މީގެ ކުރިން މަޖިލީހުގެ ކޮމެޓީއެއްގައި އޭސީސީގެ ރައީސް އާދަމް ޝާމިލް މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. (ދައުރު ފައިލް ފޮޓޯ/މުހައްމަދު އަމާން)

އޭސީސީ

ފެނަކައިގެ ކުރީގެ ވެރިންގެ ބޮޑު 6 މައްސަލައެއް އޭސީސީގައި

ފެނަކައާ ގުޅޭ ގޮތުން އެންމެ ގިނައިން ހުށަހަޅާފައި ވަނީ ޕްރޮކިޔުމެންޓާއި މުވައްޒަފުން ނެގުމުގެ މައްސަލަތައް

ކުރީ ސަރުކާރުގައި ފެނަކަ ކުންފުނީގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަށް ތުހުމަތުވާ ބޮޑެތި ހަ މައްސަލައެއް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ކަމަށް އެ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލް އިއްޔެ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެ ކޮމިޝަނުގައި ހުރި ސަރުކާރުގެ ކުންފުނިތަކާ ގުޅުން ހުރި މައްސަލަތަކާ ގުޅޭ ގޮތުން ސުވާލު ކުރުމަށް މަޖިލީހުގެ ސްޓޭޓު އޯންޑް އެންޓަޕްރައިޒަޒް ކޮމެޓީއަށް އޭސީސީ ހާޒިރުކޮށް އިއްޔެ ވަނީ ސުވާލުކޮށްފަ އެވެ.

ތަފްސީލް - މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝާމިލް އިއްޔެ ވިދާޅުވީ ސަރުކާރު ކުންފުނިތަކާ ގުޅޭ ގޮތުން ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާއިރު، ކުރީ ސަރުކާރުގައި ފެނަކައިގެ ވެރިންނަށް ތިއްބެވި ބޭފުޅުންނާ ގުޅޭ ގިނަ މައްސަލަތަކެއް ހުށަހެޅިފައިވާ ކަމަށެވެ.

އެއް މައްސަލައެއް ގިނަ ބައެއްގެ ފަރާތުން ހުށަހަޅާފައި ހުންނަ ކަމަށާއި އެހެންވެ އެ މައްސަލަތައް އެއްކޮށްލައި އެއް ވައްތަރުގެ މައްސަލަތަކަކީ އެއް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް އޭސީސީގެ ރައީސް ވިދާޅުވި އެވެ.

"ހަ މައްސަލައޭ ދެންނެވިޔަސް ހަގީގަތުގައި ވަރަށް ބޮޑެތި މައްސަލަތަކުގެ ވާހަކަ މި ދައްކަނީ. އޭގެ ނިސްބަތުން އަޅުގަނޑުމެން ހުންނާނެ އެއް ބާވަތެއްގެ މައްސަލަތައް އެއްކޮށްލާފައި ވެސް. މިސާލަކަށް 10 މީހުން ހުށަހަޅާފާނެ ފެނަކައިގެ އެއް ބާވަތެއްގެ ޝަކުވާ. ހުށަހެޅީމަ ބަލާއިރު 10 މައްސަލަ ގޮތަށް އަންނާނެ. ނަމަވެސް އެއީ އެއް މައްސަލައެއް ގޮތަށް، އެއް ބާވަތެއްގެ މައްސަލަ ހެން އަޅުގަނޑުމެން އެއް ކޮށްލާފައި ހުންނާނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފެނަކައާ ގުޅޭ ގޮތުން އެންމެ ގިނައިން ހުށަހަޅާފައި ހުރީ ޕްރޮކިޔުމެންޓާއި މުވައްޒަފުން ނެގުމުގެ މައްސަލަތައް ކަމަށެވެ.

ގުޅުން ހުރި - ޝާމިލް އިއްޔެ ވިދާޅުވީ ސަރުކާރު ކުންފުނިތަކާ ގުޅުން ހުރި ޖުމްލަ 890 މައްސަލަ އޭސީސީގައި އެބަހުރި ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ޕްރިލިމިނަރީ މަރުހަލާގައި އޮތް 316 މައްސަލައެއްގެ އިތުރުން ތަހުގީގު ކުރަން ޖެހޭ 580 މައްސަލައެއް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް