ޔާމީންގެ މައްސަލައިގައި ސުޕްރީމް ކޯޓުގައި މިއަދު ކުރިއަށް ދާ ޝަރީއަތުގެ މަޖިލިސް.

ޔާމީންގެ އިސްތިއުނާފު: އާ ހެކިތަކުގެ ލިސްޓު ހުށަހަޅަން ފުރުސަތު ދީފި

ރިޔާސަތުން ފަނޑިޔާރު މަހާޒު ވިދާޅުވީ، އެއްވެސް ކަމެއް އަތުން ދޫނުކޮށް، ވަރަށް ސަމާލުކަމާއެކު ހުރިހާ ކަމަކަށް ބަލައިގެން މައްސަލައިގައި ގޮތެއް ނިންމަން ބޭނުންވާ ކަމަށް
16 ސެޕްޓެމްބަރު 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ 5 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލައިގައި ދެ ފަރާތުން ވެސް ހުށަހަޅަން ބޭނުން އާ ހެކިތައް ވަކިން ލިސްޓުކޮށް، ހުށަހަޅަން ސުޕްރީމް ކޯޓުން މިއަދު ފުރުސަތު ދީފި އެވެ.

ވީ ކިހިނެއް؟ - ޔާމީންގެ ފަރާތުންނާއި ދައުލަތުން ވެސް ވަނީ އާ ހެކިތަކެއް ހުށަހަޅަން ބޭނުންވާ ކަމަށް ބުނެފަ އެވެ. ނަމަވެސް، މި މަހު 12 ގައި އޮތް ޝަރީއަތުގެ އަޑުއެހުމުގައި ބެންޗުން ނިންމީ އެއީ މި މަރުހަލާގައި ނަގައި ރިއާޔަތް ކުރެވިދާނެ ހެކިތަކެއްތޯ ބެލުމަށްފަހު ހެކިބަސް ނަގަންޖެހޭ ނަމަ ނެގުމަށެވެ.

ބުނީ ކީކޭ؟ - އެ މައްސަލައިގައި މިހާރު ކުރިއަށްދާ އަޑުއެހުމުގައި، ސުޕްރީމް ކޯޓުގައި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒު އަލީ ވިދާޅުވީ:

  • ޔާމީންގެ ފަރާތުން އިސްތިއުނާފީ ނުކުތާތައް ހުށަހަޅާއިރު، ދަށު ކޯޓަށް ހުށަހަޅާފައި ނުވާ އަދި ދަށު ކޯޓު މަރުހަލާގައި ހާމަކޮށްފައި ނުވާ އެހެން ނަމަވެސް މައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ ބައެއް ހެކިތައް ފާހަގަވަމުން އަންނަ ކަމަށް

ތަފްސީލް - ދެ ފަރާތުން ވެސް ސުޕްރީމް ކޯޓަށް ހުށަހަޅަން ބޭނުންވާ އާ ލިޔެކިޔުންތަކާއި ހެކިތަކުގެ ލިސްޓެއް ވަކިން ހަދައި އެ ހެކިތަކާ ގުޅޭ އިސްތިއުނާފީ ނުކުތާއަކީ ކޮބައިކަން އެނގޭނެހެން ކުރުކޮށް ނޯޓުކުރުމަށް ފަހު ޝަރީއަތަށް ހުށަހަޅަން ފަނޑިޔާރު ވަނީ އަންގަވާފަ އެވެ. އެ ލިސްޓު ހުށަހެޅުމުގެ ފުރުސަތު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށެވެ.

އެނގުން މުހިންމު - އިސްތިއުނާފީ މަރުހަލާގައި އާ ހެކިތަކާއި ގާނޫނީ ނުކުތާތައް ހުށަހަޅަން ފުރުސަތު ދެނީ ވަރަށް މަދު ހާލަތެއްގަ އެވެ.

ފަނޑިޔާރު މަހާޒް ވިދާޅުވީ:

  • އިސްތިއުނާފީ ނުކުތާތަކާއި ޖަވާބުތައް ހުށަހެޅުމަށް ފަހު އަޑުއެހުންތައް ނިންމާލުމުގެ ކުރިން، އާ ހެކިތައް ބަލައިގަތުމާ މެދު ވާހަކަދެއްކުމުގެ ފުރުސަތު ދެއްވާނެ ކަމަށް 

  • ހެކިތައް ބަލައިގަންނަ ކަމަށް ވާނަމަ، އެ ހެކިތަކަށް ދޭންޖެހޭ ބުރަދަން ދިނުމަށް ފަހު މައްސަލައިގައި ކުރިއަށް ވަޑައިގަންނަވާނެ ކަމަށްް

  • ބޭނުމަކީ، ވީހާ ވެސް ތަރުތީބުން، އެއްވެސް ކަމެއް އަތުން ދޫނުކޮށް، ވަރަށް ސަމާލުކަމާއެކު ހުރިހާ ކަމަކަށް ބަލައިގެން މި މައްސަލައިގައި ގޮތެއް ނިންމަން ކަމަށް

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް