ސުޕްރީމް ކޯޓުގައި ޔާމީންގެ މައްސަލަ ބައްލަވާ ބެންޗު މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި.
މަނީ ލޯންޑަރިންގެ ކުށް ފެށުނު ގޮތާ ގުޅޭ ގޮތުން ބެންޗުގެ ވަރުގަދަ ސުވާލުތަކެއް ދައުލަތަށް
ސުޕްރީމް ކޯޓުގައި ކުރިއަށްދާ ކުރީގެ ރައީސް އިބްދުﷲ ޔާމީންގެ އިސްތިއުނާފު މައްސަލައިގައި މިއަދު އޮތީ ފަނޑިޔާރުންގެ ސުވާލުތަކަށް ދެ ފަރާތުން ވެސް ޖަވާބު ދިނުމެވެ. މިއަދުގެ ޝަރީއަތް ފެށުމާއެކު އެންމެ ފުރަތަމަ ވެސް ބެންޗުގެ ވަރުގަދަ ސުވާލުތަކެއް އަމާޒުވީ ދައުލަތަށެވެ. ސުވާލުތައް ފެއްޓެވީ ފަނޑިޔާރު އަޒްމިރަލްޑާ ޒާހިރު އެވެ. ދައުލަތުގެ ފަރާތުން އެންމެ ފުރަތަމަ ފަނޑިޔާރު އެދިވަޑައިގަތީ މައްސަލައިގައި ބުނާ މަނީ ލޯންޑަރިންގެ ކުށް އުފަންވި ގޮތުގެ ތަރުތީބު ޝަރީއަތަށް ސާފުކޮށްދިނުމަށެވެ.
މިއީ ޔާމީންގެ ފަރާތުން ވެސް ކޯޓުގައި ފާހަގަކުރި ނުކުތާއެކެވެ. ނަމަވެސް، ދައުލަތަށް އެކަން އެންމެ ރަނގަޅަށް ސާފުކޮށްދެވިފައި ނުވާ ކަމަށް ވިދާޅުވެ ފަނޑިޔާރު އަޒްމިރަލްޑާ އެދިވަޑައިގަތީ މަނީ ލޯންޑަރިންގެ ކުށުގެ ކުރިއަށް އިތުރު ކުށްތަކެއް އައިސްފައިވުމުގެ ސަބަބުން ސީދާ އެ ކުށް އުފަންވި ގޮތް ސާފުކޮށްދިނުމަށެވެ.
ފަނޑިޔާރުގެ ސުވާލަށް ޖަވާބުދެއްވަމުން ދައުލަތުގެ ވަކީލު، ޕަބްލިކް ޕްރޮސެކިއުޓާ އަހްމަދު ނައުފަލް ހަވާލާދެއްވީ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ކަމަށް ބުނެ ދައުލަތުން ތައްޔާރުކޮށްފައިވާ ޓައިމްލައިނަކާ އެވެ. ވަކީލު ވިދާޅުވީ މައްސަލައިގައި ދައުވާކޮށްފައިވާ މަނީ ލޯންޑަރިންގެ ކުށް އުފަންވަނީ ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވެ، އެ މަނިކުފާނުގެ ސަމާލުކަމަށް އެކަން އައުމާއެކު، ޝައްކު ކުރެވޭ ހާލަތު އުފެދުމުން ކަމަށެވެ.
"އޭގެ ކުރިން މަނީ ލޯންޑަރިންގެ ކުށް އިސްތިއުނާފުކުރާ ފަރާތާ ގުޅިގެން ވުޖޫދެއް ނުވެ. އޭގެ ކުރިން މި ހިންގަނީ އެހެން ކުށްތަކެއް. މި މައްސަލައިގައި ވިއްޔާ ކޮރަޕްޝަންގެ ކުށާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމާ އެ ކުށްތައް އެހެން ބަޔަކު މި ކުރަނީ އޭގެ ކުރީގަ. އެސްއޯއެފް މެދުވެރިކޮށް،" ވަކީލު ވިދާޅުވި އެވެ.
ދައުލަތުގެ ޖަވާބާ ގުޅުވައި ފަނޑިޔާރު އަޒްމިރަލްޑާ އިތުރު ސުވާލުތަކެއް އުފެއްދެވި އެވެ. އެގޮތުން، މަނީ ލޯންޑަރިންގެ ކުށާއި އޭގެ ކުރިއަށް ހިނގި ކުށްތަކާ ގުޅުމެއް ނުވޭތޯ ސުވާލު އުފެއްދެވި އެވެ. އަދި ކުރިން ކުރި ކުށް ސާބިތުނުކޮށް، ފަހުން ކުރި ކުށް ސާބިތުކުރެވޭނީ ކިހިނެތްތޯ އާއި ކުރީގެ ކުށާއި ފަހުގެ ކުށް ގުޅޭ ގޮތް ސާފުކޮށްދެއްވުމަށް ވެސް އެދިވަޑައިގަތެވެ.
ނަމަވެސް، ދައުލަތުން ބުނީ ރާއްޖޭގެ މަނީ ލޯންޑަރިންގެ ގާނޫނު އޮތް ގޮތުން، ކުރިން ކުރި ކުށް ސާބިތުކޮށްދޭން ދައުލަތަށް ނުޖެހޭ ކަމަށެވެ.
"އެހެންވީމަ އޭގެ މާނައަކީ ފުރުސަތު އެބަ އޮތޭ އެސްއޯއެފްގައި ޝާމިލްވާ ފަރާތްތަކަށް މުސްތަގުބަލުގައި ފިޔަވަޅު ނޭޅުމުގެ. ކުށް ސާބިތުވެގެން ދިޔަ ނަމަވެސް މީގެ ކުރިއަށް ހިނގާފައި ހުރި ކަންތައްތަކާ ގުޅޭ ގޮތުން އެ ފަރާތްތަކުގެ މައްޗަށް ފިޔަވަޅު ނޭޅިޔަސް އެއީކީ މައްސަލައެއް ނޫނޭ. އެހެންތޯ ތި ވިދާޅުވަނީ؟" ފަނޑިޔާރު އިތުރަށް ސުވާލުކުރެއްވި އެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ މި މައްސަލައިގައި ހިމެނެނީ ހަމައެކަނި އެސްއޯއެފް ނޫން ކަމަށާއި މުއާމަލާތުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވެސް ހިމެނޭ ކަމަށެވެ. އެ ދެ މީހުންގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމާއި ހިޔާނާތުގެ ކުށުގެ ދައުވާކޮށް، އިއުތިރާފުގެ މައްޗަށް އެ ދައުވާތައް ސާބިތުވެފައިވާކަން ދައުލަތުން ފާހަގަކުރި އެވެ.
ފަނޑިޔާރު އަޒްމިރަލްޑާ ވަނީ، މި މައްސަލައިގެ ތަހުގީގު ފުރިހަމަކޮށްފައިވޭތޯ އާއި އަދި ކްރިމިނަލް ކޯޓުގައި މައްސަލަ ފެށިއިރު އޮތް ހާލަތަށް ބަދަލެއް އައިސްފައިވޭތޯ ސުވާލުކުރައްވައިފަ އެވެ.
[އެސްއޯއެފްގެ ފަރާތްތަކުގެ] އެއްބާރުލުން ހޯދުމަށް ދައުލަތަށް ގަބޫލުކުރެވުނީ އެ ފަރާތްތަކަށް ދައުވާކުރުމަށް ވުރެ އާންމު މަސްލަހަތު އޮތީ އެ ފަރާތްތަކުން ދޭ ހެކިބަސް ނުވަތަ އެއްބާރުލުމުގެ މައްޗަށް ބިނާކޮށް ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުން ކަމުގައިވާތީ. އެހެންވެ، ދައުވާ ނުކުރަން ނިންމީ.
ދައުލަތުން ބުނީ މައްސަލައިގައި ދައުވާ ކުރީ އެކަށީގެންވާ ވަރަށް ތަހުގީގު ފުރިހަމަ ކުރެވިފައިވާ ކަމަށް ދައުލަތަށް ގަބޫލުކުރެވޭތީ ކަމަށެވެ. މިއީ ކޮމްޕްލެކްސް މާލީ ކުށަކަށް ވާތީ، ތަހުގީގު ކުރަމުންދާއިރު އާ ހެކި ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އާ ހެކި ލިބޭ ވަރަކުން ހުށަހަޅަމުން ދާނެ ކަމަށް ކްރިމިނަލް ކޯޓުގައި ވެސް ބުނި ކަމަށެވެ. ނަމަވެސް، އާ ހެކިތަކާ ނުލާ ވެސް މައްސަލަ ސާބިތުކުރެވޭ ވަރަށް ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށް ދައުލަތަށް ގަބޫލުކުރެވޭ ކަމަށް ވަކީލު ވިދާޅުވި އެވެ.
ވަކީލުގެ ޖަވާބާ ގުޅިގެން ފަނޑިޔާރު ދެން އެއްސެވީ މައްސަލައިގައި ތަހުގީގު ކުރިއަށްދާ ގޮތުން، ދައުލަތުގެ ސްޓޭންޑް ބަދަލުވުމުގެ ފުރުސަތު އޮތް މިންވަރާ ގުޅޭ ގޮތުންނެވެ. ފަނޑިޔާރު ވިދާޅުވީ އެންމެ ބޮޑަށް ކަންބޮޑުވެވަޑައިގަންނަވަނީ މަނީ ލޯންޑަރިންގެ ކުރިއަށް އެހެން ކުށެއް އައިސްފައިވާތީ ކަމަށެވެ.
"މި ދައްކަނީ ވަރަށް ބޮޑު މުއާމަލާތެއްގެ ވާހަކަ. މީގަ މަންޒަރުގަ ކުޑަކުޑަ ތަންކޮޅެއް އަޅުގަނޑުމެންނަށް ހަގީގަތުގައި މި ފެންނަނީ. އަޅުގަނޑުމެންނަށް އެ ހުރިހާ މައުލޫމާތެއް ދައުލަތުން ނެތް ހިއްސާކުރައްވާފައެއް،" ފަނޑިޔާރު ވިދާޅުވި އެވެ.
ނަމަވެސް، ދައުލަތުން ބުނީ މައްސަލައިގައި ދައުލަތުގެ ސްޓޭންޑް ބަދަލުވުމުގެ ފުރުސަތު އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. ސަބަބެއް ކަމުގައި ވިދާޅުވީ ކުރިން ހިނގާފައިވާ ކުށާ ގުޅޭ އާ ހެކިތަކެއް ލިބުނު ނަމަވެސް މަނީ ލޯންޑަރިންގެ ކުށުގެ ތުހުމަތު ޔާމީންގެ މައްޗަށް ކުރެވޭ ހާލަތު ވުޖޫދުގައި އޮންނާނެތީ އެވެ. އަދި ޔާމީނާ ދެކޮޅަށް ހުށަހެޅި ހެކިތައް ވެސް އެގޮތުގައި ދެމި ހުންނާނެތީ އެވެ.
އެސްއޯއެފް އަށް ދައުވާއެއް ނުކުރާނެ، ހޯދީ އެއްބާރުލުން
ދައުލަތުގެ ވާހަކަތަކާ ގުޅިގެން ފަނޑިޔާރު އަޒްމިރަލްޑާ ވަނީ، ޔާމީންގެ މައްޗަށް ތުހުމަތުކުރާ މުއާމަލަތާ ގުޅިގެން އެސްއޯއެފްގެ މައްޗަށް ތަހުގީގެއް ހިންގިތޯ އަދި ދައުވާއެއް ކުރިތޯ ސުވާލުކުރައްވައިފަ އެވެ.
ޖަވާބުގައި ދައުލަތުން ބުނީ އެސްއޯއެފް އަކީ މި މައްސަލައިގައި ހިމެނޭ ފައިސާ ލޯންޑާކުރުމަށް ބޭނުންކުރި ވެހިކަލް ކަމަށެވެ. ނަމަވެސް، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެންމެ ފުރަތަމަ މައްސަލަ ތަހުގީގު ކުރިއިރު އެސްއޯއެފްގެ ފަރާތްތައް ރާއްޖޭގައި ނެތް ކަމަށާއި އެހެންކަމުން އޭރު އެ ފަރާތްތަކާ ސުވާލުކޮށްފައި ނުވާނެ ކަމަށެވެ.
ނަމަވެސް، މައްސަލައިގައި ގިނަ އަދަދެއްގެ ފަރާތްތަކަށް ފައިސާ ލިބިފައިވާތީ އަދި މައްސަލައިގެ ހަގީގަތަށް ވާސިލުވުމަށްޓަކައި އެސްއޯއެފްގެ އެއްބާރުލުން ބޭނުންވާ ކަމަށް ދައުލަތަށް ގަބޫލުކުރެވޭތީ އެސްއޯއެފްގެ ފަރާތްތަކާ ސުވާލުކޮށް ކަންކަން ސާފުކޮށްފައި ވާނެ ކަމަށް ދައުލަތުން ބުންޏެވެ.
"ނަމަވެސް، އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރަން ދައުލަތުން ނިންމީ،" ވަކީލު ވިދާޅުވި އެވެ.
އެއީ ކީއްވެތޯ ފަނޑިޔާރު އެއްސެވި އެވެ.
ދައުލަތުން ބުނީ އެގޮތަށް ނިންމީ، މައްސަލައިގައި އެނގެން ހުރީ ހަމައެކަނި ޗެކުތަކުން ފައިސާ ދިޔަ ތަންތަން ކަމަށް ވާތީ އޭގެ އިތުރަށް ފައިސާ ދިޔަ ގޮތް ހޯދުމަކީ މުހިންމު ކަމެއް ކަމަށް ދައުލަތަށް ގަބޫލުކުރެވުމުން ކަމަށެވެ. އަދި އެކަން ކުރެވެން އޮތީ ފައިސާ ގެންދިޔަ ފަރާތްތަކުގެ އެއްބާރުލުން ހޯދައިގެން ކަމަށް ދައުލަތަށް ގަބޫލުކުރެވުނު ކަމަށް ވެސް ވިދާޅުވި އެވެ.
"އަދި އެ ފަރާތްތަކުގެ އެއްބާރުލުން ހޯދުމަށް ދައުލަތަށް ގަބޫލުކުރެވުނީ އެ ފަރާތްތަކަށް ދައުވާކުރުމަށް ވުރެ އާންމު މަސްލަހަތު އޮތީ އެ ފަރާތްތަކުން ދޭ ހެކިބަސް ނުވަތަ އެއްބާރުލުމުގެ މައްޗަށް ބިނާކޮށް ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދުން ކަމުގައިވާތީ. އެހެންވެ، ދައުވާ ނުކުރަން ނިންމީ،" ވަކީލު ވިދާޅުވި އެވެ.
ދައުލަތުގެ ވާހަކަތަކާ ގުޅިގެން ފަނޑިޔާރު އަޒްމިރަލްޑާ ވަނީ އަނެއްކާ ވެސް އެންމެ ފުރަތަމަ ކުރެއްވި ސުވާލު ތަކުރާރު ކުރައްވައިފަ އެވެ.
"ކުށް އުފަންވީ ކިހާ ހިސާބަކުންތޯ؟ ކާކުތޯ މިކަން ފެށީ؟" ފަނޑިޔާރު އެއްސެވި އެވެ.
ފަނޑިޔާރު ވަނީ އެއީ ގާނޫނާ ހިލާފަށް ހޯދި ފައިސާކަން ދައުލަތުން ކަނޑައެޅީ ކިހާ ހިސާބަކުންތޯ ސާފުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.
"މުޅި މުއާމަލާތް މި ގުޅެނީ އެސްއޯއެފްއާ ދެއްތޯ؟ އެހެންވީމާ ކިހާ ހިސާބަކުން ކުށް އުފަންވީ. ކުށް ކޮށްގެން ހޯދި ފައިސާ ކަމަށް ތި ވިދާޅުވަނީ، ކާކުތޯ ކުށް ކުރީ ފައިސާ ހޯދަން؟" ފަނޑިޔާރު ސުވާލު އުފެއްދެވި އެވެ.
ފަނޑިޔާރުގެ ސުވާލުތަކާ ގުޅިގެން ދައުލަތުންް ދެން ވެސް ތަކުރާރުކޮށް ވިދާޅުވީ ކުރިން ކުރި ކުށް ސާބިތުކޮށްދޭން ނުޖެހޭ ކަމަށެވެ. އަދި ކުށަކަށް ވަނީ ކުށެއް ކޮށްގެން ހޯދާފައިވާ ފައިސާއެއްކަން އެ މީހަކަށް ޝައްކުވާ ހާލަތުގައި އެ ފައިސާ ބެހެއްޓުން ކަމަށާއި މި މައްސަލައިގައި މަނީ ލޯންޑަރިންގެ ކުރިން ކުށް ކުރި ދެ ފަރާތް ކަމަށްވާ އަދީބާއި ޒިޔަތުގެ މައްޗަށް ކުށް ސާބިތުވެފައިވާ ކަމަށެވެ.
ފަނޑިޔާރުގެ އިތުރު ސުވާލުތައް:
-
އެސްއޯއެފްގެ ފައިސާ ޖަމާވި އެހެން މީހުންނަށް ދައުވާ ކުރެވިފައިވޭތޯ؟
ދައުލަތުން ބުނީ، އޭސީސީގެ ކުރީގެ އޮފިސަރު އަބްދުﷲ އާޒިމް އާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް ވެސް މި މައްސަލައިގައި ދައުވާކޮށްފައިވާ ކަމަށެވެ. ނަމަވެސް ދައުލަތުގެ ރިސޯސްތައް ހުރި ގޮތުން އެއްފަހަރާ އެންމެންގެ މައްޗަށް ތަހުގީގު ނުކުރެވޭނެ ކަމަށާއި އެހެންކަމުން ތަހުގީގު ކުރިއަށް ދަނީ ފަހަރަކު މީހެއްގެ މައްޗަށް ކަމަށެވެ.
-
ކިހާ އަދަދެއްގެ ފައިސާތޯ އެސްއޯއެފްގެ އެކައުންޓަށް ވަނީ؟ ހަމައެކަނި މި އެއް މިލިއަން ޑޮލަރު ތޯ؟
ދައުލަތުން ބުނީ އެސްއޯއެފްގެ އެކައުންޓަށް ވަދެފައިވާ ކަމަށް ތަހުގީގަށް މިހާތަނަށް ފާހަގަކުރެވިފައި ވަނީ 70 މިލިއަން ޑޮލަރާއި 100 މިލިއަން ރުފިޔާ ކަމަށެވެ.
-
އެސްއޯއެފްގެ އެކައުންޓުގައި ހުރީ މުޅިން ވެސް ކުށް ކޮށްގެން ހޯދާފައި ހުރި ފައިސާތޯ؟
ދައުލަތުން ބުނީ އެސްއޯއެފް އަކީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ފައިސާ ލޯންޑާކުރަން ގެންގުޅުނު ފްރަންޓެއް ކަމަށް ތަހުގީގަށް ގަބޫލުކުރެވޭ ކަމަށެވެ. އެމްއެމްޕީއާރްސީ މެދުވެރިކޮށް ކުށް ކުރުމުގެ ކުރިން އެސްއޯއެފް އަކީ މިވަރުގެ ބޮޑެތި ޓްރާންސެކްޝަންތައް ހިންގާ ކުންފުންޏެއް ނޫން ކަމަށް ވިޔަސް، އެމްއެމްޕީއާރްސީގެ ހިޔާނާތާއެކު ވަރަށް ބޮޑެތި އަދަދުތަކުން ޓްރާންސެކްޝަން ހިންގާފައިވާ ކަމަށް ފާހަގަކުރެވޭ ކަމަށް ދައުލަތުން ބުންޏެވެ.
"އެސްއޯއެފް އަކީ ދައުލަތުގެ ފައިސާ ލޯންޑަކުރަން ބޭނުންކުރި ފްރަންޓެއްކަން އެނގޭ ކަމަށް ވާނަމަ، އެސްއޯއެފް އަކީ އެ ލިބުނު ފައިސާ އިންވެސްޓްކޮށްގެން ވިޔަފާރި ކުރާ ކުންފުންޏެއް ކަމަށް ވާނަމަ ދެން މި ބަލަންޖެހެނީ އެސްއޯއެފްގައި ހުންނަން ޖެހޭނީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް،" ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
އެސްއޯއެފުން ވާހަކަ ބަދަލުކޮށްފި ނަމަ ދެން ވާނީ ކިހިނެތް؟
ފަނޑިޔާރު އަޒްމިރަލްޑާގެ ސުވާލުތަކަށް ފަހު، ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވެސް ސުވާލު އުފެއްދެވީ އެސްއޯއެފްއާ ގުޅޭ ގޮތުންނެވެ. ފަނޑިޔާރު މަހާޒު ވިދާޅުވީ މުޅި މައްސަލައިގެ މޭސްތިރިއަކީ އެސްއޯއެފް ކަމަށް ވާނަމަ، އެ ކުންފުނީގެ އެކައުންޓުގައި ހުރި ފައިސާ އާއި އެއް މިލިއަން ޑޮލަރު ޖަމާވި ޔާމީންގެ އެކައުންޓުގައި ހުރި ކޮންމެ ފައިސާއަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާތޯ ޔަގީންކުރަން ވަކިން ބަލަން ނުޖެހޭނެތޯ ސުވާލު އުފައްދަވައިފަ އެވެ.
"ބަލާކަށް ނުޖެހޭ އެސްއޯއެފްގައި ދެން ހުރި ފައިސާއަކީ ކިހިނެތް ހޯދި ފައިސާއެއް ކަމެއް،" ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.
އޭގެ އިތުރުން، އެސްއޯއެފްގައި ހުރި ހުރިހާ ފައިސާ އަކީ ކުށް ކޮށްގެން ހޯދާފައި ހުރި ފައިސާ ކަމަށް ސާބިތުކޮށް ނުދެވުނަސް، އެސްއޯއެފް އަކީ ދައުލަތުގެ ފައިސާ ލޯންޑަކުރަން ބޭނުންކުރި ފްރަންޓެއްކަން އެނގޭ ނަމަ އަދި އެ ލިބުނު ފައިސާ އިންވެސްޓްކޮށްގެން ވިޔަފާރި ކުރާ ކުންފުންޏެއް ކަމަށް ވާނަމަ އެސްއޯއެފްގައި ހުންނަން ޖެހޭނީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ބަލަން ޖެހޭނެ ކަމަށް ވެސް ދައުލަތުން ބުންޏެވެ.
ފަނޑިޔާރު މަހާޒު ދެން ސުވާލު އުފެއްދެވީ އެ ފައިސާއަކީ ސައްހަ ފައިސާއެއް ކަމަށް އެސްއޯއެފް އިން ކުރިއަށް އޮތް ތަނުގައި ބުނެފި ނަމަ ދެން ވާނެ ގޮތަކާ މެދު އެވެ.
"މާދަމާ ހެނދުނު އެސްއޯއެފް އިން މި ވިދާޅުވަނީ، މި ވާހަކަދެކެވޭ އެއް މިލިއަން ޑޮލަރަކީ ސައްހަ މުއާމަލާތެއްގެ ތެރެއިން ދެވިފަ ހުރި ފައިސާއޭ. މި މައްސަލައަކުން އެނގޭކަށް ނެތް އެސްއޯއެފް އިން ތަހުގީގު ކުރި ކަމަކަށް. މާދަމާ ވެސް މި މައްސަލައިގެ މި ޝައްކު ދައުލަތާ ދެކޮޅަށް ފުރޮޅިއްޖެ ކަމަށް ވާނަމަ ދެން ކިހިނެތްތޯ ވާނީ؟" ފަނޑިޔާރު އެއްސެވި އެވެ.
ނަމަވެސް، ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ކުށް ކޮށްގެން ހޯދި ފައިސާ ކަމަށް ޝައްކު ކުރެވޭނެ ކަމަށާއި އެހެންކަމުން އެއީ ވެސް ދައުވާ ނުކުރެވޭނެ ސަބަބެއް ނޫން ކަމަށް ދައުލަތުން ބުންޏެވެ.
"ޝައްކެއް ކަމަށް ވާނަމަ ހަމަ ދެ އިހުތިމާލު އޮންނާނެ ނޫންތޯ؟ ރަނގަޅަށް ދިއުމާ، ގޯހަށް ދިއުމާ؟ އެހެންކަމަށް ވާނަމަ، މި ޝައްކުގެ އިހުތިމާލު އަނެއް ކޮޅަށް އެނބުރިއްޖެ ކަމަށް ވާނަމަ ކިހިނެއްތޯއޭ ވާނީ؟" ފަނޑިޔާރު އިތުރަށް އެއްސެވި އެވެ.
ދައުލަތުން ބުނީ މި މައްސަލައިގައި އެފަދަ ފުރުސަތެއް ނެތް ކަމަށެވެ.
ވޮޑަމުލާ ފައިސާކަން ސާބިތުކޮށްދޭން ނުޖެހެނީ ކީއްވެ؟
ފަނޑިޔާރު މަހާޒު ދެން އެއްސެވީ މި ސުވާލެވެ. ފަނޑިޔާރު ވިދާޅުވީ ޔާމީންގެ އެކައުންޓަށް ޖަމާވީ ވޮޑަމުލާގެ ފައިސާކަން ނޭނގި، އެއީ ކޮރަޕްޝަނަށް ކަމާއި އަދި އެއީ ދައުލަތަށް ލިބެންޖެހޭ ފައިސާކަން ކަނޑައެޅޭނީ ކިހިނެތްތޯ ސުވާލު އުފައްދަވައިފަ އެވެ.
"ގާނޫނުގައި މި ބުނާ ކުށް ވޮޑަމުލާއާ ނުލާ ކިހިނެތްތޯ ތަސައްވުރު ކުރާނީ؟ ކިހިނެތްތޯ އެނގެނީ؟" ފަނޑިޔާރު އެއްސެވި އެވެ.
ދިފާއުގައި ދައުލަތުން ބުނީ ޝަފަހީ ހެކިންގެ ގޮތުގައި ހުށަހެޅި އަދީބާއި ޒިޔަތުގެ ބަހުން އެކަން އެނގޭ ކަމަށެވެ.
މާދަމާ ހެނދުނު އެސްއޯއެފް އިން މި ވިދާޅުވަނީ، މި ވާހަކަދެކެވޭ އެއް މިލިއަން ޑޮލަރަކީ ސައްހަ މުއާމަލާތެއްގެ ތެރެއިން ދެވިފަ ހުރި ފައިސާއޭ. މި މައްސަލައަކުން އެނގޭކަށް ނެތް އެސްއޯއެފް އިން ތަހުގީގު ކުރި ކަމަކަށް. މާދަމާ ވެސް މި މައްސަލައިގެ މި ޝައްކު ދައުލަތާ ދެކޮޅަށް ފުރޮޅިއްޖެ ކަމަށް ވާނަމަ ދެން ކިހިނެތްތޯ ވާނީ.
ފަނޑިޔާރު މަހާޒް ވަނީ ޔާމީން ފައިސާ ޖަމާކުރި އެސްކްރޯ އެކައުންޓާއި އެއް މިލިއަން ޑޮލަރުގެ ސްޓޭޓަސް ވެސް މިއަދު ސާފުކުރައްވައިފަ އެވެ. ދައުލަތުން ބުނީ އެ ފައިސާ ހުރި ގޮތަށް އެބަހުރި ކަމަށެވެ.
އޭގެ އިތުރުން، މައްސަލަ މިހާ ހިސާބަށް އައި އިރު އެސްއޯއެފްގެ އެއްވެސް ބަހެއް ހޯދާފައިވޭތޯ ވެސް ފަނޑިޔާރު އެއްސެވި އެވެ.
ދައުލަތުން ބުނީ މި މައްސަލައިގައި ސާބިތުވާ އެސްއޯއެފްގެ މީހުންގެ ބަސް އޭޕްރީލް 2019ގައި ހޯދި ނަމަވެސް، ކްރިމިނަލް ކޯޓުން އެ ބަޔާން ބަލައިނުގަންނަން ނިންމި ކަމަށެވެ. އެއީ، މައްސަލަ އެކަށީގެންވާ ވަރަށް ތަހުގީގު ކުރެވިފައި އޮންނަން ޖެހޭނެ ކަމަށް ބަލައި އިތުރު ހެކި ހުށަހަޅަން ފުރުސަތު ނުދިނުމުގެ ގޮތުންކަން ދައުލަތުން ފާހަގަކުރި އެވެ.
ކޮމެންޓް (1)
ވަރިހަމަ