ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބައްލަވާ ބެންޗު މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި.
އެސްއޯއެފްގެ ވެރިންނަށް ދައުވާނުކުރާތީ ސުޕްރީމް ކޯޓަށް ލިބުނީ ހައިރާންކަން
އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި މަނީ ލޯންޑާކުރަން ބޭނުންކުރި އެންމެ "ވަރުހުރި" އާލާތަކީ އެސްއޯއެފް ކުންފުނި ކަމަށް ދައުލަތުން ބުނުމަށްފަހު، ހިޔާނާތާ ގުޅިގެން އެ ކުންފުނީގެ އިސް ފަރާތްތަކަށް ދައުވާ ނުކުރަން ނިންމުމުން ހައިރާންވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ބުނެފި އެވެ.
އެނގުން މުހިންމު - ދައުލަތުން އަބަދުވެސް ބުނަމުން އަންނަނީ އެސްއޯއެފް އަކީ ފައިސާ ލޯންޑާކުރުމަށް ބޭނުންކުރި "ވެހިކަލް" ކަމަށެވެ. ނަމަވެސް، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މި މައްސަލައިގައި ސުވާލުކުރަން ފެށި އިރު، އެސްއޯއެފްގެ ފަރާތްތައް ރާއްޖޭގައި ނެތުމުން އެމީހުންނާ ސުވާލުކޮށްފައެއް ނުވެ އެވެ.
ނަމަވެސް، މައްސަލައިގައި ގިނަ އަދަދެއްގެ ފަރާތްތަކަށް ފައިސާ ލިބިފައިވާތީ އަދި މައްސަލައިގެ ހަގީގަތަށް ވާސިލުވުމަށްޓަކައި އެސްއޯއެފްގެ އެއްބާރުލުން ބޭނުންވާ ކަމަށް ދައުލަތަށް ގަބޫލުކުރެވުމުން، އެމީހުންގެ މައްޗަށް ދައުވާނުކުރަން އޮތީ ނިންމައިފަ އެވެ.
ވީ ކިހިނެއް؟ - ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ގއ. ވޮޑަމުލާ ކުއްޔަށް ދީގެން އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ޖަމާވި ފައިސާކަމަށް ދައުލަތުން ބުނާ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގި އިރު، ބެންޗުން ވަނީ އެކަމާ ގުޅިގެން ސުވާލުކޮށްފަ އެވެ.
ދައުލަތުން ބުނީ އެގޮތަށް ނިންމީ، މައްސަލައިގައި އެނގެން ހުރީ ހަމައެކަނި ޗެކުތަކުން ފައިސާ ދިޔަ ތަންތަން ކަމަށް ވާތީ އޭގެ އިތުރަށް ފައިސާ ދިޔަ ގޮތް ހޯދުމަކީ މުހިންމު ކަމެއް ކަމަށް ދައުލަތަށް ގަބޫލުކުރެވުމުން ކަމަށެވެ. އަދި އެކަން ކުރެވެން އޮތީ ފައިސާ ގެންދިޔަ ފަރާތްތަކުގެ އެއްބާރުލުން ހޯދައިގެން ކަމަށް ދައުލަތަށް ގަބޫލުކުރެވުނު ކަމަށް ވެސް ވިދާޅުވި އެވެ.
"އަދި އެ ފަރާތްތަކުގެ އެއްބާރުލުން ހޯދުމަށް ދައުލަތަށް ގަބޫލުކުރެވުނީ އެ ފަރާތްތަކަށް ދައުވާކުރުމަށް ވުރެ އާންމު މަސްލަހަތު އޮތީ އެ ފަރާތްތަކުން ދޭ ހެކިބަސް ނުވަތަ އެއްބާރުލުމުގެ މައްޗަށް ބިނާކޮށް ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުން ކަމުގައިވާތީ. އެހެންވެ، ދައުވާ ނުކުރަން ނިންމީ،" ސެޕްޓެމްބަރު މަހު އޮތް ޝަރީއަތެއްގައި ދައުލަތުން ބުންޏެވެ.
ތަފްސީލް - އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ވަނީ ބާތިލްކޮށްފަ އެވެ. އެ މައްސަލައިގެ ހުކުމް އިއްވަމުން ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ކޮން ގޮތަކުން ޖަމާވި ފައިސާއެއް ކަމެއް ކަށަވަރުނުކުރެވޭ ކަމަށެވެ.
އެ ފައިސާ ޖަމާވީ އެސްއޯއެފް އަށް ކަމަށާއި، ނަމަވެސް މައްސަލައިގެ ތަހުގީގުގައި އެ ކުންފުންޏާ ގުޅޭ ތަހުގީގެއް އެދެވޭ ގޮތުގައި ކޮށްފައިވާކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
"އަހުރެން ހައިރާންވީ އެސްއޯއެފް ކުންފުންޏަކީ އެމްއެމްޕީއާރްސީގެ މައްސައްލައިގައި މަނީ ލޯންޑާކުރަން ބޭނުންކުރި އެންމެ ވަރުހުރި އާލާތްކަމަށް ދައުލަތުން ތަކުރާރުކޮށް ބުނުމަށްފަހު އެކުންފުނީގެ އިސްފަރާތްތަކަށް ދައުވާ ވެސް ނުކުރަން ނިންމާފައިވާ ވާހަކަ ބުނުމުން،" ފަނޑިޔާރު ވިދާޅުވި އެވެ.
އޭގެ އިތުރުން، އެ ފައިސާ ޖަމާކުރުމުގެ މުއާމަލާތާ ގުޅިގެން، ފައިސާ ޖަމާކުރަން ހަރަކާތްތެރިވި ދެމީހުންގެ ހެކިބަސް ވެސް ކްރިމިނަލް ކޯޓުން ނަގާފައި ނުވާކަމަށެވެ. އަދި އެއީ މައްސަލައިގައި ލިބިފައިވާ ހެކި ބަލިކަށިވެދާނެ ހާލަތެއް ކަމުގައި ބަލައި އެ ހެކިންގެ ހެކިބަސް އެ ކޯޓުން ނަގައި މައްސަލަ ނިންމުމުގެ ކުރިން އެ ހެކިންގެ ހެކިބަހަށް ބުރަދަނެއް ހޯދަން ދައުލަތުން މަސައްކަތްކޮށްފައި ނުވާކަން ވެސް ފަނޑިޔާރު ފާހަގަކުރެއްވި އެވެ.
"މިފަދައިން މަސައްކަތްކޮށް ކްރިމިނަލް ކޯޓުގައި ކާމިޔާބު ނުވި ނަމަ، އެކަން އިސްތިއުނާފީ މަރުހަލާގައި ދައުލަތަށް ފަހި ނުކުތާއެއްގެ ގޮތުގައި ފާހަގަކުރެވުނީސް،" ފަނޑިޔާރު ވިދާޅުވި އެވެ.
ޕީޖީގެ ބަސް - އެސްއޯއެފް އަށް ދައުވާނުކުރަން ނިންމާފައިވާކަން ހާމަވުމާއެކު ފާޑުކިޔުން ބޮޑުވުން، ސެޕްޓެމްބަރު މަހު ޕީޖީ އޮފީހުން ބުނީ، އެސްއޯއެފް ކުންފުނީގެ މައްޗަށް ދައުވާނުކުރަން ނިންމީ ހަމައެކަނި ގއ. ވޮޑަމުލާ ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކޮށް އެ ފައިސާ ލޯންޑަކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ކަމަށެވެ.
ޕީޖީ އޮފީހުން ބުނީ އެމްއެމްޕީއާރްސީއާ ގުޅުން ހުރި އެހެން މައްސަލަތަކުގައި ދައުވާކުރެވޭ ވަރަށް ހެކި ލިބިއްޖެ ނަމަ އެސްއޯއެފް އަށް ދައުވާ ކުރާނެ ކަމަށެވެ.
އެސްއޯއެފްގެ ވެރިންގެ މައްޗަށް ދައުވާނުކުރަން ނިންމީ ކުރީގެ ޕީޖީ، އާއިޝަތު ބިޝާމް އެވެ. އެ ނިންމުން ނިންމާފައި ވަނީ ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލުމުގެ ކުރިންނެވެ.
އިތުރަށް ކިޔާލަން -