ފެނަކަ އައްޑޫ އިންޖީނު ގޭގައި އެ ކުންފުނީގެ މުވައްޒަފުންތަކެއް މަސައްކަތް ކުރަނީ (ފޮޓޯ/ފެނަކަ)

އައްޑޫ ފެނަކައިގެ ޕެޓީ ކޭޝް މައްސަލާގައި 3 މީހެއްގެ މައްޗަށް ދައުވާކޮށްދޭން ޕީޖީ އޮފީހުގައި އެދިއްޖެ

އޭސީސީ އިން ވަނީ ދައުލަތަށް ގެއްލުނު 623,000 ރުފިޔާ އަނބުރާ ހޯދުމަށް ފެނަކައަށް އަންގާފައި

ފެނަކަ ކޯޕަރޭޝަންގެ ސައިޓުތަކަކަށް ދޫކުރި ޕެޓީ ކޭޝް ފައިސާތަކެއް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލަ ފޮނުވައިފި އެވެ.

ވީ ކިހިނެއް؟ -  ފެނަކައިން އައްޑޫގައި ހިންގި ސ. ހިތަދޫ ސެންޓްރަލް ޕަވާ ސްޓޭޝަން (ސީޕީއެސް) މަޝްރޫއުއަށް ކުއްލިއަކަށް ކުރަން ޖެހޭ ހަރަދުތައް ކުރުމަށް ދޫކޮށްފައިވާ ފައިސާ އެތަނުގެ ބައެއް މުވައްޒަފުން ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައެއް ފެންމަތިވީ 2023 ވަނަ އަހަރުގެ އެޕްރީލް މަހު އެވެ. ހެނދުނުގެ ނާސްތާ އާއި ރޭގަނޑުގެ ކެއުމާއި އަތުގައި ފައިސާ ނެތިގެން އަމިއްލަ ފޯން ބިލާއި އަތްމަތި ދަތިވުމުން ގޭތެރޭގެ ހަރަދުބަރަދު ހަމަޖެއްސުން ފަދަ އަމިއްލަ ބޭނުންތަކަށް ވެސް މި ފައިސާ ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކުރެވެ އެވެ.

ތަފްސީލް - މި މައްސަލަ އޭސީސީން ބެލުމަށް ފަހު މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މިދިޔަ ބުރާސްފަތި ދުވަހު ފޮނުވާފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި ދައުލަތަށް ގެއްލުނު 623,208 ރުފިޔާ އަނބުރާ ހޯދުމަށް އޭސީސީން ވަނީ ފެނަކައަށް އަންގާފަ އެވެ.

ބުނީ ކީކޭ؟ - މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ އެ މައްސަލަ ފެންމަތިވިއިރު ފެނަކައިގައި މަސައްކަތް ކުރަމުންދިޔަ އިސް ތިން މީހެއްގެ މައްޗަށެވެ. އެއީ: 

  • ފެނަކައިގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައި އޭރު ހުރި އަހުމަދު ސާތިޝް ސައީދު، ހަސީނީވިލާ/ ސ. ފޭދޫ

  • ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ސީނިއާ އިންޖިނިއަރެއްގެ މަގާމުގައި އޭރު ހުރި މުހައްމަދު އާސިދު، ނިރޮޅުމާގެ/ތ. ތިމަރަފުށި

  • ފެނަކައިގެ ސުޕަވައިޒަރެއްގެ މަގާމުގައި އޭރު ހުރި ހުސައިން އާސިރު، ފަޅޯމާގެ/ ސ. ފޭދޫ

އޭސީސީން ބުނީ އެ މަޝްރޫއުއަށް ޕެޓީ ކޭޝްގެ ގޮތުގައި ފެނަކައިން ދޫކޮށްފައިވާ ފައިސާ އެ ކުންފުނީގެ ޕެޓީ ކޭޝް ބެލެހެއްޓުމާ ބެހޭ ގަވާއިދާ ހިލާފަށް އަމިއްލަ ބޭނުންތަކަށް އެ ތިން މީހުން ބޭނުންކޮށްފައިވާ ކަމަށެވެ. މި މީހުންގެ މައްޗަށް ހަތަރު ބާވަތެއްގެ ދައުވާކޮށްދިނުމަށް ހުށަހަޅާފައިވެ އެވެ. އެއީ:

  • ކުށެއް ކުރަން އެދުމުގެ ކުށުގެ ދައުވާ

  • ކުށެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާ 

  • ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާ 

  • ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް