އިއްޔެގެ މެޗުގައި ރާއްޖެ ކޮޅަށް ލަނޑު ޖެހި ފިލިޕީންސްގެ ރެންޑީ ޝްނައިޑާ (ވ) ހުއްޓުވަން ރާއްޖޭގެ ހުސެއިން ނިހާން މަސައްކަތްކުރަނީ

އޭއެފްސީ ކަޕް

ފިލިޕީންސްއިން ދައްކައިދިނީ އެއީ އެހެން ފެންވަރެއްކަން، ރާއްޖެއަށް އޮތީ އަދިވެސް ރަނގަޅަށް ތައްޔާރުވުން

އޭޝިއަން ކަޕް ކޮލިފައިންގެ ފުރަތަމަ މެޗުގައި 4-1 އިން ރާއްޖެ އިއްޔެ ބަލިވުމަކީ އަދި ހުރިހާ ކަމެއް ނިމުމެއް ނޫން. ފުޓްބޯޅަ ހަލާކުވެފައި އޮތް ގައުމަކަށް ދެން ވެސް އޮންނާނީ ބޮޑަށް ތައްޔާރުވުން
26 މާރިޗު 2025

އިއްޔެ ހަވީރު އޮތް އެ މެޗު ބެލި ދިވެއްސަކު ވިއްޔާ ދެރަވާނެ އެވެ. ފިލިޕީންސް ކަހަލަ ގައުމެއްގެ އަތުން 4-1 އިން ބަލިވުމަކީ ތަފާތު ބޮޑު ނަތީޖާއެކެވެ. ނަމަވެސް ގަބޫލުކުރަން ޖެހޭނީ ފިލިޕީންސްއަކީ މިހާރު އޭގެ ކުރިން ރާއްޖެ ވާދަކުރި ފިލިޕީންސް ނޫންކަމެވެ.

މިދިއަ ތިން އަހަރުގެ ތެރޭގައި އެކަނި ވެސް ފިލިޕީންސްގެ ގައުމީ ޓީމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ބޭރުގައި ކުޅޭ އެތައް ކުޅުންތެރިންނެއް ޓީމާ އޮތީ ގުޅިފަ އެވެ.

އެއާ ހިލާފަށް މިދިއަ ތިން އަހަރު (ގައުމީ ކޯޗު އަލީ ސުޒޭންގެ ވާހަކަ ތަފާތެވެ.) ރާއްޖޭގެ ފުޓްބޯޅަ އޮތީ ބޮޑު ހަލާކެއްގެ ތެރެއަށް ވެއްޓިފަ އެވެ. އޭޝިއަން ކަޕް ކޮލިފަައިންގެ ފުރަތަމަ މެޗަށް ރާއްޖެ ދިޔައީ ރަސްމީ މުބާރާތްތަކެއް ރާއްޖޭގައި ނެތި ދޮޅު އަހަރެއްހާ ދުވަހުގެ ހުސްކަމެއްގެ ތެރޭގައި ތިބެފަ އެވެ.

ފިލިޕީންސް ދެ ލަނޑު ޖަހައި ފުރަތަމަ ހާފު ނިންމާފައި އޮއްވާ ފޯވަޑް އަލީ ފާސިރު ދެވަނަ ހާފުގެ ކުރީކޮޅު ޖެހި ހިތްގައިމު ލަނޑާ އެކު ރާއްޖެއަށް ހިތްވަރެއް ލިބުނެވެ. ނަމަވެސް އެއީ ސްޕެއިންގެ ކޯޗެއްގެ އިރުޝާދުގެ ދަށުން މިހާރު މޮޅަށް ކުޅެމުން އަންނަ ފިލިޕީންސް ޓީމަށް ނަތީޖާ ތަފާތުކޮށްލަން އައި ހުއްޓުމަކަށް ނުވި އެވެ.

ފިލިޕީންސްގެ ފުޓްބޯޅަ އިތުރު ހަރުފަތަކަށް މައްޗަށް ޖައްސަން އެތައް މަސައްކަތެއް ކުރަމުން އަންނަ އިރު ރާއްޖޭގެ ފުޓްބޯޅަ ފަހަތަށް ސޮއްސާލައިފައި އޮތް އޮތުމަށް ބަލާ ނަމަ އިއްޔެގެ ނަތީޖާ ގޯހެއް ނޫނެވެ. ހާއްސަކޮށް ދިވެހި ކުޅުންތެރިން ރޯދައަށް ތިބެ ދެއްކި ހިތްވަރު، ޖިސްމާނީ ގޮތުން ތިލަފަތަކަށް ލައިގެން ކިރާ ނަމަ، އެއީ އެ ފެންވަރުގެ މެޗެއްގައި އިހުސާސްކުރެވޭނެ ވަރިބަލިކަމެކެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުނީ މީގެ ތިން އަހަރު ކުރިއަށް ވުރެ ރާއްޖޭގެ ޓީމު ރަނގަޅުވެފައި އޮތް ކަމަށެވެ. ތިން އަހަރު ނިސްބަތްކުރީ އެންމެ ފަހުން ރާއްޖެ އާއި ފިލިޕީންސް ބައްދަލުކުރި މެޗަށެވެ. ވޯލްޑް ކަޕް ކޮލިފައިންގައި 2021ގައި ރާއްޖެ އާއި ފިލިޕީންސް 1-1އިން އެއްވަރުވީ އެވެ.

ފިލިޕީންސްގެ ފުޓްބޯޅައަށް ބޮޑު ކުރިއެރުމެއް އައީ މައިންބަފައިން ފިިލިޕީންސްއަށް ނިސްބަތްވާ އެކަމަކު އެހެން ގައުމުތަކުގެ ރައްޔިތުންގެ ގޮތުގައި ތިބި އެތައް ކުޅުންތެރިންނެއް ގައުމީ ޓީމަށް ނެގި ހިސާބުންނެވެ. އިއްޔެގެެ މެޗުގައި ވެސް އެތައް ކުޅުންތެރިން ނިސްބަތްވަނީ އެހެން ގައުމުތަކަށެވެ. ކުޅެމުން އަންނަނީ ބޮޑެތި ލީގުތަކުގަ އެވެ.

ރާއްޖޭގެ ދެވަނަ މެޗު އޮންނާނީ ޖޫން މަހު އެވެ. ކުރިއަށް އޮތް ދެ މަސް ދުވަހު ގައުމީ ޓީމަށް މިހާރަށް ވުރެ ރަނގަޅަށް ތައްޔާރުވެވިއްޖެ ނަމަ ނަތީޖާއާ މެދު ކުރެވޭ އުއްމީދު ބޮޑުވާނެ އެވެ.

ގްރޫޕް އޭގައި ރާއްޖެއަށް ކުރިއަށް ހުރި މެޗުތައް

  • 10 ޖޫން: ޓިމޯ-ލެސްޓޭ/ރާއްޖެ (ޓިމޯ ލެސްޓޭގައި)

  • 9 އޮކްޓޯބަރު: ތަޖިކިސްތާން/ރާއްޖެ (ތަޖިކިސްތާންގައި)

  • 14 އޮކްޓޯބަރު: ރާއްޖެ/ތަޖިކިސްތާން (ރާއްޖޭގައި)

  • 18 ނޮވެމްބަރު: ރާއްޖެ/ފިލިޕީންސް (ރާއްޖޭގައި)

  • 31 މާޗު 2026: ރާއްޖެ/ޓިމޯ-ލެސްޓޭ (ރާއްޖޭގައި)

އިއްޔެ ތަޖިކިސްތާން ވަނީ ޓިމޯ-ލެސްޓޭ އަތުން 1-0 އިން މޮޅުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް