މިއަދުގެ ހުކުމަށް ފަހު ރައީސް ޔާމީން މިއަދު ސުޕްރީމް ކޯޓުން ނުކުމެވަޑައިގެން ކާރަށް އަރުއްވަނީ: ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތެއް ނުވި. (ދައުރު ފޮޓޯ/އަނަމް އަޒްމީލް)

މަނީ ލޯންޑަރިންގެ ކުށް ސާބިތުނުވެ ޔާމީން މިނިވަންވެއްޖެ

ޔާމީންގެ އެކައުންޓަށް ޖަމާވި 1 މިލިއަން ޑޮލަރުގެ ހަގީގަތް ބަލައި އެއީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ކަމަށް ވާ ނަމަ އެ ފައިސާ އާއި އެ ފައިސާ އިންވެސްޓްކޮށްގެން ލިބުނު ފައިދާ ހޯދުމުގެ ހައްގު ދައުލަތަށް ލިބިގެންވާ ކަމަށް ވެސް ސުޕްރީމް ކޯޓުން ހުކުމްކުރި
30 ނޮވެމްބަރު 2021

އެމްއެމްޕީއާރުސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ކުއްޔަށް ދީގެން ލިބުނު 1 މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ލޯންޑަކުރިކަން ސާބިތުވެ ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

އެނގުން މުހިންމު - އިސްތިއުނާފުގެ އެންމެ ފަހު މަރުހަލާގައި ކުށް ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރުމާ އެކު، ދެ އަހަރު ފަހުން ޔާމީން މި ވަނީ މިއަދު މިނިވަންވެފަ އެވެ. އެކަމަކު އަދި ވެސް އެ މަނިކުފާނާ ދެކޮޅަށް ޖިނާއީ ދައުވާތަކެއް ވަނީ އުފުލައިފަ އެވެ.

ވީ ކިހިނެއް؟ - ފަނޑިޔާރު އަޒުމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މުހައްމަދު އިބްރާހިމް އިންނެވި އަދި ފަނޑިޔާރު މަހާޒު ރިޔާސަތު ބެލެހެއްޓެވި ޝަރީއަތުގައި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ، ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ނިންމައި ހައި ކޯޓުން ތާއީދުކުރި ހުކުމް ބާތިލް ކުރުމަށެވެ. އެގޮތަށް ނިންމީ: 

  • ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވާކަމަށް ނިންމުމުގައި ހެކި ވަޒަންކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ވާތީ 

  • ޔާމީނާ ދެކޮޅަށް ހެކިބަސް ދިން ޝަފަހީ ދެ ހެކިން ކަމަށްވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިބަހަށް ބުރަދަނެއް ދިނުމަށްޓަކައި އިތުރު ހެކި ބޭނުންވާ އިރު، އެފަދަ ހެކިތަކެއް މައްސަލައިގައި ހުށަހަޅާފައި ނުވާތީ 

އެނގުން މުހިންމު - ނަމަވެސް މި މައްސަލައިގައި ޔާމީންގެ އެކައުންޓަށް ޖަމާވި 1 މިލިއަން ޑޮލަރުގެ ހަގީގަތް ބަލައި އެ ފައިސާއަކީ ދައުލަތަށް ލިބެން ޖެހޭ އެއްޗެއް ނަމަ އެ ފައިސާ އާއި އެ ފައިސާ އިންވެސްޓްކުރުމުގެ ސަބަބުން ލިބިފައިވާ ފައިދާއެއް ހޯދުމުގެ ހައްގު ދައުލަތަށް ލިބިގެންވާ ކަމަށް ވެސް ސުޕްރީމް ކޯޓުން ހުކުމްކުރި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގެ ރެކޯޑިން

ތަފްސީލް - ހައި ކޯޓުގެ ހަތް ނިންމުމަކަށް ސުޕްރީމް ކޯޓުން ތާއީދުކުރި އެވެ. ނަމަވެސް މަނީ ލޯންޑްރިންގެ ކުށް ތަހުގީގު ކުރުމުގައި ޖޮއިންޓް އިންވެސްޓިގޭޝަނެއް ކުރިއަށް ގެންދަން ޖެހޭނެ ތަނެއް ނެތް ކަމަށް ހައި ކޯޓުން ބަޔާންކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށް ސުޕްރީމް ކޯޓުން ނިންމި އެވެ.

އޭގެ އިތުރުން، ކުށާ ގުޅޭ ގާނޫނީ އުސޫލުތައް އެކަށައެޅުމުގައި މަނީ ލޯންޑްރިންގެ ކުށް ބިނާވެފައިވާ ގައިރު ގާނޫނީ ކަމަކީ ކޮބައިކަން ދައުވާކުރާ ފަރާތުން ހަމައެކަނި ބަޔާންކޮށްދިނުމުން ފުދޭނެ ކަމަށް ހައި ކޯޓުން ނިންމާފައިވަނީ ގާނޫނާ އެއްގޮތަށް ނޫން ކަމަށް ވެސް ކަނޑައެޅި އެވެ.

5 މިލިއަން ޑޮލަރުގެ ޖޫރިމަނާ ގޯސް

ޔާމީންގެ ފަރާތުން އިސްތިއުނާފުކުރި އެއް ނުކުތާ އަކީ މި މައްސަލައިގައި ކްރިމިނަލް ކޯޓުން އަދަބު ކަނޑައެޅި އިރު، ޖަލު އަދަބުގެ އެންމެ ދަށް މިންވަރު އިހްތިޔާރުކުރުމަށް ފަހު، ޖޫރިމަނާގެ މަތީ އަދަދު އިހްތިޔާރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެވެ.

ކްރިމިނަލް ކޯޓުގެ ނިންމުމަށް ތާއީދުކޮށް ހައި ކޯޓުން ބުނީ މި މައްސަލަ އަކީ އިއުތިރާފުގެ މައްޗަށް ސާބިތުވެފައިވާ މައްސަލައެއް ނޫން ކަމަށާއި ޔާމީނަކީ ކުށުގެ އަމަލު ހިނގި އިރު ދައުލަތުގެ މުދަލާއި ފައިސާއަށް ރައްކާތެރިވުމުގެ އެންމެ އިސް ޒިންމާއާ ހަވާލުވެ ހުންނެވި ފަރާތް ކަމަށް ވާތީ، ޖޫރިމަނާ ކުޑަކުރަން ޖެހޭ މަގުބޫލު ހުއްޖަތެއް ދެއްކިފައި ނުވާ ކަމަށެވެ.

ސުޕްރީމް ކޯޓުން ބުނީ:

  • ޖަލު އަދަބުގެ މިންވަރު ގާނޫނުގައި ބުނާ އެންމެ ދަށް މިންވަރަށް ކަނޑައެޅުމަށް ފަހު، ޖޫރިމަނާގެ ފައިސާ ގާނޫނު ހުއްދަކުރާ އެންމެ މަތީ މިންވަރަށް ކަނޑައެޅި ސަބަބެއް މައްސަލަ ބެެއްލެވި ފަނޑިޔާރުން ފާހަގަކުރައްވާފައި ނުވާ ކަމަށް 

  • ޖޫރިމަނާގެ އަދަބު ގާނޫނު ހުއްދަކުރާ މިންވަރުގެ ތެރޭގައި ހިފެހެއްޓިފައި ވީ ނަމަވެސް، ދެ ބާވަތުގެ އަދަބު އެކުއެކީގައި ކަނޑައެޅޭ ހާލަތުގައި ދެ އަދަބު ނިސްބަތުން ހަމަހަމަ ނުކުރެވޭ ނަމަ އަދި އެގޮތަށް ނިންމި އެކަށީގެންވާ ސަބަބެއް ފަނޑިޔާރުންނަށް ބުނެދެވިފައި ނުވާ ނަމަ، ގާނޫނު ދީފައިވާ އިހްތިޔާރުގެ ބޭނުން ހިފާފައި ވަނީ ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ނޫން ކަމަށް ބުނުމުގެ ފުރުސަތު އެބަ އޮތް ކަމަށް

"މި މައްސަލައިގައި ކްރިމިނަލް ކޯޓުން އަދަބު ކަނޑައެޅުމުގައި ޖޫރިމަނާގެ އަދަބު މަތިކޮށްފައި ވަނީ، ގާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމުގައި އަހުރެން ނުދެކެމެވެ،" ފަނޑިޔާރު މަހާޒުގެ ރައުޔުގައި ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމްކުރުމަށް މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލިސް، ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕް ބޭފުޅުން ޓީވީން ބައްލަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ދައުލަތަށް ލިބެން ޖެހޭ 1 މިލިއަން ޑޮލަރުކަމާ މެދު ޝައްކު

މި މައްސަލައިގައި ޔާމީންގެ ފަރާތުން އެންމެ ބޮޑަށް ފާހަގަކުރި ނުކުތާ އަކީ، އެ މަނިކުފާނުގެ އެކައުންޓަށް ޖަމާވެފައިވާ އެއް މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއްކަން ކަށަވަރު ނުވާ ކަމަށެވެ. ދައުލަތުން ބުނީ އެއީ ވޮޑަމުލާގެ އެކުއިޒިޝަން ފައިސާކަން ސާބިތުކޮށް ދޭން ނުޖެހޭ ކަމަށެވެ. އަދި އެއީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ޝައްކުކުރެވޭ ހާލަތުގައި ހުރި ފައިސާކަން ސާބިތު ވުމުން ގާނޫނުގައި ބަޔާންކުރާ މިންވަރަށް އެކަން ސާބިތުކުރެވުނީ ކަމަށެވެ.

އެ ފައިސާއަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާކަން ސާބިތުކުރުމަށް ދައުލަތުން ގިނަ ކިތާބީ ހެކިތަކެއް ހުށަހެޅި އެވެ. އޭގެ ތެރޭގައި:

  • ޔުނައިޓެޑް އިންޓަނޭޝަނަލް އިން ވޮޑަމުލާގެ އެކުއިޒިޝަން ކޮސްޓްގެ ފައިސާ ދެއްކުމަށް އެމްއެމްޕީއާރްސީއަށް ދޫކުރި ޗެކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައިވާ އެކައުންޓަށް ޖަމާކުރުމުގެ ގޮތުން ލިޔެފައިވާ ޑިޕޮޒިޓް ސްލިޕް 

  • ބީއެމްއެލްގައި އޮތް އެސްއޯއެފްގެ އެކައުންޓެއްގެ ސްޓޭޓްމަންޓް

ފަނޑިޔާރު މަހާޒު ވިދާޅުވީ އެކަންކަމުން، ވޮޑަމުލާއާ ގުޅުންހުރި ފައިސާކަން ސާބިތުކުރުމަށް ދައުލަތުން މަސައްކަތް ކޮށްފައިވާކަން އެނގޭ ކަމަށެވެ.

ނަމަވެސް ފައިސާ ޖަމާކުރި ޑިޕޮސިޓް ސްލިޕްގައި، މޮރިޝަސް ކޮމާޝަލް ބޭންކުގެ އެކައުންޓުން ދޫކޮށްފައިވާ ކަމަށް ބުނާ ޗެކް ނަންބަރާއި މައްސަލައިގައި ހުށަހެޅި އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓްގައި އެ އެކައުންޓަށް ޖަމާވި 1 މިލިއަން ޑޮލަރުގެ މުއާމަލާތުގެ ތަފުސީލުގައި ހިމަނާފައިވާ ޗެކް ނަންބަރު ދިމާ ނުވާކަން ވަނީ ހާމަވެފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމްކުރުމަށް މިއަދު ކުރިއަށް ގެންދިޔަ ޝަރީއަތުގެ މަޖިލިސް، ޔާމީންގެ ސަޕޯޓަރުން ޕީޕީއެމްގެ އޮފީހުގައި ތިބެގެން ލައިވްކޮށް ޓީވީން ބަލަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އެސްއޯއެފްގެ އެކައުންޓަށް ޖަމާވި 1 މިލިއަން ޑޮލަރުގެ ޗެކް ފެންނަން ނެތް އިރު، އެ ފައިސާ އަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއްކަން އެނގޭނެ ހެއްކެއް ނެތްކަން ޔާމީންގެ ފަރާތުން ފާހަގަކުރި އެވެ.

އެ ޗެކުގެ ނަންބަރު ދިމާ ނުވާކަން ފާހަގަކުރެވުނީ، ވޮޑަމުލާގެ މައްސަލައިގައި އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ޒިޔަތުގެ ޝަރީއަތް ނިމުނު ފަހުންނެވެ. ޑިޕޮސިޓް ސްލިޕަކީ އަތުލިޔުމުން ލިޔެފައިވާ ސްލިޕެއް ކަމަށް ވާތީ އާއި ޗެކް ނަންބަރު ކަށަވަރު ކުރެވޭ ގޮތަކީ އެ ޗެކް ނަންބަރު ފެނުމުން ކަމަށް ވާތީ، ސުޕްރީމް ކޯޓުން ވަނީ ޒިޔަތުގެ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ހޯދައި އެކަން ދިރާސާކޮށްފަ އެވެ.

އެގޮތުން:

  • ޑިޕޮސިޓް ސްލިޕްގައި އޮތީ 0494502 

  • އެކައުންޓް ސްޓޭޓްމަންޓްގައި އޮތީ 0495402

"ޗެކްގެ ނަންބަރުގެ މި ފުށުއެރުމަށް ބަލާ އިރު، މި ފުށުއެރުމަކީ މި މައްސަލަ ކްރިމިނަލް ކޯޓާއި ހައި ކޯޓުގައި ކުރިއަށް ދިޔައިރު ފާހަގަކުރެވެން ޖެހޭނެ ފަދަ ފުށުއެރުމެވެ،" ފަނޑިޔާރު މަހާޒު ވިދާޅުވި އެވެ.

އެހެންކަމުން، އެކައުންޓް ސްޓޭޓްމަންޓުގައި ޖަމާވެފައިވާ ފައިސާ އަކީ ވޮޑަމުލާގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި ޔުނައިޓެޑް އިންޓަނޭޝަލް އިން އެމްއެމްޕީއާރްސީއަށް ދޫކުރި ޗެކުން ޖަމާވެފައިވާ 1 މިލިއަން ޑޮލަރުކަމާ މެދު ޝައްކު އުފެދޭ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ފަނޑިޔާރު ވިދާޅުވީ، އެ ޝައްކު ފިލުވާފައި ނުވާކަން، މި މަހުގެ 18ގައި ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުން ވެސް ސާފުވާ ކަމަށެވެ. އެ ދުވަހުގެ އަޑުއެހުމުގައި އެ ޗެކް ނަންބަރުގެ ފުށުއެރުމަކީ މައްސަލައިގައި ދައުވާކުރި އިރު ވެސް ދައުލަތަށް އެނގިފައިވާ މައުލޫމާތެއްކަން ވެސް އެނގިގެން ދިޔަ އެވެ. އަދި ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި މި ފުށުއެރުން ފާހަގަކުރުމުން އެ ނުކުތާއަށް ދައުލަތުގެ ފަރާތުން ސާފުކޮށް ވާހަކަދައްކާފައި ނުވާކަން ވެސް ފަނޑިޔާރު ފާހަގަކުރެއްވި އެވެ.

"ކަން މިހެން އޮތް އިރު، މި ޝައްކުގެ އާހިރު ނަތީޖާ އަކީ، އެސްއޯއެފްގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާ އަކީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ކަމާ މެދު ސުވާލު އުފެދުމެވެ. މި ސުވާލަށް މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކުންނާއި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އަހުރެންނަށް ޖަވާބެއް ނުލިބެ އެވެ،" ފަނޑިޔާރު މަހާޒް ވިދާޅުވި އެވެ.

އެހެންކަމުން، ސުޕްރީމް ކޯޓުން ކަނޑައެޅީ، ކުށް ސާބިތުވުމުގައި އުފެދޭ ޝައްކުގެ މަންފާ (ބެނެފިޓް އޮފް ޑައުޓް) ޔާމީނަށް ލިބިދޭން ޖެހޭ ކަމަށެވެ.

އަދީބާއި ޒިޔަތުގެ ހެކިބަހަށް ބާރު ލިބޭނެ ކަމެއް ނެތް

ޔާމީނާ ދެކޮޅަށް ދައުލަތުން ބޭނުންކުރި އަދި ދަށު ކޯޓުގައި ދައުވާ ސާބިތުކުރަން ބޭނުންކުރި އެންމެ މުހިންމު ދެ ހެއްކަކީ އަދީބާއި ޒިޔަތުގެ ހެކިބަހެވެ. ނަމަވެސް، އެ ދެ މީހުންގެ ހެކިބަސް ބަލައިގަނެ، ބުރަދަން ދިނުމުގައި ކްރިމިނަލް ކޯޓުން އަމަލުކޮށްފައިވާ ގޮތް ރަނގަޅު ނޫން ކަމަށް ޔާމީންގެ ފަރާތުން ބުންޏެވެ. 

މީގެ އިތުރުން، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ކޯޓުގައި ދޮގު ހަދާފައިވާ ކަމަށާއި އެހެންކަމުން އޭނާގެ ހެކިބަސް ވެސް ބަލައިނުގަނެވޭނެ ކަމަށް ޔާމީންގެ ފަރާތުން ބުންޏެވެ.

ޔާމީންގެ ފަރާތުން ދެއްކި ހުއްޖަތަކީ:

  • އަދީބާއި ޒިޔަތަކީ ހިޔާނާތް ސާބިތުވެފައިވާ ދެ މީހުންނަށް ވުން

  • އެ ދެ މީހުން ވެސް ޔާމީންގެ ވެރިކަމުގައި މަގާމުން ދުރުކުރުމުން ޔާމީނާ މެދު ނަފުރަތު އޮންނާނެކަން

އެ ދެ މީހުންގެ ހެކިބަހުގައި ޝައްކު އުފެދޭކަން ކްރިމިނަލް ކޯޓުން ވެސް ފާހަގަކުރި އެވެ. ނަމަވެސް، އެ ދެ މީހުންގެ ހެކިބަހަށް ބާރުދޭ ޝަފަހީ ހެއްކަކާއި ކިތާބީ ގިނަ ހެކިތަކެއް ހުރި ކަމަށާއި އެ ހެކިތަކުން ޝައްކުތައް ކުޑަކޮށްދޭ ކަމަށް ދަށު ކޯޓުން ބުންޏެވެ.

ޔާމީންގެ ޝަރީއަތުގެ ޓައިމްލައިން

ނަމަވެސް، ސުޕްރީމް ކޯޓުން ބުނީ އެ ޝަފަހީ ހެއްކަކީ ކާކު ކަމެއް އަދި ގިނަ ކިތާބީ ހެކިތަކަކީ ކޮބައި ކަމެއް އަދި އެ ދެ ހެކިންގެ ހެކިބަހާއި އިތުރު ހެކިތައް ގުޅުވައިލެވެނީ ކިހިނެއް ކަމެއް ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުން ފާހަގަކުރައްވާފައި ނުވާ ކަމަށެވެ.

އެ ހެކިތައް ތަފްސީލް ކޮށްފައި ނުވަނީސް، ދައުލަތުގެ ފަރާތުން އެ ހެކިތައް ގުޅޭ ގޮތް ބަޔާންކޮށްދޭ ދިނުމަށް ބަރޯސާވުން ރައްކާތެރިކަމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގަބޫލެއް ނުކުރައްވަ އެވެ. އެހެންކަމުން، އަދީބާއި ޒިޔަތުގެ ހެކިބަހަށް ބުރަދަން ދިނީ ރަނގަޅަށް ނޫން ކަމަށް ސުޕްރީމް ކޯޓުން ނިންމި އެވެ.

"އަހްމަދު އަދީބު އަބްދުލްގަފޫރާއި އަބްދުالله ޒިޔާތުގެ ހެކިބަހަކީ އެ ހެކިބަހަށް ބާރު ލިއްބައި ދޭ އެހެން ހެއްކެއް ނުވަތަ ގަރީނާއެއް ނެތް ހާލަތުގައި އެ ހެކިބަހަށް ބުރަދަނެއް ދިނުން ރައްކާތެރި ހެކިބަހެއް ކަމުގައި އަހުރެން ނުދެކެމެވެ،" ފަނޑިޔާރު އަޒުމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މުހައްމަދު އިބްރާހިމް ތާއީދުކުރެއްވި، ފަނޑިޔާރު މަހާޒްގެ ރައުޔުގައި ވިދާޅުވެފައިވެ އެވެ.

ހަމަ އެއާ އެކު، މުއައްވިޒްގެ ހެކިބަހަކީ ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާއާ މެދު ޝައްކެއް އުފެއްދުމަށް އެކަށީގެންވާ ސަބަބެއް ގާއިމުކުރެވޭ ހެކިބަހެއް ނޫން ކަމަށް ވެސް ކަނޑައެޅި އެވެ.

'1 މިލިއަން ޑޮލަރު ލިބުނީ ޕާޓީއަށް ކަމަކަށް ޔާމީން ނުބުނޭ'

މި މައްސަލައިގައި ދައުލަތުން ބުނީ، ޔާމީންގެ އެކައުންޓަށް ޖަމާވި 1 މިލިއަން ޑޮލަރަކީ ސިޔާސީ ޕާޓީގެ ހަރަކާތްތަކަށް ލިބިފައިވާ ފައިސާ ކަމަށް ވާ ނަމަ އެ ފައިސާ ޖަމާކުރަން ޖެހޭނީ ޕާޓީގެ އެކައުންޓަށް ކަމަށެވެ. ނަމަވެސް، ޔާމީން ވިދާޅުވަނީ އެއީ އެ މަނިކުފާނުގެ ސިޔާސީ ކަންކަމަށް އެކި ފަރާތްތަކުން ލިބިފައިވާ ފައިސާ ކަމަށާއި އެ ފައިސާ ހުރީ އަދީބުގެ އަތުގައި ކަމަށެވެ.

ސުޕްރީމް ކޯޓުން މިއަދު ބުނީ، އެ ފައިސާ އަކީ ސިޔާސީ ޕާޓީއަކަށް އެއްވެސް ފަރާތަކުން ދީފައިވާ ސިޔާސީ ޕާޓީއެއްގެ ފައިސާ ކަމަށް ޔާމީން ވިދާޅުވެފައި ނުވާ ކަމަށެވެ.

"އެއްވެސް މާނައެއްގައި އެއީ ސިޔާސީ ޕާޓީއަކަށް ލިބޭ އާމްދަނީއެއްގެ ގޮތުގައި ބެލެވޭނެ އިބާރާތެއް އަބްދުﷲ ޔާމީން އެކި މަރުހަލާގައި ދައްކާފައިވާ ވާހަކަތަކުން ދޭހައެއް ނުވޭ،" ފަނޑިޔާރު މަހާޒު ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް