ހުކުމް އިއްވުމާ އެކު ރައީސް ޔާމީންގެ ސަޕޯޓަރުން އުފަލުން ރޮނީ: ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ހުކުމުން އެ މަނިކުފާނު ވަނީ މިއަދު ސަލާމަތްވެފައި (ދައުރު ފޮޓޯ/އަނޫފު ޖުނައިދު)

ޔާމީން މިނިވަންވުމާ އެކު ސަޕޯޓަރުންގެ ލޮލުން އުފަލުގެ ކަރުނަ

މަނީ ލޯންޑަރިންގެ ހުކުމް މިއަދު ސުޕްރީމް ކޯޓުން ބާތިލް ކުރުމާއެކު، ޔާމީންގެ ސަޕޯޓަރުންނަށް ލިބިފައިވަނީ އާދަޔާހިލާފު އުފަލެއް
30 ނޮވެމްބަރު 2021

"މިއީ އަޅުގަނޑުގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސް،" މަނީ ލޯންޑަރިންގެ ބޮޑު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލް ކުރުމާ އެކު، އެ މަނިކުފާނުގެ އެންމެ އަރިސް އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ކުއްޔަށް ދީގެން ލިބުނު އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ލޯންޑަކުރިކަން ސާބިތުވެ ކްރިމިނަލް ކޯޓުން ކުރި ހުކުމް، މީގެ ގަޑިއެއް ހާއިރު ކުރިން ސުޕްރީމް ކޯޓުން ބާތިލް ކުރުމާ އެކު، ޕީޕީއެމްގެ އޮފީސް ތެރޭ ވަގުތުން ޝަރީއަތް ބަލަން ތިބި ސަޕޯޓަރުންނާއި ބޭރުގައި ތިބި އެ މަނިކުފާނުގެ ސަޕޯޓަރުންގެ އަޑުން މުޅި ތަން ގުގުމާލި އެވެ. ހަޅޭކުގެ އަޑާ އެކު، އެކަކު އަނެކަކު ގައިގާ ބައްދައި ރޯން ފެށި އެވެ.

ހުކުމް ކުރުމާއެކު އަބްދުއްރަހީމް އަބްދުﷲ ގައިގާ ބައްދާލަނީ: މިއީ އިދިކޮޅު ކޯލިޝަނަށް އުފާވެރި ދުވަހެއް

އެއްވެފައިވާ މީހުންގެ ތެރޭގައި ހުންނެވި އަބްދުއްރަހީމް ވެސް ފުރަތަމަ ފެއްޓެވީ ރޯށެވެ. ކައިރީގައި ތިއްބެވި، ޕާޓީގެ އިސްވެރިން އޭނާ އުރާލެއްވި އެވެ. އެ މަންޒަރުން ވެސް، މިއަދުގެ ހުކުމުން އެ ބޭފުޅުންގެ އިހުސާސް ވަޒަން ކުރެވެ އެވެ.

"އަޅުގަނޑަކަށް ނޭނގެ ލިބުނު އުފާ ކިޔައިދޭން ވެސް. މިއީ އާދަޔާހިލާފު އިހުސާސެއް،" ކަރުނަތައް ލޮލުން ފައިބައިގެން ނުދިޔުމަށް މަސައްކަތް ކުރައްވަމުން، އަބްދުއްރަހީމް ވިދާޅުވި އެވެ. 

މީގެ ދެ އަހަރު ކުރިން ޔާމީން ޖަލަށް ހުކުމް ކުރެއްވުމާ އެކު، އެ މަނިކުފާނު ނެތްތަން ޕާޓީގެ ލީޑާޝިޕުން ފޫބައްދައިދެއްވަމުން ދިޔަ އަބްދުއްރަހީމް ވިދާޅުވިީ އަނިޔާވެރިކަމަށް އަބަދު ދެމި ނޯވެވޭނެ ކަމަށާއި ނަސްރު ލިބޭނީ އަބަދުވެސް ހައްގަށް ކަމަށެވެ. އަދި ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ޔާމީނަށް ލިބިވަޑައިގަންނަމުން ދިޔަ "އަނިޔާ" އިން އެ މަނިކުފާނު މިއަދު ސަލާމަތްވުމަކީ ވަރަށް އާދަޔާހިލާފު އިހުސާސެއް ކުރުވި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އަބްދުއްރަހީމް، ޕާޓީގެ ސަޕޯޓަރުންގެ ކިބައިން ދެން އެދިވަޑައިގެންނެވީ ލިބުނު ނަސްރުގެ މައްޗަށް ބޮޑާވެ ނުގަނެ، ﷲއަށް ޝުކުރު ކުރުމަށެވެ.

ޕީޕީއެމް އޮފީސް ދޮށަށް އެއްވި ސަޕޯޓަރުންގެ ތެރޭގައި، އިދިކޮޅު ކޯލިޝަނުގެ އެޑްވައިޒަރުގެ މަގާމުގައި ހުންނެވި، ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

'ދައުރު'އާ ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ ދުނިޔޭގެ ނުފޫޒަކަށް، ސިޔާސީ ނުފޫޒަކަށް ބެލުމެއް ނެތި، ސުޕްރީމް ކޯޓުން މިއަދު ނިންމީ އަދުލުވެރި ނިންމުމެއް ކަމަށެވެ. އަދި އެ ނިންމުމަށް އޭނާ ސެލިއުޓް ކުރެއްވި އެވެ.

"މިއީ ރާއްޖޭގެ އަދުލުގެ ތާރީހުގައި ލިޔެވިގެންދާނެ ހާދިސާއެއް،" ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިހާރު މިއީ ސަފުތައް އިތުރަށް ވަރުގަދަކޮށް، އެއްބައިވަންތަކަން އިތުރުކުރަންވީ ވަގުތެވެ. އަދި 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅުން ވާދަކުރާނީ ޔާމީންގެ ދަށުން ކަމަށާއި ދެން ފަށަންވީ އިންތިހާބު ކާމިޔާބު ދަތުރުކަމަށް ވިދާޅުވި އެވެ.

ހުކުމް އިއްވުމާއެކު، ޕާޓީގެ އޮފީސްތެރޭގައި ތިބި ސަޕޯޓަރުން އުފަލުން ރޮނީ

ސުޕްރީމް ކޯޓުގެ ހުކުމާ އެކު، އުފަލުން ރޮވިފައި ހުރި އެ މަނިކުފާނުގެ ސަޕޯޓަރަކު ބުނި ގޮތުގައި، "ސާފު މީހެއްކަން ރައްޔިތުންނަށް ސާބިތުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި" އެވެ. އަދި މިއަދު އެ މަނިކުފާނު ކޯޓުން އެ ނިކުމެވަޑައިގެންނެވީ އެ ބަހުގެ މަތީގައި ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެންގެ ރައީސް މިއަދު ކޯޓުން އެ ނުކުތީ ސާފު މީހެއްގެ ގޮތުގައި،" އެ އަންހެން ސަޕޯޓަރު ބުންޏެވެ.

ޕާޓީ އޮފީސް ދޮށުގައި ތިބި ސަޕޯޓަރުންގެ އިތުރުން، އެ މަނިކުފާނު ގެއަށް ވަޑައިގަންނަވަން ވާއިރަށް، ގޭދޮށަށް ވެސް ގިނަ އަދަދެއްގެ ސަޕޯޓަރުން އެއްވި އެވެ. ގޭދޮރު މަތީގައި ރަތްކުލައިގެ ދޫލަ ދަމާލާފައި އޮތް އިރު، އޭގެ މައްޗަށް ހުރީ ރަތްފިނިފެންމަލުގެ ފިޔަތައް އަޅާލާފަ އެވެ. ވަށައިގެން އެ މަނިކުފާނުގެ ސަޕޯޓަރުން ރޮމުންނާއި ހެމުން، އެ މަނިކުފާނަށް މަރުހަބާ ކިޔުމަށް ތައްޔާރުވަނީ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް