ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން، 2021ގެ ސާފް ޗެމްޕިއަންޝިޕްގެ ނޫސްވެރިންގެ ބައްދަލުވުމެެއްގައި --(ފޮޓޯ/އިމޭޖްސް)

އޭޝިއަން ކަޕް

ޓިމޯ-ލެސްޓޭގެ މެޗުގައި ވެސް ރާއްޖޭގެ ކޯޗަކަށް ހުންނާނީ ސުޒޭން

އެފްއޭއެމުން ބުނީ އޭޝިއަން ކަޕް ކޮލިފައިންގެ ފުރަތަމަ މެޗުގައި ވެސް ޓީމު ތައްޔާރުކުރީ ސުޒޭން ކަމަށް ވާތީ އޭނާގެ ހިދުމަތް ދަމަހައްޓަން ނިންމީ ކަމަށް
24 މޭ 2025

އަންނަ މަހު 10ގައި އޮސްޓްރޭލިޔާގައި ޓިމޯ-ލެސްޓޭއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގައި ވެސް ގައުމީ ކޯޗަކަށް ހުންނާނީ އަލީ ސުޒޭން ކަމަށް، އެފްއޭއެމުން ބުނެފި އެވެ.

އެފްއޭއެމްގެ އޮފިޝަލަކު 'ދައުރު'އަށް ވިދާޅުވީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ފުރަތަމަ މެޗުގައި ފިލިޕީންސްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗަށް ވެސް ޓީމު ތައްޔާރުކުރީ ސުޒޭން ކަމުން އޭނާގެ އެ ހިދުމަތް ކުރިއަށް އޮތް މެޗަށް ވެސް ދެމެހެއްޓީ ކަމަށެވެ.

މި ފަހުން އެފްއޭއެމުން ވަނީ ކުރިން ޖުލައި މަހު ސްރީ ލަންކާގައި ބާއްވަން އޮތް ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ތައްޔާރުކުރަން ކޯޗެއް ހޯދަން އިއުލާންކޮށްފަ އެވެ. ނަމަވެސް އެ މުބާރާތް ފަސްކުރުމުން އެކަން ވަނީ ހުއްޓާލައިފަ އެވެ.

އެފްއޭއެމްގެ އޮފިޝަލް ވިދާޅުވީ އޭރު ބެލީ ސާފް ޗެމްޕިއަންޝިޕަށް ހާއްސަކޮށްގެން ކޯޗަކު ހޯދަން ކަމަށެވެ. ނަމަވެސް މިހާރު އެ މުބާރާތް ފަސްވުމާއި ކުރިއަށް އޮތް މެޗަށް ޓީމު ތައްޔާރުކުރަން ވެސް މިވަގުތު ރަނގަޅުވާނީ ކުރިން ހުރި ކޯޗާ ހަވާލުކޮށްގެން ކަމަށް، އޮފިޝަލް ވިދާޅުވި އެވެ.

"އަނެއްހެން ބުނަންޏާ ސުޒޭންގެ މަސައްކަތް ދެވަނަ މެޗަށް ވެސް މި ދަންމާލީ. އެއީ މި ވަގުތަށް އަޅުގަނޑުމެންނަށް ފެނުނު އެންމެ ރަނގަޅު ގޮތަކީ،" އޮފިޝަލް ވިދާޅުވި އެވެ.

އޭޝިއަން ކަޕް ކޮޮލިފައިންގެ ގްރޫޕް އޭގެ ފުރަތަމަ މެޗުގައި ރާއްޖެ ކޮޅަށް ލަނޑު ޖެހި ފިލިޕީންސްގެ ރެންޑީ ޝްނައިޑާ (ވ) ހުއްޓުވަން ރާއްޖޭގެ ހުސެއިން ނިހާން މަސައްކަތްކުރަނީ. މި މެޗުން ފިލިޕީންސް މޮޅުވީ 4-1 އިން

ސުޒޭންއަށް ގައުމީ ޓީމުގެ ކޯޗުކަން ފުރަތަމަ ހަވާލުކުރީ 2021ގައި ރާއްޖޭގައި އޮތް ސާފް ޗެމްޕިއަންޝިޕްގަ އެވެ. މިހާތަނަށް ގައުމީ ސީނިއަ ޓީމުގެ ކޯޗުކަން ސުޒޭން ނޫނީ އެހެން ދިވެއްސަކު ކޮށްފައެއް ނުވެ އެވެ.

ޓިމޯ-ލެސްޓޭ ނުވަތަ އާންމު ނަމުން ނަމަ އީސްޓް ޓިމޯރާ އެކު ރާއްޖެ ކުޅޭ މެޗު މިހާރު ހަމަޖައްސާފައި ވަނީ އޮސްޓްރޭލިޔާގައި ކުޅޭ ގޮތަށެވެ. އޮސްޓްރޭލިޔާގެ ޑާވިންގައި އެ މެޗު ކުޅެން ހަމަޖެއްސީ ތައިލެންޑްގައި ކުޅެން ކުރިން ރާވާފައި އޮވެފަ އެވެ.

ޓިމޯ-ލެސްޓޭގައި ބައިނަލްއަގުވާމީ ފެންވަރުގެ މެޗެއް ކުޅެވޭ ވަރުގެ ދަނޑެއް ނެތެވެ.

އެފްއޭއެމްގެ އޮފިޝަލަކު ވިދާޅުވީ އޮސްޓްރޭލިޔާގައި އެ މެޗު ކުޅެން ޓިމޯ-ލެސްޓޭއިން ބޭނުންވީ އެ ޓީމުގެ ގިނަ ކުޅުންތެރިންތަކެއްް ދިރިއުޅެނީ ވެސް ޑާވިންގައި ކަމަށް ވާތީ ކަމަށެވެ.

މީގެ ކުރިން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު އޮސްޓްރޭލިޔާއަށް ދަތުރުކޮށްފައެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް