ޖަލުތައް

އަމިއްލައަށް މަރުވާ ގައިދީން ގިނަވުމުން ބުނެދެނީ ޖަލުތަކުގެ ހާލަތު

ބައެއް މީހުން މަރުވެފައި ހުރީ ސީސީޓީވީ ހަރުކޮށްފައި ހުންނަ ގޮޅިތަކުގައި. ބައެއް ގައިދީން މަރުވާން ބޭނުންކުރީ ޖަލަށް ވައްދާއިރު ދީގެންނުވާނެ ފަދަ އެއްޗެހި

މުހިންމު ނުކުތާތައް

ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހާގެ ސިއްހީ ހާލަތު ރަނގަޅަށް ބަލައި މޮނިޓާ ކުރަމުންނެއް ނުދޭ

ގައިދީންނަށް އެކަށީގެންވާ ގޮތެއްގައި ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް ޖަލުތަކުގައި އޮތް ދައްޗެއް

ވާނުވާ ބަންދުގައި ގައިދީން ގިނަ ދުވަސްތަކެއް ވަންދެން ތިބެން ޖެހުމަކީ ވެސް ނަފްސާނީ ގޮތުން ބަލިކަށިވާ ކަމެއް

ހދ. ނޮޅިވަރަމްގައި 10 ޑިސެމްބަރު 2022ގައި އަނބިމީހާ މަރާލި ކަމުގެ ތުހުމަތުގައި ބަންދުގައި ބަހައްޓާފައި ހުރި އަބޫބަކުރު ފައިސަލް، އޭގެ ދެ ދުވަސް ފަހުން ޖަލު ގޮޅީގެ ތެރޭ ދަންޖެހިގެން މަރުވި އެވެ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ ޖަލު ގޮޅީގައި އޭނާ ދަންޖެހިގެން ހުއްޓާ ފެނުނީ ރޭގަނޑު 11:15ހާއިރު އެވެ. ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށި ނަމަވެސް ފުރާނަ ސަލާމަތްކުރެވޭ ގޮތެއް ނުވި އެވެ. 

މިދިޔަ އޮގަސްޓު މަހެވެ. އަންހެނަކު ރަހީނުކުރަން އުޅުނު އާދަމް އަތުހަރު ފުލުހުންގެ ބެލުމުގެ ދަށުގައި، ދޫނިދޫގައި ހުއްޓާ ދަންޖެހުނީ އޭނާ ލައިގެން ހުރި ސޯޓުގެ ނާޑުވާއެއް ބޭނުންކޮށްގެންނެވެ. ސީސީޓީވީ ހަރުކޮށްފައި ހުރި އެ ގޮޅީގެ ތެރޭގައި އޭނާ ދަންޖެހިފައި ހުރިކަން ޖަލު އޮފިސަރުންނަށް ރޭކާލީ ދަންޖެހެން މަސައްކަތްކުރިތާ 30 މިނެޓު ފަހުންނެވެ. ވަގުތުން އޭނާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފެށި ނަަމަވެސް ސަލާމަތެއް ނުކުރެވުނެވެ.

އޭގެ ފަހުން 24 ސެޕްޓެމްބަރުގައި އަނެއްކާވެސް ގޮޅި ތެރޭގައި މީހަކު ވަނީ ދަންޖެހިގެން މަރުވެފަ އެވެ. ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި އުމުރުން 62 އަހަރުގެ އެ މީހާ ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނީ އަނެއް ދުވަހުގެ ހެނދުނެވެ.

މި ދެ މަރުގައި ވެސް އުފެދޭ އެންމެ ބޮޑު ސުވާލަކީ ޖަލު ބަލަހައްޓަން އެވަގުތު ތިބި އޮފިސަރުންނަށް އެ މަންޒަރު ފެންނަން އެހާ ވަގުތު ނެގީ ކީއްވެ ހެއްޔެވެ؟

ގައިދީންގެ ހާލަތާއި ހަރަކާތްތައް ރަނގަޅަކަށް ނުބެލޭ

ގިނަ އަދަދެއްގެ ޖިނާއީ މައްސަލަތަކުގައި ކޯޓުގައި ވަކާލާތުކުރައްވާ ވަކީލު ހަމްޒާ ލަތީފް މި ރިޕޯޓަށް ވާހަކަދައްކަވަމުން ހަނދާނަށް ގެންނެވީ ބައިޕޯލާ ޑިސްއޯޑާ ހުރި ގައިދީއަކު އެކަމުގެ ޝަކުވާ ތަކުރާރުކޮށް ކަމާ ބެހޭ ފަރާތްތަކާ ކުރުމުން ވެސް އަޅާނުލާ ހުއްޓާ، އޭނާއާ އެކު އެއް ގޮޅިއެއްގައި އޮތް މީހެއްގެ ކަރުގައި ދަތްއަޅައި މަރާލި ހާދިސާ އެވެ.

ހަމްޒާ ވިދާޅުވި ގޮތުން ނަފްސާނީ ހާލަތު ރަނގަޅު ނޫންކަމާއި އޭނާގެ ފުށުން އަމިއްލަ ނަފުސުގެ އިތުރުން އެހެން މީހުންނަށް ވެސް ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ ހާލަތެއްގެ ބިރުވެރިކަން އޮތުމުން އެ މަރުގެ ކުރިން އޭނާ ވަނީ ކޯޓުގަ އާއި ޖަލު އޮފިސަރުން ކައިރީ ވެސް ތަކުރާރުކޮށް އެ ވާހަކަ ދައްކައިފަ އެވެ. އެ ހާދިސާ ހިނގީ އޭނާގެ ނަފްސާނީ ހާލަތާއި ހަރަކާތްތަކަށް މާ ބޮޑު ސަމާލުމަކަމެއް ނުދީ، އެކަން ސީރިއަސްކޮށް ކަމާ ބެހޭ އެއްވެސް ފަރާތަކުން ނުނަގާ ތިއްބަ އެވެ.

އެހެން ހާދިސާއެކެވެ. ސިއްހީ ފަރުވާ ހޯދައިދޭން ފަރުވާކުޑަކުރުމުގެ ތެރެއިން 2021ގައި މަރުވި ގައިދީއެކެވެ. އޭނާއާ އެކު ޖަލު ގޮޅީގައި ތިބި އެހެން ގައިދީން ބުނާ ގޮތުގައި އޭނާ މަރުވީ މަސްތުވާތަކެއްޗަށް އޯވަޑޯޒް ވެގެންނެވެ. އާއިލާއިން ވެސް ތުހުމަތުކުރީ އެގޮތަށެވެ. އެކަމަކު ކަރެކްޝަންސްއިން ބުނާ ގޮތުން އޭނާ އޯވަޑޯޒްވެފައިވަނީ ބޭސްތަކެއް ކައިގެންނެވެ. ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންދިޔައިރު އޭނާގެ ޖީބުގައި ބޭސް ކާޑެއް އޮތެވެ.

އެ ބޭސް ކާޑު އޭނާގެ ޖީބުގައި އޮންނަންވީ ސަބަބާ ބެހޭ ގޮތުން ވަކީލުންނާއި އާއިލާއިން ސުވާލު އުފެއްދި އެވެ. ދެވަނަ ކަމަކަށް މަސްތުވާތަކެއްޗަށް އޯވަޑޯޒްވާން އޭނާއަށް ޖަލުތެރޭ ފުރުސަތު ލިބުނީ ކިހިނެއްތޯ ވެސް ސުވާލު އުފެދުނެވެ.

ހަމްޒާ ވިދާޅުވި ގޮތުން އޭރު ޖަވާބު ނުލިބުނު އެ ސުވާލަށް މިހާރު އޮތީ ޖަވާބު ލިބިފަ އެވެ. މަސްތުވާތަކެއްޗާއި ފޯނު ފަދަ ތަކެތި ޖަލު ތެރެއަށް ވެއްދެނީ ކިހިނެއްކަން މިފަހުން 13 ކަރެކްޝަން އޮފިސަރަކު ހައްޔަރުކުރި މައްސަލައިން އެނގުނީމަ އެވެ.

އެހެން ކޭސްއެއްގެ ވާހަކަ ވެސް ހަމްޒާ ވިދާޅުވި އެވެ. ޕާޓީ ކުރަނިކޮށް އޯވަޑޯޒްވެގެން ހުޅުމާލޭގައި މަރުވި މީހެއްގެ މައްސަލާގައި ހައްޔަރުކޮށްފައި ހުރި ޒުވާނެކެވެ. އުމުރުން 19 އަހަރުގެ އޭނާ ހައްޔަރުކުރީ މީހަކު މަރުވެދިޔައިރު އެކަށީގެންވާ އަވަސް މިނެއްގައި އެހީތެރިކަން ފޯރުކޮށް ނުދިން ކަމުގެ ތުހުމަތުގަ އެވެ.

ހަމްޒާ ވިދާޅުވި ގޮތުން އޭނާ ހައްޔަރުކުރިއިރު ވެސް ހުރީ ގާތް މީހަކު ކުއްލިއަކަށް އޭނާގެ ކުރިމަތީގައި މަރުވިތަން ފެނުމުން ލިބުނު ޝޮކުގަ އެވެ. އެކަމަކު އޭނާގެ ކުރިމަތީގައި ދެބެއިންގެ ދެދަރި ކުއްޖަކު ކުއްލިއަކަށް މަރުވުމުން އެ ހާލަތުގައި އޭނާއަށް ކޮށްފައިވާނެ އަސަރަށް ބަލައި، އޭނާގެ ހާލަތަށް ރިއާޔަތްކޮށް ނަފްސާނީ އެހީތެރިކަން ފޯރުކޮށްދީފައި ނުވާ ކަމަށް ހަމްޒާ ވިދާޅުވި އެވެ.

ބޭރު ގައުމުތަކުގައި މިފަދަ ހާލަތްތަކުގައި ފުރަތަމަ ކުރާ ކަމަކީ އެފަދަ މީހުންނަށް ކައުންސިލިން ދިނުމެވެ. ހަމްޒާ ވިދާޅުވީ ރާއްޖޭގައި އެކަން ނުކުރާ ކަމަށެވެ.

ޖަލުގައި ގައިދީއަކު ބަންދުކޮށްފައިވާ މަންޒަރު ފެންނަ ފޮޓޯއެއް؛ ބަންދުގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުމުން ބައެއް މީހުން ނަފްސާނީވޭ

އޭނާ ވިދާޅުވި ގޮތުން ކުށެއްގެ ތުހުމަތުކުރެވިގެން ގެންނަ މީހަކު ޖަލަށް ވައްދާއިރު، އަމަލުކުރަންޖެހޭ މިންގަނޑުތަށް ރަނގަޅަށް ތަންފީޒުކުރެވެމުން ދާނަމަ މިފަދަ ހާދިސާތައް ހިނގަން އޮތް ފުރުސަތު ހަނިކުރެވޭނެ އެވެ. ޖަލަށް ގައިދީން ވައްދާއިރު އަމަލުކުރަން ޖެހޭ މިންގަނޑަށް މާ ބޮޑު ސަމާލުކަމެއް ނުދޭކަން ހާމަވާ އެއް ހާދިސާއަކީ އަތުހަރުގެ މަރެވެ. އަތުހަރު ދަންޖެހުނީ ސޯޓުގައި އިން ނާޑުވާއަކުން ކަމަށް ވާއިރު، އެއީ ޖަލަށް ވައްދާ ގައިދީއެއްގެ އަންނައުނުގައި އިންނަންވާނެ އެއްޗެއް ނޫންކަން އޭނާ ފާހަގަކުރެއްވި އެވެ. 

"ދަންޖެހުމަށް ބޭނުންކުރެވިދާނެ އާންމު ބާވަތުގެ އެއްވެސް އެއްޗެއް އޭނާގެ އަތަށް އަރައިގެން ނުވާނެ. ކަރެކްޝަނުން ބަލަަހައްޓާ ޖަލުތަކެކޭ އެއްގޮތަށް ފުލުހުންގެ ބެލުމުގެ ދަށުގައި ތިބޭ ކަސްޓޯޑިއަލް ޖަލުތަކުގައި ވެސް މިންގަނޑުތައް އޮންނަނީ އެގޮތަށް،" ހަމްޒާ ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވީ ފުލުހުންގެ ބަންދަށް ނަގާ މީހުން ބަންދުކޮށްފައި ތިބޭ ޕޮލިސް ކަސްޓޯޑިއަލްއަކީ ބަންދުގައި މީހުން ބެހެއްޓުމުގެ ބައިނަލްއަގުވާމީ މިންގަނޑުތަކާއި އުސޫލުތަކުގެ މަތިން އަމަލުކުރާ ތަނެއް ނޫން ކަމަށެވެ.

"ފުލުހުންނަކަށް ނުލިބޭ ކަންނޭނގެ ކަރެކްޝަންގެ އޮފިސަރުންނަށް އެ ލިބޭ ބޭރު ގައުމުތަކުގެ ޓްރޭނިން ފަދަ ކަންކަމެއް ވެސް. އެބޭފުޅުންނަށް ފެންނަ އެންމެ ރަނގަޅަކަށް އެތަން [ކަސްޓޯޑިއަލް] ހިންގަނީ،" ހަމްޒާ ވިދާޅުވި އެވެ.

"ބަންދުކުރާއިރު މެޑިކަލް ކަންކަން ވެސް ނުބަލާ ކަސްޓޯޑިއަލްގައި. ނުބެލީމާ މިވާ ގޮތަކީ ހައްޔަރުކުރާ މީހުންގެ ތެރޭގައި އެބަ ތިބޭ އެކި ބަލިމަޑުކަން ތަހަންމަލުކުރާ މީހުންނާއި، ނަފްސާނީ ބަލި މީހުންނާއި، އެކި ހާދިސާތަކާ ގުޅިގެން ނަފްސާނީ ވެފައި ތިބޭ މީހުން ވެސް."

މީގެ އިތުރުން ސީސީޓީވީ ކެމެރާ ހުންނަ ގޮޅިތަކުގައި މީހުން ދަންޖެހިގެން މަރުވާ ހާދިސާތައް ހިނގާއިރު އެ މަންޒަރުތައް ނުފެންނަނީ ކީއްވެގެންތޯ ބަލަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކީއްވެގެންތޯއޭ ގަވާއިދުން ޗެކް ނުކުރެވެނީ؟ މާ ގިނަ ގޮޅިއެއް ނޫން އަސްލު މޮނިޓާ  ކުރަން ހުންނާނީ. އެހެންވީމާ މާ ގިނަ ކެމެރާތަކެއް ބަލަން ޖެހޭތީ އެ މައްސަލަ ކުރިމައްޗެއް ނުވާނެ. ކީއްވެތޯ އެހާ ގިނައިރު ހޭދަވީ ޗެކްކުރަން؟ އެއީ ބަލަން ޖެހޭ ކަމެއް،" ހަމްޒާ ވިދާޅުވި އެވެ.

ޖަލު ގޮޅިއެއްގެ މަންޒަރު ފެންނަ ކުރެހުމެއް

ޖަލުތަކުގައި ހިނގާ މިފަދަ ހާދިސާތައް ހައްލުކުރުމާ ބެހޭ ގޮތުން ވާހަކަދައްކަވާކަށް މިހާރުގެ ކޮމިޝަނާ އޮފް ޕްރިޒަންސް ބޭނުމެއްނުވެ އެވެ. އެކަމަކު ކުރީގެ ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅު ވިދާޅުވި ގޮތުގައި ޖަލުތަކުގައި ގައިދީން ހަރަކާތްތެރިވާ ގޮތް ބަލަން 24 ގަޑިއިރު ޑިއުޓީ އޮފިސަރުން ތިބޭނެ އެވެ. ނަމަވެސް ކޮންމެ ހަރަކާތެއް ގާތުން 24 ގަޑިއިރު ބެލުމަކީ ވެސް ކުރެވިދާނެ ކަމަކަށް ނުވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަހުމަދު ވިދާޅުވީ އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ހިޔާލު ގެންގުޅޭ ގައިދީން އެކަން ކުރަނީ އޭނާގެ ހަރަކާތްތައް ބަލަން ޑިއުޓީ އޮފިސަރުންނަށް އެންމެ ދަތިވާނެ ފަދަ ނުވަތަ ނުބެލިދާނެ ދަނޑިވަޅުތަކުގައި ކަން ޖަލުގައި ހިނގި ހާދިސާތަކުން ފާހަގަކުރެވޭ ކަމަށެވެ.

އެކަމަކު އެފަދަ ހާލަތަކަށް މީހާ ދާނީ ހަމަ ކުއްލިއަކަށް ނޫނެވެ. އެހެންވެ އެމީހާގެ ނަފްސާނީ ހާލަތު ގާތުން ބެލިފައި ހުންނަ ނަމަ އެފަދަ އަމަލްތަކާ މެދު ފާރަވެރިވާން ޖަލު އޮފިސަރުންނަށް ބޮޑަށް އެނގޭނެ ކަމަށް އަހުމަދު ވެސް ގަބޫލުކުރައްވަ އެވެ. އޭރުން އެފަދަ ހާދިސާތައް ނުހިނގާނެ ފަދަ ގޮތަކަށް ކުރިއާލައި ފިޔަވަޅުތައް އެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިސާލަކަށް މީހާގެ އުޅުމުގައި ހުންނާނެ ދެއްތޯ ބަދަލުތަކެއް ފެންނަން. އެހެންވީމާ އެމީހުންނާ ވާހަކަދެކެވި ރަނގަޅަށް ބެލި އެކަހަލަ ކަމެއް ކުރެވޭ ކަމަށް ވެއްޖެއްޔާ ތަންކޮޅެއް ކުރިއާލައި އެކަން ޕްރިވެންޓްކުރަން މަސައްކަތެެއް ކުރެވިދާނެ ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ،" އަހްމަދު ވިދާޅުވި އެވެ.

އެޕްރީމް 2، 2022: ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަދި ކޮމިޝަނަރު އަހްމަދު މުހައްމަދުފުޅު ގައިދީންނާއެކު ރޯދަ ވީއްލަނީ (ފައިލް ފޮޓޯ/ ކަރެކްޝަންސް)

ސަލާމަތީ ގިންތީގެ އެންމެ ދަށު ދަރަޖައިގައި ތިބޭ ގައިދީން ފިޔަވައި، އެހެން ގައިދީންގެ ސަލާމަތީ ކަންކަން އަހަރަކު އެއް ފަހަރު މުރާޖައާކުރަންވާނެ ކަމަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނެ އެވެ. ސަލާމަތީ ގިންތީގެ އެންމެ ދަށު ދަރަޖައިގައި ތިބޭ ގައިދީން ވެސް، ވަކި ގައިދީއެއްގެ އަމަލުތައް ހުންނަ ގޮތުން، އޭނާއަށް ކަނޑައަޅާފައިވާ ސަލާމަތީ ގިންތީގެ ދަރަޖަ މުރާޖައާކުރަން ޖެހޭ ކަމަށް ޑައިރެކްޓަ އޮފް ޕްރިޒަންއަށް ފެނިއްޖެ ނަމަ، އޭނާގެ ސަލާމަތީ ގިންތީގެ ދަރަޖަ މުރާޖައާކުރަންވާނެ ގާނޫނުގައި އޮވެ އެވެ.

އަހްމަދު މުހައްމަދުފުޅު ވިދާޅުވި ގޮތުގައި އެކަން ގާނޫނުގައި ބުނާ ގޮތަށް، މިވަގުތު އޮތް ފްރޭމްވޯކްގެ ތެރެއިން ތަންފީޒުކުރަމުންނެއް ނުދެ އެވެ. އެކަން ކުރަން ދަތިތަކެއް ވެސް ހުރި ކަމަށް ވިދާޅުވި އެވެ.

ގައިދީން ނަފްސާނީ ކޮށްލަނީ ކޮން ކަމެއް؟

މި ރިޕޯޓަށް ވާހަކަދެއްކެވި ހުރިހާ ބޭފުޅުން ވެސް އެއްބަސްވާ ކަމަކީ މީހަކު އަމިއްލައަށް މަރުވާ ހިސާބަށް ނަފްސާނީ ހާލަތު ގޯސްވެގެންދާނީ ކުއްލިއަކަށް ނޫން ކަމެެވެ. އެ ހާލަތަށް ގައިދީއަކު ހިނގައިދާނެ ސަބަބުތަކެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި:

  • ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހާގެ ސިއްހީ ހާލަތު ރަނގަޅަށް ބަލައި މޮނިޓާ ކުރެވެމުން ނުދިއުން

  • ވާނުވާ ބަންދުގައި ގައިދީން ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުން

  • އެކަށީގެންވާ ސިއްހީ ފަރުވާ ގަވާއިދުން ފޯރުކޮށްދޭން ދަތިވުން

ހަމްޒާ ވިދާޅުވި ގޮތުގައި އެކި ކުށްތަކުގައި ހައްޔަރުކުރާ ގިނަ މީހުންނަކީ މަސްތުވާތަކެއްޗަށް ކޮންމެވެސް ގޮތަކުން ދެވިހިފާފައި ތިބޭ މީހުންނެވެ. އެތަކެއްޗާ ނުލައި، ކުޑަ ގޮޅިއެއްގެ ތެރޭ  އެކަނި ދިރުއުޅުމެއް ބައްޓަން ކުރަން ޖެހުމަކީ ނަފްސާނީ ގޮތުން ކުރިމަތިވާނެ ޗެލެންޖެކެވެ. އެކަމަކު އެފަދަ ގައިދީންގެ ނަފްސާނީ ހާލަތު ރާއްޖޭގެ ޖަލުތަކުގައި ނުބެލެ އެވެ. އެއީ ސަމާލުކަން ދޭ ކަމެއް ވެސް ނޫނެވެ.

"ދެން އެމީހަކު ހައްޔަރުކޮށްގެން ގެންގޮސް ބަންދުގެ މުއްދަތު ޖަހައި ޖަލު ގޮޅިއަށް ލީމާ އެމީހަކު އޮންނަނީ ބާއްވާފައި އެތަނުގައި. އެމީހަކު އެކަމުގެ ތެރޭގައި ތަހަންމަލުކުރާ ކަންކަން ތަހަންމަލުކޮށް އެމީހަކަށް އަރައިގަނެވުނު ގޮތަކުން އެކަމުން އަރައިގަންނަން ބާއްވާފައި އޮންނާނީ،" ހަމްޒާ ވިދާޅުވި އެވެ.

"ދެން އެ ޖަލު ގޮޅީގައި ދެ ފުށަށް ދެމިދެމި މި އޮންނަނީ. މިކަހަލަ ހާލަތެއްގައި ހުންނަ މީހުން ވެސް އެހެންވީމާ ހަމަ ނަފްސާނީ ހާލަތު ހަމަ އިތުރަށް ގޯސްވަމުންތާ ދާނީ." 

މާލޭ ޖަލުގައި ތިބި ގައިދީންތަކަކާ ކަރެކްޝަންސްގެ އިސްވެރިން ބައްދަލުކުރައްވަނީ (ފައިލް ފޮޓޯ/ ކަރެކްޝަންސް)

އަމިއްލައަށް މަރުވާން ދިމާވާ އަނެއް ސަބަބެއް ކަމަށް ހަމްޒާ ލަފާކުރެއްވީ ވާނުވާ ބަންދުގައި ގައިދީން ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހުމެވެ. ޝަރީއަތް ހިނގާ ގޮތުގެ ތާވަލެއް ކޯޓުތަކަށް ނުދެވި ބަންދުގައި ހޭދަކުރަން ޖެހޭ މުއްދަތު އޮޅުންނުފިލާ އޮތުމަކީ ބަންދުގައި ތިބޭ މީހުންގެ ނަފްސާނީ ހާލަތަށް އަަސަރުކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ހާލަތުގައި ހުންނަ މީހާ ވަރަށް މާޔޫސްވާނެކަން އަޅުގަނޑުމެން ދަންނަން ޖެހޭ ނަފްސާނީ ގޮތުން. އަދި އަޅުގަނޑަށް ތަޖުރިބާ ކުރިވިފައި ވެސް އެބަހުރި. ކްލައިންޓުގެ ކައިރިއަށް ޖަލުތަކަށް އަޅުގަނޑުމެން ދާއިރު އެންމެ ބޮޑު ޝަކުވާއަކީ ކޮން އިރަކުންހޭ ޝަރީއަތް ނިމޭނީ. ކިހާ ދުވަހެއް ހޭދަކުރަން ޖެހޭނެހޭ މައްސަލައަށް ގޮތެއް ނުނިމި،" ހަމްޒާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބައެއް މައްސަލަތަކުގެ ޝަރީއަތް ހަތް އަހަރަށް ވުރެ ދިގުލައިގެން ދާއިރު ބައެއް މީހުންގެ ބަންދު މުރާޖާ ގަވާއިދުން ނުކުރާ މީހުން ވެސް އެބަ ތިއްބެވެ. މައްސަލައަށް ވާނުވާއެއް ނޭނގި، ކޯޓު މަރުހަލާގައި މަޑުޖެހިފައި އޮތުމުން، އުމުރުން ދުވަސްވީ ގައިދީންނަށް ނަފްސާނީ ގޮތުން ނޭދެވޭ އަސަރުތަކެއް ކުރާކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުގެ ކްލައިންޓެއް. އޭނާގެ އުމުރުން މިހާރު 73 އަހަރު ވެއްޖެ ބަންދުގައި އޮވެގެން. އޭނާ ހައްޔަރުކުރެވުނީ 2022ވަނަ އަަހަރުގެ މޭ މަހުގެ ތެރޭގައި ކަމަށްވާއިރު އޭނާގެ މައްސަލަ ޝަރީއަތުގައި ހިނގާފައި އޮތް މިންވަރަކީ އަދި މައްސަލަ އޮތީ އިބްތިދާއީ މަރުހަލާ އެކަނި ނިމިފައި. އެއީ ދެ އަހަރުގެ ތެރޭގައި،" ހަމްޒާ ވިދާޅުވި އެވެ.

ގައިދީންނަށް ސިއްހީ އެހީތެރިކަން ވެސް ގަވާއިދުން ފޯރުކޮށެއް ނުދެވެ އެވެ. އެހެންވެ ސިއްހީ ފޮލޯއަޕް ވެސް ގަވާއިދުން ނުހެދެ އެވެ.

ހަމްޒާ ވިދާޅުވީ ނަފްސާނީ ބައެއް މައްސަލަތަކުގައި އެހީތެރިކަން ބޭނުންވެގެން ޑޮކްޓަރަށް ދައްކާ ގައިދީންނަށް ދެނީ ނިންދަވަން ބޭނުންކުރާ ސެރިޓޯނާ ކަމަށެވެ. އެންޒައިޓީ ފަދަ ސިއްހީ މައްސަލަތައް ހުރެގެން ދައްކާ ގައިދީންނަށް ވެސް ނިދާ ބޭސް ދިނުމުން، އެ ހާލަތުގައި ބޭނުންވާ އެކަށީގެންވާ ފަރުވާ ނުލިބި ނަފްސާނީ ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު އޮތުމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.

"އަޅުގަނޑު ހިތަށްއަރާ ސެރިޓޯނާ ދީގެން ނިންދަވާލުންތޯއޭ އެންމެ ރަނގަޅު ގޮތަކީ. އަދި ބުނަނީ ވެސް އެންޒައިޓީއޭ ތި ހުންނަނީ. ސްޕެޝިއަލިސްޓަަކަށް ރިކުއެސްޓް ކުރިޔަސް އެ ފުރުސަތެއް ވެސް ނުދޭ،" ޖަލު ގޮޅިއެއްގައި ބަންދުވެގެން ހުންނަ މީހަކަށް، އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ހިޔާލު އަންނަން އެއީ ވެސް ސަބަބަކަށް ވެދާނެކަން ފާހަގަކުރައްވާ ހަމްޒާ ވިދާޅުވި އެވެ. 

ޖަލުން ގައިދީއަކު ނެރެނީ: ބައެއް ގޮޅިތަކުގައި ޖާގައަށް ވުރެ މާ ގިނައިން ގައިދީން ތިބޭ

ޖަލުތަކުގައި ހިނގާ ހާދިސާތައް މަދުކުރެވޭނީ ގުޅިގެން

ގައިދީންނަށް ވެސް އިންސާނީ އަސާސީ ކަންކަން ފުރިހަމަވާން ޖެހޭނެ އެވެ. ބަލި މީހެއް ނަމަ ބޭސްކުރެވުމެވެ. ނަފުސާނީ މައްސަލަތައް ހުރި ނަމަ އެކަމަށް ވެސް އެކަށީގެންވާ އެހީތެރިކަމެއް ފޯރުކޮށްދިނުމެވެ.

ކަރެކްޝަނަލް ސާވިސް އާއި ފުލުހުންނާއި ޕްރޮސެކިއުޓަ ޖެނެރަލް އާއި ޝަރުއީ ނިޒާމުގެ ޒިންމާ ގައިދީންނާ ގުޅޭ ކަންކަމުގައި ވަރަށް ބޮޑެވެ. އެހެންވެ ޖަލުތަކުގެ މައްސަލަތައް ހައްލުކުރަން ބޭނުންވާނީ މި ހުރިހާ ފަރާތެއް ގުޅިގެން ކުރާ މަސައްކަތެކެވެ. 

އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން 2021ގައި ރާއްޖެއަށް ކުރި ރަސްމީ ދަތުރަށް ފަހު ވަނީ ވާނުވާ ބަންދާ ގުޅޭ ގޮތުން ގިނަ މައްސަލަތަކެއް ފާހަގަކޮށްފަ އެވެ. އޭގެ ތެރެއިން ބައެއް ކަންތައްތަކަކީ:

  • %30 ގައިދީން ތިބީ ޝަރީއަތަކާ ނުލައި ބަންދުގައި. އެއީ އައިސީޕީއާރްގެ އުސޫލުތަކާ ހިލާފު ކަމެއް

  • ޝަރީއަތަކާ ނުލައި ދިގު މުއްދަތަކަށް ބަންދުކޮށްފައިވާ ބައެއް މީހުން ތިންހަތަރު އަހަރު ނުވަތަ އެއަށް ވުރެ ވެސް ގިނަ ދުވަހު ބަންދުގައި ތިބި. ގޮޅިތަކުގެ ޖާގައަށް ވުރެ މާ ގިނައިން މީހުން ބައިތިއްބާފައި ތިބުން

  • ހުކުމް ނުކޮށް ރިމާންޑް ގައިދީން ހުކުމް ކޮށްފައި ތިބޭ ގައިދީންނާ އެއްކޮށް ތިބުން

ޖަލުތަކުގައި މިފަހުން މަރުތައް ގިނަވަމުންދާތީ ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ނެރުނު ބަޔާނެއްގައި ބުނީ ޖަލުތަކުގައި ހުރި ނިޒާމީ ގޮތުން ފުރިހަމަނުވާ ކަންކަމާއި އުނި ކަންކަން ދެނެގަނެ، އެފަދަ މައްސަލަތައް ހައްލުކުރަން ދެމެހެއްޓެނިވި އިސްލާހީ ބަދަލުތައް ގެންނަން ޖެހޭ ކަމަށެވެ. 

ޖަލުގައި ހިނގާ މަރުގެ ހާދިސާތައް ވީހާވެސް އަވަހަކަށް އަދި ފުރިހަމައަށް ތަހުގީގުކުރަން އެ ބަޔާނުގައި ގޮވާލި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް