އާދަމް އަހުތަރު: އާއިލާއިން އޮޓޯޕްސީ ހަދަން ބޭނުންނުވިޔަސް ފުލުހުން އެކަންކުރާނެ

ފުލުހުން

އަތުހަރު ދަންޖެހުނު ފުޓޭޖް ނޫސްވެރިންނަށް ދައްކައިފި

އޭނާގެ އޮޓޯޕްސީ ހަދަން އާއިލާއިން ދެކޮޅު ނަމަވެސް ފުލުހުންނަށް ލިބިދޭ ބާރުގެ ދަށުން އަތުހަރުގެ އޮޓޯޕްސީ ހަދަން ވެސް ވަނީ ނިންމާފައި
3 ސެޕްޓެމްބަރު 2024
3

އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި ރަހީނުކުރި މައްސަލާގައި ފުލުހުންގެ ހައްޔަރުގައި ހުއްޓާ ދަންޖެހިގެން، ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް މަރުވި އާދަމް އަތުހަރު ދަންޖެހުނު މަންޒަރުގެ ފުޓޭޖް ފުލުހުން ނޫސްވެރިންނަށް މިރޭ ދައްކައިފި އެވެ.

ވީ ކިހިނެއް؟ - އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް އަތުހަރު މަރުވީ އިއްޔެ ހަވީރު 4:08ގަ އެވެ. އޭނާ މަރުވި ގޮތް ކަށަވަރުކުރަން އޮޓޯޕްސީ ހަދަން ފުލުހުން ވަނީ ނިންމާފަ އެވެ.

އޮޓޯޕްސީ ހަދަން އާއިލާއިން ދެކޮޅު ނަމަވެސް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ފުލުހުންނަށް ލިބިދޭ ބާރުގެ ދަށުން އޮޓޯޕްސީ ހަދާނެ ކަމަށެވެ.

ތަފްސީލް - އަތުހަރުގެ މަރާ މެދު ބައެއް މީހުން ސުވާލު އުފައްދަމުން ދަނިކޮށް ފުލުހުން މިރޭ ދެއްކި ރޯ ފުޓޭޖުގައި ގޮޅީގައި ހުރެ އޭނާ ދަންޖެހޭ ތަން ފެނެ އެވެ. 

އެ މަންޒަރުތައް ނޫސްވެރިންނަށް ދެއްކީ ފޯނާއި، ކެމެރާ އަދި އިލެކްޓްރޯނިކް އެއްވެސް ޑިވައިސްއެއް ނުވައްދަ އެވެ.

އެ ފޫޓޭޖުން ފެންނަ ގޮތުގައި:

  • ދަންޖެހެން ބޭނުންކުރީ ލައިގެން ހުރި ސޯޓުގެ ނާޑުވާއެއް

  • ފުލުހުން ގޮޅިއަށް ވަދެފައި ވަނީ ދަންޖެހުނުތާ 30 ވަރަކަށް މިނެޓު ފަހުން ރޭގަނޑު 7:02ގައި

  • ޖަލު ގޮޅި ހުޅުވައި އަތުހަރު ތިރީގައި ބޭއްވުން - ރޭގަނޑު 7:02

  • އަތުހަރު ސްޓްރެޗާއަށް ލައިގެން ގޮޅިން ނެރުން - ރޭގަނޑު 7:05

ފުލުހުން މިއަދު ހިއްސާކުރި ޓައިމްލައިން ދައްކާ ގޮތުގައި:

  • ދޫނިދޫ ކްލިނިކަށް ގެންދިއުން - ރޭގަނޑު 7:06

  • އަތުހަރު ކުއްލި ހާލަތުގައި ލޯންޗުގައި މާލެ ގެންދިއުން - ރޭގަނޑު 7:14

  • އައިޖީއެމްއެޗަށް ގެންދަން އެމްބިއުލާންސަށް އެރުވުން - ރޭގަނޑު 7:17

  • އައިޖީއެމްއެޗްގެ އެމަޖެންސީއަށް ގެންދިއުން - ރޭގަނޑު 7:25

އަތުހަރު ދަންޖެހުނު މައްސަލަ ތިން މުއައްސަސާއަކުން އަންނަނީ ތަހުގީގްކުރަމުންނެވެ. އެއީ:

  • ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)

  • ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން

  • އެ ހާދިސާގައި ފުލުހުންގެ އަމަލުތައް ދެނެގަތުމަށް އެތެރޭގެ ތަހުގީގެއް ވެސް ހިންގަމުންދޭ

އަތުހަރުގެ އާއިލާއިން މިރޭ ބައެއް މީޑިއާތަކަށް ދިން އިންޓަވިއުގައި އޭނާގެ ކަރުން ދަންޖެހިފައިވާ ކަމުގެ ނިޝާން ނުފެންނަކަމަށް ބުންޏެވެ. ނަމަވެސް އޭގެ ފަހުން އެ އާއިލާއާ ބައްދަލުކޮށް ފުލުހުން ވަނީ އެ ފުޓޭޖް އާއިލާއަށް ވެސް ދައްކައިފަ އެވެ.

އިހުސާން ވިދާޅުވީ ތަހުގީގުތަކަށް ވެސް އެ ފުޓޭޖް ހިއްސާކުރާނެ ކަމަށެވެ.

ފުޓޭޖް ދެއްކުން ފިޔަވައި ނޫސްވެރިންގެ އެއްވެސް ސުވާލަކަށް އޮން ރިކޯޑްގައި މިނިސްޓަރު ޖަވާބެއް ނުދެއްވަ އެވެ. އޭނާ ވިދާޅުވީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާނެ ކަމަށެވެ. 

ފަސް މަންޒަރު - އަތުހަރު ހައްޔަރުކުރީ ބުރާސްފަތި ދުވަހުގެ ރޭ ހިނގި ހާދިސާގައި އަންހެން މީހާ ސަލާމަތްކުރުމަށް އުުޅުމުގެ ތެރޭގައި ފުލުހުން މުގުރުން އޭނާގެ ބޮލުގައި ޖެހުމުން ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު، ޖެހިގެން އައި ހުކުރު ދުވަހުގަ އެވެ.

ހޮޑުލާތީ އާއި ފިޓު ޖެހިގެން ހުކުރު ދުވަހު ވެސް އޭނާ ހޮސްޕިޓަލަށް ގެންދިޔަ އެވެ. ހޮނިހިރު ދުވަހުގެ ވަގުތެއްގައި ހޮސްޕިޓަލުން އޭނާ ދޫކޮށްލުމުން، އަނެއްކާވެސް ފުލުހުންގެ ހައްޔަރަށް ގެންދިޔަ އެވެ. 

ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި އޭނާ ބަހައްޓަން ހޮނިހިރުދުވަހު އަމުރުކޮށްފަ އެވެ. އަމިއްލައަށް މަރުވާން މަސައްކަތްކުރީ އޭގެ ފަހުން ފުލުހުންގެ ބެލުމުގެ ދަށުގައި، ދޫނިދޫގެ ގޮޅީއެއްގައި ބަންދުކޮށްފައި ހުއްޓަ އެވެ.

ކޮމެންޓް (3)

profile-image-placeholder

ފިޓު ޖެހޭ ސޮރެއް

3 ސެޕްޓެމްބަރު 2024
ފިޓު ޖެހޭ މީހުންނަށް ދޭ ބޭހެއް އެއީ ލެވިޕިލް. ލެވިޕިލް 500 ގެ ޑޯޒަކީ ބާރުގަދަ ޑޯޒެއް. ކުއްލިއަކަށް ރުޅިގަދަވުމާއި މޫޑް ސުވިންގަކީ މި ޑޯޒު ބޭނުންކުރާމީހުންނަށް ކުރިމަތިވާ ސައިޑް އެފެކްޓެއް. ފިޓު ޖެހޭ ނުވަތަ ޖެހުނު މީހަކު މި ބޭސް ބޭނުންކުރަންޏާ އޭނާ އެކަނި އެއްވެސް ތަނެއްގައި އެއްވެސް ސުޕަވިޜަންއެއް ނެތި ހުރެގެން ނުވާނެ. އަދި ބޭސް ބޭނުންނުކުރިޔަސް ފިޓު ޖެހޭ މީހަކު އެއްވެސް ސުޕަވިޜަންއެއް ނެތި ހުރެގެން ނުވާނެ ފިޓު ޖެހުނު ތާ 3 މަސް ނުވަނީސް. މިކަމުގައި ބޮޑު އިހުމާލެއް އެބައޮތް.

ވިލް

3 ސެޕްޓެމްބަރު 2024
@ފިޓު ޖެހޭ ސޮރެއް 500 މިލިގްރާމަކީ އެއްވެސް އެއްޗެއްނޫން…އެބޭހަކީ ދުވާލަކަށް 4 ގުރާމާ ހަމަޔަށް ދެވޭނެ ބޭހެއް

ސިކުނޑި

3 ސެޕްޓެމްބަރު 2024
ބަލަން ވާވަރަށް ނުބެލުމަކީ އިހުމާލެއް! ކޮންމެ އިހުމާލަކީ އަނިޔާއެއް!! މެންޓަލީ އަންސްޓޭބަލް މީހުން ހައްޔަރު ކުރަން އެހެން ހެދުމެއް ލައްވަނީ ކަމެއްވެގެން!! ކުރިޔަށް އޮތް ތަނުގައި މީހަކު ހައްޔަރަށް ގެންދާއިރު މިކަހަލަ އާދައިގެ ކަންތައްތަކަށް ވިސްނާނެއް ކަމަށް އުންމީދުކުރަން!!

އިތުރު އާޓިކަލް

އިތުރު އާޓިކަލް