ބޮޑު ހަރަދުކޮށްގެން މި ސަރުކާރުން ހިއްކަމުން އަންނަ ރަސްމާލެ (ފޮޓޯ/ރައީސް އޮފީސް)

ބިން ހިއްކުން

ދަރަނީގެ ވެލިން ހިއްކާ ބިން ހިލޭ ދިނުމަކީ ބޮޑު ބުރައެއް، ގޯހެއް

ކޮންމެ ތަނަކުން ވިޔަސް، ބިން ހިއްކުމަކީ ބޮޑު ހަރަދެއް ހިނގާ ކަމެއް. ގިނަ ފަހަރު ދަރައިގެން އެކަން ކުރިޔަސް، ގޯތި ދޫކުރަނީ ހިލޭ. ދަރަނީގައި ހިއްކާ ބިން ހިލޭ ދިނުމަކީ ހުއްޓާލަން ޖެހޭ ކަމެއް
26 ނޮވެމްބަރު 2025
2

ބަންޑާރަ ގޯތި ހިލޭ ދޫކުރުމަކީ ރާއްޖެއަށް ހާއްސަ ކަމެކެވެ. ނަމަވެސް އެއީ ސިޔާސީ ބޮޑު ކަންތައްގަނޑެއް ވެސް މެ އެވެ. މި މައްސަލައިގައި ވިސްނާލުމުން ހަނދާނަށް އައީ ސޯޝަލް މީޑިއާއިން ދޭތެރެދޭތެރެއިން ފެންނަ، އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިން 1979ގައި ވިދާޅުވި ބަސްފުޅެކެވެ:

"ޕޮލިޓިކްސް އަކީ ވަކި ކަމެއް ކުރަން ނިންމައިގެން ހުރެފައި މުޅިން އެހެން ކަމެއް ކުރާނަމޭ ބުނެފައި، އޭގެ ތެރެއިން އެއްވެސް ކަމެއް ނުކުރުން. ޕޮލިޓިކްސް އަކީ އެއީ."

ރާއްޖޭގައި ބަންޑާރަ ގޯތި ދޫކުރުމުގެ ކަންކަން ވެސް މި އޮންނަނީ މިކަހަލަ ގޮތަކަށެވެ. ކޮންމެ ބަޔަކު ވެސް ބުނަނީ ގޯތި ދެވެން ނެތް ކަމަށެވެ. އަދި އެއީ ކުރަން ހެޔޮ ވާވަރުގެ ކަމެއް ނޫން ކަމަށާއި އެކަން ހުއްޓުވަން ޖެހޭ ކަމަށެވެ. އެކަމަކު ހިތުގައި އޮންނަނީ ސިޔާސީ ބާރު ބޭނުންކޮށްގެން ކޮންމެވެސް ގޮތަކުން ނާޖާއިޒު މަންފާތަކެއް ނެގުމުގެ ވިސްނުމެވެ. ދައުރު ނިމިގެންދަނީ ހިތަކަށް ގޯތިތަކެއް ކަނޑައި، ޖެހުނު ގޮތަކަށް ބަހައި ނިންމާފަ އެވެ.

މި ދައުރުގެ މެދާ ހަމައަށް ނުދެވެނީސް އަނެއްކާވެސް ދައްކަން މި ޖެހެނީ ހިލޭ ގޯތި ދޫކުރާ ވާހަކަ އެވެ. މި ސަރުކާރުން 15،000 ގޯތި ދޫކުރާނެކަން އިއުލާންކުރީ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު އެވެ.

މާލެ މީހުންނަށް މާލެ ސަރަހައްދުންނެވެ. އެކަން ކުރަން ހިއްކައި ނުނިމި ހުރި ބިންތައް ރާސްލާފައި ހިއްކައި، ނިންމާނެ އާ ތާރީހުތަކެއް ރައީސް މުހައްމަދު މުއިއްޒު އެންމެ ފަހުން އިއުލާންކުރެއްވީ ރޭގަ އެވެ. އަދި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް، އަދި ހިއްކައި ނުނިމި އޮތް ރަސްމާލެއިންނެވެ.

މާލެ ސަރަހައްދުން ފްލެޓުތަކެއް ދޭނެކަން އިއުލާންކުރީ ވެސް ހަމަ އެ ރަސްމިއްޔާތުގަ އެވެ. އެކަމަކު އެއީ ހިލެއެއް ނޫނެވެ. ތަފާތު ދެ މޮޑެލްއެއްގެ ދަށުން ވިއްކާ ގޮތަށެވެ. އަނެއްކާވެސް ކުރީ ސަރުކާރުތަކުން ކުރި ކަންކަން ތަކުރާރު ކުރަނީ އެވެ. ތަފާތު ނަމެއް ކިޔަސް، ކުރަނީ ހަމަ އެއް ކަމެކެވެ. ނަމަވެސް އޭގެ ކުރިން ދެއްކީ ކޮން ވާހަކައެއް ހެއްޔެވެ؟

ސަރުކާރުން ހިލޭ ގޯތި ދޭން އުޅޭކަން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އިއުލާންކުރެއްވި އިރު، 28 އޭޕްރީލް 2025ގައި އޭނާ މަޖިލީހުގައި ދެއްކެވީ މުޅިން ތަފާތު ވާހަކައެކެވެ.

އެ ދުވަހު މުއްތަލިބު ވިދާޅުވީ ދިރިއުޅުމަށް ހިލޭ ބަންޑާރަ ގޯތި ދާއިމީ ގޮތެއްގައި ދިނުމަކީ ކުރިއަށް އޮތް ތަނުގައި ކުރެވޭނެ ކަމަކަށް ނުވެދާނެ ކަމަށެވެ.

ދިރިއުޅުމުގެ ބޭނުމަށް ހިލޭ ބަންޑާރަ ގޯތި ދިނުމަކީ ރާއްޖެއަށް ވަރަށް ހާއްސަ ސިފައަކަށް ވާއިރު، އޭނާ ވިދާޅުވީ އެފަދަ މުހިންމު ކަމެއް ބަދަލުކުރުމަކީ އޭނާއަށް އެކަނި ލިބިވަޑައިގަންނަވާ ބާރެއް ނޫން ކަމަށެވެ. އެކަން ބަދަލުކުރަން ގާނޫނަށް އިސްލާހު ގެނެސްދިނުމަށް މަޖިލީހުގައި އެދިވަޑައިގަތެވެ. އެ ވާހަކަ އެ ހިސާބުން ނިމުނީ އެވެ.

މުއްތަލިބު އެ ދެއްކެވީ އެއްވެސް ހާލެއްގައި އާ ވާހަކައެއް ނޫނެވެ. މިދިޔަ ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ހަމަ އެގޮތަށް މަޖިލީހަށް ވަޑައިގެން އެއް ވާހަކަތަކެއް ދެއްކެވި އެވެ. އެކަމަކު އެ ދައުރު ނިމުނީ ގޯތިތަކެއް ދޫކޮށްފަ އެވެ. އަދި އިދިކޮޅުން ވެރިކަމަށް އައީ އެކަމާ ދެކޮޅަށް އަޑުއުފުލަމުންނެވެ.

ހިލޭ ގޯތި ދިނުމާ ދެކޮޅަށް އެންމެ ފަހުން ވާހަކަދެއްކެވީ ވެރިކަން ކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު އެވެ. އެއީ މި ސަރުކާރުން ހިލޭ ގޯތި ދޭކަން އިއުލާން ކުރުމުގެ ނުވަ ދުވަސް ކުރިންނެވެ.

ފަލާހު ގޮވާލެއްވީ މިދިޔަ ސަރުކާރުގައި މާލޭ މީހުންނަށް ގޯތި ދިނުމަށް ހިންގި 'ބިންވެރިޔާ' ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހިން ހިލޭ ދިން ގޯތިތަކަށް ބަދަލު ދިނުމަށް ފަހު، ހުރިހާ ގޯތިތައް ދައުލަތަށް ނެގުމަށެވެ.

"އަޅުގަނޑު ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން މިދަންނަވަނީ، އަޅުގަނޑު ހަމަ އަދިވެސް ހަމަ ސަރުކާރުގައި އެދެމޭ ދީފައި އެހެރަ ގޯތިތަކުގައި ކޮށްފައި ހުރި މަސައްކަތެއްގެ ބަދަލުދީފައި އެ ހުރިހާ ގޯއްޗެއް ދައުލަތަށް އަނބުރާ ނަގަން. އޭރަށް ދައުލަތަށް ވެސް ގާތްގަނޑަކަށް 10 ވަރަކަށް ބިލިއަން ރުފިޔާ އެ ސަލާމަތްވީ. ވަރަށް ގިނަ ފައިސާ އެ ލިބެނީ،" ފަލާހު ވިދާޅުވި އެވެ.

މި ސަރުކާރުން ހިލޭ ގޯތިތަކެއް ދޫކުރަން އުޅޭކަން އޭރު ފަލާހަށް ފަހަރުގައި  އެނގިވަޑައިނުގެންފާނެ އެވެ. ނުވަތަ ވަކި ބަޔަކު އެކަން ކުރީތީ ގޯސްވީ އެވެ. ގިނަ ފަހަރު ސިޔާސީ މީސްމީހުންގެ ވިސްނުން ހުންނަ ތަން ފެންނަނީ، އެކަހަލަ ގޮތަކަށް އެހާ ހިސާބުގަ އެވެ.

'ދަރައިގެން ހިއްކާ ބިން ހިލޭ ނުދޭންވީ'

އަސްލު މައްސަލައަށް ބަލާއިރު ބައެއް މީހުން ބުރަވަނީ މިގޮތަށެވެ:

"ސަރުކާރުން ދަރަންޏަށް ފައިސާ ނަގައިގެން އެއްވެސް ތަނަކުން ހިއްކާ ބިމަކުން ހިލޭ ގޯތި ދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން."

މި މައްސަލައިގައި ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިންގެ ވިސްނުން ހުރީ އެގޮތަށެވެ. އޭނާއަކީ ބޯހިޔާވަހިކަމުގެ މައްސަލަތަކުގައި އަޑުއުފުއްލަވާ ބޭފުޅެއް ވެސް މެއެވެ.

"ހަމައެކަނި މާލެއެއް ނޫން. އެއްވެސް ތަނެއްގައި ދައުލަތުން ފައިސާ ހަރަދުކޮށްގެން ބިން ހިއްކައިފި ނަމަ ހިލޭ ދީގެން ނުވާނެ،" މި މައުލޫއުގައި ވިސްނުން ހުރި ގޮތް ހިއްސާ ކުރައްވަމުން އަލީ ހުސައިން ވިދާޅުވި އެވެ.

"މި ޕޮލިޓިކަލް ޑިސިޝަން އެބަ ޖެހޭ ނަަގަން."

ބިމަށް އެދުމާއި ބިން ވެދުންކުރުން؛ ފަހަތުގައި އޮތީ ތަފާތު ސަބަބުތަކެއް

އެކަމަކު މި މައްސަލައިގެ އަނެއް ފަރާތުގައި އެތިބީ ބޯހިޔާވަހިކަމަކަށް އެދިއެދި ތިބޭ އާންމު ރައްޔިތުންނެވެ. އެއްވެސް ބޯހިޔާވަހިކަމެއް ނެތި، ކުލީ ދިރިއުޅުމެއްގައި މުޅި ހަޔާތް ހުސްކުރަން މަޖުބޫރުވެފައިވާ މީހުންނެވެ. އަމިއްލަ މިލްކިއްޔާތަށް ބިމެއް އިތުރުކޮށްލަން ބޭނުންވާ މަހުޖަނުން ވެސް ނުހިމެނޭ ވާހަކައެއް ނޫނެވެ.

އަލީ ހުސައިން ދެކެވަޑައިގަންނަވާ ގޮތުގައި މީހުން ބިމަށް ބޭނުންވާ ބޭނުން ނުވަތަ އެ ޑިމާންޑު އުފައްދަނީ ވެސް ސިޔާސީ ވެރިންނެވެ. އެއީ އޭގެ ފަހަތުގައި ފޮރުވައިފައިވާ ނުބައި މަގްސަދުތަކެއް އޮންނާތީ އެވެ.

"ކޮންމެހެން އާންމު ރައްޔިތުންނަށް ކަމެއް ކޮށްދޭން، ބަޔަކު ބިންވެރިކޮށްދޭން ކުރާ ކަމެއް ނޫން އެއީ،" އަލީ ހުސައިން ވިދާޅުވި އެވެ.

"ބޭނުމަކީ ނާޖާއިޒު މަންފާތަކެއް ހޯދުން. ބިން ހިއްކުމަކީ ނާޖާއިޒު ގޮތުގައި ބޮޑު މަންފާއެއް، އެކަން ކުރާ ބަޔަކަށް ވަރަށް ފަސޭހައިން، އަވަހަށް ލިބޭ ކަމެއް."

އޭނާ ވިދާޅުވި ގޮތުގައި އެ ފައިދާ ހޯދަން ބޭނުންވާ މިންވަރު ބޮޑުކަމުން ބަޔަކު ބިން ހިއްކައިދޭން އެދެފި ނަމަ ސިޔާސީ ވެރިންގެ ހެޔެއް ނުހުރެ އެވެ.

"ބިމެއް ނޫން، ދޭންވީ ބޯހިޔާވަހިކަން،"

ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން

އެކަމަކު މިއޮތީ އެ ޑިމާންޑު އުފެދޭ ސަބަބެވެ. އެއީ ގޯސް ކަމަކަށް ވާއިރު، ރައްޔިތުން ގޯސް ދިމާލަކަށް ގެންދަނީ ވެސް، އޭނާ ވިދާޅުވި ގޮތުގައި، ސިޔާސީ ވެރިންނެވެ.

"އާންމުން އެގޮތަށް ޑިމާންޑު ކުރަނީ، ކިރިޔާ ފަޅެއް އޮތަސް ހިއްކާލަން ބޭނުންވަނީ ހިލޭ ގޯތި ލިބޭތީ. ހިލޭ ނުލިބޭނެކަން އެނގޭ ނަމަ އެގޮތަށް ޑިމާންޑެއް ނުކުރާނެ،" އޭނާ ވިދާޅުވި އެވެ.

"މާލެ އަތޮޅުގައި ވެސް ބިން ނުހިއްކާ ރަށެއް ނެތް މިހާރު. ކާށިދޫ އެކަނި އެ އޮތީ، އެކަމަކު އެ ރަށު މީހުން ވެސް އެބަ ޑިމާންޑު ކުރޭ އެކަމަށް."

ބިން ހިއްކުން؛ އޮތީ މާލީ ބުރަ އެކަންޏެއް ނޫން

ޖެހުނު ގޮތަކަށް ބިން ހިއްކަމުންދާއިރު، އޭގެ ސަބަބުން ދެން ނުކުމެދާނެ މައްސަލަތަކަށް ވެސް ބަލައިލާ ސަރުކާރެއް ނެތެވެ.

މިސާލަކަށް ދަރަންޏަށް މިލިއަނުން ފައިސާ ނަގައިގެން ބިން ހިއްކުމަށް ފަހު ހިލޭ ދިނުމުން އޭގެ އަގު އުފުލަން ޖެހެނީ އާހިރުގައި ކޮން ބަޔަކަށް ހެއްޔެވެ؟ މިހާރު ވެސް މި އިވެނީ ދަރަނި ބޮޑުވެގެން ގޮސް، ދައުލަތަށް އެ ދަރަނި ދައްކަން ބުރައަކަށް ވެގެން އުޅޭ ވާހަކަ އެވެ. ދެން ކޮންމެވެސް ދިމާލަކުން ޓެކުހެއް ބޮޑުކޮށްލުމުން އެއީ ގަނޑުކޮށް، ހުރިހާ ރައްޔިތުން އުފުލަން ޖެހޭނެ ބުރައެކެވެ.

ހުޅުމާލެ ފޭސް 3 މިދިޔަ އަހަރުގެ ޖޫންގައި ހިއްކިފައި އޮތް މިންވަރު. (ފޮޓޯ/ އެޗްޑީސީ)

ތިމާވެއްޓަށް ދިމާވާ މައްސަލަތައް ކޮބާ ހެއްޔެވެ؟ ސިޔާސީ ވައުދުތަކެއް ފުއްދަން ބިން ހިއްކަން ވެއްޖެ ނަމަ، އެކަން ހުއްޓުވޭ ވަރުގެ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ)އެއް ވެސް ހެދޭ ކަމަކަށް ނުވެ އެވެ. މޫދުގެ ދިރުންތައް ވެސް ހަމަ އެކަމަށް ރުހި ގަބޫލުވެގެން ތިބޭ ފަދަ އެވެ.

ހަންކެޑެ ބްރިޖް އަޅަން ހިއްކުމުގެ ސަބަބުން މޫދު ތަގައްޔަރުވެ މަސްތައް މަރުވެގެން ލައްގާފައި.

"ހިއްކަން ވީމާ ހަމަ ހިއްކަނީ. ދުރު މުސްތަގްބަލުގައި ކުރާނެ އަސަރަކަށް އެއްވެސް ވަރަކަށް ބަލައިނުލާ،" އަލީ ހުސައިން ވިދާޅުވި އެވެ.

"ރާއްޖޭގެ އިގްތިސާދު މި ބަރޯސާ ވަނީ ޓޫރިޒަމަށް. ޑައިވިން އާއި ކަނޑު އަޑީގެ ރީތިކަމާ ކަންތައްތަކަށް. އެކަމަކު ބައެއް ސަރަހައްދުތަކުގައި ދުވާލު ޑައިވް ކުރަން އެބަ ޖެހޭ ޓޯޗު ހިފައިގެން. ބިން ހިއްކުމުގެ ސަބަބުން ކިސަޑުވެގެން ގޮސް."

ލައިގެން ކާ ހަނޑުލާއި ފުށާއި ދެން ވެސް ކާބޯތަކެތީގެ ގިނަ ބާވަތްތައް އެތެރެކުރާ މި ގައުމުގެ ފުޑް ސެކިއުރިޓީއާ މެދު ވެސް ވިސްނާނުލަ އެވެ.

"ގޯތި ދޫކުރާއިރު ފުޑް ސެކިއުރިޓީއަށް ބޭނުންވާ މިންވަރަށް ބިންކޮޅެއް ނުބަހައްޓާ ހުސްކޮށްލައިގެން ވެސް ނުވާނެ ދޯ؟" އަލީ ހުސައިން ވިދާޅުވި އެވެ.

އަލީ ހުސައިން: އޭނާ ތަކުރާރުކޮށް ގޮވާލައްވަނީ އެއްވެސް ތަނަކުން ދަރަންޏަށް ހިއްކާ ބިމަކުން ހިލޭ ގޯތި ނުދިނުމަށް. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

ދެން ބަލަންވީ ކޮން ކަންތައްތަކަކަށް؟

"ބިމެއް ނޫން، ދޭންވީ ބޯހިޔާވަހިކަން،" އެ ސުވާލަށް ޖަވާބު ދެއްވަމުން އަލީ ހުސައިން ވިދާޅުވި އެވެ.

ފްލެޓެއްގެ ސިފައިގައި ވިޔަސް ބޯހިޔާވަހިކަން ދިނުމުގައި ސަމާލުކަން ދޭންވީ ކަންތައްތަކެއް އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ. އެއީ:

  • އެ މީހަކު ދިރިއުޅޭ ތަނަކުން ބޯހިޔާވަހިކަން ހަމަޖައްސައިދިނުން

  • ރަށްރަށުގެ މީހުންނަށް ވަކި ތަނަކުން ނުލިބޭ ގޮތަށް އޮތުމަކީ ގޯހެއް؛ އެ ފުރުސަތަކީ މާލޭގައި ކުރިން އުޅުނު އެކި ރަށްރަށުގެ މީހުންނަށް ވެސް ލިބުނު ފުރުސަތެއް

  • މަސައްކަތްކުރާ ދާއިރާއަށް ބަލައިގެން ބޯހިޔާވަހިކަން ދިނުމަކީ ގޯހެއް؛ މިސާލަކަށް ޓީޗަރުން، ސިފައިން ނުވަތަ ފުލުހުންނަށް ފްލެޓު ދިން ނަމަވެސް، ހަމަ އެ މަސައްކަތް ކުރާ މީހުން އެހެން ސަރަހައްދުތަކުގައި ވެސް އުޅޭ

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކެއް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

"އަޅުގަނޑު ދަންނަވާނީ އެމީހެއްގެ ހާލަތަށް ބަލާށޭ،" އަލީ ހުސައިން ވިދާޅުވި އެވެ.

"މިސާލަކަށް އަލަތު ކައިވެނި ކުރާ މީހުންނަށް ފްލެޓު ދިނުން. އަލަތު ކައިވެނި ކުރާ މީހުން ދިރިއުޅޭނީ ހަމައެކަނި މާލޭގައެއް ނޫނެއްނު؟ މިކަމުގައި ހަމަހަމަކަން އިސްކުރަންވީ."

ބިން ދޫކުރުމުގައި އޭނާ ވިދާޅުވީ ނުހިއްކައި، ރަށެއްގައި ގުދުރަތީ ގޮތުން އެ އޮންނަ ސަރަހައްދަކުން ބިން ދޫކުރުމުގައި ތަފާތު ގޮތެއް ނިންމިދާނެ ކަމަށެވެ. އެކަމަކު ތަކުރާރުކޮށް ވިދާޅުވީ ދައުލަތުން ބޮޑު ހަރަދުކޮށްގެން އެއްވެސް ސަރަހައްދަކުން ހިއްކާ ބިންތައް ހިލޭ ދިނުމަކީ ގޯސްކޮށް ކުރަމުންދާ، ހުއްޓާލަން ޖެހޭ ކަމެއް ކަމަށެވެ.

"އެ ނިންމުން ނިންމާނީ، ކާކު، ކޮން ހިސާބެއްގައި؟"

ކޮމެންޓް (2)

މަބުނީ

29 ނޮވެމްބަރު 2025
ދަރަނިން ހަދާ ބަނަދަރުތަކާ ފެނާ ނަރުދަމާއާ މަގުތަކަށްވެސް ތިޔައުސޫލު ރަނގަޅު. ރަށްރަށުފަޅުގައޮންނަ އުޅަނދުފަހާރާ މަގުގަދުއްވާ އުޅަނދާ ނަރުދަމާއާގުޅިފަ ހުންނަ ފާހަނާ ތައްޓަށްވެސް ބޯފެނާ ކަރަންޓަށް ފީނަގާއުސޫލުން ފީއެއްނަގަންވީ.
0 0

ދޮވެމި ކަލަމިންޖާ

26 ނޮވެމްބަރު 2025
ބަންޑާރަ ބިން ބަންޑާރަ ގޮތުގައި ދިރިއުޅެން ދިނުން މައްސަލައެއް ނޫން. އެފަދަ ބިންތަކުން ވިަޔފާރީގެ ނަފާ ހޯދުމާއި ވާރުތަކުރުމާއި ވިއްކުމަކީ ޤާނޫނުން މަނާކުރެވިަފއިވާންޖެހޭ ކަމެއް. އެގޮތުން ވިއްކާނަމަ އެތަނެއްގެ މާރކެޓް އަގު ދައުލަތަށް ދައްކައިގެން ނޫނީ ވިއްކާނުލެވޭ ގޮތަށް ހުންނަން ޖެހޭ. އަދި ޢިމާރާތް ކުރާނަމަ، ކުއްޔަށް ދިނުމުގެ މަޤްޞަދު ނުވަތަ ވިޔަފާރީގެ އުސޫލުން ފިހާރަ ހެދުމަށް ކުއްޔަށް ދިނުންވެސް މަނާކުރެވެންޖެހޭ. މިއީ ދިރިއުޅުމަށް ދެވޭ ބަންޑާރަބިން. އަދި ދީފައިވާ ފަރާތް ނިޔައުވުމުން އޮޓޮމެޓިކުން ބިން އަނބުރާ ދައުލަތަށް ދާނީ. ދައުލަތުން އަނެއްކާ އެހެން ފަރާތަކަށް އެތަން ދިރިއުޅެން ދޭނީ ނުވަތަ ބޭނުން ކުރާނީ. ނިޔައުވާއިރު އެތަނުގައި ޢިމާރާތެއް ހުރިނަމަ އެތަން އަގުކޮށް ދައުލަތުން އޭނާގެ ވާރިސުންނަށް ފައިސާދެވިދާނެ. ބަންޑާރަ ބިމަކީ އެއްވެސް ޙާލެއްގައި ވާރުތަވާން އަދި ވިަޔފާރީގެ އުސޫލުން ބޭނުންކުރެވޭ ބިންތަކަކަށް ވެގެން ނުވާނެ. މިއީ ޤާނޫނުން ބަޔާންކުރެވިފައި އޮންނަންޖެހޭ ކަމެއް. މިހުރިހާ އިނާޔަތެއް ބޭނުމިއްޔާ ދައުލަތަށް ބަހާލައިގެން ވިޔަސް ފުރިހަމަ އަގުގައި އަމިއްލަކުރުމަށް ފައިސާ ދެއްކިދާނ
-1 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް