ގިރާވަރުފަޅާއި ހުޅުމާލޭ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަޝްރޫއުއަށް ގެނައި އާ ޑްރެޖަރު

އާ ޑްރެޖަރެއް ގެނެސްފި؛ ރައީސް ވިދާޅުވީ ގިރާވަރުފަޅު ތިން މަހުން ހިއްކާ ނިމޭނެ ކަމަށް

ރައީސް ވިދާޅުވި ގޮތުގައި ހުޅުމާލެ ފޭސް ތިނެއް އަންނަ މަސް ނިމުމުގެ ކުރިން ހިއްކާ ނިންމޭނެ

ހުޅުމާލޭ ތިންވަނަ ފިޔަވައްސާއި ގިރާވަރުފަޅު ހިއްކުމަށް އާ ޑްރެޖަރެއް މިހާރު ގެނެސްފައިވާ ކަމަށާއި ގިރާވަރުފަޅު ކުރިއަށް އޮތް ތިން މަހެއްހާ ދުވަސްތެރޭ ހިއްކާ ނިންމޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް މިގޮތަށް ވިދާޅުވީ، އަލަށް ގެނައި ޑްރެޖަރުގެ ފޮޓޯއަކާ އެކު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. 'ޓީއެސްއެޗްޑީ ޕްރިންސް އޮފް ދަ ނެދަލޭންޑްސް'ގެ ނަން ދީފައިވާ މި ޑްރެޖަރު ރާއްޖެ ގެނައީ މިއަދު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ތަފްސީލް - ރައީސް ވިދާޅުވީ:

  • އާ ޑްރެޖަރު ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަޝްރޫއުއަށް މާދަމާ ބޭނުން ކުރަން ފަށާނެ

  • އޭރުން، މިހާރު އޮތް 'ޓީއެސްއެޗްޑީ އޮރަޖީ' ޑްރެޖަރާ އެކު، އެ މަޝްރޫއުގައި ދެ ޑްރެޖަރު ބޭނުންކުރަމުން ގެންދާނެ

  • ހުޅުމާލެ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް އަންނަ މަސް ނިމުމުގެ ކުރިން ނިންމާލެވޭނެ

  • މި ދެ ޑްރަޖަރު ވެސް ގިރާވަރުފަޅު ހިއްކުމަށް ބޭނުން ކުރާނެ؛ އެ މަޝްރޫއު ދެތިން މަސްތެރޭ ނިންމާލެވޭނެ

އާ ޑްރެޖަރު ގެނައީ ސަރުކާރުން ކަމެއް ނުވަތަ މަޝްރޫއު ހިންގާ ފަރާތުން ކަމެއް ރައީސްގެ ޕޯސްޓުން ސާފެއް ނޫނެވެ.

އެނގުން މުހިއްމު - ގިރާވަރުފަޅާއި ހުޅުމާލޭގެ ފޭސް ތިނެއްގެ ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސަރުކާރުގެ ދެ ކުންފުންޏަކާ އެވެ. ދެ ކުންފުނިން ވެސް މަސައްކަތް ހަވާލުކޮށްފައިވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ)އާ އެވެ. އެގޮތުން:

  • ގިރާވަރުފަޅުން 160 ހެކްޓަރުގެ ބިން ހިއްކަން ހަވާލުކުރީ ފަންޑު މެނޭޖުމަންޓް ކޯޕަރޭޝަނާ

  • ހުޅުމާލެ ފޭސް ތިނަކަށް 63 ހެކްޓަރުގެ ބިން ހިއްކަން ހަވާލުކުރީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް