ރާއްޖޭގައި 2021ގައި ބޭއްވި އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހިލޭ ޖެހުމެއް އިންޑިއާގެ ކީޕަރު ގުރުޕްރީތު ސިންގް ސަންދޫ މަތަކުރަނީ: އަންނަ ބުދަދުވަހު އިންޑިއާގައި އިންޑިއާގެ ގައުމީ ޓީމާ އެކު އެކުވެރިކަމުގެ މެޗެއް ކުޅޭނެ -(ފޮޓޯ/އިމޭޖްސް އެމްވީ)

ސުޒޭން: މިއީ ރާއްޖެ އޭޝިއަން ކަޕަށް ދާން ލިބޭ އެންމެ ރަނގަޅު ފުރުސަތު

އޭޝިއަން ކަޕް ކޮލިފައިންގެ ފުރަތަމަ މެޗުގައި މި މަހު 25 ވަނަ ދުވަހު ފިލިޕީންސްއާ ދެކޮޅަށް ކުޅެން ރާއްޖޭގެ ގައުމީ ޓީމު މިހާރު ވަނީ ފުރާފައި
16 މާރިޗު 2025

އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕް އޭއިން އެއްވަނައަށް ގޮސްގެން ފުޓްބޯޅައިން ތާރީހީ ކާމިޔާބީއެއް ހޯދިދާނެކަމުގެ އުއްމީދު ގައުމީ ކޯޗު އަލީ ސުޒޭންއަށް އެބަ އޮތެވެ. އެހެންކަމުން އޭނާގެ ވާހަކަތައް ހުރީ ރާއްޖެ އެ މިސްރާބަށް ދަތުރުކުރަން ފަށާފައިވާ ކަމުގެ މައްޗަށެވެ.

ރާއްޖޭގައި ވާދަވެރި ފުޓްބޯޅަ މުބާރާތެއް ނުކުޅޭތާ ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެކަމަކު އޭޝިއަން ކަޕް ކޮލިފައިންއަށް، އެންމެ ފަސް ވަރަކަށް ދުވަހުގެ ޕްރެކްޓިސް ކޮށް ގައުމީ ޓީމު މިހާރު އެ ތިބީ އިންޑިއާގަ އެވެ. އެއީ މި މަހު 25ގައި ފިލިޕީންސްގައި އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ގްރޫޕް އޭގެ ފުރަތަމަ މެޗަށް ނުކުތުމުގެ ކުރިން އިންޑިއާއާ އެކު އެކުވެރިކަމުގެ ބައިނަލްއަގުވާމީ މެޗެއް ކުޅޭށެވެ. 

ފުރުމުގެ ކުރިން ޕީއެސްއެމްއަށް ދިން އިންޓަވިއުއެއްގައި ސުޒޭން ބުނީ ވާދަވެރި މުބާރާތްތަކެއްގައި ނުކުޅެ ގިނަ ދުވަސްތަކެއް ވީ ނަމަވެސް ގައުމީ ޓީމުގެ ކުޅުންތެރިންގެ ފެންވަރު ރަނގަޅު ކަމަށެވެ. ފިޓްނަސް ވެސް ރަނގަޅު ކަމަށާއި އެއީ މުބާރާތްތަކެއް ނެތަސް ކުޅުންތެރިންގެ ފިޓްނަސް ހިފަހައްޓަން އެ ކުޅުންތެރިން ކުރި މަސައްކަތް ކަަމަށް ބުންޏެވެ.

"ދިވެހި ސަޕޯޓަރުން ގަބޫލުކުރަން ޖެހޭ ދިވެހި ކުޅުންތެރިންނަކީ ވަރަށް ޕްރޮފެޝަނަލް ބައެއްކަން،" ސުޒޭން ބުންޏެވެ.

"މުބާރާތެއް [ރާއްޖޭގައި] ނެތް އިރު ނޮވެމްބަރުގައި އެ ކުދިންނަށް ގޮވާލީ ބަންގްލަދޭޝްއާ ކުޅެން ދާން. [އެ މެޗުތަކުގައި ވެސް] ފިޓްނެސް މައްސަލައެއް ނުފެންނާނެ. ކުޅުންތެރިން ވަރަށް ޕްރޮފެޝަނަލް." 

މާލޭގައި އޮތް ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ އާއި ރާއްޖެ 13 އޮކްޓޯބަރު 2021 ގައި ކުޅުނު މެޗުގައި ގައުމީ ކޯޗު ސުޒޭން އިރުޝާދު ދެނީ --(ފޮޓޯ/އިމޭޖްސް އެމްވީ)

ސުޒޭން ބުނީ ފުރުމުގެ ކުރިން އޮތް އެންމެ ފަހު ޕްރެކްޓިސްގައި ވެސް ކުޅުންތެރިން ދެއްކީ ވަރަށް ބޮޑު ޔަގީންކަމަކާއި ހިތްވަރެއް ކަމަށެވެ. ފަސް ވަރަކަށް ދުވަހު ޕްރެކްޓިސް ކުރިއިރު އޭގެ ތެރޭގައި ފުލް ޓީމާ އެކު ތަމްރީން ދެވުނީ ދެ ދުވަހު ކަމަށް އޭނާ ބުންޏެވެ.

އޭޝިއަން ކަޕްގެ ކޮލިފިކޭޝަންގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގައި ވާދަކުރަން ޖެހެނީ ފިލިޕީންސްގެ އިތުރުން ތަޖިކިސްތާން އާއި ޓިމޯ-ލެސްޓޭއާ އެވެ. ރާއްޖޭގެ މެޗުތައް ކުޅޭ ތާރީހުތަކަކީ:

  • 25 މާޗު: ފިލިޕީންސް/ރާއްޖެ (ފިލިޕީންސްގައި)

  • 10 ޖޫން: ޓިމޯ-ލެސްޓޭ/ރާއްޖެ (ޓިމޯ ލެސްޓޭގައި)

  • 9 އޮކްޓޯބަރު: ތަޖިކިސްތާން/ރާއްޖެ (ތަޖިކިސްތާންގައި)

  • 14 އޮކްޓޯބަރު: ރާއްޖެ/ތަޖިކިސްތާން (ރާއްޖޭގައި)

  • 18 ނޮވެމްބަރު: ރާއްޖެ/ފިލިޕީންސް (ރާއްޖޭގައި)

  • 31 މާޗު 2026: ރާއްޖެ/ޓިމޯ-ލެސްޓޭ (ރާއްޖޭގައި)

ސުޒޭން ބުނި ގޮތުގައި ފުރަތަމަ މެޗު ކުޅެން އަސްލު އޮތީ ރާއްޖޭގަ އެވެ. އެކަމަކު ރޯދަމަހުގެ 10އާ ދިމާވުމާ އެކު މާލޭގައި އެވަރުގެެ މެޗެއް ބާއްވަން އުނދަގޫތަކެއް ދިމާވެދާނެތީ ފިލިޕީންސްއާ ވާހަކަ ދައްކައިގެން އެ ކޮޅަށް މެޗު ބަދަލުކުރީ ކަމަށް އޭނާ ބުންޏެވެ.

މިހާރު މެޗުތައް ރޭވިފައި ހުރި ގޮތުން އެންމެ ފަހު ތިން މެޗު މާލޭގައި ކުޅެން ޖެހޭތީ އެއީ ރާއްޖެއަށް އޮތް ވަރަށް ބޮޑު އެޑްވާންޓޭޖެއް ކަމަށް ސުޒޭން ގަބޫލުކުރެ އެވެ.

"މެޗުތައް ތަރުތީބު ވެފައި އޮތް ގޮތުން ރާއްޖެ އޭޝިއަން ކަޕާ ދިމާއަށް ދާން [މިއީ] ރަނގަޅު ފުރުސަތެއް،" ސުޒޭން ބުންޏެވެ.

ސައުދީ އަރަބިއްޔާގައި 2027ގައި އޮންނަ އޭޝިއަން ކަޕަށް ގައުމުތައް ހޮވަން ބާއްވާ ކޮލިފިކޭޝަންގައި ރާއްޖެ ހިމެނޭ ގްރޫޕްގައި ރަނގަޅު ނަތީޖާއެއް ނެރުމުގެ ފުރުސަތު ރާއްޖެއަށް އެބަ އޮތެވެ. އެހެންކަމުން ސުޒޭން ބުނީ ކޮންމެ މީހަކު ގައުމީ ކޯޗަކަށް ހުއްޓަސް، އޭޝިއަން ކަޕަށް ރާއްޖެ ދިއުމަކީ އެންމެ ބޮޑު ކާމިޔާބު ކަމަށް ވާނެ ކަމަށެވެ.

"ރާއްޖެ އޭޝިއަން ކަޕަށް ދާ ވާހަކައަކީ އަޅުގަނޑު އަޑުއަހާލާ ހިތްވާ ވާހަކައެއް. އަޅުގަނޑު  މިތާގައި ނެތަސް، ކޮންމެ މީހަކު ހުރެގެން ވެސް އޭޝިއަން ކަަޕަށް ދިޔަސް އެއީ ދިވެހިރާއްޖޭގެ ފުޓްބޯޅައަށް އަންނާނެ އެންމެ ބޮޑު ކާމިޔާބު ކަމަށް ދެކެނީ،" ސުޒޭން ބުންޏެވެ.

"އެހެންވީމާ އެ މަރުހަލާ ފަށަން މި އޮތީ އަޅުގަނޑާ ހަވާލުވެފައި. މިރޭ ޓްރޭނިންގައި ވެސް ފެނިވަޑައިގަންނަވާނެ ވަރަށް ކޮންފިޑެންސްއާ އެކު ކުޅެލީ. އެމީހުންގެ ހުނަރާއި ފިޓްނެސް އާއި މެންޓަލީ ތައްޔާރުވި ވަރު އެންމެ ފަހުގެ ޓްރެއިނިންގައި ވެސް އަޅުގަނޑަށް އިތުބާރެއް ހޯދައިދީފި."

އިތުރު އާޓިކަލް

އިތުރު އާޓިކަލް