އެމްއައިޓީޑީސީން ޔޮޓްރެލީ ޕްރޮމޯޓް ކުރަން މީގެ ކުރިން ބޭއްވި ބައްދަލުވުމެއް: އާމްދަނީއެއް ނެތި ހަރަދު މަހަކު 600،000ރ. އަށް ވުރެ ބޮޑު (ފޮޓޯ/އެމްއައިޓީޑީސީ)
މިއީ ހިޔާނާތާއި ބޭކާރު ހަރަދަކަށް ވެފައި އޮތް ބޮޑު ބުރައެއް
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މެދު ފަންތީގެ ޓޫރިޒަމް ކުރިއަރުވަން އުފެއްދި މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އަށް ވެފައިވާ ގެއްލުން 50 މިލިއަން ރުފިޔާއަށް ވުރެ ބޮޑެވެ. އެ ކުންފުނީގައި 68 މިލިއަން ރުފިޔާއަށް ވުރެ ބޮޑެތި ހިޔާނާތްތައް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވި އެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް އެ ހުރީ ހުށަހަޅައިފަ އެވެ.
އެއަށް ފަހު ވޭތުވެދިޔަ އެމްޑީޕީގެ ސަރުކާރުގައި ވެސް އެ ކުންފުނި އޮތީ ކަމެއް ނެތި ހަމައެކަނި ޔޮޓް ރެލީ ބާއްވާލާ ކުންފުންޏަކަށް ވެފަ އެވެ. އެކަމަކު އަހަރެއްގެ މައްޗަށް އެ ކުންފުނިން ވަނީ އެވްރެޖްކޮށް 8 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. އެއީ މަހަކު 600،000ރ. އަށް ވުރެ ބޮޑު އަދަދެކެވެ. ހަމައެކަނި ރާއްޖެ ޕްރޮމޯޓް ކުރަން ޔޮޓް ރެލީއެއް އަހަރަކު އެއް ފަހަރު ބާއްވަން ކުންފުންޏެއް ހިންގުމަކީ އެއްގޮތަކަށް ވެސް ދެކޮޅު ޖެހޭ ކަމެއް ނޫނެވެ. ބޭކާރު ހަރަދެކެވެ. ރާއްޖެ ޕްރޮމޯޓް ކުރަން އޮތް އެމްއެމްޕީއާރުސީން ނޫނީ ޓޫރިޒަމް މިނިސްޓްރީއަށް ވެސް ޔޮޓް ރެލީއެއް ބޭއްވިދާނެ އެވެ.
ކުންފުނިތަކަށް މި ކުރަން ޖެހޭ ހަރަދު، ހާއްސަކޮށް އިގްތިސާދީ ފައިދާއެއް ނުލިބޭ ކުންފުނިތަކަށް މި ކުރަން ޖެހޭ ހަރަދު މިއީ ނިސްބަތުން ވަރަށް ބޮޑު ހަރަދަކަށް ވެއްޖެ. ބޮޑު ބުރައަކަށް ވެއްޖެ
މި ހުރިހާ ކަމެއް މިހެން ސާފުކޮށް ފެންނަން އޮއްވާ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ވެސް އެ ކުންފުނި ހިންގަން ނިންމީ އެވެ. ބޮޑު މުސާރައިގައި މެނޭޖިން ޑިރެކްޓަރަކާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރެއް ވެސް ލީ އެވެ. އެ ކުންފުންޏަށް އެތައް މުވައްޒަފުންނެއް ވެސް ނެގި އެވެ. މާކެޓް ކުރުމާއި ފޮޓޯ ނެގުމާ މިހެން ގޮސް އެކި ނަންނަމުގައި އެތައް މިލިއަން ރުފިޔާއެއްގެ ބިޑްތައް ކުންފުނިތަކާ ހަވާލުކުރީ އެވެ. އެކަމަކު އެ ކުންފުނިން ކުރާ މަސައްކަތުން ލިބޭ އާމްދަނީއެއް ނެތެވެ. އެ ކުންފުނި ހިންގަން ޖެހެނީ ފިނޭންސް މިނިސްޓްރީން ކޮންމެ މަހަކު ވެސް ބޮޑެތި އަދަދުތަކުން ފައިސާ ދީގެންނެވެ.
މިކަހަލަ އެތައް ކުންފުންޏެކެވެ. އެ ކުންފުނިތަކުގެ އޮޑިޓް ރިޕޯޓްތައް ކިޔާލުމުން އެނގެނީ ވިޔަފާރިއަށް ވުރެ ބޮޑަށް އެފަދަ ކުންފުނިތަކުން ނާޖާއިޒު އެތައް ކަމެއް ކުރާ ކަމެވެ. ހިޔާނާތުގެ އެތައް ކަމަކަށް ތުހުމަތުކުރެވެ އެވެ.
ބައެއް މީހުން ބުނާހެން މިއީ ވައްކަމަށް މަގުފަހިވާ ގޮތަށް ހުރި ކުންފުނިތަކެކެވެ.
މުޅި ބަޖެޓުގެ %3.4 ކުންފުނިތައް ހިންގަން
މި އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ 50 ބިލިއަން ރުފިޔާގެ ބަޖެޓުގެ 1.7 ބިލިއަން ރުފިޔާ ބަޖެޓްކޮށްފައި އޮތީ ސަރުކާރު ކުންފުނިތަކަށް ބޭނުންވާ ފައިސާ ދޫކުރުމަށެވެ. ބަޖެޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ކުންފުނިތަކުގެ ކޭޝް ފްލޯ ހަމަޖައްސަން މި އަދަަދަށް ވުރެ އިތުރަށް ވެސް ފައިސާ ދޭން ޖެހިދާނެ އެވެ.
މިދިޔަ އަހަރު ވެސް ބަަޖެޓް ކުރި އަދަދުގެ އިތުރަށް ކުންފުނިތަކަށް 903 މިލިއަން ރުފިޔާ ސަޕްލިމަންޓްރީ ބަޖެޓެއް ފާސްކޮށްގެން ދޭން ޖެހުނެވެ.
"ކުންފުނިތަކަށް މި ކުރަން ޖެހޭ ހަރަދު، ހާއްސަކޮށް އިގްތިސާދީ ފައިދާއެއް ނުލިބޭ ކުންފުނިތަކަށް މި ކުރަން ޖެހޭ ހަރަދު މިއީ ނިސްބަތުން ވަރަށް ބޮޑު ހަރަދަކަށް ވެއްޖެ. ބޮޑު ބުރައަކަށް ވެއްޖެ،" މާލީީ ވުޒާރާގެ ފިސްކަލް ޑިޕާޓްމަންޓުގައި އިސް ދައުރެއް އަދާކުރައްވާ ސްޓޭޓް މިނިސްޓަރު އަހުމަދު ސާއިދު މުސްތޮފާ ވިދާޅުވި އެވެ.
ވޯލްޑް ބޭންކުން މިދިޔަ މޭ މަހު ނެރުނު ރާއްޖޭގެ އިގްތިސާދީ އުސް އަލިތަކުގެ ރިޕޯޓުން ވެސް ސާއިދުގެ އެ ވާހަކަތަކަށް ބާރު ލިބެ އެވެ. އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި 2019 ވަނަ އަހަރު ނިމުނުއިރު ކުންފުނިތަކަށް ސަރުކާރުން ކޮށްފައިވާ ހަރަދާއި ދޫކޮށްފައިވާ ލޯނުތަކުގެ ޖުމްލަ 2.5 ބިލިއަން ޑޮލަރަށް އަރަ އެވެ. އެއީ މުޅި ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ %45 އާ އެއްވަރުގެ އަދަދެކެވެ.
އެ ރިޕޯޓުގައި ފާހަގަކުރި ގޮތުގައި ކުންފުނިތަކަށް ކޮންމެ އަހަރަކު ވެސް ބަޖެޓުން ކުރަން ޖެހޭ ބޮޑެތި ހަރަދުތަކާ އެކު ދައުލަތުގެ ދަރަނީގެ ހާލަތަށް ދަނީ ނޭދެވޭ ވަރަށް ބޮޑެތި އަސަރުތަކެއް ކުރަމުންނެވެ. އެ ރިޕޯޓުގައި ވޯލްޑް ބޭނުންކުން ލަފާދީފައި ވަނީ ކުންފުނިތަކުގެ އިސްލާހީ ޕްރޮގްރާމް އަވަސްކުރުމަށެވެ. ކުންފުނިތައް ހަރުދަނާކޮށް ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކޮށް ބައެއް ކުންފުނިތައް ޕްރައިވެޓައިޒް ކުރެވޭނެ މަގެއް ހޯދަން ވޯލްޑް ބޭންކުން ލަފާދެ އެވެ.
ސާއިދު ވިދާޅުވީ މިދިޔަ އަހަރުތަކުގެ ތެރޭގައި ކުުންފުނިތަކުން ސަރުކާރުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ވަނީ ކަންބޮޑުވާން ޖެހޭ މިންވަރަކަށް މައްޗަށް ގޮސްފަައި ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މީގެ އެންމެ ބޮޑު އަސްލަކީ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ބޮޑު ތަނުން މިދިޔަ ފަސް އަހަރުގެ ތެރޭ އިތުރުވެފައިވުމެވެ.
"ކުންފުނިތައް ހިންގުމަށް މި ހުރީ ވަރަށް ނޭދެވޭ ބަދަލުތަކެއް އައިސްފައި. ބަޖެޓަށް ބަރޯސާވާ ކުންފުނިތައް މި ހުރީ ގިނަވެފައި. ގާތްގަނޑަކަށް ފަސް އަހަރު ތެރޭގައި 9.3 ބިލިއަން ރުފިޔާ ކުންފުނިތަކަށް ދޭން ޖެހިފައި އެބަހުރި. އެދެވޭ ރަނގަޅު ނަތީޖާއެއް ނުނިކުންނަ ކުންފުނިތަކަކަށް މި ގޮތަށް ފައިސާ ދެމުން ދާނީތޯ، މިއީ ވިސްނަން ޖެހޭ ކަމެއް،" ސާއިދު ވިދާޅުވި އެވެ.
ކުންފުނިތައް ބަލަހައްޓާ ޕްރައިވެޓައިޒޭޝަން ބޯޑް، ޕީސީބީން އާންމުކޮށްފައިވާ ރިޕޯޓްތަކުގައި ހިމަނާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ފަސް އަހަރުގެ ތެރޭގައި ވަނީ 20،000 އިން 35،000 އަށް އިތުރުވެފަ އެވެ. އެ މުވައްޒަފުންގެ މުސާރައަށް ގާތްގަނޑަކަށް މަހެއްގެ މައްޗަށް 250 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކުރެވެ އެވެ. އެއީ އަހަރެއްގެ މައްޗަށް 3 ބިލިއަން ރުފިޔާގެ ހަރަދެކެވެ.
ކޮންމެ އިންތިހާބަކާ ދިމާކޮށް ކުންފުނިތައް ވެފައި ވަނީ ވޯޓް ހޯދުމަށް ވަޒީފާ ދޭ ހަރުގެތަކަކަށެވެ. ނޫނީ ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުންނަށް ޕްރޮޖެކްޓްތައް ދީ އެ މީހުން މުއްސަނދިކޮށްދޭން ބޭނުންކުރާ ވަސީލަތަކަށެވެ. ނަތީޖާއަކީ މި ކަންކަމުގެ ބުރަ ދައުލަތުގެ ބަޖެޓަށް އިތުރުވުމެވެ.
ހަމައެއް ލަމައެއް ނެތި ފާލުން ނެއްޓިފައި
ޕީސީބީގެ ނައިބު ރައީސް މުހައްމަދު ފިރާޒު ސަރުކާރުގެ ގިނަ ކުންފުނިތައް ސިފަކުރެއްވީ އެއްވެސް އުސޫލެއް ނެތި ހިންގާ ތަންތަނުގެ ގޮތުގަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ސަރުކާރު ކުންފުނިތަކުގެ އަގު 170 ބިލިއަން ރުފިޔާއަށް އަރާއިރު އެ އަދަދުން ހާމަވާ އެއް ކަމަކީ ސަރުކާރުގެ ކުންފުނިތައް އިގްތިސާދުގައި މުހިންމު ދައުރެއް އަދާކުރާކަމެވެ. އެ ކުންފުނިތަކުގެ ނުފޫޒު އިގްތިސާދަށް ބޮޑުކަމެވެ.
ދައުލަތުން އިންޖެކްޝަން ޖަހަޖަހައި ހުންނަ ގޮތަށް މި ވަނީ ދައުލަތުގެ ކުންފުނިތައް ބަދަލުވެފައި
އެހެންވެ، ފިރާޒު ވިދާޅުވަނީ ސަރުކާރު ކުންފުނިތައް ބޮއްސުންލައިގެން ދިޔުމަށް ފުރުސަތު ދެވެން ނެތް ކަމަށެވެ. އެކަމަކު މިދިޔަ ދުވަސްތަކުގައި ކަންކަން ހިނގީ އެގޮތަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ފިރާޒު ވިދާޅުވި ގޮތުގައި ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރިޔަސް ކުންފުނިތަކުން އެއްބާރުލުންދޭލެއް ކުޑަ އެވެ. އަދި ސަރުކާރުތަކުން ވެސް އެކަން އެގޮތަށް ކުރުމުގެ ނިޔަތެއް ނޯވެ އެވެ.
"މުވައްޒަފުންގެ އަދަދު ދިޔައީ ވަރަށް މައްޗަށް. ހަމައެއްލަމައެއް ނެތް ގޮތަށް މި ސެކްޓާ ދޫކޮށްލުމަކީ ކުޑަ ކަމެއް ނޫން. ކުރިން ކަމެއް ނުކުރެވި އޮތުމަކީ މިހާރު ކަމެއް ނުކޮށް ތިބެން ޖެހޭ ސަބަބެއް ނޫން،" ފިރާޒު ވިދާޅުވި އެވެ.
ސިޔާސީ އެތައް ސަބަބުތަކާ ހުރެ ސަރުކާރުގެ ކުންފުނިތައް ފާލުން ނެއްޓުމުގެ ނަތީޖާއާ މި ކުރިމަތިވަނީ ވަރަށް ހިތިކޮށެވެ.
މާލީ ވަޒީރުގެ އެޑްވައިޒަރު އަދި ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު، ތަފާސްހިސާބުން ވިދާޅުވެދެއްވީ ކުންފުނިތަކުގެ ހާލަތު ގޯސްވެ ދައުލަތުގެ މާލިއްޔާއަށް ކުރިމަތިވެފައި އޮތް ބޮޑެތި ނުރައްކާތަކެވެ. އޭނާ ވިދާޅުވި ގޮތުުގައި 32 ބިލިއަން ރުފިޔާގައި ހުރި ކުންފުނިތަކުގެ ދަރަނި ވަނީ 98 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. ބައެއް މިސާލުތައް ދައްކަވަމުން އޭނާ ވިދާޅުވީ:
-
ފެނަކައިގެ ދަރަނި - 4.3 ބިލިއަނަށް ރުފިޔާއަށް ވަނީ އަރާފައި
-
ސްޓެލްކޯގެ ދަރަނި - 3.8 ބިލިއަން ރުފިޔާއަށް އަރާފައި
-
އައިލެންޑް އޭވިއޭޝަން - ދަރަނި 1 ބިލިއަން ރުފިޔާއިން 4 ބިލިއަން ރުފިޔާއަށް ވަނީ އަރާފައި
"އަޅުގަނޑުމެން އޭރު ތިބިއިރު އެ ކުންފުންޏެއްގެ ބެލެންސް ޝީޓުން، މި ދެންނެވީ ލިބޭ އެއްޗަކުން ބަލައިގެން، މެނޭޖް ކުރަމުން ދިޔަ ކުންފުނިތައް މި ހުރީ ވަރަށް ބޮޑަށް ގޯސްވެފައި. ދަރަނި މި ހުރީ ވަރަށް މައްޗަށް ގޮސްފައި. އަނެއްކާ މި ފައިސާ މިހުރީ ކުދި ވިޔަފާރިތަކާ ގުޅިފައި،" މުނައްވަރު ވިދާޅުވި އެވެ.
އެ ދަރަނިތަކަށް ދެން ޒިންމާވާން ޖެހެނީ ސަރުކާރެވެ. ކުންފުނިތަކުން ލޯނު ނަގަނީ ވެސް ސަރުކާރުން ގެރެންޓީ ދީގެންނެވެ. އެންމެ ފަހުން ކުންފުނިތައް ބޮއްސުންލުމުގެ މާލީ ބުރަ އުފުލަން މި ޖެހެނީ ސަރުކާރަށެވެ.
މުނައްވަރު އިތުރަށް ވިދާޅުވީ މީގެ ކުރިން ކުންފުނިތަކަށް ބަޖެޓުން ދޭން ޖެހެނީ އަހަރަކު 500 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް އެ އަދަދު މައްޗަށް ގޮސް މިހާރު ވަނީ ބިލިއަން ރުފިޔާ ހުރަސްކޮށްފަ އެވެ.
ކުންފުނިތަކަށް ބަޖެޓުން ދޭ ފައިސާ:
-
2018 - 500 މިލިއަން ރުފިޔާ
-
2019 - 1.5 ބިލިއަން ރުފިޔާ
-
2020 - 6.8 ބިލިއަން ރުފިޔާ
-
2021 - 2.5 ބިލިއަން ރުފިޔާ
-
2022 - 2 ބިލިއަން ރުފިޔާ
-
2023 - 1.4 ބިލިއަން ރުފިޔާ
-
2024 - 1.5 ބިލިއަން ރުފިޔާ
"ދައުލަތުން އިންޖެކްޝަން ޖަހަޖަހައި ހުންނަ ގޮތަށް މި ވަނީ ދައުލަތުގެ ކުންފުނިތައް ބަދަލުވެފައި. ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ މި ދަނީ ކަންބޮޑުވާ ވަރަށް މައްޗަށް. ނާޒުކު މާލީ ހާލަތަށް މިކަމުން ވަރަށް ބޮޑު ބުރައެއް އެބަ ކުރިމަތިވޭ،" މުނައްވަރު ވިދާޅުވި އެވެ.
ބެލެނިވެރި ފަރާތް ހިމޭނުންތަ؟
ކުންފުނިތަކުން އެތައް ނާޖާއިޒު ކަންތައްތަކެއް ހިންގަމުން ދާއިރު އެ ކުންފުނިތައް ބަލަހައްޓަން ހަވާލުކޮށްފައިވާ ޕީސީބީން ކުރަނީ ކޮން ކަމެއް ހެއްޔެވެ؟ މިއީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މެންބަރުން އެ ބޯޑާ ކުރާ ސުވާލެކެވެ.
މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ މިދިޔަ ފަސް އަހަރު ތެރޭ ކުންފުނިތައް ބޮއްސުންލައިގެން ދިޔައިރު ޕީސީބީން އެޅި ފިޔަވަޅަކާ މެދު އޭނާއަށް ސުވާލު އުފެދޭ ކަމަށެވެ. އެ ބޯޑުގައި ތިއްބަވާ ބައެއް ބޭފުޅުންނަކީ ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ވާތީ އެކަށީގެންވާ މަސައްކަތް ކުރެވޭނެތޯ ނާޒިމް ސުވާލު އުފެއްދެވި އެވެ.
"ޕީސީބީ ބޯޑަށް ބަލާއިރު އެތަނަށް އައްޔަންކޮށްފައި އެތަނުގައި މި ތިބީ ސަރުކާރު މުވައްޒަފުން، ސްޓޭޓް މިނިސްޓަރުން، މި މީހުން ތިބީ. އެ މީހުންގެ މާސްޓާޒް ތިބޭނެ. އެންމެ އެދެވޭ ގޮތެއްގައެއް އެހެންވީމާ އެ މީހުންނަކަށް ނުކުރެވޭނެ މިކަމެއް،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް އެގޮތަށް ވިދާޅުވި ނަމަވެސް ޕީސީބީގެ ރައީސް ހަމްދީ އަގީލް މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީގައި ދެއްވި ޔަގީންކަމަކީ މިދިޔަ ސަރުކާރާ ހިލާފަށް މި ސަރުކާރުގައި އެކުލަވާލި އާ ބޯޑުން ކުންފުނިތަކުގެ ކަންކަން ހަރުދަނާ ކުރަން ފިޔަވަޅު އަޅާނެ ކަމަށެވެ.
ކުންފުނިތަކުގެ މުވައްޒަފުން އިތުރުވުން ހުއްޓުވަން އެސްއޯއީތަކުން އަމަލުކުރަން ލާޒިމް އެޗްއާރު ސިޔާސަތެއްގެ ޑްރާފްޓް މިހާރު ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން ކުންފުނީގެ ވެރިންނާ މެދު ވެސް ފިޔަވަޅު އަޅާ ފަދަ ސީރިއަސް މައްސަލައެއް ފާހަގަވެއްޖެ ނަމަ ފަސްނުޖެހި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.
"މީގެ ކުރިން ވެސް އަޅުގަނޑުމެން ވާނީ ކުންފުންޏެއްގެ އެމްޑީ ސަސްޕެންޑްކޮށްފައި. ބަލާފައި އެވަރު ކަމެއް އޮންނަ ނަމަ ފިޔަވަޅު އަޅާނެ. ސަރުކާރު ކުންފުނިތައް ހަމަޔަކަށް އަޅުވަން އެ ނިޒާމް ހިނގާނެކަމުގެ ޔަގީންކަން އަޅުގަނޑު ދެން،" ހަމްދީ އަގީލް ވިދާޅުވި އެވެ.
ޕީސީބީން ބުނާ ގޮތުގައި ސަރުކާރުގެ 32 ކުންފުންޏެއް އޮތްއިރު ކުންފުނިތައް އަނބުރާ އިމުގެ ތެރެއަށް ވައްދަން ކުރާނެ އެންމެ މުހިންމު މަސައްކަތަކީ ފައިދާއެއް ނެތް 'ބޭކާރު' ކުންފުނިތައް އުވާލުމެވެ. ބައެއް ކުންފުނިތައް އެއްކޮށްލުމަކީ ވެސް ޕީސީބިން ގެންގުޅޭ ވިސްނުމެކެވެ.
އެކަމަކު އެ ސިޔާސަތު ތަންފީޒު ކުރާނޭ ތާރީހެއް އަދި ނޭނގެ އެވެ. އެނގޭހާ ވެސް ކަމަކީ ސަރުކާރުގެ ކުންފުނިތައް ފާލުން ނެއްޓި އޭގެ ބުރަ ދައުލަތުގެ މާލިއްޔަތަށް ވަރަށް ބޮޑުވެއްޖެ ކަމެވެ. 'ހަރުގެ' ޒާތުގެ ހުރިހާ ކުންފުންޏެއް ބަންދުކޮށް އުވާލަން ޖެހެ އެވެ. އަދި އަމިއްލަ ވިޔަފާރިތަކަށް ދޫކޮށްލެވެން ހުރި ސަރުކާރުގެ ކުންފުނިތައް ދޫކޮށްލަން ޖެހެ އެވެ. މިއީ ހަރަދު ކުޑަކުރަން ކޮންމެހެން އަޅަން ޖެހި އަދި ތަންފީޒު ކުރަން މަޖުބޫރު ސިޔާސަތެކެވެ.
ކޮމެންޓް (4)
ކިލަމަންޑާ
މަގުމަތިން
ސިކުނޑި
ވިސްނުން