ގައުމީ ޓީމުގެ ކޯޗު އަލީ ސުޒެއިން ޓީމަށް އިރުޝާދު ދެނީ: ތަމްރީންތަކުގައި ޓީމު ގަތަރަށް ފުރަން އޮއްވާ ސުޒެއިން ވަނީ ކޮވިޑް-19 އަށް 8 ސެޕްޓެމްބަރު 2021 ގައި ޕޮޒިޓިވްވެފައި.
"ސުޒެއިންއަށް ކެރޭނެ، ޗެލެންޖް ނަގާނެ"
ގަލޮޅު ދަނޑުގައި އޭރު އަލީ ސުޒެއިން މަޝްހޫރުވެފައި އޮންނަނީ "ގެރި ކުޅުމެއް" ކުޅޭ، ގޮތްދޫނުކުރާ، ބޭނުން އެއްޗެއް، ބޭނުން މީހަކާ ދިމާއަށް ބުނާ ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
އެއީ، ގަލޮޅުގެ ބައެއް މީހުން އޭރު ސިފަކުރި ގޮތުން ނަމަ، ވިކްޓަރީގެ ލޭ، ވިކްޓަރީގެ ރޫހު، ވިކްޓަރީގެ ޖެހިލުންކުޑަ ކުޅުންތެރިންގެ ތެރެއިން އެކެކެވެ. ނިއު ރޭޑިއަންޓާއި ވެލެންސިއާ އާއި ވިކްޓަރީގެ ވަރުގަދަ ވާދަކުރުމުގެ ތެރޭގައި 1980 އާއި 1990ގެ އަހަރުތަކުގައި ނުކުތް މުޑުވަކުން ފެނުނު އެކެކެވެ.
ކުޅިވަރުގެ އުސް އަދި އަޑިގުޑަންތައް ހިމެނޭ ހަޔާތުގައި ސުޒެއިން ވަނީ ކުޅުންތެރިއެއްގެ ގޮތުގަ އާއި ކޯޗެއްގެ ހައިސިއްޔަތުން އެތައް ތަޖުރިބާއެއް ކޮށްފަ އެވެ. ކާމިޔާބީތައް ވެސް އެހާމެ ގިނަ އެވެ.
އެކަމަކު ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ވެ، އަމިއްލަ ފަސްގަނޑުގައި ސަރަހައްދީ އެންމެ ބޮޑު ވާދަކުރުމަށް ނުކުންނަން ލިބުނު ފުރުސަތަށް ވުރެ ބޮޑު، ޝަރަފުވެރި އަދި އެހާމެ އުނދަގޫ މަސްއޫލިއްޔަތެއް، މީގެ ކުރިއަކުން އޭނާ އުފުލާފައެއް ނުވެ އެވެ.
ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުން މަސައްކަތްކުރި އެވެ. އެފްއޭއެމްގައި ބަސްކިޔާ މަގާމުތަކެއް އަދާކުރި އެވެ. ނަމަވެސް އުރީދޫ ސާފް ޗެމްޕިއަންޝިޕަށް އޮކްޓޯބަރު 1 ގައި ނުކުންނަ އިރު އޭނާގެ މާޒީގެ މަތިން ހަމައެކަނި ހަނދާންކޮށްގެން ވާކަށް ނެތެވެ. އޭނާއަށް އޮތީ ދިވެހިންގެ އެންމެ ލޯބި ބޮޑު ކުޅިވަރުގައި ސަރަހައްދުގެ އެހެން ގައުމުތައް ބަލިކޮށް، ރާއްޖޭގައި ތަށި ބެހެއްޓުމުގެ ލަނޑުދަނޑި އެވެ.
ޗެމްޕިއަންކަން ނޫން އެހެން ނަތީޖާއެއް ދިވެހިން ގަބޫލުނުކުރާނެކަން ޔަގީނެވެ. އެހެންކަމުން މުޅި ގައުމުގެ ލޯ ހުއްޓުވާނެ މުބާރާތަކަށް ގައުމީ ޓީމު ގޮވައިގެން ނުކުންނަ އިރު ސުޒެއިންގެ އެ ގާބިލްކަން ހުރިތޯ ނެތްތޯ ސުވާލުކުރެވިދާނެ އެވެ.
ޖަވާބެއް ހޯދަން އެ ސުވާލާ އެކު ބައްދަލުކޮށްލަން އެންމެ ރަނގަޅު އެކަކަށް ވާނީ މައުރޫފް އަހުމަދު (މާއްޓޭ) އެވެ. ސުޒެއިން ވަނީ މާއްޓޭއާ އެކު ވިކްޓަރީއަށް ކުޅެފަ އެވެ. ކުޅުންތެރިން ގަނެގެން، މަހު މުސާރަ ދީގެން ފުރަތަމަ ފަހަރަށް ޓީމެއް އެކުލުވާލި ވެލެންސިއާއަށް 1992 ގައި ދެ މީހުން ދިޔައީ އެކުއެކީގަ އެވެ. ސުޒެއިންގެ ކޯޗިން ކެރިއަރު، ވިކްޓަރީގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުން ފެށިއިރު، ހެޑް ކޯޗަކީ މާއްޓޭ އެވެ.
ފަހަރެއްގައި މާއްޓޭގެ ވާހަކަ އެއްކޮޅަކަށް ޖެހިފައި ހުރި ކަމަށް، ބައެއް މީހުންނަށް ހީވެދާނެ އެވެ. އެކަމަކު ސުޒެއިންގެ ހިތްވަރާއި ކެރުން ވަރަށް ގާތުން ތަޖުރިބާކޮށްފައި ހުރި މީހެއްގެ ގޮތުން އެ ސުވާލަށް ޖަވާބުދޭން ހަމަ އެންމެ ރަނގަޅެވެ.
"ސުޒެއިންނަށް ކެރޭނެ، ޗެލެންޖް ނަގާނެ،" މިއީ މާއްޓޭގެ ފުރަތަމަ ވާހަކަ އެވެ.
އޭނާގެ އެ ވާހަކައަށް ބާރު ލިބެނީ ކޯޗެއްގެ ގޮތުން މިހާތަނަށް ސުޒެއިން ކޮށްފައި ހުރި މަސައްކަތްތަކެވެ. ސުޒެއިންގެ ކަންކަން ކައިރިން އެނގޭ ބައެއް މީހުން ބުނާ ގޮތުގައި ބައެއް ކްލަބްތަކުގައި، ހާއްސަކޮށް ވިކްޓަރީގައި، ކޯޗެއްގެ ޒިންމާ ނެގުމުގެ އިތުރުން ބަޖެޓް ހޯދުން ފަދަ މާލީ ކަންކަމުގައި ވެސް އަމަލީ ގޮތުން އެތައް ބުރައެއް އުފުލި އެވެ.
ކުޅުންތެރިންނާ މެދު ކިހާ އިންސާފުވެރި؟
ކްލަބެއްގެ ހެޑް ކޯޗެއްގެ ގޮތުގައި ސުޒެއިން ހުރި އިރު އޭނާއާ އެކު މާއްޓޭއަށް އެއްވެސް އިރަކު އުޅެވިފައެއް ނެތެވެ. އެހެންކަމުން ކޯޗެއްގެ ގޮތުން ސުޒެއިން ގެންގުޅެފާނެ، ގުންގުޅޭ ހަމަތައް އެހާ ރަނގަޅަކަށް ނޭނގެ އެވެ. އެކަމަކު މާއްޓޭ ބުނީ ކުރިއަށް ވުރެ މިހާރު ހުރިހާ ގޮތަކުން ވެސް ސުޒެއިން "ހަރު މީހަކަށް ވެއްޖެ" ކަމަށެވެ. އޭގެ ހެތްކެއްގެ ގޮތުން ދެއްކީ ކޯޗަކަށް ހުރެ ނެރުނު ނަތީޖާތަކެވެ.
"އަހަންނާ އެކު މަސައްކަތްކުރި އިރު އޭނާ ވަކި ކުޅުންތެރިޔަކަށް ފޭވާއެއް ނުކުރޭ. ފެއާނުވަންޏާ ކެރިއަރުގައި ކުރިއަކަށް ނުދާނެ،" މާއްޓޭ ބުންޏެވެ.
"ސުޒެއިން އެހުރި ހިސާބަކަށް ނުދެވޭނެ [ކުޅުންތެރިންނަށް] ފެއާނުވެއެއް."
އެކަމަކު ފުޓްބޯޅައަށް ލޯބިކުރާ ބައެއް މީހުންނާއި ސޯޝަލް މީޑިއާގައި ސުޒެއިންއަށް ފާޑުކިއުން އަމާޒުވި އެއްކަން ގުޅިފައި އޮތީ ކުޅުންތެރިންނާ މެދު އިންސާފުވެރިތޯ ކުރެވޭ ސުވާލާ އެވެ: އަސްހަދު އަލީ (އަޑުބަރޭ) ޓީމަށް ނެގުމެވެ. ރިޓަޔަކުރިކަން އިއުލާންކޮށް ތިން އަހަރު ކުޅުމާ ދުރުގައި ހުރެ، މި އަހަރުގެ މާޗު މަހު އީގަލްސާ އޭނާ ގުޅުނީ އޭއެފްސީ ކަޕްގައި ވާދަކުރާށެވެ. ރާއްޖޭގެ ލީގުގައި އޭނާ ކުޅުނީ އެންމެ މެޗެކެވެ. އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖަށް ނުގޮސް އީގަލްސް ކެޓި އެވެ. އެކަމަކު އެންމެ ދެތިން މެޗަށް ބަލައި، ގައުމީ ސްކޮޑަށް އަސްހަދު ނެގުން އިންސާފު ނޫން ކަމަށް، އީގަލްސްގެ ޒުވާން ކުޅުންތެރިން ވެސް، އެއް ބަޔަކު އަނެއް ބައެއް ކައިރީ ބުނެފައި އެބަ ހުއްޓެވެ.
ސުޒެއިން ޖަވާބު ދިނީ ވަރަށް އާދައިގެ ގޮަތަކަށެވެ: އޭނާ ބުނީ އަސްހަދު ނެގުމުން ފާޑުކިޔާފައި ހުރީ "ދެތިން ކުއްޖެއް" ކަމަށެވެ.
ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރި އަސްހަދުގެ ހިތްވަރާއި ޖޯޝްއާ މެދު ދެބަސްވެވޭކަށް ނެތެވެ. ސުޒެއިންގެ ބަހުން ނަމަ އަސްހަދު ގައުމީ ޓީމަށް ނެގުމުގެ އޭރު އޮތީ އެންމެ "%25 ގެ ފުރުސަތެކެ"ވެ. ނަމަވެސް އޭނާއަށް އެންމެ ފަހު ވަގުތު ޖާގަ ދިނުމުން، އެއް ބައެއްގެ ނަޒަރުގައި، ގައުމީ ކޯޗު "ފެއާއެއް ނޫނެ"ވެ.
ނަތީޖާ ނެރެން ކުރެވެން އޮތް ކޮންމެ ކަމެއް ކުރާނެ
ކުޅުނު އިރު ވެސް އަދި ކޯޗެއްގެ މަގާމުގައި ވެސް ސުޒެއިންއަކީ، މާއްޓޭ ބުނި ގޮތުގައި، ނަތީޖާ ނެރެން ކުރެވެން އޮތް ކޮންމެ ކަމެއް ވެސް ކުރާނެ މީހެކެވެ.
"ވަރަށް ނަތީޖާއަށް ބިނާވާ މީހެއް ސުޒެއިންއަކީ،" މާއްޓޭ ބުންޏެވެ.
"އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ދުލެއް ނުކުރާނެ. ޒިންމާ ނަގާނެ އެ ނަތީޖާއަކާ ހަމައަށް ދާން."
އެ ސިފަތަކާ އެކު ސުޒެއިން ރާއްޖޭގެ ގައުމީ ޓީމު ގޮވައިގެން 1 އޮކްޓޯބަރުގެ ރޭގަނޑު ގަލޮޅު ދަނޑަށް ނުކުންނާނެ އެވެ. އާންމުންގެ ފޯރި، 2008ގެ މުބާރާތާ އަޅާބަލާއިރު އަދި އޮތީ "ސުމެއް ހިސާބުގަ" އެވެ. އެއް ސަބަބަކީ ކޮވިޑް-19 އެވެ. އަނެއް ސަބަބަކީ ކޮވިޑްގެ ހާލަތު ޖެހުމުގެ ކުރިން ވެސް ދިވެހި ފުޓްބޯޅައިގެ ފޯރި ކެނޑިފައި އޮތުމެވެ.
އެކަމަކު އޭގެ މާނައަކީ ގައުމީ ކޯޗުގެ ޒިންމާއިން ބައެއް އުނިވުމެއް ނޫނެވެ. މާއްޓޭ ބުނާ ގޮތުގައި ސުޒެއިންއަށް އެކަން އެނގޭނެ އެވެ.
"އޭނާގެ ނޮލެޖް ހުންނާނެ، ޓެކްނިކަލް ތަޖުރިބާ ހުންނާނެ،" މާއްޓޭ ބުންޏެވެ.
"ހާސްވެގެން، ވާނުވޭ ނޭނގި ނުދާނެ ކަމަށް ގަބޫލުކުރަނީ."
ސުޒެއިންގެ ކިބާގައި އެހުރިހާ ސިފަތަކެއް ހުރިކަން ނުވަތަ ނޫންކަން 1-16 އޮކްޓޯބަރާ ދެމެދު ދިވެހިންނަށް އެނގޭނެ އެވެ.