އެގްރޯނެޓުން ބަނދެފައިވާ އެގްރިބޯޓް: މިއީ ވެސް ބޭނުންކުރެވޭ ގޮތަށް ހަދާފައިވާ އެއްޗެއް ނޫން ކަމަށް ބައެއް މުވައްޒަފުން ބުނި
އެގްރޯނެޓުގައި ބަންދު ބޯޑް: އިސްރާފާއި އިހުމާލާއި ހިޔާނާތް
މުހިންމު ނުކުތާތައް
ކުންފުނީގެ ބައެއް މުވައްޒަފުން ބުނަނީ އުސޫލުތަކާ ހިލާފަށް ބޮޑެތި އެތައް ކަމެއް ކޮށްފައި ހުރި ކަމަށް
އެކި ސަރަހައްދުތަކުގައި 20 މިލިއަން ރުފިޔާ ހޭދަކޮށްގެން ހެދި ސެންޓަރުތައް ވެސް ވަނީ ވީރާނާވާން ފަށާފައި
އެގްރޯ ބޯޓުތަކަކީ ވެސް ބޭނުންނުކުރެވޭނެ އެއްޗެއް ކަމަށް ބައެއް މުވައްޒަފުން ބުނޭ
މި ސަރުކާރާ ހަވާލުވީއިރު ކުންފުނީގެ މުވައްޒަފުންގެ އަދަދަކީ 80 އެވެ. ނަމަވެސް މިދިޔަ އަހަރެއްހާ ދުވަސް ތެރޭ ކުންފުނީގެ މުވައްޒަފުންގެ އަދަދު 200އަށް އެރި އެވެ. ނަތީޖާއަކަށް ވީ މީގެ ކުރިން މުސާރަތަކަށް މަހަކު 1.5 މިލިއަން ރުފިޔާއިން ފުއްދާލެވުނު ކުންފުނިން މުސާރަ ދޭން އެކަނި މަހަކު 3.5 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހުމެވެ. މިއީ މިހާރު ސަރުކާރުން އުވާލަން ނިންމާފައިވާ ދަނޑުވެރިކަން ކުރިއެރުވަން މިދިޔަ ސަރުކާރުގައި އުފެއްދި އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް)ގެ މާލީ ކަންކަން ގޯހުން ގޯހަށް ދާން ފެށި ހިސާބެވެ.
"އަލަށް ކުންފުންޏަށް އައި މެނޭޖިން ޑިރެކްޓަރު ތަނެއްދޮރެއް ބަލައި ނުލައްވާ ހަމަ މުވައްޒަފުން އިތުރުކުރަމުން ގެންދެވީ. މެންބަރަކު ބުނާއިރަށް ވެސް ފާސްކޮށްފައި އޮންނަ އޮނިގަނޑާ ވެސް ހިލާފަށް އެގްޒެކެޓިވް މަގާމަށް ނަގާފައި މެނޭޖަރަކަށް އެބަ ޕްރޮމޯޓްކުރޭ. މިދައްކަނީ 26،000ރ. ވަރުގެ މުސާރައިގެ ވާހަކަ. މިހެން އެތައް ބަޔަކު ނެގީ،" އެ ކުންފުނީގެ ސީނިއާ މުވައްޒަފުންތަކެއް ނަން ނުޖަހާ ގޮތަށް 'ދައުރު'އަށް ކިޔައިދިނެވެ.
ކުންފުންޏަށް ދެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ވެސް ހަމަޖެއްސި އެވެ. މުވައްޒަފުން ކިޔައިދިން ގޮތުގައި އޭގެ ތެރެއިން އެއްވެސް ބޭފުޅަކު އޮފީހަށް ރަސްމީކޮށް ވަޑައެއްނުގަންނަވަ އެވެ. އެކަމަކު ބަރާބަރަށް މުސާރަ ދެ އެވެ. އެއީ މަހަކު ކޮންމެ ބޭފުޅަކަށް 35،000ރ. އެވެ.
"އެވެސް މިލިއަނެއްހާ ރުފިޔާ އެ ދިޔައީ ބޭކާރު ގޮތުގައި. އެބޭފުޅުން މަސައްކަތް ކުރައްވަން ގޮނޑިއެއް، މޭޒެއް ޒިންމާއެއް ހަވާލެއް ނުކުރޭ އަހަރެއް ވީއިރު ވެސް،" މުވައްޒަފުން ބުންޏެވެ.
ނަތީޖާއަކަށް ވީ ކުންފުނި އުފެއްދި ހަގީގީ މަސައްކަތްތައް ކުރަން ހުރި މަދު ފައިސާކޮޅު ބޭކާރު ހަރަދުތަކަށް ގޮސް އިސްރާފުވުމެވެ. ކުންފުންޏަށް ދަނޑުވެރިކަމުން ނަފާއެއް ލިބޭނެ ކަހަލަ އެއްވެސް މަސައްކަތެއް ނުކުރެވުމެވެ.
"މާލީ ގޮތުން ކުންފުނި އެކީ އަޑިއަޅާލީ. ފައިނޭންޝަލް ކޮންޓްރޯލާ ވެސް އެންމެ ފަހުން އިސްތިއުފާ ދެއްވީ، އޭނާގެ ލަފާ ވެސް އެއްގޮތަށް އަޑުނާހާ މި ގޮތަށް ހަރަދުކުރަން ފެށުމުން،" މުވައްޒަފުން ބުންޏެވެ.
ތަނެއް ދޮރެއް ބަލައި ނުލާ ހަމަ މުވައްޒަފުން އިތުރުކުރަމުން ގެންދިޔައީ. މެންބަރަކު ބުނާއިރަށް ވެސް ފާސްކޮށްފައި އޮންނަ އޮނިގަޑާ ވެސް ހިލާފަށް އެގްޒެކެޓިވް މަގާމަށް ނަގާފައި މެނޭޖަރަކަށް އެބަ ޕްރޮމޯޓްކުރޭ. މިދައްކަނީ 26،000ރ. ވަރުގެ މުސާރައިގެ ވާހަކަ. މިހެން އެތައް ބަޔަކު ނެގީ
މެނޭޖިން ޑިރެކްޓަރު ހުސެއިން ދީދީ އެ ތުހުމަތުތަކަށް ވިދާޅުވީ ކޯޕަރޭޓް ގަވަނަންސް އުސޫލު ހަމަޖެހިފައި އޮންނަ ގޮތުން ކުންފުންޏަށް މުވައްޒަފުން ނަގަނީ ކުންފުނީގެ ހިއްސާދާރު ސަރުކާރުގެ އެންގުމާއި ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ. ރައީސް އޮފީހުން އެންގުމުން އެކަމުގައި ކުންފުނީގެ މެނޭޖުމަންޓަށް މާ ބޮޑެތި ބާރުތަކެއް ނޯންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުން ހިންގާ ކުންފުނިތައް ތިބޭނީ ސަރުކާރުގެ ޕޮލިސީތައް ތަންފީޒުކުރަން އިންނަ އުސޫލެއްގެ ތެރެއިން އެކަން ކުރަން. ފަރުދީ އޮތޯރިޓީއެއް ނޯންނާނެ ނޫންތޯ؟...އެމްޑީއެއް އަދި ބޯޑުން ބޭނުން ވީމަކާ ރީޒަނަކާ ނުލާ ހަމަ މުވައްޒަފުންތަކެއް ނުނެގޭނެ... އިންސްޓްރަކްޝަން ލިބެން ޖެހޭ ފަރާތުން، ރައީސް އޮފީހުން މިވެނި އަދަދަކަށް ނަގާށޭ ބުނީމާ ނަގާނީ،" ކުންފުނީގެ ހާލަތު ގޯސް އިރު ވެސް ނުކަތާ ވަރަށް މުވައްޒަފުން އިތުރުވި ސަބަބާ ގުޅޭ ގޮތުން ސުވާލުކުރުމުން ދީދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދެ ޑީއެމްޑީން ކުންފުނީގެ ބޭރުން ކުންފުންޏަށް ސިޔާސީ ގޮތުން ކޮށްދޭން ޖެހޭ މަސައްކަތްތައް އައީ ކޮށްދެމުންނެވެ. ބައެއް ފަހަރު އޮފީހަށް ނުކުންނަވާ މަސައްކަތް ކުރައްވަ އެވެ.
"އެބޭފުޅުން މަސައްކަތް ނުކުރައްވާ ވާހަކައަކީ މުޅިން ތެދެއް ނޫން،" ދީދީ ވިދާޅުވި އެވެ.
ނަމަވެސް 'ދައުރު'ން ބެލި ބެލުމުން ދެ ޑީއެމްޑީން އޮފީހަށް ވަޑައިގެން ޕަންޗްއިން ކޮށްފައެއް ނުވެ އެވެ. އެކަމަކު ބަރާބަރަށް މުސާރަ ދިީފައިވާކަން ލިޔެކިޔުންތަކުން އެނގެ އެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 'ދައުރު'ން އެދިގެން ފިނޭންސް މިނިސްޓްރީން ދީފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ހަތް މަސް ދުވަސް ތެރޭ އެކަނި އެގްރޯނެޓަށް 40 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެ އެވެ. އެއީ މަހެއްގެ މައްޗަށް 5.7 މިލިއަން ރުފިޔާ ޖެހޭވަރުގެ އަދަދެކެވެ.
ހިލޭ އެހީގެ އެތައް މިލިއަން ރުފިޔާއެއް ނާޖާއިޒު ގޮތުގައި
ރާއްޖޭގައި ދަނޑުވެރިކަން ކުރިއެރުވުމަށް ބޭރުގެ އެކި އެޖެންސީތަކުން ދިން ހިލޭ އެހީގެ އެތައް މިލިއަން ރުފިޔާ އެގްރޯނެޓް ކުންފުންޏަށް މިދިޔަ އަހަރުތަކުގައި ވަނީ ލިބިފަ އެވެ. އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކުން ދަނޑުވެރިންގެ އުފެއްދުންތައް ގަނެ އެކި ސަރަހައްދުތަކަށް ގެންދިޔުމަށް އެ ކުންފުނިން އެގްރި ބޯޓްތަކެއް ބަނުމުގެ މަސައްކަތް ކުރީ ޔޫއެންޑީޕީން ދިން 11.7 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުންނެވެ.
އެގްރޯނެޓުގެ އެއް މުވައްޒަފަށް ވުރެ ގިނަ މުވައްޒަފުން 'ދައުރު'އަށް ކަށަވަރުކޮށްދިން ގޮތުގައި އެ މަޝްރޫއުގެ ތެރެއިން ވެސް ނާޖާއިޒު ކަންތައްތަކެއް ވަނީ ހިންގައިފަ އެވެ.
'ދައުރު'އަށް ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު އެ ކުންފުނިން ބަނދެފައިވާ ދެ ބޯޓުގެ ތެރެއިން މިހާތަނަށް ނިމި ކުންފުންޏާ ހަވާލުކޮށްފައިވާ 65 ފޫޓުގެ އެގްރި ބޯޓް ބަން ކުންފުނިން، ބޯޓް ހަވާލުކުރަން ޖެހޭ ތާރީހަށް ހަވާލުކޮށްފައެއް ނުވެ އެވެ. ނަމަވެސް، އެގްރިމަންޓުގެ ދަށުން ޖޫރިމަނާއަށް ފައިސާ އުނި ނުކޮށް އެ ކުންފުންޏަށް ވަނީ 9.9 މިލިއަން ރުފިޔާ އެއްކޮށް ދޫކޮށް ނިންމައިފަ އެވެ.
ލިޔެކިޔުންތަކުން ފެންނަ ގޮތުގައި ބޯޓް ބަން ކުންފުންޏަށް އެގްރިމަންޓުގެ ޖުމްލަ އަގު ދޭން ނުޖެހޭ ކަމަށް ކުންފުނީގެ ކަމާ ގުޅޭ ފަންނީ މުވައްޒަފުން މެނޭޖްމަންޓަށް ލަފާދިނެވެ. ނަމަވެސް އެ ލަފާތަކާ ހިލާފަށް މެނޭޖިން ޑިރެކްޓަރު އެ މައްސަލަ ބޯޑަށް ގެންގޮސް ނިންމީ ބޯޓް ބަން ކުންފުންޏަށް ނުދީ ބާކީ ހުރި 3 މިލިއަން ރުފިޔާ އެކީ އެއްފަހަރާ ހަލާސްކޮށް ނިންމުމަށެވެ.
"އޮކްޓޯބަރު ކުރީކޮޅު ޔަގީންނަށް ވެސް އެ ޕޭމަންޓު އެއްކޮށް އެ ކުންފުންޏަށް ދީފި. ބޯޑަށް ސައްހަ ނޫން މައުލޫމާތު މެނޭޖުމަންޓުން އެމްޑީ ދެއްވައިގެން ބޯޑުގައި ލޮބީކޮށްގެން ފާސްކޮށްލީ އެ ފައިސާ ދޭން. ކުންފުނިން އާންމުކޮށް އަމަލުކުރަމުންދާ އުސޫލުތަކާ ހިލާފު ކަމެއް އެއީ،" އެ މައްސަލަ އޭސީސީއަށް ވެސް ބަޔަކު ހުށަހެޅިކަން ފާހަގަކޮށް މުވައްޒަފުން ބުންޏެވެ.
ފަރުދީ އޮތޯރިޓީއެއް ނޯންނާނެ ނޫންތޯ؟...އެމްޑީއެއް އަދި ބޯޑުން ބޭނުން ވީމަކާ ރީޒަނަކާ ނުލާ ހަމަ މުވައްޒަފުންތަކެއް ނުނެގޭނެ... އިންސްޓްރަކްޝަން ލިބެން ޖެހޭ ފަރާތުން، ރައީސް އޮފީހުން މިވެނި އަދަދަކަށް ނަގާށޭ ބުނީމާ [މުވައްޒަފުން] ނަގާފައި ހުންނާނީ
އެ ބޯޓުގެ ފުރަތަމަ ދަތުރުގައި މިހާރު ގޮސް އޮތީ ލ. އަތޮޅުގަ އެވެ. ނަމަވެސް އެ ދަތުރުގައި ބޯޓުގެ އިންޖީނު ތެޔޮ ލީކުވެ ބޯޓު އޮތީ މިހާރު އޮޕަރޭޓް ކުރެވޭ ހާލަތުގައި ނޫން ކަމަށް މުވައްޒަފުން ބުންޏެވެ.
"ފައިސާ ދީ އެއްކޮށް ހަލާސްކޮށްފި. ދެން ހެދޭނޭ ގޮތެއް ވެސް ޒިންމާ ކުރެވޭނެ ބައެއް ވެސް ނެތް. ބޯޓު އެ އޮތީ އޮޕަރޭޝަނަށް ގެނެވޭ ހާލަތުގައެއް ނޫން،" މުވައްޒަފުން ބުންޏެވެ.
އެކަމާ ގުޅޭ ގޮތުން މެނޭޖިން ޑިރެކްޓަރު ދީދީ ވިދާޅުވީ އެ ބޯޓު ބަން ކުންފުންޏަށް ދޭން ޖެހޭ ފައިސާ އުނިނުކޮށް އެއްކޮށް ދޭން ނިންމީ ކުންފުންޏަށް މަސްލަހަތު ބޮޑު ގޮތަކީ އެއީ ކަމަށް ވާތީ ކަމަށެވެ. އެއީ އެގްރިމަންޓުގައި ބުނާ ތާރީހަށް ވުރެ ބޯޓު ލިބުން ލަސްވި ނަމަވެސް ކުންފުންޏަށް ގެއްލުން ނުވުމާއި ބޯޓް ބަން ކުންފުނިން އެގްރި ބޯޓުގެ އެހެން ބޯޓެއް ވެސް ބަންނަމުން ދިޔުމަކީ އޭގެ ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުންފުންޏާއި އެ ފަރާތާ ދެމެދު އޮންނަ ވިޔަފާރި ގުޅުމަށް ބަލާފައި ކުރިއަށް މުސްތަގުބަލުގައި ވެސް އެގްރޯނެޓަށް ފައިދާ އޮތީ ޖޫރިމަނާގެ ފައިސާ އުނިނުކުރުމަކީ އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ވާތީ އެގޮތަށް ބޯޑުން ނިންމައިގެން އެ ފައިސާ ދޫކުރީ،" ދީދީ ވިދާޅުވި އެވެ.
ދީދީ އެހެން ވިދާޅުވި ނަމަވެސް ބޯޓް ބަން ކުންފުނިން ބޯޓް ބަނުން ލަސްވި ސަބަބު ބަޔާންކޮށް ކުންފުނީގެ ބޯޑަށް ފޮނުވި ސިޓީ ޑްރާފްޓް ކުރުމުގައި އެގްރޯނެޓުގެ އިސް ބައެއް ވެރިން ބައިވެރިވިކަން 'ދައުރު'އަށް ޔަގީންކުރެވިފައިވެ އެވެ. އެގޮތުން އެމްޑީ އިރުޝާދަށް އެ ކުންފުނިން ފުރަތަމަ ފޮނުވި ނުރަސްމީ ޑްރާފްޓް ސިޓީ 'ދައުރު'އަށް ލިބިފައިވެ އެވެ.
"ދައްކަންވީ ސަބަބުތަކާއި އުޒުރުތަކާ މި އެއްޗެހި ލާފައި ޑްރާފްޓް ވެސް ކުންފުނީގެ ބައެއް މުވައްޒަފުންނާ ދައްކާފައި ކުންފުނީގެ ތެރެއިން ޑްރާފްޓް ކުރެވިގެން ދެން އެ ކުންފުނިން ސިޓީ ފޮނުވީ،" އެކަމުގެ މަޝްވަރާތައް ދިޔައިރު ބައެއް ބައްދަލުވުންތަކުގައި ބައިވެރިވި އެގްރޯނެޓުގެ މުވައްޒަފަކު، ނަން ނުޖަހާ ގޮތަށް، ބުންޏެވެ.
'ދައުރު'އާ ވާހަކަ ދެއްކި ކުންފުނީގެ މުވައްޒަފުން ދެން ފާހަގަކުރި އަނެއް މައްސަލައަކީ ކުންފުނި އުވާލަން ނިންމައި ވަކި ގޮތަކަށް ކަންކަން ކުރަން އަންގާފައިވަނިކޮށް އެ ކުންފުނިން ބަންނަމުން އަންނަ 45 ފޫޓުގެ އެގްރި ބޯޓަށް ބޭނުންވާ އިންޖީނު ގަތުމަށް އަމިއްލަ ކުންފުންޏަކާ ހަވާލުކުރަން މެނޭޖިން ޑިރެކްޓަރު މިފަހުން މަސައްކަތްކުރެއްވުމެވެ. އެގްރި ބޯޓް ބަން ކުންފުންޏާ އިންޖީނު ގަންނަން ހަވާލުކުރަން އުޅުނީ 1.6 މިލިއަން ރުފިޔާއަށް ކަމަށް އެ މުވައްޒަފުން ބުންޏެވެ. އެކަމަކު، އެއީ އާންމު މާކެޓް އަގަށް ވުރެ ބޮޑު އަގެކެވެ.
"ކުންފުނީގައި ފައިސާއެއް ނެތް. ފައިސާ ލިބޭނެ ގޮތެއް ވެސް ނެތް. އަގުހެޔޮކޮށް، އިންސްޓޯލްމަންޓަށް އިންޖީނު ލިބޭނެ އެމްޓީސީސީއިން ވެސް. އެކަމަކު، އެ އޮޕްޝަން އޮއްވާ އަގުބޮޑުކޮށް ވަކި ބައެއްގެ އަތުން އިންޖީނު ގަންނަން އުޅުމަކީ ނާޖާއިޒު މަންފާއެއް ހޯދައިދޭން އުޅުން،" މައުލޫމާތު ދިން މުވައްޒަފުން ބުންޏެވެ.
ލިޔެކިޔުންތަކަށް ބަލާއިރު މިހާރު ބަންނަމުން އަންނަ 45 ފޫޓުގެ އެގްރި ބޯޓުގައި އަދި ނިމިފައި ވަނީ އޮނިގަނޑު ނުވަތަ ހަލްގެ މަސައްކަތެވެ. ހަލް ހެދުމުގެ މަސައްކަތަށް އެކަނި ކޮންޓްރެކްޓް ކޮށްފައި ވަނީ 1.8 މިލިއަން ރުފިޔާ އަށެވެ. އަދި އެ ބޯޓު އެއްކޮށް ނިންމުމަށް އިތުރު ގިނަ ހަރަދުތަކެއް ކުރަން ޖެހެ އެވެ. އެ މަސައްކަތް ވެސް ތާވަލާ އެއްގޮތަށް ގޮސްފައެއް ނުވެ އެވެ.
"މި އެގްރި ބޯޓުތަކަކީ އެއްގޮތަކަށް ވެސް ފީސިބުލްކޮށް އޮޕަރޭޓް ކުރެވޭނެ އެއްޗެއް ނޫން. ބޮޑު ހަރަދުކޮށްފައި ބޯޓުތަކެއް ބަނދެލީ ހަމަ. އެ ހުރީކީ ވެސް މާ ގިނަ މޭވާ ތަރުކާރީ ތަކެތި އުފުލޭ ގޮތަކަށް ވެސް ނޫން ޑިޒައިންކޮށްފައި. މާ ލަގްޒަރީކޮށް އެތެރެ ވެސް ހަދާފައި. އަނެއްކާ އެއަށް ކުރަން ޖެހޭ ހަރަދާ ލިބޭ އެއްޗަކާ ދެކޮޅެއް ނުޖެހޭނެ،" މުވައްޒަފުން ބުންޏެވެ.
ދަނޑުވެރިކަމަކީ ކުރިއެރުވެން އޮތް ދާއިރާއެއް. އެކަމަކު އެކި ސިޔާސީ ނުފޫޒުތަކާ ހުރެ ނުބައި ދިމާތަކަށް އިންވެސްޓްކުރެވި އިސްރާފާއި އިހުމާލު އަދި ކޮރަޕްޝަންގެ ތެރެއަށް ބޭރުގެ އެޖެންސީތަކުން ހިލޭ އެހީގެ ގޮތުގައި ދިން އެތައް ފައިސާ އެ ދިޔައީ
އެމްޑީ ދީދީ ވިދާޅުވީ ބަނދެ ނުނިމޭ އެގްރި ބޯޓުގެ އިންޖީނު އަޅަން ބަޔަކާ ހަވާލުކުރަން މަޝްވަރާކުރި ނަމަވެސް އެކަމުގައި ވަކި ގޮތެއް ކުންފުނިން ނުނިންމާ ކަމަށެވެ. އަދި ބޯޓު ބަންނަ ކުންފުންޏަށް އިންޖީނު އަޅަން ދޭން މަޝްވަރާކުރީ ބޯޓު އަވަހަށް ނިންމެން އަންނަނީ އިންޖީނު އަޅައިގެން ކަމަށް ވާތީ ކަމަށް ވެސް ވިދާޅުވި އެވެ.
"ހަލް ނިންމާފައި އިންޖީނު ނާޅައިފިއްޔާ ވާގޮތަކީ އަނެއްކާ ބޯޓުގެ ބައިބައި ރޫޅާލަން ޖެހި މިކަހަލަ ކަންކަން ކުރަން ޖެހެނީ. އެހެންވެ، ބަންނަ މީހުންނާ ހަވާލުކުރީމާ އަވަސްވާނެ ކަމަށް ބަލާފައި ޕްރޮކިއުމަންޓުން އެގޮތަށް ނިންމައިގެން އެކަން ކުރަން އުޅުނީ،" ދީދީ ވިދާޅުވި އެވެ.
އެކަމަކު އެކަން ހުއްޓުވީ އެގްރޯނެޓުގެ މައި ކުންފުނި، ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން އަންގައިގެންކަން އެނގިފައިވެ އެވެ.
20 މިލިއަން ރުފިޔާގެ އެގްރި ސެންޓަރުތައް ވީރާނާވަނީ
ދަނޑުވެރިން ހައްދާ އުފެއްދުންތައް ގަނެގެން ގެނެސް ޖަމާކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން ނުވަ ރަށެއްގައި އެގްރި ސެންޓަރުތަކެއް އެޅި އެވެ. އެކަމަކު އޭގެ އެއްވެސް ސެންޓަރެއް ހުރީ ބޭނުން ނުކޮށް ބަންދުކޮށްފަ އެވެ. ބައެއް ތަންތަނަށް ތިބީ މުވައްޒަފުން ވެސް ނަގައިފަ އެވެ. އެކަމަކު ގިނަ ތަންތަން ބޭނުންނުކޮށް ހުރެ މިހާރު ވަނީ ވީރާނާވާން ފަށައިފަ އެވެ. އެ ތަންތަން ހަދަން 20 މިލިއަން ރުފިޔާ ހަރަދުކުރި އެވެ. އެއީ ވެސް ޔޫއެންޑީޕީގެ ފަންޑެއްގައި ހިންގި މަސައްކަތެކެވެ.
"އެތަންތަނުގެ ދޮރުތަކާ އެއްޗިހި މިހާރު އެހެރަ ހަލާކުވެ ވީރާނާ ވެގެން ދަނީ. ބޮލަށް ވެއްޓެނީ. އެތަންތަން އަޅަން ފުރަތަމަ ނިންމި ތަންތާކު ނޫން އެހެރީ އެޅިފައި. މެންބަރުންގެ ނުފޫޒު އައިސްގެން އެތަންތަން އެހުރީ ދަނޑުވެރިކަން ހުރި ރަށްރަށަކު ވެސް ނޫން އެޅިފައި. އެހެންވެ، އެ ތަންތަން ނުހިނގީ،" މުވައްޒަފުން ބުންޏެވެ.
އެ މީހުން ބުނި ގޮތުގައި އެގްރޯނެޓަށް ބޭރުގެ އެކި ފަރާތްތަކުން ހިލޭ އެހީގެ ގޮތުގައި 40 މިލިއަން ރުފިޔާއަށް ވުރެ ގިނައިން ފައިސާ ލިބުނެވެ. ނަމަވެސް އެ ފައިސާ ހުރީ ދަނޑުވެރިކަން ކުރިއެރުވުމަށް އެކަށީގެންވާ ގޮތުގައި އިންވެސްޓްކުރެވިފައި ނޫން ކަމަށް އެ މުވައްޒަފުން ބުންޏެވެ.
"ދަނޑުވެރިކަމަކީ ކުރިއެރުވެން އޮތް ދާއިރާއެއް. އެކަމަކު އެކި ސިޔާސީ ނުފޫޒުތަކާ ހުރެ ނުބައި ދިމާތަކަށް އިންވެސްޓްކުރެވި އިސްރާފާއި އިހުމާލު އަދި ކޮރަޕްޝަންގެ ތެރެއަށް ބޭރުގެ އެޖެންސީތަކުން ހިލޭ އެހީގެ ގޮތުގައި ދިން އެތައް ފައިސާ އެ ދިޔައީ،" މުވައްޒަފުން ބުންޏެވެ.
ދަނޑުވެރިން އެގްރޯނެޓް ދޫކޮށްލައިފި
'ދައުރު'އަށް ލިބިފައި ހުރި މައުލޫމާތުތަކަށް ބަލާއިރު އެގްރޯނެޓުން ދަނޑުވެރިންގެ އުފެއްދުންތައް ގަންނަން ފުރަތަމަ ހުޅުވާލުމާ އެކު 2،000 އެއްހާ ދަނޑުވެރިން ޝައުގުވެރިކަން ފާޅުކުރި އެވެ. މި ސަރުކާރު އައިއިރު އެގްރޯނެޓުން ވަނީ 700 ދަނޑުވެރިންނާ އެކު އެގްރިމަންޓުކޮށް ތަކެތި ގަތުމަށް އެއްބަސްވެ ކޮންމެވެސް ވަރަކަށް އެ މަސައްކަތް ފަށައިފަ އެވެ.
އެގްރޯނެޓުން ވާހަކަ ދެއްކި މުވައްޒަފުން ބުނި ގޮތުގައި ކުންފުންޏަށް އެކަށީގެންވާ ގޮތުގައި ތަކެތި ގަނެ އެ މަސައްކަތް ބިޒްނަސް ޕްލޭނާ އެއްގޮތަށް ނުހިންގުމުން މިހާރު ކުންފުނީގައި އެގްރިމަންޓު ހަދައިގެން ތިބީ 12 ވަރަކަށް ދަނޑުވެރިންނެވެ. އެހެން ހުރިހާ ދަނޑުވެރިން އެގްރިމަންޓުތައް އުވާލީ އެވެ.
"އެގްރޯނެޓަށް އެކަން ރޭވި ގޮތަށް، އެގްރިމަންޓުކުރި ގޮތަށް ނުކުރެވިގެން ދަނޑުވެރިން ދިޔައީ ހަމަ. މިއީ މިހާރު ތޮށިގަނޑެއްހެން އޮތް ކުންފުންޏެއް. މިތާ އެއްޗެއް ނެތް ހަމަ ހުސް،" މުވައްޒަފުން ބުންޏެވެ.
ގުޅުންހުރި ކިޔާލަން -
މުވައްޒަފުންގެ އެ ވާހަކަތަކަށް އެމްޑީ ދީދީ ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވީ ކުންފުންޏާ ހަވާލުވީ އިރު ވެސް އެކަށީގެންވާ ގޮތަށް އެ މަސައްކަތް ނުދާ ކަމަށެވެ. އަދި ބައެއް ދަނޑުވެރިންނަށް ތަކެތި ހައްދަން ކުންފުނިން ދީފައިވާ ފައިސާ ވެސް އަނބުރާ ހޯދުން ވަނީ އުނދަގޫ ކަމަކަށް ވެފަ އެވެ. ސަބަބަކީ އެކަމާ ގުޅޭ ކަންކަން ކުންފުނިން ރަނގަޅަށް ބަލަހައްޓާފައި ނުވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ދޯހަޅިކޮށް އެކަން ވެސް އޮތީ. ދެން އެ ފައިސާ ވެސް ނެތް ރިކަވާ ކުރެވޭކަށް ވެސް. އެހެން ހުއްޓާ ކުންފުނި އުވާލުމަށް ސަރުކާރުން ނިންމެވި،" ދީދީ ވިދާޅުވި އެވެ.
އެގްރޯނެޓް އުވާލަން ނިންމާފައި ވާތީ އެ ކުންފުނީގެ ބެލެނިވެރި ފަރާތް ޕީސީބީގެ އެންގުމާ އެއްގޮތަށް އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް އަންގާފައި ވަނީ އިއްޔެއާ ހަމައަށް ކުންފުނީގެ ވިޔަފާރި ހުއްޓާލިކަމެވެ. އެހެންކަމުން ރަސްމީކޮށް އިއްޔެއިން ފެށިގެން އެ ކުންފުނި ބަންދުވީ އެވެ. އެކަމަކު މެމޯގައި ބުނަނީ މުވައްޒަފުންނަށް ބަރާބަރަށް މުސާރަ ދެމުން ގެންދާނޭ ކަމަށެވެ.
ސަރުކާރުން ނިންމާފައި ވަނީ އެ ކުންފުނީގެ މަސައްކަތްތައް ދަނޑުވެރިކަމަށް އުފައްދާފައިވާ މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކުންފުންޏަށް ބަދަލުކުރާށެވެ.
"ސިޔާސީ ތިން ބޭފުޅުން، އަޅުގަނޑު ދެން ދެ ޑީއެމްޑީން ފިޔަވާ ހުރިހާ މުވައްޒަފުން ބަދަލުކުރަން އޮތީ އާ ކުންފުންޏަށް. އެ ޔަގީންކަން ސަރުކާރުން ދެއްވާފައި އޮތީ،" ދީދީ ވިދާޅުވި އެވެ.
އެގްރޯނެޓުގެ މި އިހުމާލާއި އިސްރާފާއި ހިޔާނާތްތަކުން ފެންނަ ބޮޑު މަންޒަރަކީ ސަރުކާރުގެ ގިނަ ކުންފުނިތައް ހިންގަނީ މުޅިން އެހެން ބޭނުމެއްގައި ކަމެވެ. އެ ތަންތަނުގެ ތެރެއިން ނާޖާއިޒު އެތައް ކަމެއް ވައްދައި ސިޔާސީ މީހުން މާލީ މަންފާ ނަގަމުންދާ ކަމެވެ. އެގްރޯނެޓަކީ ދަނޑުވެރިކަން ކުރިއަރުވަން ލިބުނު ރަނގަޅު ފުރުސަތެކެވެ. އެކަމަކު އެ ފުރުސަތު ގެއްލި މިދިޔައީ އިސްރާފާއި އިހުމާލާއި ހިޔާނާތުގެ ތެރެއަށް ކުންފުނި ވަނުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.
ކޮމެންޓް (1)
ބަދަން ބޯޓް