މިނިސްޓަރު މުއްތޮލިބު މަޖިލީހުގެ ޖަލްސާއަކަށް ހާޒިރުވެ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ (ފައިލް ފޮޓޯ/ މަޖިލިސް)

ހިލޭ ބަންޑާރަ ގޯތި ދޭން އުނދަގޫވާނެ؛ އެކަން ހުއްޓުވަން ގާނޫނަކުން ހައްލު ގެނެސްދީ: މުއްތޮލިބު

މުއްތޮލިބު ވިދާޅުވީ ދިރިއުޅުމުގެ ބޭނުމަށް ހިލޭ ބަންޑާރަ ގޯތި ދިނުމަކީ ރާއްޖެއަށް ވަރަށް ހާއްސަ ސިފައަކަށްވާއިރު، އެފަދަ މުހިންމު ކަމެއް ބަދަލުކުރުމަކީ އޭނާއަށް އެކަނި ލިބިވަޑައިގަންނަވާ ބާރެއް ނޫން ކަމަށް

ދިރިއުޅުމަށްޓަކައި ހިލޭ ބަންޑާރަ ގޯތި ދާއިމީ ގޮތެއްގައި ދިނުމަކީ ކުރިއަށް އޮތް ތަނުގައި ކުރެވޭނެ ކަމަކަށް ނުވެދާނެ ކަމަށާއި އެކަމަށް ގާނޫނަކުން ހައްލު ގެނެސްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކިބައިން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު އެދިވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - މުއްތޮލިބު މިގޮތަށް އެދިވަޑައިގަތީ ތުލުސްދޫ ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ނަސީމް ކުރެއްވި ސުވާލަކަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖަވާބު ދެއްވަމުންނެވެ.

ނަސީމް ސުވާލުކުރެއްވީ:

  • ބަންޑާރަ ގޯތި ހިލޭ ބެހުމަކީ ރާއްޖެ ފިޔަވައި ދުނިޔޭގެ އެއްވެސް ތާކު ކުރާ ކަމެެއް ނޫން 

  • އޭގެ ސަބަބުން ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ނުލިބޭ

  • ދިގު މުއްދަތުން ފައިސާ ދޫކުރާ ގޮތަށް ހައުސިން ޔުނިޓުތަކުން ފްލެޓު ދޭ ގޮތަށް އޫސޫލު ބަދަލުކުރަންޖެހޭ؛ އެފަދަ ވިސްނުމެއް ގެންގެންގުޅުއްވަންތޯ

ތުލުސްދޫ ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ނަސީމް(ފޮޓޯ/މަޖިލިސް)

ބުނީ ކީކޭ؟ - އެކަމަށް ތާއީދުކުރައްވާ މުއްތޮލިބު ދެއްވި ޖަވާބުގައި ވިދާޅުވީ ދިރިއުޅުމުގެ ބޭނުމަށް ހިލޭ ބަންޑާރަ ގޯތި ދިނުމަކީ ރާއްޖެއަށް ވަރަށް ހާއްސަ ސިފައަކަށްވާއިރު، އެފަދަ މުހިންމު ކަމެއް ބަދަލުކުރުމަކީ އޭނާއަށް އެކަނި ލިބިވަޑައިގަންނަވާ ބާރެއް ނޫން ކަމަށެވެ.

އެކަން ބަަދަލުކުރާ ނަމަ ކުރަންޖެހޭނީ ގާނޫނަށް އިސްލާހުތަކެއް ގެނެސްގެން މަޖިލީހުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވި އެވެ.

"ތި ވިދާޅުވި ގޮތަށް ކުރިއަށްދާއިރު ދާއިމީ ގޮތެއްގައި ކުރިއަށް ދިއުމަކީ ދަތިކަމަކަށް ވެދާނެ. އެހެންވީމާ އެކަމަށް ހައްލެއް ހޯދުމަށް މަޖިލިސް ތެރެއިން، ގާނޫނެއްގެ ތެރެއިން އެ ހައްލު ހޯދައިދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދެކެން،" މުއްތޮލިބު ވިދާޅުވި އެވެ.

ގުޅުންހުރި ކަމެއް - ހިލޭ ބަންޑާރަ ގޯތި ދިނުން ނިމުމަކަށް ގެންނަންޖެހޭ ކަމަށް ވިދާޅުވެ، މިދިޔަ އެމްޑީޕީ ސަރުކާރުގައި އޭރުގެ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް މަޖިލީހުގައި ވާހަކަދައްކަވާފައިވެ އެވެ. އޭރު އަސްލަމް ވެސް ވިދާޅުވީ ޒަމާނުއްސުރެ ރާއްޖޭގައި އޮތް، ރަށްރަށުން ހިލޭ ގޯތި ދިނުމުގެ ސިޔާސަތު ބަދަލުކުރަން ޖެހިފައިވާ ކަމަށާއި އެއީ ދާއިމީ ގޮތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ނަމަވެސް، މިދިޔަ ސަރުކާރުން ވަނީ 'ބިންވެރިޔާ' ސްކީމުގެ ނަމުގައި، މާލޭ މީހުންނަށް ހިލޭ ގޯތި ދިނުމުގެ ސްކީމެއް ހިންގާފަ އެވެ.

ކޮމެންޓް (1)

އިއްސެ

28 އޭޕްރީލު 2025
ހާއްސަކޮށް މަސައްކަތްތެރި އެތައް ހާސް ބަޔަކު މިހާރުވެސް އެތަނުން ގޯތި ގަތުމަށް ބޮޑެތި އަދަދުތަކުން ފައިސާ ދައްކާފައިވާ ދަނޑިވަޅެއްގައި ބޯހިޔާވަހިކަމަށް ހުޅުމާލެއިން ހިލޭ ގޯތި ދިނުމަކީ ވަރަށް ބޮޑު ބޭއިންސާފެކެވެ. މެރިޓާއި އިންވެސްޓްމަންޓުގެ މައްޗަށް ބިނާކޮށް ހަމަހަމަ ފުރުސަތެއް ލިބޭނެ ކަމަށް ވައުދުވި ނިޒާމަކަށް އިތުބާރުކޮށް ގިނަ އާއިލާތަކުން މާލީ ގޮތުން ބޮޑެތި ގުރުބާނީތަކެއް ވެފައިވެ އެވެ. މިހާރު ހިލޭ ގޯތި ދިނުމަކީ އެފަރާތްތަކުގެ މަސައްކަތާއި މާލީ ވައުދުތައް އަގު ވައްޓާލުމުގެ އިތުރުން ބިން ދޫކުރުމުގެ މަރުހަލާގެ އިތުބާރު ވެސް ގެއްލޭ ކަމެކެވެ. ހުޅުމާލެ އަކީ ގައުމީ އިންވެސްޓްމަންޓްގެ ތެރެއިން ތަރައްގީކޮށްފައިވާ ރަށެއް ކަމަށާއި ފެއާ މާކެޓް ވެލިއުގައި ބިން ވިއްކުމުގެ ބޭނުމަކީ ހަރަދުތައް އަނބުރާ ހޯދައި ދެމެހެއްޓެނިވި ގޮތެއްގައި އާބަން ޑިވެލޮޕްމަންޓް ކަށަވަރުކުރުން ކަމަށެވެ. ހިލޭ ބިން ދޫކުރުމުން އަނިޔާވެރިކަމުގެ އިހުސާސް އުފެދި، މުސްތަގުބަލުގައި ކުރާ އިންވެސްޓްމަންޓްތަކަށް ހިތްވަރު ލިބި، ގައުމީ ބޮޑު މަޝްރޫއެއް ސިޔާސީ ގޮތުން ހިންގޭ ގިވްއަވޭއަކަށް ބަދަލުވުމުގެ ނުރައްކާ ބޮޑެވެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް