ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު (ފޮޓޯ/ފެނަކަ)
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒު އިސްތިއުފާ ދީފި
ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުއާޒް މުހައްމަދު ރަޝީދު އިސްތިއުފާ ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒަށް އެޑްރެސްކޮށް މުއާޒު ފޮނުއްވި ސިޓީގެ ކޮޕީއެއް 'އެކްސް'ގައި އޭނާ ވަނީ ހިއްސާކުރައްވާފަ އެވެ. އެ ސިޓީގައި އޭނާ ވިދާޅުވީ ހަވާލުކުރި މަސްއޫލިއްޔަތު މިއަދާ ހަމައަށް ވެސް އަދާކުރެއްވީ އެންމެ ފުރިހަމައަށް ކަމަށެވެ.
އެހެން ނަމަވެސް، ކުންފުނިތަކަކީ އުސޫލެއްގެ ގޮތުން އެ ކުންފުނިތަކަށް ލިބޭ އާމްދަނީއަކުން ހިންގުން ބައްޓަން ކުރަންޖެހޭ ތަންތަނަށް ވީ ނަމަވެސް، މުއާޒު ވިދާޅުވީ ފެނަކަ ވެއްޓިފައި އޮތް މާލީ ހާލަތުން އެކަން އެގޮތަށް ކުރުމަކީ މުސްތަހީލު ކަމެއް ކަމަށެވެ.
ބުނީ ކީކޭ؟ - ހާލަތު އެހެން އޮތް ނަމަވެސް، މުއާޒު ވިދާޅުވީ މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ހަރަދު ކުޑަކުރަން ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. ނަމަވެސް ކުންފުނީގައި އުފެދިފައިވާ ދަރަންޏަށް ބަލާއިރު ހަމައެކަނި ހިންގުމުގެ ހަރަދު ކުޑަކޮށްގެން މިހާރު ވެއްޓިފައިވާ ހާލަތުން ސަލާމަތް ނުކުރެވޭނެ ކަމަށް ވެސް މުއާޒު ފާހަގަކުރެއްވި އެވެ.
"ހާލަތުން އަރައިގަތުމަށްޓަކައި ކުންފުނިން ތައްޔާރުކޮށްފައިވާ ޕްލޭންތައް ވާނީ ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކަށް ހިއްސާކުރެވިފަ އެވެ. ނަމަވެސް މިކަމަށް އަލިިމަގެއް މިއަދާ ހަމައަށް ވެސް ފެނިފައިނުވާ ވާހަކަ ދެންނެވީމެވެ،" އެ ސިޓީގައި މުއާޒު ވިދާޅުވި އެވެ.
"އަދި މި ފާއިތުވެދިޔަ އޮކްޓޫބަރު އަދި ނޮވެމްބަރު މަހުގެ މުސާރަ، މުވައްޒަފުންނަށް، މަސް ފެށުނުއިރު ވެސް ޖަމާކޮށްދެވިފައިނުވާ ވާހަކަ ފާހަގަކުރެމެވެ. މިއީ ފަހުގެ ތާރީހެއްގައި މި ކުންފުނީގައި ހިނގާފައިވާ ކަމެއް ނޫން ކަމުގައި ވެސް ފާހަގަކުރަމެވެ."
މުއާޒު ވިދާޅުވީ ފެނަކައިން ފޯރުކޮށްދޭ ފަދަ އަސާސީ ހިދުމަތަކުން އެންމެ ހިނދުކޮޅަކަށް ވެސް މަހުރޫމުވާން ޖެހުމަކީ އޭގެ ސަބަބުން އޭނާ އާއި ކުންފުންޏާއި ރައީސް މުއިއްޒަށް ވެސް އޭގެ ބަދުނާމު ފޯރާނެ އަދި ރައްޔިތުންނަށް އެކަމުގެ ތަކުލީފު އުފުލަން ޖެހޭނެ ކަމެއް ކަމަށެވެ.
"އެހެންވުމާ އެކު، ކުންފުންޏަށް ލިބޭ އާމްދަނީއަށް ވުރެ ކުރަން ޖެހޭ ހަރަދު ބޮޑުވުމުން ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތްތައް ފޯރުކޮށް ނުދެވޭނެ ހާލަތަކަށް ކުންފުނީގެ އޮޕަރޭޝަން ހާލަތު ވެއްޓިފައިވާތީ، އަޅުގަނޑު ހުރެގެން އިތުރަށް މިކަން ރަނގަޅު ކުރެވޭނެ އަލި މަގެއް ފެންނަން ނެތުމުން، މިއަދުން ފެށިގެން ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދީފީމެވެ. އެދެނީ ފެނަކަ ކޯޕަރޭޝަނަށާއި މަނިކުފާނުގެ ސަރުކާރަށް ކާމިޔާބު ދުވަސްވަތަކަކަށެވެ."
ތަފްސީލު - އެސްޓީއޯގެ ދަށަށް ބަދަލުކުރަން ކެބިނެޓުން ނިންމުމަށް ފަހު، ފަހުން އެ ނިންމުން ބަދަލުކޮށްފައިވާ ފެނަކައިގައި ހުރި މައްސަލަތަކުގެ ގޮތުގައި މުއާޒު އެ ސިޓީގައި ފާހަގަކުރެއްވި ކަންތައްތަކަކީ:
-
ހިދުމަތް ދޭ ރަށްރަށުގެ ކަރަންޓާއި ފެނާ ނަރުދަމާގެ ހިދުމަތްތައް ފާއިތުވި އަހަރުތަކުގައި މެއިންޓެއިން ނުކޮށް ހުރުމުން ކުރީގެ ބެކްލޮގު އެއްކޮށް ރަނގަޅު ނުވުން
-
ކުންފުންޏާ ހަވާލުވީއިރު 4.3 ބިލިއަން ރުފިޔާގެ ދަރަނި އޮތުން
-
ބޭނުންވާ ވަރަށް ވުރެ އެތައް ގުނަ އިތުރަށް ވަޒީފާ ހަމަޖައްސަން ޖެހުން
-
ކުންފުނި ރަނގަޅު ސައިޒަށް ކުޑަކުރުމަށްޓަކައި، ކަމާ ގުޅުންހުރި އިދާރާތަކުން އެކަށީގެންވާ އެއްބާރުލުން ނުލިބުން
-
ކުންފުންޏަށް ލިބޭ އާމްދަނީއަށް ވުރެ ކުރަން ޖެހޭ ހަރަދު ބޮޑުވުން
ކޮމެންޓް (2)
ހަސަންދީ
ސިކުނޑި