Majlis 2024

ޔާމީން ވަކީލުންނާ އެކު ސުޕްރީމް ކޯޓުން މިއަދު ނުކުމެ ވަޑައިގަންނަވަނީ: އެ މަނިކުފާނު ފައިސާއާ މެދު އަމަލުކުރި ގޮތާ މެދު ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ސުވާލު އުފައްދާފައި (ދައުރު ފޮޓޯ/އަނަމް އަޒްމީލް)

ފައިސާއާ މެދު ޔާމީން އަމަލުކުރީ ވެރިޔަކު ކަންކުރަންވާނެ ގޮތަކަށް ނޫން: ސުޕްރީމް ކޯޓު

ކޯޓުން ބުނީ އެމަނިކުފާނު އަމަލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާއަށް ބެލުމެއްނެތި ގާނޫނުގެ ވެރިކަން ކުރިއަށް ނެރުމުގެ ބަދަލުގައި އަމިއްލަ މަންފާ އިސްކުރައްވައިގެން ކަމަށް
30 ނޮވެމްބަރު 2021
1

އެސްއޯއެފް ކުންފުނިން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވެ، އަދި އެ ފައިސާގެ ހަގީގަތާ މެދު ސުވާލުއުފެދިފައި ވަނިކޮށް އެ ފައިސާ އިންވެސްޓްކޮށް އެމަނިކުފާނު އަމަލުކުރެއްވީ، ރައީސަކު އަމަލުކޮށްގެން ވާނެ ގޮތަކަށް ނޫން ކަމަށް ސުޕްރީމް ކޯޓުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ގއ. ވޮޑަމުލާ ކުއްޔަށް ދީގެން އިކުއިޒިޝަން ކޯސްޓްގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ އެހެން އެކައުންޓަކަށް ޖަމާކޮށް، އަސްލު އޮޅުވާލައި ފައިސާ ލޯންޑާ ކުރިކަން ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ 28 ނޮވެމްބަރު 2019 ގަ އެވެ. އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ ޔާމީން ފަސް އަހަރަށް ޖަލަށް ލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ.

ޖަލު ހުކުމް ބާތިލް - ނަމަވެސް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމް ސުޕްރީމް ކޯޓުން މިއަދު ވަނީ ބާތިލްކޮށްފަ އެވެ. ސުޕްރީމް ކޯޓުގެ ހުކުމާއެކު ޔާމީން މިއަދު މިނިވަންވި ނަމަވެސް، އެ ފައިސާގެ އަސްލު ހޯދައި، އެއީ ދައުލަތަށް ލިބެންޖެހޭ ފައިސާއަކަށް ވާނަމަ އެ ފައިސާ ހޯދުމުގެ ހައްގު ދައުލަތަށް ލިބިގެންވާކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ.

ތަފްސީލް - އެ މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ބުނީ، ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރުގެ އަސްލު އަދިވެސް ނޭނގޭ ކަމަށެވެ. އެ މައްސަލައިގައި މަނީ ލޯންޑާކުރިކަން ޔާމީންގެ މައްޗަށް ސާބިތުނުވި ނަމަވެސް، އެ ފައިސާއާ މެދު ޔާމީން އަމަލުކުރެއްވި ގޮތް ގޯސް ކަމަށް ވެސް ހުކުމްގައި ބުންޏެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގެ ރެކޯޑިން

ހުކުމް އިއްވަމުން މައްސަލައިގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ އެސްއޯއެފް ކުންފުންޏަކީ ޔާމީން ދަންނަ ކުންފުންޏެއް ނޫން ކަމަށް ވިދާޅުވި ނަމަވެސް، އެ ކުންފުނިން ޖަމާވި ފައިސާ އިންވެސްޓްކުރައްވާފައިވާ ކަމަށެވެ. އަދި ފައިސާ އިންވެސްޓްކުރެއްވީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ދިން ފައިސާއެއް ކަމަށް ގަބޫލުކުރައްވައިގެން ކަމަށް ޔާމީން ވިދާޅުވި ނަމަވެސް، އެއީ އެ ފައިސާއާ މެދު ކަންތައް ކުރަން ޖެހޭނެ ގޮތް ނޫންކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

"އެހެނީ މި ފައިސާއިން އިންވެސްޓްކުރި އިރު، އެ ފައިސާގެ ހަގީގަތާ މެދު ވަނީ ސުވާލު އުފެދިފައި،" ފަނޑިޔާރު ވިދާޅުވި އެވެ.

"އެ ފައިސާއާ މެދު ދައުލަތުގެ އިދާރާތަކުން ތަހުގީގު ކުރާކަން އެނގި ހުރެ ފައިސާ އިންވެސްޓް ކުރުމަކީ ތަހުގީގު އިދާރާތަކުން ގާނޫނީ އިމުގެ ތެރެއިން ކުރާ ތަހުގީގުތަކަށާ ބަލާ ބެލުންތަކަށް ފަރުވާލެއް ނުބަހައްޓާ ދައުލަތުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާއަށް ބެލުމެއްނެތި ގާނޫނުގެ ވެރިކަން ކުރިއަށް ނެރުމުގެ ބަދަލުގައި ތިމާގެ އަމިއްލަ މަންފާ އިސްކުރުމުގެ އަމަލެއް ކަމުގައި ބެލެވޭ އަމަލެއް." 

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބެއްލެވި ބެންޗު މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި.

ފަނޑިޔާރު ވިދާޅުވީ އެ ފައިސާގެ އަސްލު ހޯދައި، ދައުލަތަށް ލިބޭ ފައިސާއެއް ނަމަ އެ ފައިސާ ހޯދުމުގެ ފުރުސަތު ދައުލަތަށް އަދިވެސް އޮތް ކަމަށެވެ. އެކަމަކު އެއީ އެއް ކުށަކަށް ދެ ފަހަރަށް އަދަބު ދެވިގެން ނުވާނެ ކަމަށް ބުނެ ގާނޫނުއަސާސީގެ 60 ވަނަ މާއްދާއިން ދިވެހި ރައްޔިތުންނަށް ލިބިދޭ ހައްގުން ޔާމީނަށް އުނިކަމެއް ނާންނާނެ ގޮތަށެވެ. މާނައަކީ އެސްއޯއެފުން ޖަމާކުރި އެ 1 މިލިއަން ޑޮލަރުގެ މައްސަލާގައި އަލުން މަނީ ލޯންޑަރިންގެ ތަހުގީގެއް ހިންގުމުގެ ޖާގައެއް ނެތުމާއި އެފަދަ ދައުވާއެއް ކުރުމުގެ ފުރުސަތު ވެސް ނެތުމެވެ.

ޔާމީންގެ ދިފާއު - މީގެ ކުރިން ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމެއްގައި ޔާމީން ވިދާޅުވީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި ފައިސާއާ މެދު، ތަހުގީގީ އިދާރާތަކުން ސުވާލުއުފައްދަމުން ދިޔަ ދުވަސްކޮޅެއްގައި އެ ފައިސާ އިންވެސްޓްކުރުމަކީ އިއްތިފާގެއް ކަމަށެވެ. އަދި އެއީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅުން ހުރި ފައިސާއެއް ކަމަށް އެއްވެސް އިދާރާއަކުން އިޝާރާތެއް ކޮށްލި ނަމަވެސް ފައިސާ ބޭނުން ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން -

ކޮމެންޓް (1)

ބެއްޔާގެ ދަރި

30 ނޮވެމްބަރު 2021
ބަލަ ރައީސްކަމުގައި ހުރެ އެއްވެސް ބާވަތެއްގެ ވިޔަފަރިއެއް ކުރުން މަނާ. ހަދިޔާ ގަބޫލުކުރުން މަނާ. ކޮބާ އެ ކުއްތައް؟
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް