ހއ. ދިއްދޫގައި ފެނަކައިގެ މުވައްޒަފުން ކުރި އިހުތިޖާޖެއް. (ފޮޓޯ/ސޯޝަލް މީޑިއާ)
ބަނގުރޫޓުވެފައި އޮތް ކަމަށް ބުނެ ފެނަކައިން ކަނޑާލި ކޮންމެ މީހަކަށް އިތުރު 2 މީހުން ވައްދައިފި: ސޯލިހު
މި ސަރުކާރުން ވެރިކަމާ ހަވާލުވެ، ފެނަކަ އޮތީ ބަނގުރޫޓުވެފައި ކަމަށާއި ކުންފުނި ކޮޅަށް ޖެހޭނީ މުވައްޒަފުން މަދުކޮށްގެން ކަމަށް ބުނުމަށް ފަހު، ކަނޑާލި ކޮންމެ މުވައްޒަފަކަށް އިތުރު ދެ މުވައްޒަފުން ވެއްދި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތުހުމަތުކުރައްވައިފި އެވެ.
ބުނީ ކީކޭ؟ - މިރޭ ރާޅުގަނޑުގައި އެމްޑީޕީއިން ބޭއްވި 'އައްޑޫ ސިޓީ ކެންޑިޑޭޓުންގެ ތަރާވީސް' ޖަލްސާގައި ވާހަކަދައްކަވަމުން ސޯލިހު ވިދާޅުވީ ވަޒީފާގެ އަދަދުތައް ހާމަނުކޮށް، އިންތިހާއަށް ސަރުކާރުން ވަޒީފާ ދެމުން އަންނަ ކަމަށެވެ. އަދި މިސާލެއްގެ ގޮތުގައި ދެއްކެވީ ފެނަކަ ކޯޕަރޭޝަނެވެ.
"[ރައީސް މުއިއްޒު ވެރިކަމަށް] ވަޑައިގެން ވިދާޅުވީ ކީކޭތޯ؟ ފެނަކައަކީ ބަނގުރޫޓުވެފައި އޮތް ކުންފުންޏެކޭ. ނަގާ ކޮޅަށް ޖަހަން އެތައް މީހުން ވަޒީފާއިން ވަކި ކުރަން އެބަޖެހެޔޭ،" ސޯލިހު ވިދާޅުވި އެވެ.
"ވަކި ކުރިއޭ އިނގޭތޯ. އެހެން ނަމަވެސް އެ ވަކި ކުރި ކޮންމެ މީހަކަށް ދެ މީހުންނަށް، ކޮންމެ ރަށަކުން ވަޒީފާ އެބަދޭ. މިއީ ހާމައަށް ފެންނަން އޮތް ކަމެއް."
ގުޅުންހުރި ކަމެއް - މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، ސިޔާސީ މަގާމުތަކަށް އައްޔަން ކުރި ބޭފުޅުންގެ މުސާރަތައް ހިމެނޭހެން، އެ މަގާމުތަކުގެ ތަފްސީލުތައް ހޯދުމަށް އެދުނު ފަރާތްތަކަށް އެ މައުލޫމާތު ވަނީ ނުދީފަ އެވެ.
މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ބޭއްވި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު އޮފީހުން (އައިކޮމް)އިން ނިންމީ ސަރުކާރުގެ ސިޔާސީ މަގާމުތަކާ ގުޅޭ ތަފްސީލަކީ ހިފެއްހޭޓޭނެ ކަމެއް ނޫން ކަމަށާއި އެއީ ހާމަ ކުރަން ޖެހޭ މައުލޫމާތެއް ކަމަށެވެ.
ތަފްސީލު - އެ މައްސަލައަށް އިޝާރަތް ކުރައްވައި ސޯލިހު ވިދާޅުވީ މަޖިލިސް އިންތިހާބުގެ ކުރިން އެ އަދަދު ހާމަކުރަން ސަރުކާރަށް ނުކުރޭނެ ކަމަށެވެ.
"ވަޒީފާތައް ޑަޒަނުން ޑަޒަނުން ދޭއިރުގައި، އަދަދަކީ ކޮބައިތޯ؟ ހާމައެއް ނުކުރޭ. ވިދާޅުވީ ތިމަންނާއަކީ [ރައީސް މުއިއްޒަކީ] ހާމަކަން ބޮޑުކޮށް ވެރިކަން ކުރާނެ ބޭފުޅެކޭ،" ސޯލިހު ވިދާޅުވި އެވެ.
"ވެރިކަމަށް ވަޑައިގެން ފަހުން ސިޔާސީ މަގާމުތަކަށް އައްޔަންކުރީ ކިތައް މީހުންތޯ ހާމަކުރާށޭ. އެ އަޑުއެހުމަށް ރައީސް އޮފީހުން މީހަކު ދާން ބުނީމަ، ބައިވެރިއެއް ނުވި. ބިޒީ ކަމުންނޭ ވިދާޅުވީ. އަޅުގަނޑަށް ހަމަ ޔަގީން އަދިވެސް ނުކެރޭނެ ހާމަ ކުރާކަށް. އެއީ އަޅުގަނޑުމެން މި ދަންނަވާ ގޮތަށް 1،500 އަށްވުރެ މައްޗަށް އެ ލިސްޓު އަރައިގެން އެ ދަނީ."
ގިނަ އަދަދެއްގެ ވަޒީފާތައް ދެމުން ދާއިރު ސޯލިހު ވިދާޅުވީ އެއީ ރައްޔިތުންގެ މަޖިލިސް ހުޅުވި ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅާ ދިމާ އިދިކޮޅަށް ކުރާ ކަމެއް ކަމަށެވެ.
"ކޮންމެހެން ބޭނުމެއް ޖެހިގެން ނޫނިއްޔާ ވަޒީފާއަށް އިތުރު މީހަކު ނުނަގާނަމޭ. ހާމަ ކުރަންވީނޫންތޯ؟ ރައްޔިތުންގެ ފައިސާ އެ ހަރަދު ކުރަނީ،" ސޯލިހު ވިދާޅުވި އެވެ.
"އެހެން ނަމަވެސް، އަޅުގަނޑަށް ހަމަ ޔަގީން، މި މަޖިލިސް އިންތިހާބު ނުނިމެނީސް އޭގެ ތެރެއިން އެއްވެސް ކަމެއް ހާމައެއް ނުކުރާނެ. އެ ވާނީ ދޮގަށް ވިއްޔާ އަނެއްކާ ވެސް، ހާމަކޮށްފި ނަމަ."
ސަރުކާރުން ވަޒީފާ ދިން މީހުންގެ އަދަދު ހާމަކުރުމަށް ތަކުރާރުކޮށް ގޮވާލައްވަމުން ސޯލިހު ވިދާޅުވީ އެ މައުލޫމާތު ހާމަނުކޮށްފި ނަމަ، މަޖިލީހުގެ ތެރެއިން ކޮންމެވެސް ގޮތެއް ހޯއްދަވާނެ ކަމަށެވެ.
ކޮމެންޓް (1)
ޞައްދާމު