މިހާރު ގޭ ބަންދުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން، ގޭގެ ކުޑަދޮރަކުން އެ މަނިކުފާނުގެ ސަޕޯޓަރުންނަށް ސަލާންކުރައްވަނީ: ފަސް އަހަރުގެ ޖަލު ހުކުމާ މެދު މިއަދު އެންމެ މަތީ ކޯޓުން ގޮތެއް ނިންމާނެ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ސިޔާސީ އުއްމީދުގައި 'މޮހޮރު ޖެހުން'، ނޫނީ އެނބުރި އައުން

މިއަދު ބޮޑު ދުވަހަކަށް ވަނީ ކުރީގެ ރައީސެއްގެ ސިޔާސީ ކުރިމަގު ބަންދުވުމުގެ ފުރުސަތު ވެސް އޮތުމުން
30 ނޮވެމްބަރު 2021

އެއް މިިލިއަން ޑޮލަރެއްގެ މައްސަލާގައި ފަސް އަހަރުގެ ހުކުމަކާ ކުރިމަތިވެވަޑައިގަތުމުގެ ހަތަރު ދުވަސް ކުރިން، ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ، ޕީޕީއެމް އޮފީހުގައި އޮތް ހަފުލާއެއްގަ އެވެ. އެ މަނިކުފާނުގެ ޕާޓީއާ އަލަށް ގުޅުނު މެމްބަރުންގެ ފޯމްތަކާ ހަވާލުވުމުގެ އެ ޖަލްސާގައި، މުހިންމު ވާހަކަފުޅެއް ދެއްކެވި އެވެ. މައުލޫއުއަކީ ހުކުމަކަށް ތައްޔާރުވެފައި އޮތް، މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީއަތެވެ.

"އާއްމު ސިކުނޑިން ވިސްނާލާ!" އެންމެ މުހިންމު ތަންކޮޅު ގެންނެވުމުގެ ކުރިން އެ މަނިކުފާނު ވިދާޅުވި އެވެ.

"އެއަށް ވުރެ އަޅުގަނޑު ފަޟީހަތް ވާނެ ކަމެއް ނޯންނާނެ. އެ ހިސާބުން ތާއަބަދަށް ރިޔާސީ އުއްމީދަށް، ރިޔާސީ އިންތިޚާބަށް ނޫނީ ރައީސްކަމަށް ނޫނީ ރިޔާސީ ޒައާމަތަކަށް އަޅުގަނޑު ކުރާ އުއްމީދު[ގައި] މޮހޮރުޖެހި، ކަފުންކުރެވި ނިމުނީ ނޫންތޯ." 

އެއީ 24 ނޮވެމްބަރު 2019 އެވެ. އޭގެ ހަތަރު ދުވަސް ފަހުން، 28 ނޮވެމްބަރު 2019ގައި ކްރިމިނަލް ކޯޓުގެ ފަސް ފަނޑިޔާރުން ހިމެނޭ ބެންޗަކުން، އިއްތިފާގު ހުކުމެއް އިއްވީ، އެމްއެމްޕީއާރުސީގެ ފައިސާ ކަމަށް ބެލެވޭ 1 މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އަދި ފަހުން އޭގެ އަސްލު އޮޅުވާލައްވާފައިވާކަން ސާބިތުވާ ކަމަށެވެ: އަދަބަކީ 5 އަހަރަށް ޖަލަށް ލުމާއި، ކުށް ކުރި ފައިސާގެ ފަސް ގުނައަށް ޖެހޭ 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމެވެ. ދިވެހި ފައިސާ އިން ނަމަ އެއީ 77 މިލިއަން ރުފިޔާ އެވެ.

އެކަމަކު އެ ހިސާބުން ޔާމީންގެ ސިޔާސީ ހަޔާތްޕުޅު ކަފުންކޮށް، ސަންދޯކަށް ލައި، އޭގައި މޮހޮރެއް ވެސް ނުޖެހެ އެވެ. އެހާ ހިސާބަށް ދާނީ ޝަރުއީ އޮނިގަނޑުގެ އެންމެ މަތީ ގުނަން، ސުޕްރީމް ކޯޓުން އެ ހުކުމް ދަމަހައްޓައިފި ނަމަ އެވެ. ދެ ވަނައަށް އެންމެ މަތީ ކޯޓު، ހައި ކޯޓުން ވަނީ، ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ.

މިއަދަކީ އެ ހުކުމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމާ ދުވަހެވެ. އެހެން ގޮތަކަށް ބުނާ ނަމަ، އެންމެ ފަސް އަހަރުގެ ތެރޭގައި ރާއްޖެއަށް އެންމެ ބޮޑު ތަރައްގީއެއް ގެންނެވި އަދި ކުރިން އެއްވެސް ވެރިޔަކަށް ނުކުރެވި އޮތް ބިޔަ އެތައް ހުވަފެނެއްގައި ކުލަ ޖެއްސުވި ރައީސްގެ ސިޔާސީ ހަޔާތްޕުޅުގައި ނިމުމުގެ ސިއްކަ ޖެހުން ނުވަތަ އަލުން އަމަލީ ގޮތުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ފުރުސަތު ލިބިވަޑައިގަންނަވާނެ ދުވަހެވެ.

1 މިލިއަން ޑޮލަރުގެ މުއާމަލާތް: ކިހިނެއް ވީ ކަމެއް؟

  • 13 އޮކްޓޯބަރު 2015: އެސްއޯއެފް އިން ޔާމީންގެ އެމްއައިބީ އެކައުންޓަށް 500،000 ޑޮލަރު ޖަމާކުރި

  • 15 އޮކްޓޯބަރު 2015: އެސްއޯއެފް އިން ޔާމީންގެ އެމްއައިބީ އެކައުންޓަށް 500،000 ޑޮލަރު ޖަމާކުރި

  • އެއީ އޭގެ ކުރިން ފަޅާއެރި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާއަށް ވެދާނެ ކަމަށް އޭސީސީން ބުނި

  • އެކަމަކު ޔާމީން އެ 1 މިލިއަން ޑޮލަރު ދުލެއް ނުކުރެއްވި

  • 25 މާޗު 2018: އޭސީސީ އާއި ޔާމީންގެ ނަމުގައި ބީއެމްއެލްގައި އެސްކްރޯ އެކައުންޓެއް ހުޅުވަން އެއްބަސްވެ ސޮއިކުރި

  • ބޭނުމަކީ ހިޔާނާތުގެ ފައިސާ ކަމަށް ޝައްކުރެވޭ 1 މިލިއަން ޑޮލަރު، އެ ޝައްކު ފިލަންދެން އޭސީސީގެ ބާރުގެ ދަށުގައި ބެހެއްޓުން

  • އެކަމަކު ޖަމާކުރީ އެމްއައިބީގެ އެކައުންޓްގައި ހުރި ފައިސާއެއް ނޫން. ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަތުން ހޯދި 1 މިލިއަން ޑޮލަރު

  • އެމްއައިބީގެ އެކައުންޓަށް ޖަމާކުރި 1 މިލިއަން ޑޮލަރު އޭރު ވަނީ އެ ބޭންކްގައި އިންވެސްޓްކޮށްފައި

  • މަނީ ލޯންޑަރިންގެ ބައި ވަންނަނީ މިހާ ހިސާބުން. ފައިސާގެ އަސްލު އޮޅުވާލުމުގެ ކުށް، ދެ ކޯޓުން ސާބިތުވީ ވެސް އެހެންވެ

ސުޕްރީމް ކޯޓުގެ ޝަރީއަތުގައި ޔާމީން ވާހަކަފުޅު ދައްކަވަނީ

ޔާމީން އެންމެ އިތުބާރުކުރެއްވި އަދި ހުރިހާ ބާރުތަކެއްހެން ދެއްވި ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ކުރެއްވި އެންމެ ބޮޑު އެއް މަސައްކަތަކީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް ރާއްޖޭގެ ރަށްރަށާއި ފަޅުތައް ވިއްކައިގެން ދައުލަތަށް ވަންނަން ޖެހޭ 80 ވަރަކަށް މިލިއަން ޑޮލަރު ވަގަށް ނެގުމެވެ. އެކަން އޭނާ ކުރެއްވީ، ގާތް ރަހުމަތްތެރިން ހިމެނޭ ކުންފުންޏެއް ކަމަށްވާ އެސްއޯއެފް މެދުވެރިކޮށެވެ. މަޖިލީހުގެ އިދިކޮޅު މެމްބަރުން ގަތުމާއި، ގާނޫނުއަސާސީ އާއި ބައެއް ގާނޫނުތަކަށް ގެނައި ބޮޑެތި އިސްލާހުތަކާއި ބަދަލުތައް، އެއްވެސް ލޮޅުމެއް ނެތި، އޮމާންކަމާ އެކު ނިންމާލެވުނީ، އެސްއޯއެފް މެދުވެރިކޮށް، ދިވެހި ރައްޔިތުންގެ 1.2 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ބަހައިގެންނެވެ.

'ހަލާލު ނޫން ފައިސާ ގެއަށް'

މި ބޮޑު ހިޔާނާތް، ސީދާ ރައީސަށް އަމާޒުކޮށް 'ފިނިފެންމާ' ލޯންޗުކޮޅުގައި އެއްޗެއް ގޮވާލުމާއި އޭގެ ތުހުމަތުގައި އަދީބު ހައްޔަރުކުރުމާ ހަމައަށް، އޮތީ ސިއްރެއްގެ ގޮތުގަ އެވެ. އެކަމަކު ޔާމީނަށް އެނގިވަޑައިގަންނަވާނެ ކަމަށް، އަދީބު އާއި އޭނާއާ އެކު ހައްޔަރުކުރި އަދި ހައްޔަރުކުރުމުގެ ކުރިން ފިލާފައިވާ އޭނާގެ ގާތް އެކުވެރިން ބުނެ އެވެ.

ޔާމީން އިންކާރުކުރައްވަ އެވެ. އެކަމަކު އެ މަނިކުފާނުގެ އެކައުންޓަށް 1 މިލިއަން ޑޮލަރު ޖަމާކުރީ، އަދީބު އިސްވެ ހުންނަވައި އެމްއެމްޕީއާރުސީގެ ތެރެއިން ވަރަށް ބޮޑު ވައްކަމެއް ހިންގާފައިވާ ކަމަށް، މުލިއާގޭގައި އޭރުގެ ޕީޕީއެމް ކޯލިޝަންގެ މަޖިލީހުގެ މެމްބަރުންނާ ބައްދަލުކުރައްވާ ވިދާޅުވެފައި އޮއްވަ އެވެ. އަދި އޭގެ ދެ އަހަރު ފަހުން، 14 އޮގަސްޓް 2017 ގައި އޮތް ޕީޕީއެމްގެ ހަފުލާއެއްގައި ވިދާޅުވެފައި ވަނީ އެ މަނިކުފާނުގެ ގެއަށް "ހަލާލު ނޫން ފައިސާ" ވަދެފައި ހުންނާނެ ކަމަށެވެ.

ކުރީގެ ރައީސް ޔާމީން މިނިވަންކުރަން ގޮވާލައި ޕީޕީއެމް އާއި ޕީއެންސީން ބޭއްވި ހިނގާލުމެއް: އެތައް ހާސް ސަޕޯޓަރުން ތިބީ ސުޕްރީމް ކޯޓުގެ ހުކުމުގެ އިންތިޒާރުގައި

"އެ ފައިސާ ވަދެފައި ވަނީ ފޮށިފޮށީގައި ހަމައެކަނި ދޫވެއްސަކަށް ނޫން،" ޔާމީން އެ ރޭ ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހަށް އޭރު ކޮންމެހެން ވެސް ހޮވަން އަޅުގަނޑުމެން ބޭނުންވި ބޭފުޅުންނަށް ހަރަދުކޮށްފައި ހުންނާނީ އަހުމަދު އަދީބު. އެހެންވީމަ އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ޝައްކެއް ނެތް ގޮތުގައި ހަލާލެއް ނޫން. މި ދެންނެވި މެންބަރުން ވެސް މިކަން ގަބޫލުކުރެވޭ ނަމަ އަވަހަށް މަގާމުން ދުރަށް ވަޑައިގަންނަވާ."

އެގޮތަށް އެ މަނިކުފާނު ވާހަކަފުޅު ދެއްކެވީ، ޕީޕީއެމް ކޯލިޝަންގެ 12 މެމްބަރަކު ޕާޓީން ވަކިވެވަޑައިގެން، އިދިކޮޅާ ގުޅުމުން، އެކަމަށް ރައްދުދެއްވަމުންނެވެ. މެމްބަރުން ހޮވަން، ޕީޕީއެމްގެ ފަރާތުން އަދީބު ހޭދަކުރެއްވި ފައިސާއަކީ ވެސް، އެމްއެމްޕީއާރުސީގެ ފައިސާއަށް ވާނެކަމުގެ އިޝާރާތްކުރައްވަމުންނެވެ.

ސިނަމާލެ ބްރިޖް، އެންމެ ތިން އަހަރުގެ ތެރޭގައި ނިންމައި، އޭގެ ކުރިން މާލޭ ރައްޔިތުންނަށް އިހުސާސް ވެސް ކޮށްލެވިފައި ނުވާ ދަތުރުފަތުރުގެ ފަސޭހަ ގެނެސްދެއްވީ ޔާމީނެވެ. ގެދޮރުގެ މައްސަލައިން ދިރިއުޅުން ބުރައަކަށް ވެފައި ތިބި އެތައް ހާސް ބަޔަކަށް އަމާޒުކޮށް، '25 ބުރީގެ ހިޔާ' މަޝްރޫއުން ގާތްގަނޑަކަށް 7،000 ފްލެޓް ނަގާ ކޮޅަށް ޖެހި އެވެ. ބާވެފައި އޮތް ރާއްޖޭގެ މައި އެއާޕޯޓަށް ބިލިއަނަކަށް ވުރެ ގިނަ ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރި އެވެ.

މަރު ކޮމިޝަނަށް ހާޒިރުވެވަޑައިގަތުމަށް ފަހު ސަޕޯޓަރުންނަށް ޔާމީން ހަނާ އަޅުއްވަނީ: ޔާމީނާ ބެހޭ އެހެން ތަހުގީގުތަކެއް ވެސް ދަނީ ކުރިއަށް

ރައީސްކަމުގައި އެ މަނިކުފާނުގެ އެ ތަރައްގީ ފޮހެވޭކަށް ނެތެވެ. އެކަމަކު ހަމަ އެ ވެރިކަމުގައި ޖެހުނު ބޮޑެތި ހިޔާނާތާއި އަނިޔާވެރިކަމުގެ ލައްގަނޑު ތާރީހުން ވެސް ފޮހެވޭކަށް ނެތް މެ އެވެ. 

އަނިޔާވެރިކަމުގެ ދައުވާއެއް ނުއުފުލަ އެވެ. އެކަމަކު މިއަދު މި އޮތީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިފައި އޮތް މަނީ ލޯންޑަރިންގެ ހުކުމެއްގެ ރަނގަޅު/ނުރަނގަޅު ކަނޑައަޅާ ވަގުތު އައިސްފަ އެވެ. ޔާމީންގެ ހިމާޔަތުގައި ޕީޕީއެމްގެ އެތައް ހާސް ބަޔަކު ތިބީ ނުކުމެ އެވެ. އެ މީހުންނަށް އެ މަނިކުފާނުގެ ކުށެއް ނުފެނެ އެވެ. ސިޔާސީ ލީޑަރުން ދެކެ އާންމުން ވާ ލޯބި ކިރަނީ ހަގީގީ ތިލަފަތަކުން ނޫންކަން އެނގޭ ހެއްކެކެވެ. އެކަމަކު ރާއްޖޭގެ އެންމެ މަތީ ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގެ ހުކުމް އަންނާނީ، ހަގީގަތަށް ފެންނަން އޮތް ހެކިތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް، ބަލަން ޖެހެ އެވެ.

ފަނޑިޔާރުން ވިދާޅުވީ އެހެންނެވެ. ސުޕްރީމް ކޯޓުގެ އަޑުއެހުންތައް ނިންމާލި ދުވަހު، 5 އޮކްޓޯބަރު 2021ގައި، ޔާމީން އުޅުއްވީ ހިތާމަވެރިކަމުގެ އިހުސާސްތައް، ތިން ފަނޑިޔާރުންގެ ކުރިމަތީގައި ބަންޑުންކޮށްލައްވާށެވެ. އެކަމަކު އެ ޖަޒުބާތުގައި ފަނޑިޔާރުން ނުޖެހޭކަން، ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ދެއްކެވި އެވެ.

"ފަނޑިޔާރުން ގޮތް ނިންމުމުގައި ޝުއޫރަކަށް، އެ އަންނަ ޖަޒުބާތަކަށް ނުބަލާނަން. ގާނޫނުގައި އެ އޮންނަ ގޮތަށް އެކަން ކުރާނީ. ގާނޫނީ ނުކުތާތަކަށް އަޅުގަނޑުމެން ބަލާނީ،" ފަނޑިޔާރު މަހާޒު ވިދާޅުވި އެވެ.

އެކަމަކު މި މައްސަލާގައި ދެ ވައްތަރެއްގެ ޖަޒުބާތު ދިވެހިންގެ ތެރޭގައި އޮންނާނެ އެވެ: ލޯބިވާ ލީޑަރު ސަލާމަތްވުން ނުވަތަ ބަންދަށް ދިއުމުގެ ޖަޒުބާތެވެ. ދިވެހި ރައްޔިތުންގެ އެހާ ބޮޑު ހައްގަކަށް ހިޔާނާތްތެރިވުމުގެ ޒިންމާ ނަގަން ޖެހޭ ބަޔަކާ މެދު އިންސާފު ގާއިމްކުރެވިއްޖެތޯ ނުވަތަ ނޫންތޯ ވިސްނާ މީހުންގެ ޖަޒުބާތެވެ.

މިއަދުގެ ހުކުމް ބޮޑުވަނީ އެ ހުރިހާ ގޮތަކުންނެވެ.

ފަހަރެއްގައި އެއީ ރައީސެއްގެ ސިޔާސީ ކުރިމަގު މުޅިން ކަހަލަ ގޮތަކަށް ބަންދުވެ، އެ މަނިކުފާނުގެ އަމިއްލަ ބަސްފުޅުން ނަމަ "ރިޔާސީ އުއްމީދަށް، ރިޔާސީ އިންތިޚާބަށް ނޫނީ ރައީސްކަމަށް ނޫނީ ރިޔާސީ ޒައާމަތަކަށް އަޅުގަނޑު ކުރާ އުއްމީދު[ގައި] މޮހޮރުޖެހި، ކަފުންކުރެވި" ނިމޭ ދުވަހެވެ. 

ނުވަތަ ކުށް ސާބިތުނުވެ، އަލުން ޕީޕީއެމްގެ ސަޕޯޓަރުންގެ ކުރިމައްޗަށް ނުކުމެވަޑައިގަތުމުގެ ފުރުސަތު ހުޅުވުމެވެ.

އެއިން ކޮންމެ ގޮތަކަށް ހުކުމް އަޔަސް، ރާއްޖޭގެ ތާރީހުގައި މިއީ އަނެއްކާވެސް ބޮޑު ދުވަހެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް