ރަސްމާލެއަށް ހިއްކާފައިވާ ބިން. (ފޮޓޯ/އެޗްޑީސީ)

ބޯހިޔާވަހިކަން

މާލެ ސަރަހައްދާއި ރަސްމާލެއިން ފްލެޓާއި ގޯތި ދޫކުރާ ސްކީމް އިއުލާންކޮށްފި

މިރޭ އިއުލާންކުރި ސްކީމްތަކުގެ ތެރޭގައި މާލެ މީހުންނާއި މާލޭގައި ދިރިއުޅެމުން އަންނަތާ 15 އަހަރުވެފައިވާ އެކި ރަށްރަށުގެ މީހުންނަށް ގޯއްޗާއި ފްލެޓު ދޫކުރާ ސްކީމްތަކެއް ހިމެނޭ
16 ނޮވެމްބަރު 2025
1

މި ސަރުކާރުގެ 'ބޯހިޔާވަހިކަން އެންމެންނަށް' ސިޔާސަތުގެ ދަށުން 'އާއިލީ ބޯހިޔާވަހިކަން' ޕްރޮގްރާމް އިފްތިތާހުކޮށް، މާލެ ސަރަހައްދާއި ރަސްމާލެއިން ގޯއްޗާއި ފްލެޓު ދޫކުރާ ސްކީމްތަކެއް އިއުލާންކޮށްފި އެވެ.

ވީ ކިހިނެއް؟ - މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނާޒިމް މުހައްމަދު އެވެ.

ބުނީ ކީކޭ؟ - އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ އަލަށް ތައާރަފްކުރާ ބޯހިޔާވަހިކަމުގެ ސްކީމްތައް އަމާޒުކޮށްފައިވަނީ މުޖުތަމައުގައި އުޅޭ އެކި ފަންތީގެ އާއިލާތަކަށް ކަމަށެވެ.

އޭގެ ތެރޭގައި އެއްވެސް ބޯހިޔާވަހިކަމެއް ނެތް، ކުއްޔަށް އެއް ތަނުން އަނެއް ތަނަށް ބަދަލުވާން ޖެހިފައިވާ މީހުންގެ އިތުރުން މާލީ ހާލަތު ހުރި ގޮތުގެ ސަބަބުން ބޭންކުތަކުން އަމިއްލަ ބޯހިޔާވަހިކަން ހޯދުމުގެ ގާބިލުކަން ނެތް އާއިލާތައް ވެސް ހިމެނެ އެވެ.

މިރޭ ތައާރަފްކުރާ ސްކީމްތަކުގެ ތެރެއިން އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލް އަމާޒުކޮށްފައިވަނީ ބޭންކުތަކުން މޯގޭޖު ފައިނޭންސިން ހޯދުމުގެ ތަނަވަސްކަން ހުރި، މެދު ފަންތީގެ އާމްދަނީ ލިބޭ އާއިލާތަކަށް ފުރަތަމަ ބޯހިޔާވަހިކަން ހޯދައިދިނުމަށެވެ.

ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން އާއިލާ ބޯހިޔާވަހިކަން ޕްރޮގްރާމް ތައާރަފްކުރަން ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު (ވ) އާއި ސްޓޭޓް މިނިސްަޓަރު އަހްމަދު ނާޒިމް މުހައްމަދު. (ފޮޓޯ/ޕީއެސްއެމް)

"ބޭންކް ފައިނޭންސް ހޯދޭނެ ފަދަ ތަނަވަސްކަމެއް ނެތް އާއިލާތަކަށް ރެންޓް-ޓު-އޯން މޮޑެލްގެ ދަށުން ބޯހިޔާވަހިކަން ހޯދުމަށް މަޝްރޫއުތައް ހިންގޭނެ. މިރޭ މި އިއުލާންކުރާ 7،500 ހައުސިން ޔުނިޓަކީ މި ދެންނެވި ރެންޓް-ޓު-އޯން މޮޑެލްގެ ދަށުން ދޭނެ ޔުނިޓުތަކެއް،" މުއްތަލިބު ވިދާޅުވި އެވެ.

"މީގެ ތެރޭގައި ފަގީރުކަމުގައި ދަތި ހާލުގައި ބޯހިޔާވަހިކަމެއް ނެތި އުޅޭ އާއިލާތަކަށް ކަމާގުޅޭ އިދާރާތަކުން ހަދާ އެސެސްމަންޓެއްގެ ތެރެއިން ބޯހިޔާވަހިކަން ފޯރުކޮށްދިނުން ވެސް ހިމެނިފައިވާނެ."

މީގެ އިތުރުން ގޯތި ދޫކުރާ ސްކީމްގެ ދަށުން 15،000 ގޯތި ދޫކުރާނެ ކަމަށް ވެސް މުއްތަލިބު ވަނީ ވިދާޅުވެފަ އެވެ.

މާލޭގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދޭ ސްކީމް:

މިރޭ ތައާރަފްކުރި އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން ދެ ސްކީމެއް ވަނީ ތައާރަފްކޮށްފަ އެވެ. އެއީ މާލޭގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދޫކުރާ ސްކީމަކާއި މާލޭގައި ދިރިއުޅޭ މީހުންނަށް ގޯތި ދޫކުރާ ސްކީމެކެވެ.

އަސާސީ ޝަރުތުތައް:

  • 1-

    ދިވެހި ރައްޔިތަކަށް ވުން

  • 2-

    އުމުރުން 18 އަހަރު ވެފައިވުން

  • 3-

    400 އަކަފޫޓަށް ވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ބިން ނުވަތަ ގޯތިގެދޮރު މިލްކުވެފައި ނުވުން

  • 4-

    ރިއަލް އެސްޓޭޓް މާކެޓުން ހައުސިން ޔުނިޓެއް ގަނެފައި ނުވުން؛ އެފަދަ ތަނެއް ގަތުމަށް އެއްބަސްވެ، ފައިސާ ދައްކަމުން ނުދިއުން

  • 5-

    އެމީހަކަށް ނުވަތަ ފިރިމީހާ/އަނބިމީހާއަށް ކުރިން ސަރުކާރަކުން ހިންގާފައިވާ ބޯހިޔާވަހިކަމެއް ލިބިފައި ނެތުން

މި ސްކީމްގެ ދަށުން ފްލެޓު ދޫކުރާނީ މައިގަނޑު ދެ ކެޓަގަރީއެއްގެ ދަށުންނެވެ. އެއީ:

1. މާލޭގެ ރަށްވެހިންނަށް

  • އުފަންވީއްސުރެ މާލެ ރަޖިސްޓްރީގައި ޖެހިފައިވާ މީހުން

  • މާލޭ ރަށްވެހިންގެ ދަފްތަރުގައި ޖެހިފައިވާ މީހުން

  • ފަހުން މާލޭގެ ގެއެއްގައި ރަޖިސްަޓްރީ ވެފައިވާ މީހުން

2. މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުން

  • މާލޭގައި މެދުނުކެނޑި ދިރިއުޅެމމުން އަންނަތާ 15 އަހަރު ވެފައިވުން

މި ސްކީމްގެ ދަށުން ފްލެޓު ގަނެވޭނެ ދެ މޮޑެލްއެއް ވެސް ވަނީ އިއުލާންކޮށްފަ އެވެ. އެއީ އެފޯޑަބަލް ހޯމް އޯނަޝިޕް މޮޑެލް އާއި ރެންޓް-ޓު-އޯން މޮޑެލް އެވެ.

މާލޭގައި ދިރިއުޅޭ މީހުންނަށް ގޯތި ދޫކުރާ ސްކީމް:

މި ސްކީމްގެ ދަށުން މާލޭ ރަށްވެހިންނަށް ގޯތި ދޫކުރާނީ ގްރޭޓާ މާލެ ސަރަހައްދު އަދި ރަސްމާލެއިންނެވެ. އަދި މާޅޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރާނީ ހަމައެކަނި ރަސްމާލެއިންނެވެ.

ފްލެޓާއި ގޯތި ދޫކުރާ ސްކީމްތަކުގައި ވެސް ޕޮއިންޓު ދޭއިރު މާލޭގައި ދިރިއުޅުނު މުއްދަތަކާއި އާއިލާގެ ހާލަތާއި ބައެއް އިތުރު ކަންތައްތަކަށް ބަލާނެ އެވެ.

މި ސްކީމްތަކާ ގުޅޭ އިތުރު މައުލޫމާތު މިރޭ ގެޒެޓުގައި ޝާއިއުކުރާނެ އެވެ.

ކޮމެންޓް (1)

ތެފައާސާ.

17 ނޮވެމްބަރު 2025
އެކި ނަންނަމުގައި ސްކީމްތަކާއި ޕްރޮގްރާމްތައް އިފްތިތާހުކުރުމަށް ހުންނަ ފޯރި، ކަންކަން ނިންމައި ޑެލިވާރ ކުރުމަށްވެސް ހުންނަނަމަ މި ގައުމުގައި ހާދަ ކަންކަމެއް ވާނެއޭ ދޯ؟
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް