ގދ. ތިނަދޫ ފެނަކަ އޮފީސް ހެދުމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު ސައީދު މުހައްމަދު، ކ.2 އާއި ދާއިރާގެ މެންބަރު އެ އޮފީހުގެ ބިންގާ އަޅަނީ: ފެނަކައިގެ މާލީ ހާލަތު ރަނގަޅެއް ނޫން. (ފޮޓޯ/ފެނަކަ

ފެނަކައިގެ ހިސާބުތަކަށް ފީނާލުން އަދި ފެންނަ ބޮޑު މަންޒަރު

ފެނަކައިގެ މާލީ ހާލަތު 2018ގައި ވަނީ ގޯސްވާން ފަށާފައި؛ މިދިޔަ އަހަރުތަކުގެ ތެރޭގައި އެ ހާލަތު ވަނީ އިތުރަށް ގޯސްވެފައި
24 އޭޕްރީލު 2023
3

އަތޮޅުތެރެއަށް ކަރަންޓުގެ ހިދުމަތް ދޭން ސަރުކާރުން އުފައްދާފައިވާ ޔުޓިލިޓީ ކުންފުނި، ފެނަކައާ މެދު ޝަކުވާތައް ވަނީ ބޮޑުވެފަ އެވެ. އެންމެ ބޮޑު ޝަކުވާއަކީ އާންމު އެތައް ފަރާތްތަކަށް އެ ކުންފުނިން ދޭން ވެފައި އޮތް ފައިސާ ނުދީ ކުންފުނި ބޮޑު ތަނުން ދަރާފައިވުމެވެ. ހަގީގަތުގައި ފެނަކައަށް މިވީ ގޮތުގެ ބޮޑު މަންޒަރު ސާފުވަނީ އޮޑިޓް އޮފީހާއި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ)އިން އާންމުކޮށްފައިވާ ކުންފުނީގެ މާލީ ހިސާބުތަކަށް ބަލައިލުމުންނެވެ. 

2018ގައި މި ހާލަތު އުފަންވެއްޖެ

އޮޑިޓް އޮފީހުން އާންމުކޮށްފައިވާ ފެނަކައިގެ 2018 ވަނަ އަހަރުގެ މާލީ ހިސާބުތަކުގެ އޮޑިޓުން ދައްކާ ގޮތުގައި، 2018 ވަނަ އަހަރުގެ ތެރޭގައި ކުންފުނީގެ ހަރަދުތައް ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފަ އެވެ. އެގޮތުން 2017 ވަނަ އަހަރާ އަޅާބަލާއިރު ވަނީ:

  • ކޮސްޓް އޮފް ސޭލްސް ނުވަތަ ވިޔަފާރި ހިންގުމުގެ ހަރަދު 127 މިލިއަން ރުފިޔާ އިތުރުވެ 775.1 މިލިއަން ރުފިޔާއަށް އަރާފައި 

  • އިދާރީ ހަރަދުތަކަށް 45.9 މިލިއަން ރުފިޔާ އިތުރުވެ 495 މިލިއަން ރުފިޔާއަށް އެރި

  • އިޝްތިހާރު ކުރުމުގެ ހަަރަދުތަކަށް 1.4 މިލިއަން ރުފިޔާ އިތުރުވެ 2.3 މިލިއަނަށް އެރި

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މެނޭޖިން ޑިރެކްޓަރަށް ހުންނެވި މުހައްމަދު ލަމާން: 2018ގެ ރިޔާސީ އިންތިހާބަށް އެ ކުންފުނީގެ ހަރަދުތައް ބޮޑުވި. (ފޮޓޯ/ފެނަކަ

އިދާރީ ހަރަދުތައް އިތުރުވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ދައްކަނީ ފެނަކައިގެ ބޯޑް މެންބަރުންނާއި މުވައްޒަފުންގެ މުސާރަ އާއި އެލަވަންސްތަކަށް ކުރާ ހަރަދާއި މަރާމާތާއި އޮފީސް ސަޕްލައިއަށް ކުރާ ހަރަދުތައް އިތުރުވުމެވެ. އަދި ވަކި ކެޓަގަރީއަކަށް ނުފެތޭ ގޮތަށް ކުރި ހަރަދު ނުވަތަ އެހެނިހެން ހަރަދުތަކުގެ ބައިން ވެސް 9 މިލިއަން ރުފިޔާ އިތުރުވެފައިވެ އެވެ. 

  • ޑައިރެކްޓަރުން ނުވަތަ ބޯޑް މެންބަރުންގެ އެލަވަންސް %51 އިތުރުވި

  • މުވައްޒަފުންގެ މުސާރަ އާއި އެލަވަންސަށް 11.1 މިލިއަން ރުފިޔާ އިތުރުވި 

  • އާމްދަނީއަށް އިތުރުވީ 78.6 މިލިއަން ރުފިޔާ؛ ނަމަވެސް، ހަރަދަށް 126.10 މިލިއަން ރުފިޔާ އިތުރުވި 

  • އާމްދަނީއަށް 1.1 ބިލިއަން ރުފިޔާ؛ ހަރަދު 775.1 މިލިއަން ރުފިޔާގައި

އާމްދަނީ އިތުރުވި ވަރަށް ވުރެ ބޮޑަށް ހަރަދުތައް އިތުރުވުމުގެ ނަތީޖާއެއްގެ ގޮތުން، ކުންފުނީގައި ހުރި ފައިސާގެ އަދަދު ވަރަށް ބޮޑުތަނުން އެ އަހަރު ދަށަށް ދިޔަ އެވެ. އެގޮތުން، 2018 ނިމުނު އިރު ކުންފުނީގެ ބޭންކު އެކައުންޓްތަކާއި ނަގުދު ފައިސާއިން ކުންފުނީގައި ހުރި ފައިސާގެ އަދަދު %45 ދަށްވެ، 38.8 މިލިއަން ރުފިޔާއަށް ވެއްޓުނެވެ. އޭގެ ކުރިން، 2017ގައި އެ އަދަދު ހުރީ 77.5 މިލިއަން ރުފިޔާގަ އެވެ. 

ފުރަތަމަ ގޯސް: 2018ގެ އިންތިހާބަށް ބޮޑުކޮށްލި ހަރަދު

ހަރަދުތަކަށް އަންނަން ފެށި މި ބަދަލާ އެކު ކުންފުނި ވަނީ 2018 ވަނަ އަހަރު ނިމުނު އިރު މާލީ ގޮތުން ނާޒުކު ފައްތަރެއްގަ އެވެ. އެގޮތުން، ކުންފުނީގެ ދަރަނިތައް ދެއްކޭނޭ ގާބިލްކަން ހުރި ކަމާ މެދު ޝައްކު އުފެދޭ ވަރަށް އެ ކުންފުނީގެ މާލީ މިންގަނޑުތައް ވަނީ ދަށަށް ގޮސްފަ އެވެ.

ޕީސީބީއިން އެކުލަވާފައިވާ ފެނަކައިގެ 2018 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓާގެ މާލީ ރިޕޯޓުން ދައްކާ ގޮތުގައި: 

  • ކުރު މުއްދަތުގެ ދަރަނި ދެއްކުމުގެ ގާބިލްކަން ހުރިކަން ބަލާ މިންގަނޑު ނުވަތަ ކަރަންޓް ރޭޝިއޯ 0.97 އިން 0.66އަށް ވެއްޓުނު

  • ކުންފުނީގައި ހުރި ފައިސާއިން ކުންފުނީގެ ކުރު މުއްދަތުގެ ދަރަނި ދެއްކުމުގެ ގާބިލްކަން ހުރިކަން މިންކުރާ ކުއިކް ރޭޝިޔޯ 0.69 އިން 0.42އަށް ވެއްޓުނު

  • ކުންފުނީގައި ހުރި ނަގުދު ފައިސާއިން ކުރު މުއްދަތުގައި ދެއްކުމުގެ ގާބިލްކަން ބަލާ ކޭޝް ރޭޝިއޯ 0.15 އިން 0.05 އަށް ވެއްޓުނު 

ޕީސީބީން ނެރުނު 2018 ވަނަ އަހަރުގެ ރިޕޯޓްގައި ފާހަގަކުރި ގޮތުގައި، އެ ރޭޝިއޯތައް ދަށްވުމުން ދައްކުވައި ދެނީ ކުންފުނީގެ ކުރު މުއްދަތުގެ ދަަރަނި ދެއްކުމުގެ ގާބިލްކަން ކުންފުނީގައި ނެތް ވަރަށް ކުންފުނީގެ މާލީ ކަންކަން ގޯސްވެފައިވާ ކަމެވެ. އެގޮތުން، ކުންފުނީގައި ހުރި ފައިސާ އާއި އެސެޓަށް ވުރެ ކުންފުނީގެ ދަރަނި ދެ ގުނަ ބޮޑުވެފައިވާ ކަމަށް ރިޕޯޓްގައި ފާހަގަކުރި އެވެ.

ކުންފުނި މާލީ ގޮތުން ނާޒުކުވުމާ އެކު ކުންފުނީގެ ދަރަނި 593 މިލިއަން ރުފިޔާއިން 620.5 މިލިއަން ރުފިޔާއަށް 2018 ވަނަ އަހަރު ނިމުނު އިރު އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހިސާބުތަކުން ދައްކަ އެވެ.

"ބޭނުންކުރަން ހުރި ފައިސާގެ މިންވަރު ދަށްވެފައި ވާއިރު، ބޭނުންކުރަން ހުރި ފައިސާގެ މިންވަރު އިތުރުކޮށް، ދަރަންޏަށް ތަކެތި ދިނުން މަދުކުރަން ޖެހެ އެވެ. އަދި މިހާރަށް ވުރެ ބޮޑަށްް، އަވަހަށް ބިލުތަކަށް ފައިސާ ހޯދޭނެ ނިޒާމެއް ގާއިމްކުރަން ޖެހޭ،" 2018ގެ ރިޕޯޓްގައި ޕީސީބީއިން ފާހަގަކުރި އެވެ.

"ކުންފުނީގެ ހަރަދުތަކަށް ބޭނުންވާ ވަރަށް ކުންފުނީގައި ފައިސާއެއް މިހާރަކު ނެތް."

ޕީސީޕީގެ ރިޕޯޓުން ވެސް ކުރަހައިދިން ބޮޑު މަންޒަރަކީ 2018 ވަނަ އަހަރު ނިމުނު އިރު ކުންފުނީގެ މާލީ ހާލަތު ނުބައި މަގަށް އަޅާފައިވާ ކަމެވެ. ރިޕޯޓްގައި ބުނި ގޮތުގައި، ފެނަކައިގެ ސަޕްލަޔަރުންނަށް ފައިސާ ދެއްކުމުގައި 2018 އިން ފެށިގެން ކުންފުންޏަށް ވަނީ ދަތިތަކާ ކުރިމަތިވާން ފަށައިފަ އެވެ. އޭގެ އެންމެ ބޮޑު އަސްލަކީ ކުންފުނީގެ ހަރަދުތައް އިތުރުވެފައިވުން ކަމަށް އެ ރިޕޯޓުގައި ފާހަގަކުރި އެވެ.

ފެނަކައިގެ ރަސްމިއްޔާތެއްގައި އޭރުގެ ރައީސް ޔާމީން: 2018ގެ ރިޔާސީ އިންތިހާބާ އެކު ހަރަދުތައް ވަރަށް ބޮޑުވުމާ އެކު ކުންފުނި އޮތީ އެ އަހަރު ނިމުނުއިރު ދަށް ހިސާބެއްގައި. ( ފޮޓޯ/ރައީސް އޮފީސް)

ބެލެވޭ ގޮތުގައި ހަރަދުތައް އިތުރުވާން ޖެހުނު މައިގަނޑު ސަބަބަކީ އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، 2018ގައި އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް ކުންފުނީގެ މުވައްޒަފުންގެ އަދަދު އިތުރުކުރުމާއި ކުރަން ނުޖެހޭ ހަރަދުތައް އަދި ކުންފުންޏަށް ބޭނުން ނުވާ އިންވެސްޓްމަންޓްތައް ސިޔާސީ ވިސްނުމުގައި ކުރުމެވެ.

އެ ސަބަބުތަކާ ހުރެ ފެނަކައަށް ކުރިމަތިވެފައި އޮތް ދަތި ހާލަތުން އަރައިގަންނަން ޕީސީބީއިން ދީފައިވާ ލަފާތަކަކީ: 

  • ކުންފުނީގެ އާމްދަނީ ރަނގަޅުކުރަން އިތުރު ޔުޓިލިޓީގެ ހިދުމަތްތައް ދޭން ފެށުން

  • މާލީ ހާލަތު ރަނގަޅުކުރަން، މަރާމާތުކުރުމުގެ ހަރަދާއި އިދާރީ ހަރަދުތައް ކުޑަކުރަން ޖެހޭ

  • ކުންފުނިން ފަށާ ޕްރޮޖެކްޓްތައް ހުއްޓާލަން ޖެހުމުން ގެއްލުން ބޮޑުވެފައިވޭ؛ ގެއްލުން ކުޑަކުރަން، ޕްރޮޖެކްޓްތައް އެވޯޑްކުރުމުގެ ކުރިން ފީސިބިލިޓީ ހަދައި އިންވެސްޓްމަންޓް ޕްލޭނެއް ގެންގުޅުން

  • ކުންފުންޏަށް ލިބެން ޖެހޭ ފައިސާ އަވަހަށް ހޯދޭނޭ ހަރުދަނާ ނިޒާމެއް ގާއިމްކޮށް، އެ ސިޔާސަތު ތަންފީޒުކުރުން 

ސުވާލަކީ، ފެނަކަ ސަމާލަތް ކުރަން އޭރު ޕީސީބީއިން އެދިފައިވާ މި ފިޔަވަޅުތައް އެޅުނު ހެއްޔެވެ؟ 

ޕީސީބީގެ ރައީސް އާސިމް މުހައްމަދު ވިދާޅުވި ގޮތުގައި، އެތައް ފަހަރަކު ފެނަކައިގެ ކަންކަން ރަނގަޅު ކުރަން ޕީސީބީއިން ފެނަކައަށާއި ސަރުކާރަށް ވެސް އިރުޝާދު ދީފައިވެ އެވެ. އެކަމަކު އެކަން ކަމަށް އެކަށީގެންވާ ގޮތެއްގައި އަމަލުކޮށްފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. 

"ކަންކަން އިސްލާހު ކުރަން އުނދަގޫ އެއް ކުންފުނި ފެނަކައަކީ. ބޯޑް ޒިންމާދާރުކޮށްގެން މި ކަންކަން ރަނގަޅު ކުރަން އަޅުގަނޑުމެން ބަލަނީ، ސީދާ މެނޭޖްމަންޓުގެ ތެރެއަށް ނުވަދެ. އެކަމަކު ކަންކަން ރަނގަޅުވެފައެއް ނެތް މި އޮތްހާ ދުވަހު ވެސް. ވަރަށް މަސައްކަތް ކުރެވިއްޖެ،" އާސިމް ވިދާޅުވި އެވެ.  

ފެނަކައިން މ. ވޭވަށުގައި ގާއިމުކުރި އިންޖީނުގެ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި ފެނަކަ އެމްޑީ އަހްމަދު ސައީދު (ފޮޓޯ/ރައީސް އޮފީސް)

ބޭނުން ނުވާ ވަރަށް އިތުރު މުވައްޒަފުން 

ޕީސީބީއިން އެންމެ ފަހުން އާންމުކޮށްފައި އޮތީ ފެނަކައިގެ 2021 ވަނަ އަހަރުގެ މާލީ ހިސާބުތަކެވެ. އެ ހިސާބުތަކުން ފެނުނީ، 2018ގެ ހާލަތަށް ވުރެ ވެސް އެ ކުންފުނީގެ މާލީ ހާލަތު 2021 ނިމުނު އިރު ދަށް ވެފައިވާ ތަނެވެ. 

ކޮވިޑާ ގުޅިގެން ކުރި އަސަރުތައް 2021ގައި ރަނގަޅުވެފައިވީ ނަމަވެސް، ފެނަކައިގެ ހަރަދުތައް ވެސް އިތުރަށްވީ ބޮޑެެވެ. ސަބަބަކަށްވީ، ކުންފުންޏަށް މުވައްޒަފުން އިތުރުކުރުން ފަދަ ކަންކަން ކުރުން ކަމަށް ރިޕޯޓްތަކުން ސާފުވެ އެވެ. މިސާލަކަށް ބަލާއިރު، ކުޑަ ރަށެއްގައި ހުންނަ ފެނަކައިގެ އޮފީހަކަށް ބޭނުން ނުވާ ވަރަށް ވުރެ އިތުރަށް އެތައް މުވައްޒަފުންތަކެއް ނަގަ އެވެ. އަދި އިންތިހާބުތަކާ ދިމާކޮށް އެ އަދަދު އަދި މާ އިތުރު ކުރެ އެވެ.

ފެނަކަ ކޯޕަރޭޝަނުގެ މުވައްޒަފުން މަަސައްކަތުގައި. (ފޮޓޯ/ފެނަކަ)

ނަތީޖާއަކަށްވީ މި ހުރިހާ ކަމަކާ ހުރެ، ކުރު މުއްދަތުގެ ދަރަނި ވެސް އިތުރަށް ބޮޑުވެގެން ދިއުމެވެ. އެގޮތުން، ރިޕޯޓްގައި ފާހަގަކުރި ގޮތުގައި: 

  • މުވައްޒަފުންގެ މުސާރަ އާއި އެލަވަންސްގެ ހަރަދަށް %55.6 އިތުރުވި

  • ސީއެސްއާރު ހަރަދުތައް %27 އަދި ދަތުރުފަތުރުގެ ހަރަދު %37 އިތުރުވި 

  • ކޮމްޕެންޒޭޝަން ނުވަތަ ބަދަލުދިނުން %54 އިތުރުވި

މީގެ އިތުރަށް، ކުންފުނީގެ މާލީ ގާބިލްކަން ހުރި މިންވަރު ބަލާ ހުރިހާ މިންގަނޑުތަކެއްގައި ވެސް ފެނަކަ ދިޔައީ އިތުރަށް ދަށަށެވެ. އެގޮތުން، 2018 ވަނަ އަހަރަށް ވުރެ ވެސް މާ ބޮޑަށް 2021ގައި ފެނަކަ މާލީ ގޮތުން ސޮއްސާލި އެވެ. އެގޮތުން: 

  • ކުރު މުއްދަތުގެ ދަރަނި ދެއްކުމުގެ ގާބިލްކަން ހުރިކަން ބަލާ މިންގަނޑު، ކަރަންޓް ރޭޝިއޯ 0.65 އިން 0.48އަށް ވެއްޓުނު

  • ކުންފުނީގައި ހުރި ފައިސާއަކުން ކުންފުނީގެ ކުރު މުއްދަތުގެ ދަރަނި ދެއްކުމުގެ ގާބިލްކަން ހުރިކަން މިންކުރާ ކުއިކް ރޭޝިޔޯގައި 0.16އަށް ވެއްޓުނު 

ރިޕޯޓްގައި ޕީސީބީއިން ފާހަގަކުރި ގޮތުގައި، ކުންފުނީގެ މާލީ ހާލަތު ދަށަށް ދާން ފެށީ ކުންފުނީގެ ކުރު މުއްދަތުގެ ދަރަނިތަކަށް ފައިސާ ނުދެއްކި ދަރަނި ފުނިޖެހެމުން ދާން ފެށުުމުންނެވެ. އަދި 2021 ވަނަ އަހަރު ނިމުނުއިރު ފެނަކައިގައި ހުރި ހަރުމުދަލުން ދަރަނި ނުދެއްކޭ ހިސާބަށް ކުންފުނީގެ ހާލަތު ގޮސްފައިވާ ކަމަށް ވެސް ޕީސީބީއިން ފާހަގަކޮށްފައިވެ އެވެ.

"ކުންފުނީގެ މާލީ ހާލަތު ވަނީ ވަރަށް ނާޒުގު ފައްތަރަކަށް ގޮސްފައި،" ޕީސީބީގެ 2021 ވަނަ އަހަރުގެ ރިޕޯޓްގައި ފާހަގަކުރި އެވެ.

ފައިސާ ދައްކަން އަހަރަކަށް ވުރެ ގިނަ ދުވަސް

ހިސާބުތަކުން ދައްކާ ގޮތުގައި، 2021 ވަނަ އަހަރު ނިމުނު އިރު ފެނަކައިން ދޭ ހިދުމަތަށް ކުންފުންޏަށް ފައިސާ ލިބެން ނަގާ ދުވަހުގެ އަދަދު 69 އިން 59 ދުވަހަށް ވަނީ ކުޑަކުރެވިފައިވެ އެވެ. ނަމަވެސް، ފެނަކައިން ސަޕްލަޔަރަކަށް ފައިސާ ދައްކަން އެވްރެޖްކޮށް 524 ދުވަސް ނުވަތަ އެއް އަހަރާއި ފަސް މަސް ނަގާ ކަމަށް ހިސާބުތަކުން ދައްކަ އެވެ. އެއީ، 2020 ވަނަ އަހަރާ އަޅާބަލާއިރު 98 ދުވަސް އިތުރު އަދަދެކެވެ. 

"ސަޕްލަޔަރުންނަށް ފައިސާ ދައްކަން ނަގާ ދުވަސް އިތުރުވަމުން ދިޔުމަކީ ކުންފުނީގެ މާލީ ހާލަތު އިތުރަށް ގޯސްވަމުން ދާކަމުގެ ހެއްކެކެވެ،" ރިޕޯޓްގައިވެ އެވެ.

އެ ހާލަތަށް ކުންފުނި ދިޔަ ނަމަވެސް، 2021 ވަނަ އަހަރުގެ ތެރޭގައި ފެނަކައިން ވަނީ އެ ކުންފުންޏަށް ނުލިބި ހުރި ފައިސާގެ ތެރެއިން 89.7 މިލިއަން ރުފިޔާ މާފުކޮށްދީފަ އެވެ. އެއީ ކުންފުންޏަށް ނުލިބި ހުރި ފައިސާގެ %36 އެވެ. ކުންފުނި މާލީ ގޮތުން ދަށްއިރު މިއީ ވިޔަފާރި ވިސްނުމަށް ވުރެ ބޮޑަށް ކުންފުންޏަށް ގެއްލުންވާ ގޮތަށް ނިންމި ނިންމުމެކެވެ.

ބުރިބުރީގެ އޮފީސް އިމާރާތްތަކާ އެކު ހާލަތުވީ ގޯސް 

ޕީސީބީގެ ރިޕޯޓްގައި ފާހަގަކުރި ގޮތުގައި، ކުންފުނީގެ މާލީ ހާލަތު އިތުރަށް ދަށްވާން ފެށީ ބޮޑެތި ކެޕިޓަލް ހަރަދުތަކެއް ފެނަކައިން ކުރަން ފެށުމުން ކުންފުނީގައި ހުންނަ ފައިސާ މަދުވާން ފެށުމުންނެވެ.

އެގޮތުން، ފެނަކައިގެ މާލީ ހާލަތު ދަށްވެފައިވަނިކޮށް އިންޖީނުގެތައް މީހުން ނޫޅޭ ސަރަހައްދުތަކަށް ބަދަލުކުރުމުގެ ނަމުގައި ބުރިބުރިއަށް އޮފީސް އިމާރާތްތައް ހަދައި އާ އިންޖީނުގެތައް ވެސް ހަދަން ފެށި އެވެ. ދެ ހާހެއްހާ މީހުން ދިރިއުޅޭ ރަށެއްގައި ވެސް ތިން ބުރީގެ އޮފީސް އިމާރާތެއް ހަދާފާނެ އެވެ. މި ގޮތަށް ހަވާލުކޮށްފައި ހުރި ކޮންޓްރެކްޓްތަކުގެ އަގުތައް ވެސް ބާޒާރުގެ އަގުތަކަށް ވުރެ ބޮޑެވެ.

ލ. ފޮނަދޫގައި ހަދާ އޮފީސް އިމާރާތެއްގެ މަސައްކަތް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައީދު ބައްލަވާލައްވަނީ. (ފޮޓޯ/ފެނަކަ)

މި ހުރިހާ ކަމެއްގެ ނަތީޖާއަކަށްވީ ކެޕިޓަލް ހަރަދުތައް ވަރަށް ބޮޑަށް މައްޗަށް ގޮސް، ކުންފުނީގެ މާލީ ހާލަތު އިތުރަށް ދަށަށް ދާން ފެށުމެވެ. ރިޕޯޓްގައި ފާހަގަކުރި ގޮތުގައި:

  • ޕްރޮޖެކްޓްތަކުގެ ސަބަބުން ކުންފުނި މާލީ ގޮތުން ތާށިކަމެއްގެ ތެރެއަށް ވެއްޓުނު

  • އިންޖީނުގެތަކާއި އޮފިސް އިމާރާތްތައް ހެދުން އަދި އާ އިންޖީނު ހޯދުން ފަދަ ކަންކަމަށް 312 މިލިއަން ރުފިޔާ އިންވެސްޓް ކުރި

  • ކެޕިޓަލް އެހެނިހެން ހަރަދުތަކަށް 286 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވޭ 

ރިޕޯޓްގައި ފާހަގަކުރި ގޮތުގައި، އެ ކެޕިޓަލް ހަރަދުތައް ކުރުމުން ދުރު މުސްތަގުބަލުގައި އާމްދަނީ އިތުރުވުމުގެ ފުރުސަތެއް އޮތް ނަަމަވެސް، ސަރުކާރުން ދޭ ފައިސާއަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮންނަ ކުންފުންޏަކުން ހާލަތު ގޯސްކޮށް އޮއްވައި ބޮޑެތި ކެޕިޓަލް ހަރަދުތަކެއް ކުރުމަކީ ކުުންފުނި ކުރިއަށް ގެންދެވޭނޭ ގޮތެއް ނޫނެވެ. 

"ކުރު މުއްދަތުގައި ކުންފުނި ހިންގޭނޭ ގޮތްތަކަކަށް ވެސް ވިސްނަން ޖެހެ އެވެ،" ޕީސީބީގެ ރިޕޯޓްގައިވެ އެވެ.

މީގެ ނަތީޖާއެއްގެ ގޮތުން، ކުންފުނީގައި ހުރި ފައިސާގެ އަދަދު 2021 ނިމުނުއިރު، 2020 ވަނަ އަހަރާ އަޅާބަލާއިރު %30 ދަށްވެފައިވާ ކަމަށް އޮޑިޓްގެ ހިސާބުތަކުން ދައްކަ އެވެ. އެއީ 2.5 މިލިއަން ރުފިޔާ މަދުވުމެކެވެ. އަދި ފެނަކައިގެ ފައިސާ އަހަރުން އަހަރަށް މަދުވަމުން ދިޔުމުގެ ސަބަބުން ކުންފުންޏަށް ކުރު މުއްދަތުގެ ދަރަނިތައް ދެއްކޭނޭ ކަމާ މެދު ސުވާލު އުފެދޭ ހިސާބަށް ކުންފުނި ގޮސްފައިވާކަން ސާފުވެ އެވެ.

ފެނަކައިން ރަށަކަށް ގެނައި އިންޖީނެއް ބާލަނީ. (ފޮޓޯ/ފެނަކަ)

ފެނަކައިގެ މާލީ ހިސާބުތަކުން ދައްކާ ގޮތުން، 2021 ވަނަ އަހަރު ނިމުނު އިރު ކުންފުނިން އެކި ފަރާތްތަކަށް ދައްކަން ޖެހިފައިވާ ކުރު މުއްދަތުގެ ދަރަނި ވަނީ 1.6 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. އަދި އަހަރެއްގެ ތެރޭގައި އެވްރެޖްކޮށް ދަރަންޏަށް 363 މިލިއަން ރުފިޔާ އިތުރުވެފައިވާކަން ވެސް ހިސާބުތަކުން ދައްކަ އެވެ.

ފަހުގެ ރިޕޯޓްތައް އަދި ނެރެފައި ނުވާތީ މިހާރު ފެނަކައިގެ ހާލަތު މިއަށް ވުރެ ގޯސްވެފައި ވެދާނޭ ކަމަށް ބެލެވެ އެވެ. 

މީޑިއާއަށް ތިލަވެފައިވާ މައުލޫމާތަށް ބަލާއިރު، މިހާތަނަށް 2.8 ބިލިއަން ރުފިޔާ ފެނަކައިގެ ދަރަނީގެ ގޮތުގައި އެބަ ހުއްޓެވެ. އޭގެ ތެރެއިން 1 ބިލިއަން ރުފިޔާއަކީ އާންމު ފަރާތްތަކަށް އޮތް ދަރަންޏެވެ. އަދި އަނެއް ބަޔަކީ އެސްޓީއޯގެ ތެޔޮ ބިލްތަކަށް ދައްކަން ޖެހިފައިވާ 1.8 ބިލިއަން ރުފިޔާ އެވެ.

ފެނަކައިގެ އިސްލާހީ މަސައްކަތް ކާމިޔާބެއްނުވި

ޕީސީބީގެ ރައީސް އާސިމް ވިދާޅުވި ގޮތުގައި، ފެނަކައަށް ކުރިމަތިވީ އެންމެ ބޮޑު މައްސަލައަކީ، ކުންފުނީގައި މާލީ ހާލަތު ނެތް ވަރުން ވެސް ބޮޑެތި މަޝްރޫއުތަކެއް ހިންގަން ފެށުމެވެ. އަދި ކުންފުނީގެ މާލީ ކަންކަން ދޯދިޔާކަމުން ކުންފުނީގެ މެނޭޖްމަންޓަށް ބައެއް ބަދަލުތައް ގެންނަން ލަފާ ދެއްވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބައެއް ފަހަރު ފާހަގަވެފައި އެބަހުރި ވަކި ކަމަކަށް ދޭ ކެޕިޓަލް ކޮންޓްރިބިއުޝަން ވެސް އެކަން ނޫން އެހެން ކަންކަމަށް ބޭނުންކުރެވިފައި ހުރިކަން ވެސް. އަބަދުވެސް ވަރަށް މައްސަލަތައް ހުރި ކުންފުންޏެއްގެ ގޮތުގައި ފެނަކަ ފާހަގަވަނީ،" އާސިމް ވިދާޅުވި އެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ސައީދު އޮންލައިން ބައްދަލުވުމެއްގައި: ސައީދު ވިދާޅުވަނީ ފެނަކައިގެ ހާލަތު މާ ގޯސްވެފައި ނުވާ ކަމަށް. (ފޮޓޯ/ފެނަކަ)

ފެނަކައާ މެދު ހުރި ކަންބޮޑުުވުންތަކާ ގުޅިގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވިދާޅުވަނީ ފެނަކައިގެ މާލީ ކަންކަން އިތުރަށް ގޯސްވެގެން ނޫޅޭ ކަމަށެވެ. ފެނަކައިގެ މާލީ ކަންކަން ގޯސްވެ، ކުންފުނި ބޮއްސުންލާފައިވާ ކަމަށް އޭނާ ގަބޫލެއްނުކުރައްވަ އެވެ. އޭނާ ހަވާލުވީ ފަހުން ކުންފުނީގައި އޮތް ޒަމާންވީ ދަރަނި ކުޑަކޮށް މާލީ ކަންކަން ރަނގަޅުކޮށްފައިވާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުންފުނި އިތުރަށް ގޯސްވެގެން މި ތަން [ފެނަކަ] ބޮއްސުންލައިގެން އުޅޭ ކަމެއް އެއީ އަޅުގަނޑުމެން ދެނެހުރި ކަމެއް ނޫން. މީޑިއާގައި ދައްކާ ވާހަކައެއް ތިއީ. އަޅުގަނޑުމެން ހަވާލުވެފައި ކުންފުނީގެ އެތައް ކަމެއް ހުންނާނީ ރަނގަޅުކޮށްފައި،" ސައީދު ވިދާޅުވި އެވެ.

ސައީދު އެހެން ވިދާޅުވިޔަސް، މާލީ ހިސާބުތަކުން އެ ކަމަށް ބާރެއް ނުދެ އެވެ. އެ ކުންފުނީގެ ދަރަނި ވަނީ މިދިޔަ އަހަރުތަކުގެ ތެރޭގައި އިތުރަށް ބޮޑުވެފަ އެވެ.

އެއްކަމެއް ޔަގީނެވެ؛ ފެނަކައިގައި ޒަމާންވީ މައްސަލަތަކެއް އެބަ ހުއްޓެވެ. އެކި ސަރުކާރުތަކުގައި އެ ކުންފުނިން ގޯސްތައް ތަކުރާރުކުރަމުން ދިއުމުގެ ނަތީޖާއަކީ ފެނަކަ ކަރުތާފެނަށް އެޅުމެވެ. އެ މައްސަަލަތައް ފަރުވާއެއް ނުހޯދޭ ނަމަ، ފެނަކަ ސަލާމަތެއް ނުކުރެވޭނެކަން ޔަގީނެވެ. 

ކޮމެންޓް (3)

މަޖާޒީ

26 އޭޕްރީލު 2023
ވަރަށް ފުރިހަމަ ރިޕޯޓެއް. ދައުރާއި ނާއިފް ކުރަމުންދާ މަސައްކަތަށް ސާބަސްދެން
1 0

ސްމޭޝް /ފުވައްމުލައް

24 އޭޕްރީލު 2023
ހަމަ ޕްރޮޖެކްޓް ދީގެން ކަޓްނަގަނީ... ހުރިހާ ލެވެލަކުން - އެންމެ ފަހުން ކުންފުނި ބަނގުރޫޓު ވެ ނިމެނީ - އެމްޑީ ސައީދު އާއި އިސް މީހުން ވަނީ މުއްސަނދި ކަން އެނގޭ! މާލި ޙާލަތު ދަސ ްނުވަނީ ސައީދުމެންގެ އަމިއްލަ ހާލަތު- ކުނފުނީގެ ހާލަތު ވަނީ ދަށް
0 0

ހަފުތު

24 އޭޕްރީލު 2023
ބުޅަލަކާއި މަސް ދުމަށި ހަވާލުކުރީމަ ވާނެގޮތް ތިޔަ ވަނީ ކާން ނުދަންނަނީ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް