ފެނަކައިގެ މުވައްޒަފުންތަކެއް މަސައްކަތުގައި: ފެނަކައިގެ ތެރޭގައި ހިޔާނާތްތައް ގިނަވެފައިވާ ވާކަމުގެ ޝަކުވާ ބޮޑު
ފެނަކައިގެ ޕެޓީ ކޭޝްއިން ބިރެއް ނެތި ކޮށްލީ މަޖާ
"ކޮފީ ބިލްތައް މާ ބޮޑީ. [ޕެޓީ ކޭޝް]އިން ކޮފީ ބަޖެޓެއް އެބަ ޖެހޭ ހަދާލަން. ކޮންމެ ދުވަހަކު 200ރ. އެބަ ހަރަދުވޭ ސީޝާ ބޯން. މިކަން މިވަރުން ނުވާނެ،" ފެނަކައިގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑައިރެކްޓާ އަހުމަދު ސާތިޝް، ޕެޓީ ކޭޝްގެ ކަންކަން ބަލަހައްޓަމުން އައި އަންހެން މުވައްޒަފަކަށް ވަޓްސްއެޕުން ކުރި މެސެޖެއްގައި ބުންޏެވެ.
އެހެން މެސެޖެކެވެ؛ 1،100ރ. އަށް ދެ ގަމީހެއް ގަނެލުމަށް ފަހު، އެ ފައިސާ ފެނަކަ ޕެޓީ ކޭޝްއިން ހަމަޖައްސަން އެދެ އެވެ. މާ ގިނައިރެއް ނުވެ އެ ފައިސާ ސާތިޝްގެ އެކައުންޓަށް ޓްރާންސްފާކޮށް ފައިސާ ފޮނުވި ސްލިޕް ވެސް ހިއްސާކުރެ އެވެ.
މިހެން ގޮސް، ހެނދުނުގެ ނާސްތާ އާއި ރޭގަނޑުގެ ކެއުމާއި އަތުގައި ފައިސާ ނެތިގެން އަމިއްލަ ފޯން ބިލާއި އަތްމަތި ދަތިވުމުން ގޭތެރޭގެ ހަރަދު ބަރަދު ވެސް ހަމަޖައްސާފައި ވަނީ ފެނަކައިން އައްޑޫގައި ހިންގި ޕްރޮޖެކްޓަކަށް ކުއްލިއަކަށް ކުރަން ޖެހޭ ހަރަދުތައް ކުރުމަށް ދޫކޮށްފައިވާ ޕެޓީ ކޭޝްގެ ފައިސާއިނެވެ.
އެ މައްސަލަ ފެނަކައިގެ އެތެރެއިން ތަހުގީގުކޮށް، މި މަހު 16ގައި، ތައްޔާރުކުރި ރިޕޯޓެއްގެ ކޮޕީ 'ދައުރު'އަށް ލިބިފައިވެ އެވެ.
އެ ރިޕޯޓްގައި ހުރި ވަޓްސްއެޕް މެސެޖްތަކުގެ ސްކްރީންޝޮޓްތަކުން ހާމަވާ ގޮތުގައި ފެނަކައިގެ ޕެޓީ ކޭޝް ނަހަމަ ގޮތުގައި ބޭނުން ކުރުމަށް ބައެއް ވެރިން ވަނީ ރޭވިގެން ކަންތައްތަކެއް ހިންގައި ލައްކައަކަށް ވުރެ ގިނަ ރުފިޔާއަށް ހިޔާނާތްވެފަ އެވެ. އެގޮތުން، އެ މީހުންނާ ގުޅުން އޮންނަ ބައެއް ފިހާރަތަކުން ފޭކް އިންވޮއިސް ހައްދައި އެއް ފަހަރާ 20،000-30،000ރ. އާ ދެމެދުގެ އަދަދުތަކުން ވެސް ޕެޓީ ކޭޝްގެ ފައިސާއިން އަމިއްލަ ޖީބު ފުރާލި އެވެ.
"[އަންހެން މުވައްޒަފު] ކިޔައިދިން ގޮތުގައި ޕެޓީކޭޝް ފައިސާއިން ވައްކަން ކުރަމުން ދަނީ... ނުވަތަ ނަހަމަ ގޮތުގައި ފައިސާ ނަގަމުން ދަނީ ހެޑް އޮފީހުގެ ޕްރޮޖެކްޓް ޑިޕާޓްމަންޓްސްގެ ޒިންމާދާރު މަގާމުތަކުގައި ތިބި 2 މުވައްޒަފުން ކަމަށްވާ ޑެޕިއުޓީ ޑައިރެކްޓަ އަހުމަދު ޝާތިސް ސައީދު އާއި ސީނިއަ އިންޖިނެއާ މުހައްމަދު އާސިދު އަތޮޅު ތެރޭގެ އިންހައުސް ޕްރޮޖެކްޓް ސައިޓްތަކުގައި ތިބޭ މުވައްޒަފުންނާ ގުޅިގެންކަމުގަ އެވެ،" ފެނަކައިގެ އިންޓާނަލް ރިޕޯޓްގައި ލިއެފައިވެ އެވެ.
އެއީ ސައްހަ ރިޕޯޓެއްކަން 'ދައުރު'ން ވަނީ ކަށަވަރުކޮށްފަ އެވެ.
އެ މީހުން އެކަން ކުރީ އެއްވެސް ޖެހިލުމެއް ނެތި އެވެ. މެސެޖްތައް ކިޔާލީމާ ހީވަނީ ބޮޑު މަޖާގަނޑެއް ހެންނެވެ. ކޮންމެ މަހަކު ވެސް އަމިއްލަ ކަންކަމަށް ހިނގާ ހަރަދާ އެއްވަރަށް ފޭކް ބިލްތައް ހަދައިގެން ޕެޓީ ކޭޝްއިން ނަގަމުން ގެންދިޔަ އެވެ. އަމިއްލަ ދަތުރުތަކުގައި ރަށްރަށަށް ދާން ޓިކެޓް ނެގުމާއި ޗުއްޓީތަކަށް ހޮޓާތައް ބުކް ކުރުމާއި ކޮފީ އާއި ސީޝާ ބުޔުމަކީ ވެސް ފެނަކައިގެ ޕެޓީ ކޭޝްއިން ހަރަދުކުރާ ކަމެއްގެ ގޮތުގައި އޮންނަނީ ހަދައިފަ އެވެ.
"ކޮންމެ ޕެޓީކޭޝްއަކަށް 10،000-15،000ރ. ލައިގެން މަދުމަދުން ނަގަމުން ދާނީ،" ފެނަކައިގެ ޕެޓީ ކޭޝްއިން އަމިއްލަ ކަންކަމަށް ފައިސާ ނަގާނޭ ގޮތުގެ އިރުޝާދު އެ ފައިސާ ބަލަހައްޓާ މުވައްޒަފަށް ދެމުން ސާތިޝް ބުނެފައިވެ އެވެ.
އެ މީހުން އެ ހިޔާނާތްވަމުން ދިޔައީ ކަމެއް ނުވާނޭ ކަމުގެ ބޮޑު ޔަގީންކަމެއް އޮތީމަ އެވެ. ކުންފުނީގެ އެންމެ އިސް ވެރިންނާ އޮންނަ ގުޅުމުގެ ސަބަބުން އެ މީހުންނަކީ އަތް ނުލެވޭނެ ބައެއް ކަމަށް ހީކޮށެވެ.
"ތިކޮޅުން ކުރާ ކަންކަމަކީ އަހަރެން ކުރި ކަންކަމޭ އެމްޑީ ކައިރި މަ ބުނާން. މަށަކީ އެ ލެވަލްގެ މީހެއް. [ކަލޭމެންނަށް] ޕްރޮޓެކްޝަން ދެވޭނެ އެގޮތަށް. މަށަކީ ޑިޕާޓްމަންޓުގެ ހެޑެއް. އެހެންވެ، މަށަށް އިތުބާރުކުރޭ. ބުނާއިރަށް އޯކޭވާނެ. މިކަން ތަޖުރިބާކޮށްފައި މި ހުރީ،" ފައިސާ ހަރަދުކުރާ ގޮތާ މެދު ޕެޓީ ކޭޝް ބަލަހައްޓާ މުވައްޒަފު ކަންބޮޑުވުން ފާޅުކުރުމުން ސާތިޝް ފޮނުވި މެސެޖްތަކެއްގައި ބުންޏެވެ.
މައްސަލަ ފަޅާއަރައި އެކަމާ ގުޅޭ އެތެރޭގެ ރިޕޯޓް ތައްޔާރުކުރުމާ އެކު ކަންވީ ވެސް އެ މެސެޖްގައި ބުނެފައި އެވާ ގޮތަށެވެ. އޭނާ އާއި އިސް މަގާމުގައި ދެން ހުރި މުވައްޒަފަށް ފިޔަވަޅެއް ނޭޅުނެވެ. 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި އެ މީހުން އަދިވެސް ތިބީ މަގާމުތަކުގަ އެވެ. އެ ބާރުވެރިކަމުގަ އެވެ.
ބަދަލުގައި ވަޒީފާއިން ވަކިކޮށް އެ ފައިސާ އަނބުރާ ދޭން އެންގީ ޕެޓީ ކޭޝް ބެލެހެއްޓުމުގައި އިސްކޮށް ހުރި އަންހެން މުވައްޒަފަށެވެ. އޭނާއަކީ މި މައްސަލާގައި ވިސްލްބްލޯވާ އެވެ. ރިޕޯޓުން އެނގޭ ގޮތުގައި މައްސަލަ ފަޅާއަރުވާލައި އެކަމާ ގުޅޭ ހެކިތައް ފެނަކައަށް ފޯރުކޮށްދިނީ ވެސް އޭނާ އެވެ.
މިކަމާ ގުޅޭ ގޮތުން ފެނަކައިގެ ބަހެއް ހޯދަން ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވި އެވެ.
ޖެހިލުމެއް، ލަދެއް، ބިރެއް ނެތި މި ގޮތަށް ފެނަކައިގެ ތެރޭގައި ހިޔާނާތް ހިންގުމުން އެއް ކަމެއް ޔަގީންވެ އެވެ: އެ ކުންފުނީގައި އެފަދަ އަމަލްތައް އާންމުވުމެވެ. ކުންފުނީގެ މާލީ ކަންކަން ހުރި ދޯހަޅި ކަމެވެ. އެތަނުގެ މާލީ ކަންކަން ބެލެހެއްޓުމުގެ ހަރުދަނާ އުސޫލުތަކެއް ނެތް ކަމެވެ.
ފެނަކައިގެ ތެރޭގައި ހިޔާނާތުގެ މައްސަލަތައް ގިނަކަމުގެ އަޑު، ކޮންމެ ދުވަހަކު ކަހަލަ ގޮތަށް އަރަ އެވެ. މިއީ އެ އަޑުތަކަށް ބާރު ލިބޭ ރިޕޯޓެކެވެ. މިހާރު ވެސް އެތައް ބިލިއަން ރުފިޔާއެއްގެ ދަރަނި އޮތް ކުންފުނި ސާފުކުރުމަށް ވުރެ މި ފެންނަނީ، ކުށަށް ތުހުމަތުކުރެވޭ މުވައްޒަފުން ހިމާޔަތްކުރާ ތަނެވެ.
ކޮމެންޓް (8)
ަަަަކޮޔާ
ވިޝްލް
ސަސި.
ހިމާރުލްގައުމު
ހިމާރުލްގައުމު
ހިމާރުލްގައުމު
ސޮރާ
ހަސަންދީ