ހިތަދޫ އޮފީހުގެ އާ އިމާރާތް، މިދިޔަ ޑިސެމްބަރު 31ގެ ނިޔަލަށް ގޮސްފައިވާ ހިސާބު (ފޮޓޯ/އޮޑިޓް އޮފިީސް)
އައްޑޫ ފެނަކައިން އުޅުނީ ކަރަންޓް ދޭކަށް ނޫން؛ ހިޔާނާތާއި އިސްރާފުގައި
ފެނަކަ ކޯޕަރޭޝަންގެ ތެރެއިން ހިންގާ ވައްކަމާއި ހިޔާނާތުގެ ވާހަކަ އަލެއް ނުވާނެ އެވެ. މިދިޔަ ސަރުކާރުގެ ތެރޭ އެ ކުންފުނިން އައްޑޫގައި ހިންގި އެކި މަޝްރޫއުތަކާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލް އެކުލަވާލި އޮޑިޓް ރިޕޯޓް މިދިޔަ ބުދަ ދުވަހު އާންމުކޮށްފައިވާއިރު، އެ ރިޕޯޓްގައި ހުރީ އެންމެން ދަންނަ ވާހަކަތަކެވެ. ހައިރާންވާން ޖެހޭ އާ ވާހަކައެއް ނެތެވެ.
އެކަމަކު، ފެނަކައިގެ އެންމެ ބްރާންޗެއްގެ ތެރޭގައި އޮތް ހިޔާނާތާއި އިސްރާފުގެ ބޮޑުކަމުން ހާމަވަނީ އެ ކުންފުނީގެ ތެރޭގައި ކޮރަޕްޝަންގެ މޫލާފައި އޮތް މިންވަރެވެ. އަދި އެ ކުންފުނިން ކަރަންޓް ދޭ ކޮންމެ ރަށެއްގެ އޮޑިޓެއް ހަދާލައިފި ނަމަ ފެންނާނީ ވެސް ހަމަ އެ މަންޒަރެވެ.
ޕްރޮޖެކްޓްތަކުން 77 މިލިއަން ރުފިޔާގެ ގެއްލުން
އޮޑިޓް ރިޕޯޓްގައި ފާހަގަކުރި އެންމެ ބޮޑު މައްސަލައަކީ އައްޑޫ ފެނަކަ ބްރާންޗުން ބަޔަކާ ހަވާލުނުކޮށް ސީދާ އިންހައުސްކޮށް ކުރިއަށް ގެންދިޔަ ހަތަރު މަޝްރޫއަކުން ކުންފުންޏަށް ވެފައިވާ ބޮޑެތި ގެއްލުންތަކެވެ. އަދި އެ މަޝްރޫއުތަކުގެ ތެރެއިން ހިންގާފައިވާ ނާޖާއިޒު އެތައް ކަމެއް އޮޑިޓާ ޖެނެރަލް ފެންމަތި ކުރެއްވި އެވެ. އެގޮތުން، އެ ރިޕޯޓްގައި ފާހަގަކުރި ގޮތުގައި:
-
ފެނަކަ ކޯޕަރޭޝަން އައްޑޫން 2021 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ ނިޔަލަށް ހަތަރު ޕްރޮޖެކްޓް އިން-ހައުސްކޮށް ކުރިއަށް ގެންދިޔައިރު، އެ ޕްރޮޖެކްޓުތަކަށް 31 ޑިސެމްބަރ 2023ގެ ނިޔަލަށް 117.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ
-
އެ ޕްރޮޖެކްޓުތައް މިހާރުހުރި ހިސާބުން އެއްކޮށް ނިންމުމަށް އިތުރަށް 68.5 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭއިރު މިޕްރޮޖެކްޓުތައް ބޭނުންހިފޭނެ ހާލަތަކަށް ގެނައުމަށް ޖުމުލަ 186 މިލިއަން ރުފިޔާ ކުންފުނިން ހަރަދުވާނެކަން ވެސް އަންދާޒާ ކުރެވޭ
-
އިންހައުސްކޮށް ނުކޮށް ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ނަމަ ހަރަދުވާނެ ކަމަށް ލަފާކުރެވެނީ 109.1 މިލިއަން ރުފިޔާ؛ މިއަދަދަށް ބަލާއިރު އިން-ހައުސްކޮށް މި ޕްރޮޖެކްޓުތައް ކުރިއަށް ގެންދިއުމުގެ ސަބަބުން ކުންފުންޏަށް 77 މިލިއަން ރުފިޔާ ގެއްލުންވޭ
އެގޮތަށް ހިންގި އެއް މަޝްރޫއު ކަމަށްވާ، ސެންޓްރަލް ޕަވާހައުސް އިމާރާތުގެ މަސައްކަތް ކުރުމަށް އައްޑޫން ބޭރުން ގެނައި މުވައްޒަފުން ބޭތިއްބުމަށް 10 ގެއެއް ކުއްޔަށް ނެގުމަށް 1.7 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރިޕޯޓްގައި ފާހަގަކުރި އެވެ. އެގޮތުން:
-
އެ ގެތަކުގައި ތިބި މުވައްޒަފުންގެ ތަފުސީލުތައް ބަލަހައްޓާފައި ނުވޭ
-
އޭގެ ތެރެއިން 6 ގެއަކީ އެހެން އަވަށްތަކުން ކުއްޔަށް ނަގާފައިވާ ގެތައް؛ އެހެން އަވަށްތަކުން ގެތައް ކުއްޔަށް ނަގާފައިވަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް ލިޔުމުން އެނގެން ނެތް ކަމަށް ފާހަގަކުރި
-
އެ މުވައްޒަފުން ސައިޓަށް ގެނައުމަށް ބަހެއް ކުއްޔަށް ނެގުމަށް 232,584ރ. ހަރަދުކުރަން ޖެހުނު؛ މިގޮތަށް ގެ ކުއްޔަށް ނެގުމުގެ ސަބަބުން ކުންފުނީގެ ހަރަދުތައް ބޮޑުވެ ކުންފުންޏަށް ގެއްލުންވުން
މީގެ އިތުރަށް އޮޑިޓްގައި ފާހަގަކުރި އަނެއް މައްސަލައަކީ ޕްރޮޖެކްޓުތައް ހިންގަން ފުރަތަމަ ނެގީ 85 މުވައްޒަފުން ނަމަވެސް ފަހުން އެ އަދަދު އިތުރުވަމުން ދިޔުމެވެ. އެގޮތުން:
-
މުވައްޒަފުން އިތުރުކުރަމުން ގޮސް، 31 ޑިސެންބަރު 2023ގެ ނިޔަލަށް އެ ޕްރޮޖެކްޓުތަކުގައި މަސައްކަތް ކުރުމަށް އިތުރަށް 273 މުވައްޒަފުން ނަގާފައިވޭ
-
އޮޑިޓްގައި ފާހަގަކުރި ގޮތުގައި، އެ ގޮތަށް ދިމާވެފައި ވަނީ ޕްރޮޖެކްޓުތަކުގެ މަސައްކަތް ފެށުމުގެ ކުރިން އެ ޕްރޮޖެކްޓަކަށް ބޭނުންވާ އިންސާނީ ވަސީލަތްތަކުގެ މިންވަރު ހިސާބުނުކޮށް މަޝްރޫއުތައް ފެށުމުން
"ކުންފުނީގެ މުވައްޒަފުންގެ ގަވާއިދު 2022 އަދި ހިއުމަން ރިސޯސް އެސްއޯޕީއާ ހިލާފަށް މިޕްރޮޖެކްޓުތަކަށް މުވައްޒަފުން ނަގާފައިވުމާއި، މީގެތެރެއިން ބައެއް މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދީފައިވުމާއި އަދި ވަޒީފާ ދާއިމީ ކޮށްފައިވެވެ،" އޮޑިޓްގައިވެ އެވެ.
ޕެޓީ ކޭޝްގެ އެތައް މިލިއަން ރުފިޔާއެއް 'ގެއްލިފައި'
ފެނަކަ އައްޑޫ ބްރާންޗުގެ މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް ކުންފުނިން ޕެޓީ ކޭޝް ފައިސާ ޖަމާކުރަމުން ގޮސްފައިވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަކުރި އެވެ. އެ ރިޕޯޓްގައި ބުނި ގޮތުގައި، ޕެޓީ ކޭޝްގެ ކަންކަން ބެލެހެއްޓުމުގައި އެއްވެސް ހަރުދަނާ އުސޫލެއް އެ ކުންފުނީގައި ނެތެވެ.
ނަތީޖާއެއްގެ ގޮތުން ޕްރޮޖެކްޓުތަކަށް ހަރަދުކުރަން ނަގާފައިވާ ޕެޓީ ކޭޝްއިން ހަރަދުކުރުމުގައި ކުންފުނީގެ މުވައްޒަފުންނާއި އާއިލީ ގޮތުން ގުޅުންހުރި ވިޔަފާރިތަކުން ތަކެތި ގަތުމާއި ލިޔެކިޔުންތައް ފޯޖްކޮށްގެން ޕެޓީކޭޝްގެ ފައިސާ ވަގަށް ނަގާފައިވާ މައްސަލަތަކެއް ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން:
-
783,296ރ. ތަކެތި ގަނެފައިވަނީ ކުންފުނީގެ އިސް ފަރާތެއްގެ އާއިލާ މެންބަރެއްގެ ފިހާރައަކުން
-
ލިޔެކިޔުން ފޯޖުކޮށްގެން 130,220ރ. ޕެޓީކޭޝްއިން މުވައްޒަފަކު ވަގަށް ނަގާފައިވޭ
-
36,494ރ. ބިލްތަކަށް ދެފަހަރަށް ފައިސާ ދައްކާފައިވުން
އެކަންކަން އެގޮތަށް ކޮށްފައިވުމުން ޕްރޮޖެކްޓުތަކަށް ޕެޓީ ކޭޝްއިން ހަރަދުކޮށްފައިވާ 4.4 މިލިއަން ރުފިޔާއަކީ އަސްލު ހިދުމަތާއި ތަކެތި ލިބިގެން ހަރަދުކޮށްފައިވާ އަދަދެއްކަން ކަށަވަރު ނުވާ ކަމަށް ރިޕޯޓްގައި ފާހަގަކުރި އެވެ.
ތަކެތި ގަތުމާއި ކުއްޔަށް ނެގުމުގައި ނާޖާއިޒު އެތައް ކަމެއް
އޮޑިޓްގައި ފާހަގަކުރި އަނެއް ބޮޑު މައްސަލައަކީ ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީގައި ބަޔާންކޮށްފައިވާ ގޮތާ ހިލާފަށް ތިން ފަރާތުން ކޮޓޭޝަން ހޯދުމެއް ނެތި ކުންފުނީގެ އިސް މުވައްޒަފަކާއި އާއިލީ ގޮތުން ގުޅުންއޮތް ވިޔަފާރިއަކުން 1.5 މިލިއަން ރުފިޔާގެ ތަކެތި ގަނެފައިވުމެވެ. އަދި އެތަކެތި ގަތުމަށް ތައްޔާރުކޮށްފައިވާ ޕާޗޭސް އޯޑަރުގައި ހުއްދަ ދިނުމަށް އެފަރާތުން ސޮއިކޮށްފައިވާ ކަމަށް އޮޑިޓްގައި ފާހަގަކުރި އެވެ.
މީގެ އިތުރަށް ހުޅުމީދޫގައި އަޅަމުންދާ އިމާރާތުގެ ނިމިފައިވަނީ ގްރައުންޑް ފްލޯގެ ފައުންޑޭޝަން އާއި ކޮލަމްތަކުގެ މަސައްކަތް އެކަނި ކަމުގައި ވީނަމަވެސް، އެ އިމާރާތް ނިންމުމަށް ބޭނުންވާ 675,212ރ. ތަކެތި ކުރިއާލާ ގަނެ އެތަނުގެ ތެރޭ ގުދަންކޮށްފައިވާ މައްސަލަ އޮޑިޓްގައި ފާހަގަކުރި އެވެ. އެގޮތުން:
-
އެތަނަކީ ހޫނުގަދަވާ ގޮތަށް ބަންދުކުރެވިފައިވާ ތަނެއްކަމުން އިމާރާތުގެ ބޮޑުބައެއް ނުނިމެނީސް އިމާރާތުގެ ފިނިޝިންއަށް ބޭނުންވާ ކުލަ ފަދަ ތަކެތި ގަނެ ގުދަންކުރުމުން އެތަކެތީގެ ބޭނުން ނުހިފެނީސް ތަކެތި ހަލާކުވެގެން ދިއުމުގެ ފުރުސަތު އޮތްކަން ފާހަގަކުރި
-
އިމާރާތްކުރުމަށް ބޭނުންކުރާ ސިމެންތި އާއި ދަގަނޑު ފަދަ ތަކެތި ސައިޓުގައި ބަހައްޓާފައިވާއިރު އެތަކެތި އެކަށީގެންވާ ގޮތަށް ރައްކާތެރިކޮށްފައި ނުވާކަން؛ އެކަންކަން ފީކަޅާކޮށް ހުރުމުގެ ސަބަބުން ހިތަދޫ އިންޖީނުގެ ގޯތި ތެރޭގައި ބަހައްޓާފައި ހުރި 614,409ރ. ކޭބަލްތައް ގެއްލިފައިވާ ކަމަށް ވެސް ފާހަގަކުރި
ރިޕޯޓްގައި ފާހަގަކުރި އަނެއް ބޮޑު މައްސަލައަކީ ކުންފުންޏަށް ގެއްލުންވާ ގޮތަށް ބޮޑު އަގުގައި ތަކެތި ކުއްޔަށް ނެގުމެވެ. އެގޮތުން:
-
ލަކުޑި ކީހުމަށް ބޭނުންކުރާ ޑިގްރީސްއެއް ޕްރޮޖެކްޓަށް ކުއްޔަށް ނަގައި 36,800ރ. ހަރަދުކޮށްފައިވޭ، އެސްޓީއޯ އިން ޑިގްރީސް އެއް 16,000ރ. ގަންނަން ލިބެން ހުރުމުން އެ ގޮތަށް ތަކެތި ކުއްޔަށް ނެގުމުން ކުންފުންޏަށް ގެއްލުންވުން
-
މަރަދޫފޭދޫ އާ އިމާރާތުގެ ޕްރޮޖެކްޓުގެ ކޮންކްރީޓް މަސައްކަތަށް ބޭނުންވާ ދަނގަޑުތައް ތައްޔާރުކުރުމަށް ބާ ބެންޑިން މެޝިނެއް ކުއްޔަށް ނަގާފައިވާއިރު އެ މެޝިން ފުރަތަމަ ގެނައި އިރު ވެސް މެޝިނަކީ ކުރީގެ މެޝިނަކަށްވާތީ އާއި މެޝިންގެ ބޭނުން ހިފާފައި ނުވި ނަމަވެސް، އެ މެޝިން 75 ދުވަހަށް ކުއްޔަށް ނަގާފައިވާ ކަމަށް އިންވޮއިސް ހުށައަޅައި މިކަމަށް 37,500ރ. ހަރަދުކޮށްފައިވުން
-
އައްޑޫގެ ފެނާއި ނަރުދަމާ އަދި ސެންްޓްރަލް ޕަވަހައުސް މަޝްރޫއަށް ފަސް އެކްސްކެވޭޓަރަކާއި ހަތަރު ޕިކަޕާއި އަދި ބައުޒަރެއް އިއުލާންކުރުމަކާއި ނުލައި އެއް މަހަށް ކުއްޔަށް ނެގުމަށް ފަހު ގިނަ މަސްތަކެއް ވަންދެން އެއްބަސްވުން އާކޮށް 15.9 މިލިއަން ރުފިޔާ ހަރަދުކުރުން؛ އޮޑިޓްގައި ފާހަގަކުރި ގޮތުގައި އެ 10 ވެހިކަލް ކުންފުންޏަށް ގަންނަން ހަރަދުވާނޭ ކަމަށް އަންދާޒާ ކުރެވެނީ 4.2 މިލިއަން ރުފިޔާ ކަމުން މިއީ ކުންފުންޏަށް 11.7 މިލިއަން ރުފިޔާ ގެއްލުންވާ ގޮތަށް ކޮށްފައިވާ މުއާމަލާތެއް
-
މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ފެނާއި ނަރުދަމާ އެޅުމަށް އަމިއްލަ ވިޔަފާރިއަކުން އެކްސްކެވޭޓަރެއް ކުއްޔަށް ނެގުމަށް 2 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އެ ފަރާތަކީ ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައި ނުވާ ވިޔަފާރިއެއް ކަމުގައިވީ ނަމަވެސް ޖީއެސްޓީގެ ގޮތުގައި އެފަރާތަށް 126,900ރ. ދައްކާފައިވުން
ރިޕޯޓްގައި ފާހަގަކުރި ގޮތުގައި، ފެނަކަ އައްޑޫ ބްރާންޗަށް އެކި ވިޔަފާރިތަކުން ކްރެޑިޓަށް މުދަލާއި ހިދުމަތް ހޯދަމުން ގޮސްފައިވާއިރު، ފައިސާ ނުދެއްކި ހުރި ބިލްތަކުގެ ތަފސީލު އެނގޭނެ ގޮތަށް ލިޔެކިޔުން ބަލަހައްޓާފައެއް ނުވެ އެވެ.
ކަރަންޓް ކެޕޭސިޓީ އިތުރުކުރަން މަސައްކަތެއް ނުކުރޭ
އައްޑޫއަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ އިންޖީނުތައް ހަވާލުކުވެ ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑޭ މައްސަލަ އެވެ. ރިޕޯޓްގައި އެ މައްސަލަ މެދުވެރިވެގެން އުޅޭ ސަބަބުތައް ފާހަގަކޮށްފައިވެ އެވެ. އެގޮތުން، އެ ރިޕޯޓްގައި ބުނީ:
-
އައްޑޫގެ ކަރަންޓުގެ ޑިމާންޑް އަހަރަކަށް 1,000 - 600 ކިލޯވަޓްގެ ރޭޓުން އިތުރުވަމުން އައިސްފައިވާއިރު އެވަރަށް ކަރަންޓް ފޯރުކޮށްދިނުމަށް ދާއިމީ ހައްލެއް ހޯދުމަށް އެކަށީގެންވާ މަސައްކަތެއް ނުކޮށް ދިގު މުއްދަތެއް ފާއިތުވެފައިވުން
-
ޑިމާންޑާއި އެއްވަރަށް މިހާރު ހުރި އިންޖީނުގެއިން ކަރަންޓު ނުއުފެއްދޭ އަދި އިންޖީނުތައް ގަވާއިދުން ބަލަހައްޓައި އޯވަހޯލް ކުރަމުން ގޮސްފައި ނުވުން
-
އިންޖީނުތައް ބަހައްޓާފައި ހުރި ތަންތަނުގެ ސަބަބުން އެކަށީގެންވާ ވަރަށް ވެންޓިލޭޝަން ނެތުމުންނާއި އިންޖީންތަކަށް ބޭނުންކުރަމުންދާ ތެލުގެ، ޑީސަލްގެ ކޮލިޓީ ޓެސްޓު ކުރަމުން ނުދިއުން ފަދަ ކަންކަމުގެ ސަބަބުން އިންޖީނުތަކުގެ އެފިޝެންސީ ދަށްވެފައިވުން
ނުލިބޭ 78 މިލިއަން؛ ލިބުނު ފައިސާތަކެއް މުވައްޒަފަކު ނެގި
ރިޕޯޓްގައި ބުނީ އާމްދަނީގެ ގޮތުގައި މަރަދޫ ފޭދޫ ބްރާންޗަށް 25 އޮގަސްޓް 2024 އިން ފެށިގެން 16 ސެޕްޓެންބަރު 2024ގެ ނިޔަލަށް ލިބިފައިވާ 409,450ރ. ތެރެއިން ބޭންކް އެކައުންޓަށް ޖަމާކޮށްފައިވަނީ 92,410ރ. ކަމަށެވެ. އަދި 317,040ރ. މަދުވުން އެކަން ފާހަގަވެގެން ކުންފުނިން އެ ފައިސާތައް ދެއްކުމަށް މުވައްޒަފަށް އެންގުމުން 29 ސެޕްޓެމްބަރު 2024ގެ ނިޔަލަށް އޭނާ އެ ފައިސާ ކުންފުންޏަށް ދީފައިވާ ކަމަށް ވެސް ރިޕޯޓްގައި ފާހަގަކުރި އެވެ.
މީގެ އިތުރުން ރިޕޯޓްގައި ފާހަގަކުރީ ފެނަކައިން އައްޑޫގައި ދޭ ކަރަންޓާއި ފެނުގެ ހިދުމަތަށް ލިބެންޖެހޭ 78 މިލިއަން ރުފިޔާ ނުލިބި ހުރި ކަމަށެވެ. އަދި މީގެތެރޭގައި ދައުލަތުގެ އިދާރާތަކުންނާއި އަދި ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކުން ކުންފުންޏަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ ހުރިކަން ވެސް ފާހަގަކުރި އެވެ.
މުޅި އޮޑިޓް ރިޕޯޓުން މި ހާމަވީ އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް އަދިވެސް ނުލިބިވާ ހަގީގީ ސަބަބެެެވެ. އައްޑޫގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރަން ކަމަށް ބުނެ އެކަމަށް އެކަނި 200 މިލިއަނެއްހާ ރުފިޔާ ފެނަކައިން ހަރަދުކޮށްލާ ނިންމިއިރު އެ ފައިސާގެ ބޮޑު ބައެއް މިދިޔައީ އިސްރާފާއި ހިޔާނާތުގެ ތެރެއަށް ގެއްލިގެންނެވެ. އައްޑޫގެ ރައްޔިތުން އަދިވެސް ތިބީ 24 ގަޑިއިރުގެ ކަރަންޓުން މަހުރޫމްވެފަ އެވެ. އެ ރައްޔިތުންނަށް ލިބުނީ ނުނިމި ހުރި އިމާރާތްތަކެއް އެކަންޏެވެ.
ކޮމެންޓް (1)
އާލަމް