ފެނަކަ އޮފީސް ހުންނަ އިމާރާތް (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ފެނަކައިން 'މަސައްކަތެއް ނެތް' 900 މުވައްޒަފުން އެއްބަސްވުން ހަމަވުމުން ދޫކޮށްލައިފި

ފެނަކައިން ބުނީ، މަޝްރޫއުތަކަށް ނަގާފައިވާ މުވައްޒަފުންގެ ތެރެއިން، މިދިޔަ މަހުގެ ނިޔަލަށް އެއްބަސްވުން ހަަމަވެފައިވާ 1800 އެއްހާ މުވައްޒަފުން އެބަތިބި ކަމަށް

ފެނަކަ އިން މަޝްރޫއުތައް ހިންގާ ރަށްރަށުގެ ތެރެއިން މިހާރު އެއްވެސް މަސައްކަތެއް ނެތް 40 ރަށެއްގައި ތިބި މުވައްޒަފުންގެ ތެރެއިން ވަޒީފާގެ އެއްބަސްވުން ހަމަވެފައިވާ 900 މުުވައްޒަފުންގެ އެއްބަސްވުން އާ ނުކުރަން އެ ކުންފުނިޖން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު މިއަދު 'ދައުރު'އަށް ވިދާޅުވީ، އެއްބަސްވުން އާ ނުކުރަން ނިންމާފައިވަނީ، އެކި ރަށްރަށުގެ ކޮންސްޓްރަކްޝަން މަޝްރޫއުތަކަށް ނަގާފައިވާ މުވައްޒަފުން ކަމަށެވެ. އެއީ ފެނަކައިގެ މެންޑޭޓުން ބޭރުން ކުރަމުންދާ މަސައްކަތްތަކެއްކަން އޭނާ ފާހަގަކުރެއްވި އެވެ.

ބުނީ ކީކޭ؟ - މުއާޒު ވިދާޅުވި ގޮތުގައި، މިދިޔަ މަހުގެ ނިޔަލަށް:

  • މަޝްރޫއުތަކަށް ނަގާފައިވާ މުވައްޒަފުންގެ ތެރެއިން އެއްބަސްވުން ހަަމަވެފައިވާ 1،800 އެއްހާ މުވައްޒަފުން ތިބި

  • އޭގެ ތެރެއިން، 40 ރަށެއްގައި ތިބި 900 މުވައްޒަފުންގެ އެއްބަސްވުން އާ ނުކުރަން ނިންމާފައިވާނެ

"ކުރިއަށް އޮތް ތަނުގައި ވެސް އަޅުގަނޑުމެން ބަަލަމުން މި ދަނީ ރަށްރަށުގައި ހުރި މިފަދަ މަޝްރޫއުތަކުގެ ތެރެއިން އަޅުގަނޑުމެންގެ މަސައްކަތްތަކަށް ކޮންމެހެން ބޭނުން ނުވާ މުވައްޒަފުން ތިބި ނަމަ، އެފަދަ މުވައްޒަފުން ދޫކޮށްލަން،" އޭނާ ވިދާޅުވި އެވެ.

"އެ މުވައްޒަފުންނަކީ މި ވަގުތު މަޝްރޫއުތައް ނިމިފައިވާ ނޫނީ އެއްވެސް މަސައްކަތެއް ނެތް ރަށްރަށުގެ މަސައްކަތްތަކުގެ ތެރެއިން އެެއްބަސްވުން ހަމަވެފައިވާ މުވައްޒަފުން. ފެނަކައިގެ އެތެރޭގެ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ އެއްވެސް މުވައްޒަފަކު މިހާތަނަށް ކަނޑާލާފައެއް ނުވާނެ."

ގުޅުން ހުރި ކަމެއް - ރައީސް މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން އެ މަނިކުފާނުގެ އިންތިގާލީ އޮފީހުން ހަމާކޮށްފައިވާ ގޮތުގައި، ނިމިދިޔަ ފަސް އަހަރުގެ ތެރޭގައި 5،000އަށް ވުރެ ގިނަ މުވައްޒަފުން ފެނަކައަށް އިތުރުވެފައިވެ އެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އެކަނި ވެސް 747 މުވައްޒަފުން އެ ކުންފުންޏަށް ނަގާފައިވާ ކަމަށް އެ އޮފީހުން ބުނެފައިވެ އެވެ.

އޭރުގެ އެމްޑީޕީ ސަރުކާރުގައި ވަޒީފާ ދީފައިވާ ގިނަ މުވައްޒަފުންތަކެއް، ސަރުކާރު ބަދަލުވުމާ އެކު، މިހާރުގެ ސަރުކާރުން ވަކިކުރާ ކަމަށް ބުނެ، އެމްޑީޕީން ވަމީ މި ހަފްތާގައި ރައްޔިތުން މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅާފަ އެވެ.

އެކަމާ ގުޅިގެން އަމާޒުވަމުންދާ ފާޑުކިއުންތަކަށް ރައީސް މުއިއްޒު އެންމެ ފަހުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުުގައި ޖަވާބުދެއްވަމުން އެ މަނިކުފާނު ވިދާޅުވެފައިވަނީ ފެނަކައިގެ ދަރަނި ވަރަށް ބޮޑު ކަމަށާއި ދެކޮޅުޖައްސަން ބައެއް ހަރަދުތައް ކުޑަކުރަން ޖެހިފައިވާ ކަމަށެވެ.

ނަމަވެސް، އެއްވެސް ދާއިމީ މުވައްޒަފަކު ވަޒީފާ އިން ވަކިނުކުރާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވެފައި ވަނީ، އެ މުވައްޒަފުންގެ އެއްބަސްވުން އާ ނުކުރަނީ ކުންފުނީގެ ހާލަތު މިވަގުތު އޮތް ގޮތުން މަޖުބޫރުވެގެން ކަމަށާއި ކިރިޔާ ވެސް ބޭތިއްބެން ތިބި މުވައްޒަފެއް ބައިތިއްބަން އިރުޝާދު ދެއްވާފައިވާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް