ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމްކުރުމަށް މިއަދު ކުރިއަށް ގެންދާ ޝަރީއަތުގެ މަޖިލިސް، ޔާމީންގެ ސަޕޯޓަރުން ޕީޕީއެމްގެ އޮފީހުގައި ތިބެގެން ލައިވްކޮށް ޓީވީން ބަލަނީ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ލައިވް

ޔާމީންގެ އިސްތިއުނާފް މައްސަލައިގެ ހުކުމް އިއްވުން

30 ނޮވެމްބަރު 2021
 
11:29 Nov 30, 2021

'އެންމެ ހުތުރު ކަމަކީ ޝަރުއީ ދާއިރާއަށް އަތްބޭނުން'

ކޯޓުގައި މިހާރު ހުރި މައްސަލަތަކާ މެދު ކަންބޮޑުވުމެއް ނެތް ކަމަށް ޖަމީލް ވިދާޅުވި. މި ސަރުކާރުން މިހާރު ކުރާ އެންމެ ހުތުރު ކަމަކީ ކޯޓުތަކަށް އަތްބާނައިގެން ކަންތައްތައް ކުރުން ކަމަށް އޭނާ ވިދާޅުވި. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލަދުގަންނަން ޖެހޭނެ ކަމަށް ވެސް ޖަމީލް ވިދާޅުވި. ދަށު ކޯޓުގައި މައްސަލައިގެ ތެރެއަށް ނުފޫޒު ފޯރުވައި ސަރުކާރުން އަތް ބާނާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި.

 
11:07 Nov 30, 2021

މިހާރު މި ހުންނެވި ޕްރޮސިކިއުޓަރަކީ ސަރުކާރުގެ ޕްރޮސިކިއުޓަރެއް ކަމަށް ޖަމީލް ވިދާޅުވި. އޭނާ ވިދާޅުވީ ޕީޖީ މިހާރު ކުރައްވާ ކަމަކީ ސަރުކާރުން ބުނެގެން އިދިކޮޅު ސިޔާސީ ލިޑަރަށް ޖެއްސުން ކުރުން ކަމަށް ޖަމީލް ވިދާޅުވި.

 
11:00 Nov 30, 2021

ދައުލަތުން ގަސްތުގައި ކޯޓުގައި އޮޅުވާލި: ޖަމީލް

ޔާމީންގެ ވަކީލުންގެ ފަރާތުން މިއަދު ޕީޕީއެމްގެ އޮފީހުގައި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ މިއަދު އެނގިގެން މި ދިޔައީ ރައީސް އަބްދުﷲ ޔާމީންގެ މައުސޫމުކަން ކަމަށެވެ. އަދި ދައުލަތުން ވަނީ ގަސްތުގައި ކޯޓުގައި އޮޅުވާލާ މުޅި މަނީ ލޯންޑަރިން ގާނޫނުގެ މަފުހޫމްތައް އޮޅުވާލާފައި ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ. އަދި ފައިސާގެ ޓުރޭސް އޮޅުވާލާފައި ނުވާއިރު އަދި އެކައުންޓުގައި އެ ފައިސާ ހުރެ ދައުލަތުން ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑުރިންގެ ދައުވާ އުފުލީ ކަމަށް ވެސް ޖަމީލް ވިދާޅުވި އެެވެ.

 
09:52 Nov 30, 2021

ޔާމީން މިހާރު ވަނީ ގެއަށް ވަޑައިގެންފައި. ނަމަވެސް، އަދި އެ މަނިކުފާނު ހުންނެވީ ގޭގެ ބޭރުގައި، އެއްވެ ތިބި ސަޕޯޓަރުންނާ ސަލާމްކުރައްވައި ވާހަކަދައްކަވަން.

 
08:49 Nov 30, 2021

ޔާމީނަށް މަރުހަބާ ކިޔަން ސަޕޯޓަރުން ތައްޔާރުވަނީ

ޕީޕީއެމް އޮފީހާއި ޔާމީންގެ ގޭގެ ކައިރީގައި ތިބި ސަޕޯޓަރުން އަންނަނީ އެ މަނިކުފާނަށް މަރުހަބާ ކިއުމަށް ތައްޔާރުވަމުން.

 
07:47 Nov 30, 2021

ޔާމީންއަށް ރަތް ދޫލައިގެ މަރުހަބާއެއް ކިޔުމަށް އެ ގޭގެ ދޮރުމަތީގައި ވަނީ ރަތް ދޫލަ އަޅާ ތައްޔާރުވެފައި. ޔާމީން އަދިވެސް ހުންނެވީ ސުޕްރީމް ކޯޓުގެ ތެރޭގައި

ޔާމީންއަށް މަރުހަބާ ކިޔަން ރަތް ދޫލަ އަޅާފައި
 
07:36 Nov 30, 2021

ގައްސާން ވިދާޅުވީ ރައީސް ޔާމީންއަކީ މައުސޫމް ބޭފުޅެއްކަން މިއަދު އެނގިގެން ހިނގައްޖެ ކަމަށާއި ރައީސް ޔާމީން ގައުމަށް ގައްދާރު ނުވާނެކަން ސާފުވެއްޖެ ކަމަށެވެ. އަދި ޕީޕީއެމް މަސައްކަތް ކުރަނީ ރައްޔިތުންގެ ލާބަޔާއި މަންފާއަާށްޓަކާ ކަމަށް ވެސް ގައްސާން ވިދާޅުވި އެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވީ ސިޔާސީ ހުކުމެއްކަން އެނގިގެން މިދިޔައީ

ގައްސާން މައުމޫން
 
07:32 Nov 30, 2021

މިއީ ހައްގަށް ލިބުނު ނަސްރެއް: އަބްދުއްރަހީމް

ހުކުމަށްފަހު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިއީ ހައްގަށް ލިބުނު ނަސްރެއް ކަމަށާއި މިއީ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސްކަމަށް. ރައީސް ޔާމީން ދެއްކެވި ވާހަކަތަކުގެ ތެދުކަން ހާމަވާ ކަމަށް ވިދާޅުވި

 
07:20 Nov 30, 2021

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ މަނީ ލޯންޑުރިންގެ ހުކުމް ބާތިލް ކުރަން ޖެހޭކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމްކޮށްފި

 
07:18 Nov 30, 2021

ޔާމީން އެއް މިލިއަން ޑޮލަރާ މެދު އަމަލު ކުރީ ޒިންމާދާރު ގޮތެއްގައި ނޫން ކަމަށް ދެކޭ ކަމަށް މަހާޒު ވިދާޅުވި. ސަބަބަކީ އެ ފައިސާއާ މެދު ޝައްކު އުފެދިފައިވާ ފައިސާއަކަށް ވާތީ

 
07:16 Nov 30, 2021

އެސްއޯއެފްގެ ވެރިންގެ މައްޗަށް ދައުވާ ނުކުރާތީ ހައިރާންވޭ: މަހާޒު

އަހުރެން ހައިރާންވީ އެސްއޯއެފް އަކީ އެމްއެމްޕީއާރްސީގެ މައްސަލައިގައި މަނީ ލޯންޑަކުރަން ބޭނުންކުރި އެންމެ ވަރުހުރި އާލާތް ކަމަށް ދައުލަތުން ތަކުރާރުކޮށް ބުނުމަށްފަހު އެކުންފުނީގެ އިސް ފަރާތްތަކަށް ދައުވާނުކުރަން ނިންމާފައިވާ ވާހަކަ ބުނުމުން ކަމަށް މަހާޒުގެ ރައުޔުގައި ވިދާޅުވި

 
07:15 Nov 30, 2021

ކުށުގެ ވާގިޔާތައް ކަށަވަރު ކުރުމެއް ނެތި، "އާދައިގެ" ޝައްކެއްގެ މައްޗަށް ބަލައި ހެކި ވަޒަން ނުކުރެވޭނެ. ވާހަކަ ދެކެވޭ އެއް މިލިއަން ޑޮލަރަކީ ސިޔާސީ ޕާޓީއަކަށް ދީފައިވާ ފައިސާ ކަމަށް ޔާމީން ވިދާޅުވެފައި ނުވާ ކަމަށާއި، އެހެންކަމުން ސިޔާސީ ޕާޓީގެ ގާނޫނާ ތަދުބީގު ނުކުރެވޭނެ ކަމަށް ފަނޑިޔާރު ވިދާޅުވި.

 
06:56 Nov 30, 2021

އޭސީސީގެ ކުރީގެ ނައިބު ރައީސް މުއައްވިޒު ރަޝީދުގެ ހެކިބަހަށް ބުރަނުވެވޭނެ ކަމަށް މަހާޒުގެ ރައުޔުގައި ފާހަގަ ކުރެއްވި

 
06:54 Nov 30, 2021

އަދީބާއި ޒިޔަތުގެ ހެކިބަހަށް އެހެން ހެކިތަކުން ބާރެއް ނުލިބޭ

ޔާމީނާ ދެކޮޅަށް ބޭނުންކުރި އަހްމަދު އަދީބާއި އަބްދުﷲ ޒިޔަތުގެ ހެކިބަހަށް، އެހެން ހެކިތަކުން ބާރު ލިބޭ ކަމަށް ހައި ކޯޓުން ނިންމާފައިވާ ނިންމުމަކީ ގާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ފަނޑިޔާރު މަހާޒު ގަބޫލެއް ނުކުރައްވާ. އެއީ އެ ދެ މީހުންގެ ހެކި ބަހާ އެހެން ހެކިތައް ގުޅޭ ގޮތާއި ސަބަބު ސާފުކޮށް ބަޔާންކޮށްފައި ނުވާތީ.

 
06:48 Nov 30, 2021

ޔާމީންގެ އެކައުންޓަށް ވަނީ ވޮޑަމުލާގެ ފައިސާ ކަމާ މެދު ޝައްކު

ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ވޮޑަމުލާގެ އެކިއުޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ ފައިސާކަމާ މެދު ވަނީ ޝައްކު އުފެދިފައި ކަމަށް މަހާޒުގެ ރައުޔުގައި ވިދާޅުވި. އެގޮތަށް ވިދާޅުވީ ޗެކް ނަންބަރާއި ބޭންކް ސްޓޭޓްމަންޓްގައި އޮތް ނަންބަރާ ދިމާނުވާތީ ކަމަށް.

 
06:35 Nov 30, 2021

ތުހުމަތުކުރެވޭ މައްސަލައިގައި މުދާ ހޯދާފައިވަނީ ކޮން ކުށެއް ކޮށްގެންކަން ސާބިތުވާންޖެހޭނެ ކަމަށް ޔާމީން ވިދާޅުވޭ. އަދި އެކަން ސާބިތުކުރުމަށް ސިންގަޕޫރު ފަދަ ގައުމުތަކުގެ ކޯޓުތަކުގެ ނިންމުންތައް ސުޕްރީމް ކޯޓުގައި ވަރަށް ތަފްސީލްކޮށް ވިދާޅުވެއްދެއްވި.

ފަނޑިޔާރު މަހާޒު ވިދާޅުވީ މުދަލަކީ ކުށް ކޮށްގެން ހޯދާފައިވާ މުދާކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވުން ގާނޫނު ލާޒިމު ނުކުރާ ކަމަށް. ތުހުމަތުކުރެވޭ މުދަލަކީ ތުހުމަތުކުރެވޭ ކުށް ފިޔަވައި އެ ނޫން އެހެން ގޮތަކަށް ލިބިފައިވާ އެއްޗެއްކަން ޝަރީއަތަށް ބުނެދެވެން ވާނެ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި.

 
06:31 Nov 30, 2021

ޕްރެޑިކޭޓް އޮފެންސް ސާބިތުކޮށްދޭކަށް ނުޖެހޭ: ފަނޑިޔާރު މަހާޒް

މަނީ ލޯންޑަރިންގައި ޕްރެޑިކޭޓް އޮފެންސް ނުވަތަ ގުޅިފައިވާ ކުށް ސާބިތުކޮށްދޭން ޖެހޭ ކަމަށް ޔާމީން ތަކުރާރުކޮށް ވިދާޅުވި ނަމަވެސް ފަނޑިޔާރު މަހާޒް ވިދާޅުވީ އެކަމަށް އެއްބަސްވެވަޑައިނުގަންނަވާ ކަމަށް.

 
06:25 Nov 30, 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފް މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމްކުރުމަށް މިއަދު ކުރިއަށް ގެންދާ ޝަރީއަތުގެ މަޖިލިސް، މީހަކު ފޯނުން ބަލަނީ. (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)
 
06:18 Nov 30, 2021

ޖޫރިމަނާގެ އަދަދު ކަނޑައެޅި ގޮތް ގޯސް

ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމުގައި ޖޫރިމަނާގެ އަދަދު މަތިކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށް ފަނޑިޔާރު މަހާޒު ދެކެވަޑައިގަންނަވާ. ޖަލު ހުކުމް ކުޑަކޮށްފައި ޖޫރިމަނާ ބޮޑު ކުރި ކުރުން ބަލައި ނުގަނެވޭ ކަމަށް ފަނޑިޔާރު ވިދާޅުވި. ރިޔާސަތުގައި އިންނެވި ފަނޑިޔާރު ވިދާޅުވީ ދެ އަދަބު ކަނޑައަޅަން ޖެހޭނީ ހަމަހަމަ އުސޫލަކުން ކަމަށް.

 
06:15 Nov 30, 2021

ޑޮލަރުން ޖޫރިމަނާކުރެވޭނެ

ރާއްޖޭގައި ކުރާ ހުރިހާ ކަމެއްގައި އަގު އަދާކުރަންޖެހޭނީ ދިވެހި ފައިސާ އިން ކަމަށް މަނިޓަރީ ގަވާއިދުގައި ބުނާތީ، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުން ގާނޫނާ ހިލާފު ކަމަށް ޔާމީންގެ ފަރާތުން ބުނި ނަމަވެސް ފަނޑިޔާރު މަހާޒް ވިދާޅުވީ އެ މާއްދާގައި ކޯޓުތަކުން ކުރާ ޖޫރިމަނާ ހިމެނިފައި ނުވާ ކަމަށް. އަދި ކުށުގެ އަމަލު ހިންގުމުގެ ފައިސާއިން ޖޫރިމަނާކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވާކަމަށާއި  އެހެންކަމުން ހައި ކޯޓުގެ ނިންމުން ގޯސް ކަމަށް ނުބެލެވޭނެ ކަމަށް ވިދާޅުވި

 
06:03 Nov 30, 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފަނުގެ ވަކީލުން މިއަދުގެ އަޑުއެހުމުގައި.
 
06:01 Nov 30, 2021

13 ނުކުތާއެއް ޔާމީނާ ދެކޮޅަށް

މިހާތަނަށް ފަނޑިޔާރު މަހާޒު ވާހަކަދެއްކެވި 13 އިސްތިއުނާފީ ނުކުތާވެސް ނިންމާފައި ވަނީ ޔާމީނާ ދެކޮޅަށް

 
05:59 Nov 30, 2021

ކުރިމިނަލް ކޯޓުގެ ބެންޗު އެކުލަވާލި ގޮތް ރަނގަޅު

ކްރިމިނަލް ކޯޓުން ގާޒީންގެ މަޖިލިސް އެކުލަވާލީ ގާނޫނާ އެއްގޮތަށް ކަމަށް ހައި ކޯޓުން ނިންމި ނިންމުމަށް ފަނޑިޔާރު މަހާޒު ވަނީ ތާއީދުކުރައްވާފައި

 
05:54 Nov 30, 2021

އިސްތިއުނާފީ މުހިންމު ނުކުތާތަކާ މެދު ނިންމި ގޮތް

ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފު ކުރި 22 ނުކުތާގެ ތެރެއިން އިޖުރާއީ އަދި އިބުތިދާއީ ކަންކަމާ ގުޅޭ ހަތް ނުކުތާއެއް އިސްތިއުނާފުކޮށްފައިވޭ. އޭގެ ތެރެއިން ބައެއް މުހިންމު ނުކުތާތަކާ މެދު ސުޕްރީމް ކޯޓުން ނިންމި ނިންމުންތަކަކީ:

  • 1-

    މަނީލޯންޑުރިންގެ ކުށާ މެދު ތަހުގީގުގައި ރައީސް ޔާމީންއާ ސުވާލުނުކުރާ ކަމާއި ތަހުގީގު ހިންގީ އެ ތުހުމަތުގައި ނޫން ކަމަށް ރައީސް ޔާމީންގެ ފަރާތުން ބުނި ނަމަވެސް ތަހުގީގުގެ މަރުހަލާގައި މަނީލޯންޑުރިންގެ ކުށާ މެދު ސުވާލުކޮށްފައިވާކަން ލިޔެކިޔުންތަކުން އެނގޭ ކަމަށް ސުޕްރީމް ކޯޓުން ބުނި. އަދި މަނީލޯންޑުރިންގެ ކުށަކީ އެހެން ކުށެއްގެ ތެރެއިން ހިނގާ ކަމަކަށް ވުމާއި ފުލުހުންނަކީ މަނީލޯންޑަރިންގެ ކުށް ތަހުގީގު ކުރުމުގެ ބާރު ލިބިގެންވާ މުއައްސަސާއެއްކަން ފާހަގަކުރި

  • 2-

    ތަފާތުކުރުމުގެ ތެރެއިން ދައުވާ އުފުލި ކަމަށް ބުނި ނަމަވެސް އެކަމާ ގުޅޭ ހެއްކެއް ނެތް ކަމާއި އެ ނުކުތާއާ މެދު ސުޕްރީމް ކޯޓުން ގޮތް ނިންމަން ޖެހޭ ތަނެއް ނެތް ކަމަށް

  • 3-

    ދައުވާ ފޯމުގައި ޔާމީންއަށް ލިބުނީ ވޮޑަމުލާ ފައިސާކަމަށް ބަޔާންކޮށްފައި ނެތުމާއި ކުށް ހިނގިތަނާއި ވަގުތު ނެތުމަކީ ދައުވާ ފޯމު ބާތިލްވާނެ އަދި ދައުވާ ކުރިއަށް ނުގެންދެވޭނެ ސަބަބެއް ނޫން ކަމަށް. ސަބަބަކީ ބައެއް ކުށްތަކަކީ ވަކި ތަނެއްގައި ކުށްކުރުން އަދި ބައެއް ކުށްތައް އެކި ތަންތަނުގައި އެކި ވަގުތުތަކުގައި ކުރެވޭނެ ކަމަކަށް ވާތީ ކަމަށް ކޯޓުން ފާހަގަކުރި

  • 4-

    ކުރިމިނަލް ކޯޓުގައި ޝަރީއަތް ހިންގީ ދައުވާއާ ގުޅޭ މުހިންމު ލިޔުންތަކެއް ނުދީކަމަށް ޔާމީންގެ ފަރާތުން ބުނި. ނަމަވެސް އެކަން ފާހަގަވުމާ އެކު، ލިޔުން ދޫކޮށް، އެ ލިޔުން ދިރާސާކުރަން އެކަށީގެންވާ ވަގުތު ހައިކޯޓުން ދިންކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާހަގަވެފައިވޭ

  • 5-

    ޝަރީއަތް ފެށުމުގައި ހައިކޯޓުން އަމަލުކުރި ގޮތް ގޯސް ނޫންކަމަށް ސުޕްރީމް ކޯޓުން ފާހަގަކުރި

 
05:48 Nov 30, 2021

ޔާމީންގެ ސަޕޯޓަރުން ޕީޕީއެމްގެ އޮފީހުގައި ޝަރީއަތުގެ މަޖިލިސް ލައިވްކޮށް ބަލަމުން އެބަދޭ.

 
05:34 Nov 30, 2021

ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ރައުޔުގައި ވިދާޅުވީ، ތަހުގީގު މަރުހަލާގައި ދިން ގާނޫނީ އިންޒާރުގައި އެ މަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކުރެވޭ ކަމަށް ބުނެފައި ނުވާ ކަމަށް ޔާމީން ވިދާޅުވި ނަމަވެސް، ވަކީލުގެ ހާޒިރުގައި ޔާމީން ސޮއިކުރެއްވި ބަޔާނުގައި ވެސް މަނީ ލޯންޑަރިންގެ ކުށުގެ ބާހަކަ ބަޔާންކޮށްފައިވާ ކަމަށް. އަދި މަނީ ލޯންޑަރިންގެ ކުށާ ގުޅިގެން ސުވާލު ކޮށްފައިވާކަން ވެސް އެނގޭ ކަމަށް. 

ޔާމީންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ގާނޫނުއަސާސީގައި ބުނެފައިވާ ހަމަހަމަކަމުގެ އުސޫލުން ބޭރުން ކަމަށް ޔާމީން ވިދާޅުވި ނަމަވެސް އެކަން ސާބިތުކުރުމަށް އެއްވެސް ހެއްކެއް ހުށަހަޅުއްވާފައިކަން އެނގެން ނެތް ކަމަށް ފަނޑިޔާރު ވިދާޅުވި. ފަނޑިޔާރު ވިދާޅުވީ އެ ނުކުތާއާ ގުޅިގެން ގާނޫނީ ބަހުސެއްގެ މައްޗަށް ބިނާކޮށް ގޮތެއް ކަނޑައަޅަން ޖެހޭ ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމަށް.

 
05:13 Nov 30, 2021

ޕީޕީއެމް ކޯލިޝަންގެ އިސް ބޭފުޅުން ޕީޕީއެމް އޮފީހުގައި

ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސް ބޭފުޅުން ޔާމީންގެ ޝަރީއަތް ބައްލަވަމުން ގެންދަވަނީ ޕީޕީއެމް އޮފީހުގައި. އެގޮތުން ކުރީގެ ރައީސް މުހައްމަދު ވަހީދާއި ރިޔާސީ އިންތިހާބުގައި ޔާމީންގެ ރަނިން މޭޓަކަށް ހުންނެވި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ކުރީގެ އެކޮނޮމިކް މިނިސްޓަރު އަދި މިހާރު މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރު މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރު އާދަމް ޝަރީފް ހިމެނޭ.

(ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
 
05:12 Nov 30, 2021

ހައި ކޯޓުގެ ހުކުމަކީ މިހާތަނަށް އެންމެ ދިގު ހުކުމް

ފަނޑިޔާރު މަހާޒު ވިދާޅުވީ ހައި ކޯޓުގެ ހުކުމަކީ މިހާތަނަށް އެންމެ ދިގު ހުކުމް ކަމަށް. ނަމަވެސް ހުކުމުގައި ހުރީ ޝަރީއަތުގައި ހުށައެޅި ކަންކަން 'ވިއްސާލި ވިހާލިވެފައި' ކަމަށް ވިދާޅުވި. އޭގެ ސަބަބުން ކޯޓާއި މައްސަލަ ހުށައެޅި ފަރާތުގެ ވަގުތުތައް ބޭކާރުވެފައި ހުރެދާނެ ކަމަށް. މިހާރު ކުރިއަށް ދަނީ މަހާޒުގެ ރައުޔު އިއްވުން

 
05:04 Nov 30, 2021

މިހާރު ކުރިއަށް ދަނީ ސުޕްރީމް ކޯޓުގެ ޝަރީއަތުގެ ހުލާސާއެއް

ޔާމީންގެ ޝަރީއަތުގައި ތިން ފަނޑިޔާރުންގެ ގޮތުގައި ތިއްބެވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރު، ފަނޑިޔާރު އަޒުމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މުހައްމަދު އިބްރާހިމް. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މަހާޒު. ހުކުމް އިއްވުމުގެ މަޖިލިހުގައި މިހާރު ވަނީ ކްރިމިނަލް ކޯޓާއި ހައި ކޯޓުގެ ހުކުމުގެ ހުލާސާއެއް އިއްވަވާފައި. މިހާރު ކުރިއަށް ދަނީ ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުންތަކުގެ ކުރު ހުލާސާއެއް ދެއްވަމުން. ހުކުމް އަންނާނީ އޭގެ ފަހުން

 
04:57 Nov 30, 2021

އަބްދުއްރަހީމްގެ އިހުސާސްތައް ޅެންބައިތަކުން

ޕީޕީއެމް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ ވަރަށް ރީތިކޮށް ޅެން ހައްދަވާ ބޭފުޅެއް. ޔާމީންގެ މައްޗަށް ސުޕްރީމް ކޯޓުން ހުކުމް އިއްވަން މިހާރު ކުރިއަށްދާ މަޖިލިސްއާ ގުޅިގެން އޭނާ ވަނީ 'ހައްގަށް ނަސްރު ދެއްވުން އެދި' ދެ ޅެންބައިތުން ދުއާ ދަންނަވާފައި.

 
04:51 Nov 30, 2021

ރައީސް ނާސިރު ހުންނެވީ ސިންގަޕޫރުގައި

ރައީސްކަމުން ވަކިވެވަޑައިގަތުމަށް ފަހު 7 ޑިސެމްބަރު 1978 އިން ފެށިގެން އަވަހާރަވުމާ ހަމައަށް ނާސިރު ދިރިއުޅުއްވީ ސިންގަޕޫރުގައި. އަދި އެ މަނިކުފާނަށް 1990 ގައި އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މައާފު ދެއްވި. މި މައާފު އައީ ރާއްޖޭގެ މިނިވަންކަމުގެ ރިހި ޔޫބީލް ފާހަގަކުރުމުގެ ރަސްމީ ޖަލްސާގައި. ރައީސް ނާސިރަކީ، އިނގިރޭސިންގެ އަތުން ރާއްޖެއަށް މިނިވަންކަން ހޯއްދަވާދެއްވި ގައުމީ ބަތަލް.

 
04:41 Nov 30, 2021

ފައިސާގެ މައްސަލައެއްގައި ރައީސަކާ ދެކޮޅަށް ކުރާ ދެ ވަނަ ޝަރީއަތް

ސުޕްރީމް ކޯޓުގައި އަސްލު މިހާރު ހިނގަމުން އެ ދަނީ އޭގެ ޒާތުގައި ވަރަށް ބޮޑު ޝަރީއަތެއް. މިއީ ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅަކާ މެދު ހިޔާނާތުގެ ނުވަތަ ދައުލަތުގެ ފައިސާގައި އެއްވެސް ވަރަކަށް ޖެހުނުކަމުގެ ތުހުމަތުގައި ކުރާ ދެ ވަނަ ޝަރީއަތް. މީގެ ކުރިން މިފަދަ ޝަރީއަތެއް ހިންގާފައި ވަނީ ކުރީގެ ރައީސް އިބްރާހިމް ނާސިރާ ދެކޮޅަށް. އަދި ސަރުކާރަށް ހިނާޔާތްތެރިވެވަޑައިގެންފައިވާކަން ސާބިތުވެ، 30 ޖެނުއަރީ 1986 ގައި އެ މަނިކުފާނުގެ ޣައިރު ހާޒިރުގައި ހުކުމްކުރީ 25 އަހަރަށް އަރުވާލަން.

 
04:40 Nov 30, 2021

ރައީސް ޔާމީންގެ ސަޕޯޓަރުން ޝަރީއަތުގެ މަޖިލީސް ލައިވްކޮށް ބަލަނީ. (ދައުރު ފޮޓޯ/މުހައްމަދު މުޒައްޔިން ނާޒިމް)
 
04:38 Nov 30, 2021

ޔާމީންގެ ސަޕޯޓަރުން މަގުމަތިން ފެންނާކަށް ނެތް. ނަމަވެސް، ޕީޕީއެމްގެ އޮފީސް ތެރޭގައި ޓީވީން ލައިވްކޮށް ޝަރީއަތުގެ މަޖިލިސް ބަލަން އެބަތިބި.

 
04:29 Nov 30, 2021

ޔާމީން، މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި
 
04:25 Nov 30, 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބައްލަވާ ބެންޗު، މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި.
 
04:24 Nov 30, 2021

ޝަރީއަތުގެ މަޖިލިސް ފަށައިފި.

 
04:15 Nov 30, 2021

ޝަރީއަތުގެ ލައިވް ފީޑް

ޝަރީއަތުގެ މަޖިލިސް ފަށަން މިހާރު ވަނީ ތައްޔާރުވެފައި. ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ލައިވްކުރަން ވަނީ ފަށާފައި.

 
04:13 Nov 30, 2021

ޝަރީއަތުގެ މަޖިލިސް ފެށުމަށް ޔާމީން މިހާރު ވަނީ ކޯޓަށް ވައްދާފައި. އެ ސަރަހައްދުގައި މާ ގިނަ ސަޕޯޓަރުންނެއް ނެތް.

 
04:12 Nov 30, 2021

ޔާމީންގެ އިސްތިއުނާފް މައްސަލައިގައި ހުކުމް އިއްވުމުގެ ޝަރީއަތުގެ މަޖިލިސް ފަށަން ކުޑަތަން ވެފައި ވާއިރު، ޕީޕީއެމް އާއި ޔާމީންގެ ސަޕޯޓަރުންގެ ޖަޒުބާތުތައް ގިނަ.

ކްރިމިނަލް ކޯޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމާއި 5 މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމާ ގުޅޭ ގޮތުން އެންމެ ފަހުގެ ނިންމުން މިއަދު ސުޕްރީމް ކޯޓުގައި އޮންނާނެ އެވެ. މިއަދުގެ ޝަރީއަތުގެ މަޖިލިސް ފަށަން ކުޑަ އިރުކޮޅަކަށް ވެފައިވާއިރު، ޕީޕީއެމްގެ ސަޕޯޓަރުން ވަނީ އެ ޕާޓީގެ އޮފީސް ކައިރިއަށް އެއްވެފަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް