ރައީސް ޔާމީންގެ ޝަރީއަތުގައި ދިފާއީ ވަކީލް ޖަމީލް ވާހަކަ ދައްކަވަނީ
ޔާމީންގެ އިސްތިއުނާފު: ދެ ފަރާތުން ވެސް އާ ހެކި ހުށަހަޅައިފި
ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މިއަދު ސުޕްރީމް ކޯޓުގައި ފެށިއިރު، އެމަނިކުފާނުގެ ފަރާތުންނާއި ދައުލަތުން ވެސް އާ ހެކިތަކެއް ހުށަހަޅަން އެދިއްޖެ އެވެ.
މައްސަލައިގެ ފެށުން - އެމްއެމްޕީއާރުސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީލޯންޑްރިންގެ ދައުވާ ސާބިތުވެ، އެމަނިކުފާނު ފަސް އަހަރަށް ޖަލަށް ލުމާ އެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އެމަނިކުފާނުގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.
-
ކުރިމިނަލް ކޯޓުގެ ހުކުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފައި
-
ހައިކޯޓު ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އަޑުއެހުންތައް މިއަދު ވަނީ ފަށާފައި
ތަފްސީލް - މިއަދުގެ އަޑުއެހުން ނިންމާލަމުން، ސުޕްރީމް ކޯޓުގައި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒު އަލީ ވިދާޅުވީ، ދެ ފަރާތުން ވެސް އާ ހެކިތަކެއް ހުށަހަޅަން ބޭނުންވާކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް ބެންޗުން ނިންމީ އެއީ މި މަރުހަލާގައި ނަގައި ރިއާޔަތް ކުރެވިދާނެ ހެކިތަކެއްތޯ ބެލުމަށްފަހު ހެކިބަސް ނަގަން ޖެހޭނަމަ ނެގުމަށެވެ.
-
ހެކިތައް ބަލައިގަތުމާ މެދު ގޮތެއް ނިންމާނީ ދެ ފަރާތުން ވާހަކަ ދެއްކެމަށް ފަހު ކަމަށް ފަނޑިޔާރު ވިދާޅުވި
އިސްތިއުނާފަށް 22 ހުށަހެޅުމެއް
މިއަދުގެ އަޑުއެހުމުގައި އޮތީ ރައީސް ޔާމީންގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކާ ގުޅޭގޮތުން ވާހަކަދެއްކުމެވެ. އެމަނިކުފާނުގެ ފަރާތުން ޖުމްލަ 22 އިސްތިއުނާފީ ނުކުތާ ހުށަހެޅި ނަމަވެސް، މިއަދު ޝަރީއަތުގެ މަޖިލީހުގައި ހުށަހެޅީ ހަތް ނުކުތާ އެވެ. އެއީ:
-
ތަހުގީގުގައި ސުވާލުކޮށްފައި ނުވާ ކުށަކަށް ދައުވާކުރުން
-
ދައުވާ ފުރިހަމަ ނުވުން (ކުށުގެ އަމަލު ކުރި ތަނާއި ވަގުތު ސާފުނުވުން)
-
ގާނޫނުއަސާސީން ލިބިދީފައިވާ ތަފާތު ނުކުރުމާއި ހަމަހަމަކަމުގެ މާއްދާ ހިލާފަށް އަމަލުކޮށްފައިވުން
-
ކްރިމިނަލް ކޯޓުގައި ޝަރީއަތް ހިންގީ ދައުވާއާ ގުޅޭ މުހިންމު ލިޔުންތަކެއް ނުދީކަމަށް
-
މައްސަލަ ކުރިއަށް ގެންދިޔަ އިރު ދައުވާ ސާފު ނުވޭ
-
ކުށް ސާބިތުވާކަމަށް ކަނޑައެޅި އިރު ކުށުގެ އަމަލާ ނަތީޖާއާ ގުޅުމެއް ނެތް
-
ކްރިމިނަލް ކޯޓުގައި ޝަރީއަތް ގެންދިޔައީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތަށް ތާވަލުނުކޮށް
އެނގުން މުހިންމު - އެ މައްސަލައިގައި މާދަމާ ވެސް އަޑުއެހުމެއް އޮންނާނެ އެވެ. ދެން ވެސް އޮންނާނީ ޔާމީންގެ ފަރާތުން އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމެވެ. މިއަދުގެ އަޑުއެހުމުގައި ޔާމީންގެ ފަރާތުން ވަނީ މުހިންމު ދެ ކަމެއް ވެސް ހުށަހަޅުއްވައިފަ އެވެ. އެއީ:
-
ކަފާލާތުގެ ދަށުން މިނިވަންކޮށްދިނުން
-
ކްރިމިނަލް ކޯޓުގެ ހުކުމް ތަންފީޒުކުރުން މަޑުޖައްސާލުމުގެ އަމުރެއް ނެރެދިނުމަށް
އިތުރަށް ކިޔާލަން - ކަފާލާތުގެ ދަށުން ޔާމީން މިނިވަންކުރަން ސުޕްރީމް ކޯޓުގައި އެދިއްޖެ