މުއާޒު މުހައްމަދު ރަޝީދު. ފެނަކަ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އޭނާ ވަނީ މިއަދު އިސްތިއުފާ ދެއްވާފައި (ފޮޓޯ/ފެނަކަ)

މުއާޒު އިއްޔެއާ ހަމައަށް ފެނަކަ ކޮޅަށް ޖަހަން، މިއަދު ކުއްލިއަކަށް އިސްތިއުފާ: މިއީ ކޮން ކަމެއް؟

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވިއިރު މުއާޒު ވިދާޅުވަމުން ގެންދެވީ އެއީ އަމިއްލަ ހަރަދަށް ޒިންމާ ނެގޭ ވަރުގެ ކުންފުންޏަކަށް ހައްދަވާނެ ކަމަށް
23 ޑިސެމްބަރު 2024
1

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުއާޒު މުހައްމަދު ރަޝީދު ކުއްލި ގޮތަކަށް މިއަދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އެކަން ކުރެއްވި ސަބަބު ވެސް އިސްތިއުފާގެ ސިޓީން ކޮންމެވެސް ވަރަކަށް ސާފުވެ އެވެ.

މުއާޒު ފެނަކައާ ހަވާލުވީއިރު ވެސް އޭނާއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ދަރަނި ކުޑަކުރުމެވެ.

އިސްތިއުފާގެ ސިޓީގައި ވެސް އޮތީ އެ ވާހަކަ އެވެ. ކުންފުނީގައި ހުރި މައްސަލަތަކާއި ހާލަތު ގޯސްކަމުގެ ވާހަކަ އެވެ. މާލީ ހާލަތު ރަނގަޅު ކުރެވެން ނެތް ކަމުގެ ޝަކުވާ އެވެ. ނަމަވެސް އިއްޔެއާ ހަމައަށް ވެސް މުއާޒު ދެއްކެވީ މުޅިން ތަފާތު ވާހަކައެކެވެ.

މިސާލަކަށް، އިއްޔެ އެ ކުންފުނިން ނެރުނު 'ފާއިތުވި 1 އަހަރު' ފޮތުގައި 'މެނޭޖިން ޑިރެކްޓަރުގެ ބަސް' ސަފުހާގައި ވިދާޅުވި ވާހަކަ އެވެ. ދަރަނީގެ ސަބަބުން ދިމާވާ ދަތިތަކުން މިންޖުވުމަކީ ކުރު މުއްދަތެއްގައި ކުރެވޭނެ ކަމެއް ނޫން ކަމުގެ ކަންބޮޑުވުމެވެ. އެއާ އެކު އޭނާގެ ވާޖިބަކަށް ވީ ފެނަކަ ފެންމަތީގައި ބޭއްވުމަށް ކޮންމެހެން ބޭނުން ފިޔަވަޅުތައް ވަގުތުން ވަގުތުން އެޅުމެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ މުއާޒު މުހައްމަދު ރަޝީދު ހަވާލުވުމުން އެ ކުންފުނިން މަރުހަބާ ކިޔަނީ: ކުންފުނީގެ ހިންގުން ހަރުދަނާކޮށް ދަރަނި ކުޑަކުރުމަކީ އޭނާ އަށް އޮތް އެންމެ ބޮޑު ގޮންޖެހުން. (ފޮޓޯ/ފެނަކަ)

މުއާޒު ވިދާޅުވީ އެކަމުގައި އެޅި ދަތި، ނަމަވެސް މުހިންމު ފިޔަވަޅުތަކުން ފެނަކައިގެ ހިންގުމުގެ ހަރަދު ކުޑަކޮށް، ފުރަތަމަ ކުއާޓަރުން ފެށިގެން އޮޕަރޭޝަނަލް ޕްރޮފިޓް ނެރެވުނު ކަމަށެވެ. ނަމަވެސް ބޮޑު ދަރަނީގެ ސަބަބުން ކޭޝްފްލޯ މެނޭޖުކުރުން ފަސޭހަ ކަމަކަށް ނުވި އެވެ.

"އެކަމަކު އަޅުގަނޑަށް އޮތް ޔަގީންކަމަކީ، މިހާރު ހުރި ގޮންޖެހުންތަކާ އެކު ވެސް މި ކުންފުނި ނަގާ ކޮޅަށް ޖެހޭނެ ކަމެވެ،" އިއްޔެ ޝާއިއުކުރި އެ ފޮތުގައި މުއާޒު ވިދާޅުވި އެވެ.

ފެނަކައިން ބޭއްވި ނޫސް ކޮންފަރެންސްގައި މުއާޒު (ކ) އާއި އެ ކުންފުނީގެ އިސް ބޭފުޅުން.

އޭގެ ކުރިން 14 ޖުލައިގައި ޕީއެންސީއިން ބޭއްވި ހަރުގެ ޖަލްސާގައި ވެސް މުއާޒު ދެއްވީީ ފެނަކަ ކޮޅަށް ޖެހޭނެ ކަމުގެ ޔަގީންކަމެވެ.

"އަޅުގަނޑުމެން ހަރަދު ބޮޑުތަނުން ކުޑަކޮށް، އިރާދަކުރެއްވިއްޔާ މި ކުންފުންޏަކީ މި ކުންފުނީގެ އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލަ ހަރަދަށް ޒިންމާ ނެގޭ ކުންފުންޏަކަށް އަޅުގަނޑުމެން ބަދަލުކުރާނަން،" މުއާޒު ވިދާޅުވި އެވެ.

އިއްޔެއާ ހަމައަށް ވެސް ހުންނެވީ އެ ގޮތުގަ އެވެ. ނަމަވެސް މިއަދު ރައީސް މުހައްމަދު މުއިއްޒަށް އެޑްރެސްކޮށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި އޮތީ މުޅިން ތަފާތު ވާހަކައެކެވެ.

އެ ސިޓީގައި މުއާޒު ވިދާޅުވީ ކުންފުނިތަކަކީ އުސޫލެއްގެ ގޮތުން އެ ކުންފުނިތަކަށް ލިބޭ އާމްދަނީއަކުން ހިންގުން ބައްޓަން ކުރަންޖެހޭ ތަންތަނަށް ވީ ނަމަވެސް، ފެނަކަ ވެއްޓިފައި އޮތް މާލީ ހާލަތުން އެކަން އެގޮތަށް ކުރުން މުސްތަހީލު ކަމަށެވެ.

ފެނަކަ އޮފީސް ހުންނަ އިމާރާތް. (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ކުންފުނީގައި އުފެދިފައިވާ ދަރަންޏަށް ބަލާއިރު ހަމައެކަނި ހިންގުމުގެ ހަރަދު ކުޑަކޮށްގެން މިހާރު ވެއްޓިފައިވާ ހާލަތުން ސަލާމަތް ނުކުރެވޭނެ ކަމަށް ވެސް މުއާޒު ފާހަގަކުރެއްވި އެވެ.

ކުރިން ވަރަށް ޔަގީންކަމާ އެކު ފެނަކަ ކޮޅަށް ޖައްސަވާނެ ކަމަށް ވިދާޅުވަމުން ގެންދެވި ނަމަވެސް އެ ސިޓީން ފާހަގަވީ ނާއުންމީދެވެ. މާލީ ގޯސް ހާލަތުން އަރައިގަތުމަށް  ތައްޔާރުކުރި ޕްލޭންތައް ކަމާ ގުޅުން ހުރި ފަރާތްތަކަށް ހިއްސާކުރި ނަމަވެސް، އަލި މަގެއް ނުހޯދުނު ކަމުގެ ކަންބޮޑުވުމެވެ. މިދިޔަ ދެ މަހުގެ މުސާރަ، ޖެހިގެން އައި މަސް ފެށިއިރު ވެސް ޖަމާނުކޮށްދެވޭ ވަރަށް ކުންފުނީގެ ހާލަތު ގޯސްވުމެވެ.

"އެހެންވުމާ އެކު، ކުންފުންޏަށް ލިބޭ އާމްދަނީއަށް ވުރެ ކުރަން ޖެހޭ ހަރަދު ބޮޑުވުމުން ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތްތައް ފޯރުކޮށް ނުދެވޭނެ ހާލަތަކަށް ކުންފުނީގެ އޮޕަރޭޝަން ހާލަތު ވެއްޓިފައި ވާތީ، އަޅުގަނޑު ހުރެގެން އިތުރަށް މިކަން ރަނގަޅު ކުރެވޭނެ އަލި މަގެއް ފެންނަން ނެތުމުން، މިއަދުން ފެށިގެން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދީފީމެވެ. އެދެނީ ފެނަކަ ކޯޕަރޭޝަނަށާއި މަނިކުފާނުގެ ސަރުކާރަށް ކާމިޔާބު ދުވަސްވަތަކަކަށެވެ."

ކުއްލިއަކަށް މި ބަދަލުވީ ކޮން ކަމެއްކަން ނޭނގެ އެވެ. ނަމަވެސް މުއާޒުގެ ކުއްލި އިސްތިއުފާގެ ކުރިން ރައީސް މުއިއްޒު އިއްޔެ ރައީސް އޮފީސް ކުރިމަތީގައި ބައެއް މީޑިއާތަކަށް ވިދާޅުވި ބަސްފުޅު ވެސް އެބަ އޮތެވެ:

"ސަރުކާރުގެ އެއްވެސް ތަނެއްގައި އަޅުގަނޑު ބޭނުމެއް ނޫން ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް ކަމެއް، އެއްވެސް މީހަކު ހިންގާކަށް. އަޅުގަނޑު މަގާމުތަކަށް މީހުން ލަނީ ވައްކަން ކުރާކަށް ނޫން. ކޮރަޕްޝަން ހިންގާކަށް ނޫން. ގަވާއިދާ ހިލާފު ކަމެއް ކުރާކަށް ވެސް ނޫން. އޭގެ ބަދަލުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާ އެކީގައި ރައްޔިތުންނަށް ހިދުމަތް ދިނުމަށް،" ރައީސް ވިދާޅުވި އެވެ.

"އެކަމަށް ހުރަސްއެޅޭ ގޮތަކަށް ނޫނީ އެ ނޫން ގޮތަކަށް ކަމެއް ކުރާ ކަމަށް ގަބޫލުކުރެވޭ ނަމަ އަޅުގަނޑު އެ މީހަކު އެ ތަނުން ދުރުކުރާނަން، ނޫނީ އެކަން ހުއްޓުވާނަން."

މި ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު. (ފޮޓޯ/ރައީސް އޮފީސް)

މުއާޒަށް ނުވަތަ މި ސަރުކާރުގައި ފެނަކައިގެ ވެރިންނަށް ތުހުމަތުވާ މައްސަލަތަކެއް ސޯޝަލް މީޑިއާ އާއި ބައެއް ނޫސްތަކުގައި ވަނީ ފެންމަތިވެފަ އެވެ. ނަމަވެސް އެފަދަ އެއްވެސް މައްސަލައެއް ބަލަމުންދާކަން މިހާތަނަށް އެނގިފައެއް ނުވެ އެވެ.

ޔަގީންވަނީ ކުރިން ފެނަކައިގެ ތެރެއިން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކެއް އޭސީސީއިން ތަހުގީގު ކުރަމުންދާކަމެވެ.

މުއާޒުގެ ސިޓީއިން ފާހަގަވާ އިތުރު އެހެން ކަމެއް ވެސް އެބަ އޮތެވެ. އެއީ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވިޔަސް، ކަންކަން ރަނގަޅު ކުރުމުގެ ނިޔަތުގައި އޭނާ ބޭނުންވާ ގޮތަށް ކުންފުނި ހިންގުމުގެ ބާރު ނޯންނަ ކަމެވެ.

"ކުންފުންޏާ ހަވާލުވީއިރު ކުންފުނީގެ ދަރަނީގެ ގޮތުގައި 4.3 ބިލިއަން ރުފިޔާ އޮތުމާއި ކުންފުންޏަށް ބޭނުންވާ އަދަދަށް ވުރެ އެތައް ގުނައެއް އިތުރަށް ވަޒީފާ ހަމަޖައްސަން ޖެހުމާއި އަދި ކުންފުނި 'ރައިޓް ސައިޒު' ކުރުމަށް އެކަށީގެންވާ އެއްބާރުލުމެއް ކަމާ ގުޅުން ހުރި އިދާރާތަކުން ނުލިބުމާއި ކުންފުންޏަށް ލިބޭ އާމްދަނީއަށް ވުރެ ކުރަން ޖެހިފައިވާ ހަރަދު އިންތިހާއަށް އިތުރުވެފައި ވާތީ އެވެ،" އެ ސިޓީގައިވެ އެވެ.

ކުންފުންޏަށް ނުކަތާ ވަރަށް މުވައްޒަފުން ގިނަ ވާހަކަ، މުއާޒުގެ އިިތުރުން މި ސަރުކާރުގެ އެކި ބޭފުޅުން ވެސް ތަކުރާރުކޮށް ވިދާޅުވެ އެވެ. މުއާޒު ހުންނެވިއިރު މުވައްޒަފުން މަދު ވެސް ކުރި އެވެ. ނަމަވެސް އެއާ އެކު ދެން އިވުނީ 'ކަނޑާލި ކޮންމެ މުވައްޒަފަކަށް ދެ މީހަކު ވެއްދި' ކަމުގެ އަޑުތަކެވެ. އިސްތިއުފާގެ ސިޓީން ވެސް މި ދޭހަވަނީ އެކަމެވެ.

ރައީސް ވިދާޅުވީ ކުންފުންޏަށް ވެރިން އައްޔަންކުރައްވަނީ ރައްޔިތުންނަށް ހިދުމަތް ދިނުމަށް ކަމަށެވެ. މުއާޒުގެ ސިޓީން ދޭހަވަނީ އެކަމަށް ބޭނުންވާ އެއްބާރުލުން ނުލިބޭ ކަމެވެ. މައްސަލަތައް ހިއްސާކުރުމުން ވެސް ކަންކަން ކުރިއަށް ނުދާ ކަމެވެ.

ކޮމެންޓް (1)

ހޮޅި

23 ޑިސެމްބަރު 2024
މުއާޒު ވަކިވިތާ ތިން ހަތަރު ގަޑިއިރުތެރޭގައި އައު އެމްޑީއެއް އަންޔަން ކުރުމުން ސުވާލުގެ ޖަވާބު ލިބިއްޖެ. އެމްޑީން އަންޔަންކުރާނީ އެމްލޯއިމަންޓްވެޓް ހަދާ ރެކޯޑުތައް ސާފުކޮށްފައެވެ. ދެން ވިސްނާލާށެވެ.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް