ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒެއިން ނޫސްވެރިންގެ ބައްދަލުވުމެއްގައި: މިއަދު ވަނީ މަގާމުން އިސްތިއުފާ ދީފައި

އަލީ ސުޒެއިން

މައާފަށް އެދެމުން ސުޒެއިން ގައުމީ ކޯޗުގެ މަގާމުން އިސްތިއުފާ ދީފި

އަލީ ސުޒޭންގެ ނިންމުން މިއައީ މިއަދު އޮސްޓްރޭލިޔާގައި ޓިމޯ-ލެސްޓޭއާ ދެކޮޅަަށް ކުޅުނު މެޗުން 1-0 އިން ބަލިވުމާ އެކު. އެ މެޗުގައި ރާއްޖެއިން ދެއްކީ ދަށް ކުޅުމެއް ކަމަށް އޭނާ އެއްބަސްވި
10 ޖޫން 2025

މިއަދު އޮސްޓްރޭލިޔާގައި ޓިމޯ-ލެސްޓޭއާ ދެކޮޅަށް ކުޅުނު އޭޝިއަން ކަޕް ކޮލިފިކޭޝަންގެ މެޗުން ބަލިވުމާ އެކު ގައުމީ ކޯޗުގެ މަގާމުން އަލީ ސުޒެއިން އިސްތިއުފާ ދީފި އެވެ.

މިއަދު ރާއްޖެއިން ދެއްކީ "ވަރަށް ދަށް ނަތީޖާއެއް ކަމަށް ގަބޫލުކުރަމުން" ސުޒެއިން ވަނީ އެކަމަށް މައާފަށް ވެސް އެދިފަ އެވެ.

ގްރޫޕް އޭގެ ދެވަނަ މެޗުގައި ރާއްޖެ އަތުން ކުރީގެ އީސްޓް ޓީމޯ މޮޅުވީ ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ޖެހި ހަމައެކަނި ލަނޑުން 1-0 އިންނެވެ. އެކަމަކު ފީފާގެ ރޭންކިންގައި ރާއްޖެއަށް ވުރެ ދަށުގައި އުޅޭ ޓިމޯ-ލެސްޓޭގެ ގޯލަށް ރާއްޖެއިން މާ ބޮޑު ނުރައްކަލެއް ނުކުރެވުނެވެ. އޭގެ ބަދަލުގައި ހުސް ގިނަ ފުރުސަތުތައް ވެސް ހޯދީ ޓިމޯ-ލެސްޓޭ އިންނެވެ.

އެ މެޗަށް ފަހު ފޭސްބުކްގައި ސުޒެއިން ވަނީ އޭނާގެ ނިންމުން ހާމަކޮށްފަ އެވެ. އޭނާ ބުނީ ނަތީޖާއަކީ ވަރަށް ދަށް ނަތީޖާއެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ދިވެހި ފުޓްބޯޅައިގެ އާއިލާގެ ފަރާތުން ނިހާޔަތަށް މައާފަށް އެދެމެވެ،" ގްރޫޕް އޭގެ ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ފިލިޕީންސް އަތުން 4-1 އިން ބަލިވި އިރު ވެސް ކޯޗުގެ ޒިންމާ ނެގި ސުޒެއިން ބުންޏެވެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ފުރަތަމަ ދިވެހި ކޯޗުގެ ޒިންމާ 2021ގެ ސާފް ޗެމްޕިއަންޝިޕްގައި ނެގި ސުޒެއިން ބުނި ގޮތުގައި ރާއްޖޭގެ ފުޓްބޯޅަ މިހާރު އޮތް ހާލަތުގައި ވެސް މި ޓީމާ އެކު މަސައްކަތްކުރަން ލިބުމަކީ ޝަރަފަކާއި އުފަލެކެވެ.

"އަޅުގަނޑު މި މަސައްކަތާ ހަވާލުވި ދުވަހުން ފެށިގެން އެއްބާރުލުންދިން ހުރިހާ ކުޅުންތެރިންނާއި އެހީތެރިވެދެއްވި އެންމެހާ އޮފިޝަލުންނާއި މެނޭޖްމަންޓަށް ހިތުގެ ލޯތްބާއި އިހުތިރާމް،" ސުޒެއިންގެ ޕޯސްޓްގައި ލިއުނެވެ.

އޭނާ ވަނީ ދެން ގައުމީ ޓީމާ ހަވާލުވާ ބަޔަކަށް ވެސް އޭނާގެ ހެޔޮ ދުއާ އާއި ހެޔޮ އެދުން އޮންނާނެ ކަމަށް ބުނެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް