އެމްޓީސީސީގެ 2023 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން: ކުންފުނިތައް ހިންގުމަށް ހަތް މަސް ތެރޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ވަނީ ހޭދަކުރަން ޖެހިފައި ( ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދް)
ޗާޓްތަކާއި ނަމްބަރުތަކުން: ކުންުފުނިތަކަށް 4 ބިލިއަން ރުފިޔާ؛ ހިފެހެއްޓޭނެތަ؟
ސަރުކާރު ހިއްސާވާ 23 ކުންފުންޏެއް އޮތްއިރު ކޮންމެ އަހަރެއްގެ ވެސް ބަޖެޓުން އެ ކުންފުނިތައް ހިންގުމަށް ހަރަދުތަކެއް ކުރަން ޖެހެ އެވެ. އެކަމަކު، އެ ހަރަދުތަކުގެ ނަމްބަރުތައް ހުރީ ވަރަށް މަތީގަ އެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން 'ދައުރު'އިން މާލީ ވުޒާރާގައި އެދިގެން ހޯދި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި ސަރުކާރު ހަވާލުވި ފަހުންވީ ހަތް މަސް ނުވަތަ މިދިޔަ ޖުލައި މަހާ ހަމައަށް ބަޖެޓުން ކުންފުނިތަކަށް ދީފައިވާ ފައިސާގެ އަދަދު 4 ބިލިއަން ރުފިޔާއަށް އަރަ އެވެ.
އެ ހަރަދުތަކުގެ ބޮޑު ބައެއް ކުންފުނިތަކަށް ކުރަން ޖެހިފައި ވަނީ އެ ކުންފުނިތަކުން ވިއްކާ ތަކެއްޗާއި ދޭ ހިދުމަތުގެ އަގުހެޔޮ ކުރުމަށާއި ކުންފުނިތައް ހިންގަން ކެޕިޓަލްގެ ގޮތުގަ އެވެ.
ކުންފުނިތަކަށް ކެޕިޓަލްގެ ގޮތުގައި 1.4 ބިލިއަން ރުފިޔާ
ކުންފުނިތައް ހިންގުމަށް ކެޕިޓަލްގެ ގޮތުގައި 21 ކުންފުންޏަކަށް ސަރުކާރުން ޖުމްލަ 1.4 ބިލިއަން ރުފިޔާ ވަނީ ދީފަ އެވެ. ކެޕިޓަލްގެ ގޮތުގައި އެންމެ ގިނައިން ފައިސާ ދީފައިވާ ފަސް ކުންފުންޏަކީ:
-
1-
ފަހި ދިރިއުޅުން ކޯޕަރޭޝަން - 380.4 މިލިއަން ރުފިޔާ
-
2-
ފެނަކަ - 192 މިލިއަން ރުފިޔާ
-
3-
ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން - 190 މިލިއަން ރުފިޔާ
-
4-
އާރުޑީސީ - 119.6 މިލިއަން ރުފިޔާ
-
5-
އެޗްޑީސީ - 85 މިލިއަން ރުފިޔާ
ދެން ކެޕިޓަލްގެ ގޮތުގައި ފައިސާ ދޫކޮށްފައިވާ ކުންފުނިތަކަކީ:
-
ވެމްކޯ - 59 މިލިއަން ރުފިޔާ
-
އެމްއެމްޕީއާރުސީ - 59.4 މިލިއަން ރުފިޔާ
-
ރީޖަނަލް އެއާޕޯޓްސް - 60 މިލިއަން ރުފިޔާ
-
އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކުންފުނި - 54.3 މިލިއަން ރުފިޔާ
-
އެސްއެމްއީ ބޭންކް - 20 މިލިއަން ރުފިޔާ
-
އެމްއައިޓީޑީސީ - 9 މިލިއަން ރުފިޔާ
-
ބިޒްނަސް ސެންޓާ ކޯޕަރޭޝަން - 8 މިލިއަން ރުފިޔާ
-
ކައްދޫ އެއާޕޯޓް ކުންފުނި - 7.5 މިލިއަން ރުފިޔާ
-
ޓްރޭޑްނެޓް - 6.3 މިލިއަން ރުފިޔާ
-
އާސަންދަ - 6 މިލިއަން ރުފިޔާ
-
ޕޯސްޓް ލިމިޓެޑް - 10.8 މިލިއަން ރުފިޔާ
-
ސްޕޯޓްސް ކޯޕަރޭޝަން - 3 މިލިއަން ރުފިޔާ
-
ހައްޖު ކޯޕަރޭޝަން 3 މިލިއަން ރުފިޔާ
-
ޕީއެސްއެމް - 82 މިލިއަން ރުފިޔާ
-
ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން - 38 މިލިއަން ރުފިޔާ
ސަބްސިޑީގެ ބޮޑު ބައެއް ކުންުފުނިތަކުގެ ތެރެއަށް
ދައުލަތުގެ ބަޖެޓުގައި ކަނޑައަޅާފައިވާ ތެލާއި އަސާސީ ކާބޯތަކެއްޗާއި ހިދުމަތްތައް އަގުހެޔޮ ކުރުމަށް ދޭ ސަބްސިޑީތަކުގެ ބޮޑު ބައެއް ދޭން ޖެހިފައި ވަނީ ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށެވެ. އެގޮތުން މިއަހަރުގެ ހަތް މަސް ތެރޭ ސަރުކާރުގެ ކުންފުނިތަކަށް ސަބްސިޑީގެ ފައިސާގެ ބަޖެޓުން 2.8 ބިލިއަން ރުފިޔާ ދީފައިވެ އެވެ. އެގޮތުން ސަބްސިޑީގެ ފައިސާ ދީފައިވާ ކުންުފުނިތަކަކީ:
-
1-
ތެލާއި ކާޑުގެ ސަބްސިޑީއަށް އެސްޓީއޯއަށް - 1.2 ބިލިއަން ރުފިޔާ
-
2-
ކަރަންޓް އަގުހެޔޮކުރަން ފެނަކައަށް - 597 މިލިއަން ރުފިޔާ
-
3-
ހިޔާ ފްލެޓްތަކުގެ ކުލި އަގުހެޔޮކުރަން އެޗްޑީސީއަށް - 433 މިލިއަން ރުފިޔާ
-
4-
މަސްވެރިންގެ ސަބްސިޑީގެ ގޮތުގައި މިފްކޯއަށް - 273 މިލިއަން ރުފިޔާ
-
5-
ފެރީ އަދި ބަހުގެ ހިދުމަތުގެ ސަބްސިޑީއަށް އެމްޓީސީސީއަށް - 143 މިލިއަން ރުފިޔާ
-
6-
ކަރަންޓް އަގުހެޔޮކުރަން ސްޓެލްކޯއަށް - 90.5 މިލިއަން ރުފިޔާ
-
7-
ކުނި އުކުމުގެ ހިދުމަތުގެ އަގުހެޔޮކުރަން ވެމްކޯއަށް - 18.2 ބިލިއަން ރުފިޔާ
ކުންުފުނިތަކަށް ކެޕިޓަލްގެ ގޮތުގައި ދޭ ފައިސާ އަދި ސަބްސިޑީގެ ފައިސާ ހިމަނައިގެން މި ސަރުކާރުގެ ހަތް މަސް ދުވަސް ތެރޭ ކުންފުނިތަކަށް ވަނީ ބަޖެޓުން 4 ބިލިއަން ރުފިޔާ ދޫކޮށްފަ އެވެ.
ފިނޭންސުގެ އޮފިޝަލަކު ވިދާޅުވީ ކުންފުނިތަކަށް މިހާތާނަށް ވެސް ކުރަން ޖެހިފައިވާ ބޮޑު ހަރަދަކީ ބަޖެޓަށް އޮތް ވަރަށް ބޮޑު ބުރައެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ހީނަރުވެފައިވާ މާލީ ހާލަތަށް ބުރަ ބޮޑުވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ކުންފުނިތަކަށް މިދަނީ ނިސްބަތުން ވަރަށް ބޮޑު އެއްޗެއް ހަރަދުވެގެން. ލީކޭޗް މީގައި ވަރަށް ބޮޑު. އެހެންވެ، ސަރުކާރުން މި ދަނީ ފިޔަވަޅުތައް އަޅަމުން ކުންުފުނިތަކުގެ ހަރަދު ކުޑަކުރަން ވެސް،" އޮފިޝަލް ވިދާޅުވި އެވެ.
ސަރުކާރުން މިހާރު ވެސް ވަނީ ކުންފުނިތަކުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ބައެއް ކުންފުނިތައް އުވާލަން ނިންމައި އެއްބައި ކުންފުނިތައް އެއްކޮށްލަން ވެސް ނިންމައިފަ އެވެ. އަދި ބައެއް ކުންފުނިތަކުން މުވައްޒަފުން ވެސް އަންނަނީ މަދުކުރަމުންނެވެ. އެކަމުން ސަލާމަތް ކުރެވެނީ ކިހާވަރެއްގެ ހަރަދެއްކަން އަދި ޔަގީނެއް ނުވެ އެވެ.
ކޮމެންޓް (1)
ހިތަދޫ ހުސެން