އެފްއޭއެމްގެ އިންތިހާބަށް ކުރިމަތިލެއްވި ބައްސާމް އަދީލް ޖަލީލް (ކ) އާއި އަހުމަދު ތޯރިގް

ކުރިމަތިލެއްވީ ބައްސާމް އާއި ތޯރިގު، އެކަން ޔަގީންކޮށްދީފި

އެފްއޭއެމުން ބުނީ އިންތިހާބަށް ކުރިމަތިލާ ފަރާތްތައް ރަސްމީކޮށް އިއުލާންކުރެވޭނީ ބަލަން ޖެހޭ ކަންކަން ބަލައި، އިސްތިއުނާފްގެ މަރުހަލާ ވެސް ނިމުމުން ކަމަށް
20 މާރިޗު 2024

އެފްއޭއެމްގެ ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ކުރީގެ ރައީސް އަހުމަދު ތޯރިގުކަން، އެފްއޭއެމުން މިއަދު ޔަގީންކޮށްދީފި އެވެ.

އަންނަ މަހު 20ގައި އޮންނަ އިންތިހާބުގައި ވާދަކުރަން ނަން ހުށައެޅުމުގެ މުއްދަތު ހަމަވީ މިދިއަ ހޮނިިހިރުދުވަހު އެވެ. އެކަމަކު ކުރިމަތިލީ ކޮން ބައެއްކަން އެފްއޭއެމުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

އެފްއޭއެމްގެ އެކްޓިން ޖެނެރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފްއަށް 'ދައުރު'ން ސުވާލުކުރުމުން އޭނާ ކުރިން ވިދާޅުވެފައި އޮތީ ކުރިމަތިލީ މީހުންނަކީ ކޮބައިކަން އެނގޭނީ އިލެކްޓޯރަލް ކޮމިޓީ ބައްދަލުކޮށް ސިޓީ އުރަތައް ކަނޑައިގެން ބެލުމުން ކަމަށެވެ.

އޭގެ ފަހުން މިއަދު އޭނާ ވިދާޅުވި ގޮތުގައި އެ ބައްދަލުވުން ވަނީ ބާއްވައިފަ އެވެ.

ބައްސާމް އަދީލް ޖަލީލާއި އެކްޓިން ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޖައުޝަން ޝަރީފް، އެންމެ ފަހުން ބޭއްވި ކޮންގްރެސްގައި (ދައުރު ފޮޓޯ/މުހައްމަދު އަމާން)

"ކުރިމަތިލީ ތޯރިގު އާއި ބައްސާމް،" އޭނާ ވިދާޅުވި އެވެ.

އެކަމަކު ދެން ހަނދާންކޮށްދެއްވީ އިންތިހާބާ ބެހޭ އުސޫލެކެވެ. އޭނާ ވިދާޅުވި ގޮތުގައި އެ އުސޫލު ބުނާ ގޮތުން އިންތިހާބުގައި ވާދަކުރާ މީހުންގެ ނަންތައް ރަސްމީކޮށް އެފްއޭއެމަށް ހާމަކުރެވޭނީ ކުރިމަތިލީ މީހުންގެ މައުލޫމާތު ޗެކްކޮށް، މައްސަލައެއް އުޅޭ ނަމަ އެކަމަށް ދޭ އިސްތިއުނާފްކުރުމުގެ މަރުހަލާ ވެސް ނިމުމުން ކަމަށެވެ.

"އެކަމަކު މިހާރުގެ ހާލަތަށް ރިއާޔަތްކޮށް މީޑިއާއިން ސުވާލުކުރުމުން މައުލޫމާތު ދެމުން މި ދަނީ،" ޖައުޝަން ވިދާޅުވި އެވެ.

ކެންސަލްކުރި އިންތިހާބުގައި ވެސް އެފްއޭއެމުން ކަން ކުރީ އެގޮތަށް ކަމަށާއި އެފަހަރު ކުރިމަތިލެއްވި ކެންޑިޑޭޓުން އެކަން އިއުލާންކުރެއްވީ އަމިއްލައަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ އިންތިހާބުގައި ތޯރިގުގެ ކެންޑިޑެސީ ބާތިލްކުރުމުން އޭނާ ފީފާ އާއި އޭއެފްސީއަށް މައްސަލަ ހުށައެޅުއްވި އެވެ. ފީފާއިން އެފްއޭއެމަަށް އެންގީ އަސާސީ ގަވާއިދާ އެއްގޮތަށް އިންތިހާބާ ބެހޭ ކޮމިޓީތައް އިންތިހާބުކުރުމަށެވެ.

އެފްއޭއެމުން އަލުން އިންތިހާބު ބާއްވަނީ އެ ކޮމިޓީތައް އިންތިހާބުކޮށްފަ އެވެ. އެކަމަކު އެ ކޮމިޓީތައް ނެގި ހާއްސަ ކޮންގްރެސްގައި އެފްއޭއެމްގެ މެޖޯރިޓީ މެމްބަރު ކްލަބްތަކުން ބައިވެރިވެފައި ނުވާތީ އެކަން ސައްހަތޯ ނުވަތަ ނޫންތޯ، ތޯރިގުގެ ޓީމުން ވަނީ ސުވާލު އުފައްދައިފަ އެވެ.

ތޯރިގުގެ ނަން ދެން ވެސް ކެންސަލްކުރުން ކައިރި

ކުރިއަށް އޮތް އިންތިހާބު ވެސް އަސްލު އޮތީ މައްސަލަގަނޑަކަށް ވެއްޓިފަ އެވެ.

ތޯރިގަށް ތާއީދުކުރި އެއްވަނަ ޑިވިޒަންގެ ތިން ކްލަބްގެ ތެރޭގައި އެފްއޭއެމުން ދާދި ފަހުން ސަސްޕެންޑްކުރި ވެލެންސިއާ ހިމެނެ އެވެ.

ވެލެންސިއާ އިން ބުނެފައި ވަނީ އެފްއޭއެމުން އެ ފިޔަވަޅު އެޅީ ތޯރިގަށް ތާއީދުކުރާތީ އެކަން ހުއްޓުވަން ކަމަށެވެ.

އެންމެ ފުރަތަމަ ބާއްވަން އުޅުނު އިންތިހާބަށް ތޯރިގު މިދިއަ ޑިސެމްބަރު މަހު ފޯމު ހުށައަޅުއްވަނީ

އެފްއޭއެމުން ބުނި ގޮތުގައި ޑިސިޕްލިނަރީ ކޮމިޓީން އެގޮތަށް ނިންމީ ވެލެންސިއާގެ ކުރީގެ އެގްޒެކްޓިވް ކޮމިޓީގެ މެމްބަރަކު އެ ކޮމިޓީން ދުރުކުރީ ސައްހަ ނޫން އިންތިހާބަކަށް ފަހު ކަމަށް ބުނެ ހުށައެޅި މައްސަލައަކާ ގުޅިގެންނެވެ. އެހެންކަމުން އެފްއޭއެމުން ނިންމީ ވެލެންސިއާއިން 'ސައްހ'' ހިންގާ ކޮމިޓީއެއް އެކުލަވާލަންދެން ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކުރާށެވެ.

ރާއްޖޭގެ ކްލަބްތަކުގެ އިންތިހާބާ ބެހޭ ކަންކަން ބަލަނީ ސްޕޯޓްސް ކޮމިޝަނަރެވެ. ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް ވިދާޅުވެފައިވާ ގޮތުގައި ވެލެންސިއާގެ އިންތިހާބު ސައްހަ އެވެ. އަދި މިހާރު އޮތީ ވެސް ސައްހަ ހިންގާ ކޮމިޓީއެކެވެ.

އެކަމަކު އެފްއޭއެމްގެ އިލެކްޓޯރަލް ކޮމިޓީން ނިންމާނީ ވެލެންސިއާއަކީ ސަސްޕެންޝަންގައި އޮތް ކްލަބަކަށް ވާތީ ތޯރިގުގެ ކެންޑިޑަސީ ބާތިލްކުރަން ކަމަށް ބެލެވެ އެވެ.

އެފްއޭއެމްގެ ގަވާއިދު ބުނާ ގޮތުން ރައީސްކަމަށް ކުރިމަތިލައްވާ ބޭފުޅަކަށް އެއްވަނަ ޑިވިޒަންގެ މަދުވެގެން ތިން ކްލަބްގެ ތާއީދު އޮންނަން ޖެހެ އެވެ. ތޯރިގުގެ ފަހަތުގައި އޮތީ މާޒިޔާ އާއި ޓީސީ އަދި ވެލެންސިއާ އެވެ. އޭގެ ތެރެއިން ވެލެންސިއާ އުނިކުރުމުން އޭނާގެ ކެންޑިޑަސީ ބާތިލްވާނެ އެވެ.

މަނީ ލޯންޑަރިން އާއި އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވުމުގެ ތުހުމަތުގައި ޖިނާއީ ދައުވާތަކަކާ ކުރިމަތިލައްވައިގެން ހުންނެވި ބައްސާމްގެ ފަހަތުގައި ފަސް ކްލަބް އެބަ އޮތެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް