ސުޕްރީމް ކޯޓުގައި އޮތް އިސްތިއުނާފު އަޑުއެހުމަކަށް ފަހު ޔާމީން އެނބުރި ގެއަށް ވަޑައިގަންނަވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އުނަގަނޑުގައި ރިއްސާތީ ޝަރީއަތުގެ ވަގުތު ކުރުކޮށްދޭން ޔާމީން އެދިވަޑައިގެންފި

ޔާމީން އެދިވަޑައިގަތީ ދުވާލަކު 3 ގަޑިއިރުގެ އެއް ސެޝަން ކުރިއަށް ގެންދަން
16 ސެޕްޓެމްބަރު 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އުނަގަނޑުގެ މައްސަލަތަކެއް ހުންނާތީ ޝަރީއަތުގެ މަޖިލީހުގައި ގިނައިރު އިށީނދެ އިންނަން ދަތިވާ ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދާ އަޑުއެހުންތައް ކުރުކޮށްލައިދިނުމަށް އެ މަނިކުފާނު މިއަދު އެދިވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - މިހާރު ސުޕްރީމް ކޯޓުގައި ކުރިއަށް ދަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 1 މިލިއަން ޑޮލަރު ލޯންޑާކުރި ކަމުގެ ތުހުމަތުގައި ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެ، އެ މަނިކުފާނު 5 އަހަރަށް ޖަލަށް ލުމާ އެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމްގެ އިސްތިއުނާފު އަޑުއެހުންތަކެވެ.

މައްސަލައިގެ މިއަދުގެ ތާވަލް:

ފުރަތަމަ ސެޝަން - ހެނދުނު 9 އިން މެންދުރު 12 އަށް

ދެވަނަ ސެޝަން - މެންދުރު 1:30 އިން މެންދުރުފަހު 3 އަށް

ތަފްސީލް - މިއަދުގެ ޝަރީއަތް ފައްޓަވަމުން، ސުޕްރީމް ކޯޓުގައި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒު އަލީ ވަނީ މައްސަލަ ތާވަލުކޮށްފައިވާ ގޮތް ވިދާޅުވެދެއްވައިފަ އެވެ. ނަމަވެސް ޔާމީން ވަނީ ތަންކޮޅެއް ލުއި ގޮތަކަށް މައްސަލަ ތާވަލުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

ޔާމީންގެ ހުށަހެޅުން - ޔާމީން ވިދާޅުވީ، އުނަގަނޑުގެ ވަރަށް ބޮޑު މައްސަލައެއް ހުންނަ ކަމަށާއި އެހެންވެ ގިނައިރު އިށީނދެ އިންނަން ދަތިވާ ކަމަށެވެ. އެހެންކަމުން، ކޮންމެ ދުވަހަކު 5 ވަރަކަށް ގަޑިއިރު، ޝަރީއަތުގައި އިންނަން އުނދަގޫ ކަމަށް ވިދާޅުވި އެވެ.

"އެހެންވީމަ ކޮންމެވެސް ގޮތަކަށް މި ކަންކަމަށް ރިއާޔަތްކޮށްދެއްވުމަށް އެދެން،" އެ މަނިކުފާނު ވިދާޅުވި އެވެ.

ޔާމީނުގެ ކަންބޮޑުވުމާ ގުޅިގެން، ރިޔާސަތުން ވަނީ އެ މަނިކުފާނު އެދިވަޑައިގަންނަވާ ވަކި ގޮތެއް އޮތްތޯ ސާފުކުރައްވައިފަ އެވެ.

"އަޅުގަނޑު އެދެނީ ދުވާލަކު އެއް ސެޝަން. ދެން ސެޝަނެއް 3 ގަޑިއިރަށް ވުރެ ގިނަވެގެން ދާ ކަމަށް ވާނަމަ، މި ދެންނެވި ތަކުލީފު އަޅުގަނޑު އުފުލަންޖެހޭ ވާހަކަ ދަންނަވަން،" އެ ސުވާލަށް ޖަވާބުދެއްވަމުން ޔާމީން ވިދާޅުވި އެވެ.

ކޯޓުގެ ނިންމުން - ޝަރީއަތް މެދުކަނޑާލުމަށްފަހު އަލުން ފަށައި ފަނޑިޔާރު މަހާޒް އަލީ އެދިވަޑައިގަތީ:

  • ޔާމީންގެ ސިއްހީ ހާލަތާ ގުޅޭ ލިޔުންތަކާއި އަޑުއެހުންތައް ތާވަލުކުރަން އެދޭ ގޮތް ލިޔުމުން ހުށަހެޅުމަށް 

  • ފަނޑިޔާރު ވިދާޅުވީ އޭރުން އެކަމުގައި ގޮތެއް ނިންމަވާނެ ކަމަށް

  • ތާވަލާ އެއްގޮތަށް 3 ޖަހާއިރު މިއަދުގެ ޝަރީއަތުގެ މަޖިލިސް ނިންމާލާނެ ކަމަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް