ކުރީގެ ރައީސް، އަބްދުﷲ ޔާމީން އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަދައްކަވަނީ: ޖަމާވީ ގޯސް ފައިސާ ކަމަށް ޝައްކުވި ނަމަވެސް، އެ ފައިސާގައި އަތްނުލައްވާނެ ކަމަށް ވިދާޅުވި،

ފައިސާއާ މެދު ސުވާލު ކުރަމުން ދަނިކޮށް އިންވެސްޓްކުރެވުނީ އިއްތިފާގަކުން: ޔާމީން

ރައީސް ޔާމީން ވިދާޅުވީ، އެއީ ހިޔާނާތުގެ ފައިސާ ކަމަށް ބުނެ ކުޑަ އިޝާރާތެއް އެއްވެސް އިދާރާއަކުން ލިބުނު ނަމަވެސް އެ ފައިސާގައި އަތް ނުލެއްވީސް ކަމަށް
17 ސެޕްޓެމްބަރު 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް ވަދެފައިވާ ފައިސާއާ މެދު، ތަހުގީގީ އިދާރާތަކުން ސުވާލުއުފައްދަމުން ދިޔަ ދުވަސްކޮޅެއްގައި އެ ފައިސާ އިންވެސްޓްކުރުމަކީ އިއްތިފާގެއް ކަމަށާއި އެއީ އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅުން ހުރި ފައިސާއެއް ކަމަށް އެއްވެސް އިދާރާއަކުން އިޝާރާތެއް ކޮށްލި ނަމަވެސް ފައިސާ ބޭނުން ނުކުރައްވާނެ ކަމަށް އެ މަނިކުފާނު އިއްޔެ ޝަރީއަތުގައި ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އިއްޔެ ކުރިއަށް ދިޔަ ޝަރީއަތުގެ މަޖިލީހުގައި ޔާމީން ވަނީ، އެ ފައިސާގެ ކަންކަން ހިނގާފައިވާ ގޮތުގެ ތަފްސީލް ސާފުކޮށްދެއްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ، އަމިއްލަ ދިފާއުގައި ދިގުކޮށް ވާހަކަ ދައްކަވައިފަ އެވެ. އަދި މަނީ ލޯންޑަރިން އާ ގުޅޭ ގޮތުން ބައިނަލްއަގުވާމީ މުޖުތަމައުން ގެން ގުޅޭ އުސޫލުތަކެއް ހުންނަ ކަމަށް ވިދާޅުވެ، އެކަމުގެ ތަފްސީލަށް ވެސް ވަޑައިގަތެވެ.

އިއްތިފާގުން އެކަން އެހެން ވެފައި އޮތީ. އެކަމު އެހެން ވެސް [އެކަން] އަޅުގަނޑު ކުރީ އަޅުގަނޑަށް އެއްވެސް ކޯޝަނެއް ނުކުރާތީ

އަބްދުﷲ ޔާމީން، ކުރީގެ ރައީސް

ކުށް ކުރަން އަދާވާތްތެރިއެއްގެ އަތުން ފައިސާ ހޯދާނެތޯ؟

ޔާމީން އިއްޔެ ވިދާޅުވީ، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތުން ހޯދަން އެދުނީ އެމަނިކުފާނުގެ އަމިއްލަ ފައިސާ ކަމަށާއި އެމްއެމްޕީއާރްސީގެ އެއްވެސް ފައިސާއެއް ހޯއްދަވަން އެއްވެސް މީހެއް ކައިރީ އެދިފައިނުވާނެ ކަމަށެވެ. އަދި އެ ފައިސާ ބޭނުންވެގެން އެސްއޯއެފްގައި އެމަނިކުފާނު އެދުނު ކަމުގެ އެއްވެސް ހެއްކެއް ދައުލަތަށް ދެއްކިފައި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑެއް އެމްއެމްޕީއާރްސީގެ ފައިސާ ހޯދާކަށް ނާހަން. އަޅުގަނޑު އެހީ ގިނަ އަދަދެއްގެ ފައިސާ ގެންގުޅޭ މީހެއް ކައިރީ، އެއީ އަހްމަދު އަދީބު. އޭނަ ކައިރީގައި އަޅުގަނޑު ބުނީ އަޅުގަނޑުގެ ފައިސާ އަޅުގަނޑަށް ރިޓާން ކުރާށޭ [އަނބުރާ ދޭށޭ]،" ޔާމީން ވިދާޅުވި އެވެ.

އެހެންކަމުން، އެ ފައިސާއަށް އެދުނު ވަގުތާ އަދި ފައިސާއަށް އެދުނު ގޮތުގެ މައްޗަށް ފަނޑިޔާރުން ރިއާޔަތްކޮށްދެއްވުމަށް ވެސް އެދިވަޑައިގަތެވެ.

ޔާމީން ވިދާޅުވީ، އެ ފައިސާ އަނބުރާ ހޯދަން ބޭނުންވީ ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލުމުގައި އެންމެ އިސްކޮށް ހުރި މީހަކީ އަދީބުކަން އެމަނިކުފާނަށް އެނގިވަޑައިގެން ހިސާބުން ކަމަށެވެ.

"ދެން އުފެދޭ ސުވާލަކީ ސަލާމަތް ބުއްދި ހުންނަ މީހަކު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުރެގެން އަޅުގަނޑުގެ އަދާވާތްތެރިއެއް ކަމަށް އެސްޓަބްލިޝްވަފައި ހުރި މީހެއް، އަދި ކޯޓު މަރުހަލާގައެއް ނޫން، އެކަމަކު ތަހުގީގަށް އެސްޓަބްލިޝްކުރެވިފައި ހުރި މީހެއް ކައިރީ، އޯޕަން ލައިނަކުން ނޫނީ އެހެން ގޮތަކުން ވެސް އަޅުގަނޑު ކުށްވެރިވާ ވަރުގެ ކަމެއް އޭނާ ކައިރިން ފުއްދަން އަޅުގަނޑު އެދޭނެތޯ؟" ޔާމީން ސުވާލުއުފެއްދެވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އެސްއޯއެފްގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު އައްލާމް ލަތީފް ވެސް އެކަމަށް ދަލީލުކޮށްދޭ ވާހަކަތަކެއް ދައްކާފައިވާ ކަމަށެވެ.

"އެއީ އޭނާ ޕޮލިސް އަށް ދީފައި އޮތް ބަޔާން. އޭގައި ވަރަށް ހިތްހަމަނުޖެހިގެންނޭ ގުޅީ، ރައީސްގެ ވަރަށް ގިނަ އަދަދެއްގެ ފައިސާ ހުރި ކަމަށް ތިމަންނައަށް ގަބޫލުކުރެވުނޭ އެވާހަކަ އަޑުއަހާފައި. އެ ފައިސާ ނުލިބިގެން ލަސްވެގެންނޭ ގުޅީ. ފޯނު ބާއްވާފައި އަހްމަދު އަދީބު ތިމަންނަ ކައިރީ ބުންޏޭ، ރައީސް ޔާމީނަށް އެއް މިލިއަން ޑޮލަރު ދޭށޭ. އެއީ މީގައި އުފެދުން އޮތް ގޮތް،" ޔާމީން ވިދާޅުވި އެވެ.

ކުރީގެ ރައީސް، އަބްދުﷲ ޔާމީން އިއްޔެގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަނީ

ގޯސް ފައިސާކަމެއް ނޭނގޭ

ޔާމީން ދެން ވިދާޅުވީ އެސްއޯއެފް އަކީ ސަރުކާރުގެ ވަރަށް ގިނަ ކުންފުނިތަކަކާ އެކު ސައްހަ، ބޮޑެތި މުއާމަލާތްތަކެއް ކުރާ ކުންފުންޏަކަށް ވުމުން، އެ ކުންފުނިން ލިބޭ ޗެކަކާ މެދު ތުހުމަތުނުކުރެވޭނެ ކަމަށެވެ.

"އަޅުގަނޑަކަށް ނޭނގޭ އޭގައި އުޅެނީ ގޯސް ފައިސާ ކަމެއް. އެހާ ބޮޑެތި ބިޒްނަސް ކުރާ ބައެއް އެއީ. އަދި އެހާތަނަށް ދިޔައިރު ވެސް އެއްވެސް ކަހަލަ ގޮތަކަށް ކޯޓު އިންޖަންކްޝަނެއް ހަދައިގެން އެސްއޯއެފްގެ ވިޔަފާރި ފްރީޒްކޮށްފައެއް، ނޫނީ ހުއްޓާލަން، މިކަހަލަ އެއްވެސް ކަމަކަށް އޭސީސީން އެދިފައެއް ނެތް،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ، އޭސީސީގެ ތަހުގީގުގެ މަގުސަދަކީ ދައުލަތަށް ގެއްލުނު އެއް މިލިއަން ޑޮލަރު ފަސޭހަކަމާ އެކު ހޯދުންކަން އޭރުގެ ރައީސް ހަސަން ލުތުފީ އާއި ނައިބު ރައީސް މުއައްވިޒު ރަޝީދު ތަހުގީގަށް ދިން ބަޔާނުން އެނގޭނެ ކަމަށާއި އެއީ ކޮން ފައިސާއެއްކަން ވިދާޅުވެފައި ނުވާނެ ކަމަށެވެ.

"ބައިނަލްއަގުވާމީ ކޮންވެންޝަންތަކުގައި އެންމެ ހާލަތެއް އޮންނަނީ، މަނީ ލޯންޑަކޮށްގެން ލިބޭ ފައިސާގެ ތެރެއިން ވަކި ސްޕެސިފިކް ފައިސާއެއް ދައުލަތުން އިމްޕައުންޑްކުރަން ޖެހޭ. އެންމެ ހާލަތެއް އޮންނަނީ. އެއީ ކައުންޓަފީޓް މަނީ،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނަކީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަން "ރެކެޓް"ގައި ހިމެނޭ މީހެއްކަން މިހާތަނަށް ދައުލަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށާއި ފައިސާގެ އަސްލު އޮޅުވާލަން އެމަނިކުފާނު ކުރެއްވި ކަމެއް ވެސް ދެއްކިފައި ނެތް ކަމަށް ވިދާޅުވި އެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި މަނީ ލޯންޑަކުރަނީ އެކި ގައުމުތަކުގެ ބޭންކުތަކަށް ފޮނުވައިގެން، އޮޅުވާލައިގެން ނަމަވެސް، ރާއްޖެ ކަހަލަ ކުޑަ އަދި ހުރިހާ ބޭންކެއް އެއް ތަނެއްގައި ހުންނަ ގައުމެއްގައި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ރާއްޖޭގައި ކޮންސީލް ވާނެ ގޮތެއް ނޯންނާނެ. ޓްރޭސް ކުރެވޭނެ، ޓްރޭސަބިލިޓީ ޕާފެކްޓްލީ އެސްޓަބްލިޝް ކުރެވޭނެ،" ޔާމީން ވިދާޅުވި އެވެ.

އިންވެސްޓުކުރި ދުވަސްވަރަކީ އިއްތިފާގެއް، ބޭނުންވީ މަންފާ ހޯދަން

އެސްއޯއެފްގެ އެއް މިލިއަން ޑޮލަރުގެ ޗެކް، ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ކަރަންޓް އެކައުންޓަކަށް ޖަމާކުރުމަށް ފަހު، ހަމަ އެ ބޭންކުގައި ހުޅުވާފައިވާ އިންވެސްޓްމަންޓް އެކައުންޓަކަށް ވަނީ ޓްރާންސްފާކޮށްފަ އެވެ. އެގޮތަށް އެކަން ކުރީ، އެ ފައިސާ އަކީ ހިޔާނާތުގެ ފައިސާ ކަމަށް، އޭސީސީން އެއްވެސް ވަރެއްގެ އިޝާރާތެއްކޮށްފައި ނެތުމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.  

"އަޅުގަނޑު ބޭނުންވީ އަޅުގަނޑުގެ ފައިސާ، ފުދޭވަރަކަށް އަޅުގަނޑުގެ އަތުގައި ދިވެހި ރުފިޔާ، އަޅުގަނޑުގެ ސިޔާސީ މަސައްކަތަށް ލިބިފައި ހުރީމާ، އެ ފައިސާ ޑޮލަރަށް ހަދާފައި ރަނގަޅު އިންޓްރެސްޓް ރޭޓެއް ލިބޭ އެކައުންޓެއްގައި ބަހައްޓަން ބޭނުންވީ،" ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ، އެއްް ބޭންކެއްގައި ހަދާފައިވާ އެމަނިކުފާނުގެ ދެ އެކައުންޓެއްގެ ދެމެދުގައި ފައިސާ ޓްރާންސްފާ ކުރުމަކީ މަނީ ލޯންޑަރިން ނޫން ކަމަށެވެ. އަދި ފައިސާ ޓްރާންސްފާ ކުރި އިރު، ފައިސާގެ އަސްލު އޮޅުވާލަން އެ ފައިސާ އެކައުންޓުން ނަގައި އަލުން ޖަމާކޮށް، އެފަދަ އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމަނިކުފާނުގެ ވާހަކައާ ގުޅިގެން، މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ވަނީ ފައިސާ އިންވެސްޓްކުރަން އެ ތާރީހު ހިޔާރުކުރެއްވި ސަބަބާ ގުޅޭ ގޮތުން ސުވާލުކުރައްވައިފަ އެވެ. 

ޔާމީން އެ ފައިސާ އިންވެސްޓްކުރެއްވީ، ފައިސާއާ މެދު ތަހުގީގީ އިދާރާއިން ސުވާލުއުފައްދަމުން ދަނިކޮށެވެ.

ޔާމީން ވިދާޅުވީ، ފައިސާ އިންވެސްޓްކުރީ އިސްލާމިކް ބޭންކާ އެކު ނެގޯޝިއޭޓްކުރަން ފެށިތާ ދެ މަސް ފަހުން ކަމަށެވެ. އަދި އެ މަޝްވަރާތައް ފެއްޓެވި އިރު، އެއް މިލިއަން ޑޮލަރާ ގުޅޭ ގޮތުން އޭސީސީން އެއްވެސް ވާހަކައެއް ދައްކާފައި ނުވާ ކަމަށާއި އެމަނިކުފާނުގެ ބަޔާން ވެސް ނަގާފައި ނުވާ ކަމަށް ވިދާޅުވި އެވެ. އަދި ފައިސާ އިންވެސްޓްކުރީ އެންމެ ރަނގަޅު ރޭޓް ލިބެން އޮތް ދުވަސްވަރު ކަމަށާއި އިންވެސްޓްމަންޓްގެ ކަންކަން ހަގީގަތުގައި ކުރިއަށް ދިޔައީ އެ ދުވަސްވަރު ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

"އިއްތިފާގުން އެކަން އެހެން ވެފައި އޮތީ. އެކަމު އެހެން ވެސް [އެކަން] އަޅުގަނޑު ކުރީ އަޅުގަނޑަށް އެއްވެސް ކޯޝަނެއް ނުކުރާތީ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ، އެސްއޯއެފްގެ ޗެކެއް އެމަނިކުފާނުގެ އެކައުންޓަށް ވަދެފައިވާ ކަމަށް ލުތުފީ ވިދާޅުވި ދުވަހު، އެހެން ވަރަށް ގިނަ އެކައުންޓްތަކަކަށް ވެސް އެ ކުންފުނީގެ ފައިސާ ވަދެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި ކަމަށެވެ. އެ ތަންތަނުގެ މައުލޫމާތު ސާފުކުރަމުންދާ ކަމަށް ލުތުފީ ވިދާޅުވި ނަމަވެސް، ތަހުގީގީ އެއްވެސް ސުވާލެއް ނުކުރައްވާ ކަމަށް ޔާމީން ވިދާޅުވި އެވެ.

އެ ފައިސާގައި އަތް ނުލުމަށް އޭރު ވެސް އޭސީސީން ނާންގާ ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވި އެވެ. އެ ފައިސާގައި އަތް ނުލުމަށް ރަސްމީކޮށް އެންގީ 2018 ވަނަ އަހަރު ކަމަށާއި އިންވެސްޓްމަންޓް އެކައުންޓަށް ފައިސާ ޓްރާންސްފާ ކުރީ 2017ގައި ކަމަށް ވެސް އެމަނިކުފާނު އިއްޔެ ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑަށް އެއްވެސް ކަހަލަ ކޯޝަން އެއް ނުކުރާ ކަމަށް ވަންޏާ، އަޅުގަނޑު އަތުގައި ހުރި ފައިސާއަށް ރަނގަޅު ރިޓާނެއް ހޯދަން އަޅުގަނޑު މަސައްކަތް ނުކުރާންވީ ސަބަބެއް އަޅުގަނޑަކަށް ނުވިސްނޭ. އެއްވެސް ވަރަކަށް ކޯޝަން ކުރެއްވި ނަމަކަ އެހެނެއް ނުވީސް،" ޔާމީން ވިދާޅުވި އެވެ.

"އެންމެ ފަހަރަކު ވެސް ލުތުފީ ވިދާޅެއް ނުވޭ އަޅުގަނޑު ކައިރީ އެސްއޯއެފް އިން ރައީސް ޔާމީނަށް ވަދެފައި ވަނީ އެސްއޯއެފް އަށް އެމްއެމްޕީއާރްސީން ވަތް ފައިސާ އެކޭ. އެންމެ ފަހަރަ ކުވެސް ވިދާޅެއް ނުވޭ. އެމްއެމްޕީއާރްސީގެ ލަފުޒު ގެންނެވި ނަމަވެސް އަޅުގަނޑަށް ކޮންމެސް ވަރަކަށް ކޯޝަން ވާނެ. އެސްއޯއެފްގެ ޗެކެއް ވަދެފައި އޮތުމުން އަޅުގަނޑަކަށް އެއަކުން ގޯހެއް އުޅޭ ކަމަށް ނުވިސްނޭނެ،" ޔާމީން ވިދާޅުވި އެވެ.

ފަނޑިޔާރުގެ ބަސް - ޔާމީންގެ ވާހަކަތަކާ ގުޅިގެން ފަނޑިޔާރު މަހާޒް އަލީ ވިދާޅުވީ، ގިނަ ސުވާލުތަކެއް އެބަހުރި ކަމަށާއި ނަމަވެސް އެ ސުވާލުތައް ކުރައްވާނީ ދެ ފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހުގައި ކަމަށެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް