ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދުގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. (ފޮޓޯ/މަޖިލީސް
މާލެއިން ހިލޭ ގޯތި ދިނުން ހުއްޓާލަން ސިޔާސީ ލީޑަރުން ބޭނުމެއް ނުވޭ: އަސްލަމް
މާލެ ސަރަަހައްދުން ހިލޭ ގޯތި ދޫކުރަން ހުއްޓާލުމަކީ ރާއްޖޭގެ ސިޔާސީ ލީޑަރުން އެދޭ ގޮތެއް ނޫން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެެ އެވެ.
މައްސަލައިގެ ފެށުން - މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހިންގާ ސުކީމްގެ ދަށުން ގޯތިތައް ދޫކުރަނީ މާލެއަށް ނިސްބަތްވާ މީހުންނަށް، މުޅިން ހިލެ އެވެ. އަންނަ މަހު އެ ލިސްޓު ނެރެން ތައްޔާރުވަމުން އަންނައިރު، ގިނަ ބަޔަކު ދަނީ އެކަމާ ދެކޮޅު ވެސް ހަދަމުންނެވެ. ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯތި ހިލޭ ދޫކުރުމަކީ ބޭއިންސާފެއް ކަމަށް ބުނެ މިދިޔަ ޖުލައިގައި މަޖިލީހަށް ވެސް މައްސަލައެއް ހުށަހެޅި އެވެ.
ބުނީ ކީކޭ؟ - ހިލޭ ގޯތި ދިނުމާ އަބަދުވެސް ދެކޮޅަށް ވާހަކަދައްކަވާ އަސްލަމް ވަނީ، މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެސް އެ މައުލޫއަށް ވާހަކަދައްކަވާފަ އެވެ. އެގޮތުން، މެމްބަރެއްގެ ސުވާލަކަށް ދެއްވި ޖަވާބުގައި އޭނާ ވިދާޅުވީ، ބަންޑާރަ ގޯތިި ދިނުމަކީ ރާއްޖޭގައި ޒަމާނުއްސުރެ އޮންނަ ކަމަކަށް ވާއިރު، އެ ގޮތަށް ގޯތި ދިނުން ހުއްޓާލުމަށް ސިޔާސީ ލީޑަރުން ވެސް ބޭނުން ނުވާ ކަމަށެވެ.
"ދިވެހިން ގަބޫލުކުރަނީ ވެސް ބަންޑާރަ ގޯތި ދޭން ޖެހޭ ކަމަށް. އަދި އަޅުގަނޑުމެން ސިޔާސީ ލީޑަރުން ވެސް ތިބީ އެކަން ހުއްޓާލާ ގޮތަކަށް ނޫން،" އޭނާ ވިދާޅުވި އެވެ.
އެކަމަކު އެ އުސޫލަށް ބަދަލު ގެނައުމަކީ ގިނަ ބަޔަކަށް ފެންނަ ކަމަކަށްވާ ނަމަ، އެކަން ކުރަން ތައްޔާރަށް ހުންނެވި ކަމަށް އަސްލަމް ވިދާޅުވި އެވެ.
ގުޅުންހުރި ކަމެއް - މީގެ ކުރިން ބޭއްވި މަޖިލީހުގެ ޖަލްސާއަކަށް ވަޑައިގެން އަސްލަމް ވަނީ، މާލެ ސަރަހައްދުން ގޯތި ދޫކުރަން ނިންމާފައިވަނީ އެހެން ރަށްރަށުގައި ވެސް ދޭ އުސޫލާ އެއްގޮތަށް ކަމަށް ވިދާޅުވެފަ އެވެ.
އެއްވެސް ރަށަކުން އެ ރަށަކަށް ނިސްބަތް ނުވާ މީހަކަށް ގޯތި ދިނުމުގައި ގާނޫނީ ހުރަހެއް ނެތަސް، ގޯތި ދޭ އިރު އެ ރަށުގެ ރައްޔިތުންނަށް އިސްކަންދިނުމަކީ ޒާމާނުއްސުރެ އަމަލުކުރަމުން އަންނަ ގޮތްކަން އޭނާ އެ ދުވަހު ވެސް ފާހަގަކުރެއްވި އެވެ.
އެއާ އެކު، އޭނާ ވިދާޅުވީ ރާއްޖެއިން ގޯތި ދޫކުރުން ހުއްޓާލުމުގެ ވާހަކަތައް ވެސް ފަށަން ޖެހޭ ކަމަށެވެ.
ބިންވެރިޔާ ސްކީމް
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމުގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ އާއި ގުޅީފަޅުގެ އިތުރުން ގިރާވަރު ފަޅު ހިއްކައިގެންނެވެ.
-
ފޯމަކަށް ލިބޭނެ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1،250 އަކަފޫޓު
-
ޖޮއިންޓް އެޕްލިކޭޝަނެއް ނުވަތަ އެކަކަށް ވުރެ ގިނަ މީހުންގެ ނަމުގައި ހުށަހަޅާ އެޕްލިކޭޝަންތަކަށް، އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރު ކުރެވޭނެ
-
ހަތް މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާ ނަމަ، އެ އެޕްލިކޭޝަނަކަށް ލިބޭނީ ޖުމުލަ 4،000 އަކަފޫޓު
އެނގުން މުހިންމު - ޕްލޭންކޮށްގެން ތަރައްގީކުރަމުން އަންނަ ހުޅުމާލޭގެ މާސްޓަޕްލޭނަށް ބަދަލު ގެނެސް، ދެވަނަ ފިޔަވަހީގެ ފަޅުން ބައެއް އަނެއްކާވެސް ހިއްކަން ފެށުމުގެ ތައްޔާރީތައް އާބަންކޯ އިން ވަނީ ފަށާފަ އެވެ.
އެނގިފައިވާ ގޮތުގައި، ހިއްކަނީ ހުޅުމާލޭ ދެ ފޭސް ގުޅުވާލާ ބްރިޖްތައް ހިމެނޭ ޓަނަލް ހުޅަނގު އުތުރުކޮޅަށް ނިމޭ ހިސާބުން، އުތުރަށް އޮތް މުޅި ފަޅެވެ. އޭރުން ފަރުކޮޅުފުށި ވެސް ދާނީ ހިއްކާ ތަނުގެ ތެރެއަށެވެ.
ކޮމެންޓް (1)
ރަދުން