ފެނަކަ އޮފީސް ހުންނަ އިމާރާތް (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ފެނަކައިގައި ކިރިޔާ ވެސް ބެހެއްޓެން ހުރި މުވައްޒަފެއް ބަހައްޓާނަން: ރައީސް
ކުރީ ސަރުކާރުގައި ކޮންޓްރެކްޓް މުވައްޒަފުންގެ ގޮތުގައި ފެނަކައަށް ނަގާފައި ތިބި ބައެއް މުވައްޒަފުންގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެ މީހުންގެ ކޮންޓްރެކްޓް އާނުކުރަނީ ކުންފުނީގެ ހާލަތު މިވަގުތު އޮތް ގޮތުން މަޖުބޫރުވެގެން ކަމަށާއި ކިރިޔާ ވެސް ބެހެއްޓެން ހުރި މުވައްޒަފެއް ބަހައްޓަން އިރުޝާދު ދީފައިވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މައްސަލައިގެ ފެށުން - މިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާއަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ވަނީ ނިމިގެން ދިޔަ އެ ޕާޓީގެ ސަރުކާރުގައި ފެނަކައިން ވަޒީފާ ދީފައިވާ ގިނަ މުވައްޒަފުންތަކެއް ވަކިކުރަމުން ދާ ކަމަށް ބުނެ ކުއްލި މައްސަލައެއް ހުށަހަޅައިފަ އެވެ.
-
އެ މައްސަލައިގެ ބަހުސްގައި އެމްޑީޕީ މެންބަރުން ވަނީ އެގޮތަށް އަމަލު ކުރާ ނަމަ ރައީސް މުއިއްޒުގެ ވަޒީރުންނަށް ރުހުން ދިނުމާ މެދު ދެވަނަ ވިސްނުމަކަށް ދާނެ ކަމަށް ބުނެފައި
ވީ ކިހިނެއް؟ - ކެބިނެޓުގެ ނިންމުންތަކެއް އާންމުކުރުމަށް ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ފާޑުކިޔުންތަކާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން ރައީސް މުއިއްޒު ވިދާޅުވީ ފެނަކައިގެ ދަރަނި ވަރަށް ބޮޑު ކަމަށާއި ދެކޮޅުޖައްސަން ބައެއް ހަރަދުތައް ކުޑަކުރަން ޖެހިފައިވާ ކަމަށެވެ.
އެއްވެސް ދާއިމީ މުވައްޒަފަކު ވަޒީފާއިން ވަކިނުކުރާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އިންތިހާބުގެ ދުވަސްވަރު ކޮންޓްރެކްޓް ހަދައި ވަޒީފާ ދީފައިވާ ވަގުތީ މުވައްޒަފުންގެ ކޮންޓްރެކްޓް ނޮވެމްބަރު މަހުގެ ނިޔަލަށް ހަމަވުމުން އާނުކުރަން ފެނަައިގެ މެނޭޖްމަންޓުން ނިންމި ކަމަށެވެ. އަދި އެގޮތަށް ނަގާފައި ތިބި މުވައްޒަފުންނަކީ މަސައްކަތެއް ނެތި ހަމައެކަނި ކެމްޕޭނުގެ ބޭނުމަށް ނެގި މީހުން ކަމަށް ގަބޫލު ކުރެވޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"ކިރިޔާ ވެސް އާކުރެވެން އޮތް މުވައްޒަފުންނަށް ވެސް އާކޮށްލަ ދެއްވާށޭ އަޅުގަނޑު އޮންނާނީ ދަންނަވާފައި މިހާރު. ދޫކޮށްނުލާ ވީވަރަކުން އެ މީހުން ނެގޭތޯ ބަލާށޭ. ހިފަހައްޓަން ދަންނަވާފައި ވާނެ،" މުއިއްޒު ވިދާޅުވި އެވެ.
ތަފްސީލް - ފެނަކައަށް ދިމާވެފައިވާ މައްސަލަތަކުގެ އިތުރު ތަފްސީލަށް ވަޑައިގަންނަވަމުން ރައީސް ވިދާޅުވީ ފެނަކައިގެ ޕްރޮޖެކްޓެއް ނުހިންގާ ބައެއް ރަށްރަށުގައި ވެސް ކުންފުންޏަށް ނުތަކާ ވަރަށް މުވައްޒަފުން ނަގާފައި އެބަ ތިބި ކަމަށެވެ. ކުންފުނީގެ އޮޕަރޭޝަންތަކަށް ބޭނުންނުވާ އަދި ކުންފުންޏަށް ނުކުޅަދާނަ މިންވަރަށް މުވައްޒަފުން ގެންގުޅުމަކީ އެއްވެސް ކުންފުންޏަކަށް ކުރެވޭނެ ކަމެއް ނޫންކަން ރައީސް ފާހަގަކުރެއްވި އެވެ.
"ޕްރޮޖެކްޓެއް، މަސައްކަތެއް ނެތް ރަށެއްގައި މުވައްޒަފުންތަކެއް ނަގާފައި ނުއެއް ބޭތިއްބޭނެ. އެހެންވެ އެހެން ހުރި ރަށްރަށުގައި ކޮންޓްރެކްޓު ހަމަވީމާ އެ މީހުންގެ ކޮންޓްރެކްޓް އާނުކުރީ،" ރައީސް ވިދާޅުވި އެވެ.
"މިއީ ޒިންމާދާރުނުވުމެއް ވެސް ނޫން."
ރައީސް ވަނީ ފެނަކައިގެ ބައެއް ކޮންޓްރެކްޓް މުވައްޒަފުންގެ ކޮންޓްރެކްޓްތައް އާނުކުރުމަކީ ކެބިނެޓަށް ރުހުން ނުދޭވަރު ކަމެއްތޯ އިދިކޮޅު ފަރާތްތަކާ ސުވާލު ކުރައްވައިފަ އެވެ. ރައީސް ވިދާޅުވީ ދުނިޔޭގެ ތަހުޒީބު ގައުމުތަކުގައި ވެސް ވަޒީރުންނަށް ރުހުން ނުދެނީ އެކަށީގެންވާ މަގުބޫލު ސަބަބެއް އޮވެގެން ކަމަށެވެ.
"އަޅުގަނޑު ހިތުން ވަރަށް ޒިންމާދާރުވާނޭ ރާއްޖޭގެ ޕޮލިޓިކަލް ޕާޓީތައް. ރާއްޖޭގައި އޮންނަ އޮޕޮޒިޝަން ޒިންމާދާރު ވާނެ. މިކަހަލަ ހުތޫރަތްތެރި ދަނޑިވަޅެއްގައި ގައުމައިގެން ކުރިއަށް ދިޔުން އޮންނާނީ، މަޖިލީހުން ވެސް، ހުރިހާ ބޭފުޅުން ވެސް. އެ ނޫން ވިސްނުމެއްގައި އެއްވެސް ސިޔާސީ ޕާޓީއަކުން މަސައްކަތް ކުރާނޭ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ރައީސް ވިދާޅުވި އެވެ.
ކޮމެންޓް (1)
ގަމީހެއް