ފެނަކަ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ބައެއް އިސް ވެރިން (ދައުރު ފޮޓޯ)

މުސާރަ ދޭން ފެނަކައަށް ފިނޭންސް އިން ވާނީ ފައިސާ ދޫކޮށްފައި: މިނިސްޓަރު

އާމްދަނީ ލިބޭ ކުންފުނިތަކުން މުސާރަ ދޭން ސަރުކާރުން ފައިސާ ދޭންޖެހޭނަމަ އެތަންތަން ދައުލަތުގެ ޑިޕާޓުމެންޓަކަށް ހެދުން މާ ރަނގަޅުވާނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި

ގިނަ ރަށްތަކަށް ކަރަންޓުގެ ހިދުމަތް ދޭ ފެނަކައިގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ފިނޭންސް މިނިސްޓްރީން ދޫކުރަން ޖެހޭ ފައިސާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ ވަނީ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަސް ފެށުނު އިރު ވެސް ފެނަކައިގެ މުވައްޒަފުންނަށް މުސާރަ ނުލިބޭތީ އެކަމާ ގުޅިގެން ހުރި ކަންބޮޑުވުންތަކާ އެކު އޭގެ ސަބަބު އޮޅުންފިލުވުމަށް މިނިސްޓަރާ ސުވާލު ކުރައްވައިފަ އެވެ.

ތަފްސީލް - އެ ސުވާލަށް ޖަވާބު ދެއްވަމުން ޒަމީރު ވިދާޅުވީ ފިނޭންސް މިނިސްޓްރީން ފެނަކައަށް ދޭން ޖެހޭ ފައިސާ ދީފައިވާ ކަމަށެވެ.

"ފެނަކަ އަކީ އާންދަނީ ލިބޭ ކުންފުންޏެއް. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރާއި ޑިރެކްޓަރުންގެ ބޯޑުން ވެސް ނަންގަވާ ބައެއް ޒިންމާތަކެއް އެބަހުރޭ. ހަމައެކަނި ދައުލަތުން [އެހީ ދެންޏާ] ކީއްވެތޯ ކުންފުންޏެއް ހަދައިގެން އެ ތަންތަން ހިންގަނީ؟" މިނިސްޓަރު ވިދާޅުވި އެވެ.

"އެއަށްވުރެ މާ ރަނގަޅުވާނެތާ ސަރުކާރުގެ ޑިޕާޓުމެންޓަކަށް ހަދައިފިއްޔާ. އޭރުން އަޅުގަނޑުމެންނަށް މިހާރު ސިވިލް ސާވިސްގައި މި ދޭ ގޮތަށް މުސާރަ ދެވޭނެ ނޫންތޯ؟ ކޮބައިތޯ ކުންފުންޏެއް ހަދައިގެން އެތަނަށް ލިބޭ އާމްދަނީ އެތަނަށް ލިބޭ ގޮތަށް ޖަމާކުރާ އިރުގައި ސަރުކާރުން ކޮންމެ ފަހަރަކު އެ ފައިސާ ޓްރާންސްފާކޮށްދެނީ؟"

ޒަމީރު ވިދާޅުވީ ފެނަކައިގެ މުވައްޒަފުންނަށް ދޭން ޖެހޭ މުސާރަ ވެސް ރޯލްއައުޓް ކުރަމުން ގޮސްފައިވާކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑަކަށް ހިއެއްނުވޭ އެއްވެސް ބަޔަކަށް މުސާރަ ނުދެވި ހުންނާނެ ހެންނެއް. މި އެޕްލައިވޭ އިނގޭތޯ [ސަރުކާރުގެ] ހުރިހާ ކުންފުންޏަކަށް،" އޭނާ ވިދާޅުވި އެވެ.

ފާހަގަކުރެވޭ - ފެނަކައިގެ މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދި ދީފައި ނުވާއިރު މީގެ ކުރިން ވެސް ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މުސާރަ ލަސްވުމުގެ ޝަކުވާ ފެންމަތިވެފައިވެ އެވެ.

ފެނަކައަކީ ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ދަރަނި ބޮޑު އަދި މާލީ މައްސަލަތައް އެންމެ ގިނަ އެއް ކުންފުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް