑައަޅާއިރު، ހާމަ ކުރާ މަސްދަރަށާއި ނޫސްވެރިކަމަށް ލިބިދާނެ ގެއްލުމަކަށް ރިއާޔަތް ކުރުމަށް އޮތް އޮތުން ވަޒަން ކުރެވޭނެ މިންގަނޑެއް ނޯންނާނެ ކަމަށް ވިދާޅުވެ، އެ މާއްދާއަށް ފާޑުވިދާޅުވެފަ އެވެ. އޭގެ އިތުރުން އޭނާ ވިދާޅުވީ، މިކަމުގެ ސަބަބުން ގެއްލުން ވަނީ ނޫސްވެރިންނާއި ނޫސްވެރިކަމަށް އެކަނި ނޫން ކަމަށެވެ. އޭގެ އަސަރު ވިސިލްބްލޯ ކުރާ ފަރާތްތަކަށް ވެސް ކުރާނެ ކަމަށް ވިދާޅުވި އެވެ.

"ނޫސްވެރިންވެސް ނޫސްވެރިންނާ ހިއްސާ ނުކުރާނެ އެމީހުންގެ ކޮންފިޑެންޝަލް ސޯސްތައް. ވަރަށް މަދު ހާލަތެއްގައި މެނުވީ. އެގަޮތަށް އެކަން ކުރަނީ، އެހެން ނޫސްވެރިއަކަށް ވެސް އެކަން އެނގިއްޖިއްޔާ އެ މަސްދަރަށް ކުރިމަތިވެދާނެ ނުރައްކާ ބޮޑުވެދާނެތީ. އެހެންވީމަ ކިހިނެއްތޯ ނޫސްވެރިކަމުގެ ދާއިރާއާ ގުޅުން ނެތް ދާއިރާއެއްގައި، ގާނޫނީ ދާއިރާގައި ކޯޓެއްގެ ޝަރީއަތް ކުރައްވަން އިންނަވާ ފަނޑިޔާރަކަށް ކޮން މިންގަނޑަކުންތޯ ވަޒަން ކުރެވޭނީ އެ މަސްދަރު ހާމަކޮށްފިނަމަ މައުލޫމާތު ދިން މީހާއަށް ލިބޭނެ ގެއްލުމެއް،" އެތަށް އަހަރެއް ވަންދެން ކޯޓު ކަވަރު ކުރި އަދި މިހާރުވެސް ކޯޓު ކަވަރު ކުރަމުންދާ ނޫސްވެރިޔާ މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ(ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

މުއިއްޒު ގަބޫލު ކުރައްވާ ގޮތުގައި މި ބިލު މިގޮތަށް އޮވެ، ފާސްވެއްޖެ ނަމަ، އެއީ ނޫސްވެރިކަމުގެ  މިނިވަންކަން ލިބުނު ފަހުން ފަހުގެ ތާރީހެއްގައި ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމެވެ.

ބައެއް ހާއްސަ ހާލަތްތަކުގައި މީހަކަށް ބޮޑު ނުރަކަަލެއް ކުރިމަތިވާ ފަދަ ހާލަތެއްގައި މަސްދަރު ހާމަ ކުރަން ތާއީދު ކުރަންތޯ ކޮމިޓީގެ މެންބަރުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން މުއިއްޒު ވެސް އަދި ޖުނައިދުވެސް ވިދާޅުވީ، އެފަދަ ހާލަތެއްގައި މަސްދަރު ހާމަ ކުރުމަކީ ގަބޫލު ކުރެވޭ ކަމެއް ކަމަށާއި ނަމަވެސް މި ބިލުގައި މިހާރު އޮތީ ވަރަށް ފުޅާ ދާއިރާއެއްގައި މާނަ ކުރެވޭ ގޮތަށް އޭގެ ނާޖާއިޒް ފައިދާ ނެގޭ ގޮތަށް ކަމަށެވެ.

"މަސްދަރު ހާމަ ކުރެވޭ ގޮތަށް މިއަދު މި ބިލު ފާސްކޮށްފިއްޔާ މާދަމާ މީތި ބްރޯޑްވެގެން ދާނީ ނޫސްވެރިކަން ބޮޑުތަޅު އެޅުވޭ ހިސާބަށް،" މުއިއްޒު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް