މާލޭގައި އަންހެނަކު ރަހީނުކޮށް ވަޅިން ބިރު ދެއްކި އަހްތަރު: ހައްޔަރުގައި ހުއްޓާ އަމިއްލައަށް މަރުވާން އޭނާ ވަނީ މަސައްކަތްކޮށްފައި
އަތުހަރު ވެންޓިލޭޓަރުގައި؛ އާއިލާއިން ބުނަނީ ތަފްސީލް ނުލިބޭ ކަމަށް
އަންހެނަކު ކަރުގައި ވަޅި ޖައްސައި ރަހީނު ކުރި މައްސަލާގައި ފުލުހުންގެ ހައްޔަރުގައި ހުރި އާދަމް އަތުހަރުގެ ހާލު ގޯސްވެ ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދޭން ފަށައިފި އެވެ.
ވީ ކިިހިނެއް؟ - އަތުހަރު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދޭން ފެށީ ދޫނިދޫ ގޮޅީގައި އަމިއްލައަށް މަރުވާން އުޅުނު ތަން ފުލުހުންނަށް ފެނިގެން ކަމަށް ބުނެ އެވެ. އޭނާގެ ހާލާ ގުޅޭ ފަހުގެ މައުލޫމާތު ދެމުން ފުލުހުން ރޭ ބުނީ އައިސީޔޫއަށް ބަދަލުކޮށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށެވެ.
ތަފްސީލް - މިކަން ހިނގައިދިޔަ ގޮތް ބެލުމަށް ދޫނިދޫ ކަސްޓޯޑިއަލްގައި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ އޭނާ ދަންޖެހުނުކަން ފާހަގަކުރެވިގެން ހޮސްޕިޓަލާ ހަމައަށް ގެންދެވުމާ ހިސާބަށް، އޭގެ ވަގުތުތައް މިއަދު ހިއްސާކޮށްފަ އެވެ. އެގޮތުން:
-
ޖަލު ކެމެރާ މޮނިޓާ ކުރަމުން ދަނިކޮށް ދަންޖެހިފައިވާ މަންޒަރު ފެނުނު - ރޭގަނޑު 7:02
-
ޖަލު ގޮޅި ހުޅުވައި
އަތުހަރު ތިރީގައި ބޭއްވުން - ރޭގަނޑު 7:02
-
އަތުހަރު ސްޓްރެޗާއަށް ލައިގެން ގޮޅިން ނެރުން - ރޭގަނޑު 7:05
-
ދޫނިދޫ ކްލިނިކަށް ގެންދިއުން - ރޭގަނޑު 7:06
-
އަތުހަރު ކުއްލި ހާލަތުގައި ލޯންޗުގައި މާލެ ގެންދިއުން - ރޭގަނޑު 7:14
-
އައިޖީއެމްއެޗަށް ގެންދަން އެމްބިއުލާންސަށް އެރުވުން - ރޭގަނޑު 7:17
-
އައިޖީއެމްއެޗްގެ އެމަޖެންސީއަށް ގެންދިއުން - ރޭގަނޑު 7:25
އާއިލާގެ ކަންބޮޑުވުން
އަތުހަރުގެ އާއިލާގެ މެމްބަރަކު ނަން ނުޖަހާ ގޮތަށް މިއަދު 'ދައުރު'އަށް ބުނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށް ބުނެ އެއްވެސް މައުލޫމާތެއް އާއިލާއަށް ނުލިބޭ ކަމަށެވެ.
އަތުހަރު ދެއްކި ޑޮކްޓަރުންގެ ތެރޭގައި ހިމެނޭ ނާރުގެ ޑޮކްޓަރުގެ ފަރާތުން ބައެއް މައުލޫމާތު ލިބުނު ނަމަވެސް ވެންޓިލޭޓަރަށް ގެންދަން ޖެހުނު ސަބަބެއް އަދި ހާލަތުގެ އެންމެ ފަހުގެ މައުލޫމާތު ނުލިބޭ ކަމަށް އޭނާ ބުންޏެވެ.
"ފުލުހުންގެ ފަރާތުން ވެސް ނުލިބޭ މައުލޫމާތެއް. ޓެސްޓުތަކެއް ހަދަން ބޭއްވިކަން އެންގި. ޓެސްޓުތަކުގެ ތަފުސީލެއް ވެސް ނުލިބޭ. ވޯޑަށް ވެސް ވަންނަން އެކްސެސް ނުލިބިގެން އުޅެން ޖެހުނު. ވަރަށް ބޮޑަށް ވާހަކަ ދައްކައިގެން ކޮންމެ ކަމެއް ވެސް ކުރެވެނީ،" އޭނާ ބުންޏެވެ.
އަތުހަރުގެ އާއިލާއާ ހަވާލާ ދެއްވައި ވަކީލު ހަމްޒާ ލަތީފް 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ގިނަ ކަންބޮޑުވުންތަކެއް ހިއްސާކުރެއްވި އެވެ. ހަމްޒާ މިއަދު 'ދައުރު'އަށް ވިދާޅުވީ ހަމްޒާއަކީ އަތުހަރުގެ އާއިލީ އެކުވެރިއެއް ކަމަށެވެ.
ހަމްޒާ ލިޔުއްވި ގޮތުގައި، އަތުހަރު ގޮޅިއަށް ވެއްދިއިރު އޭނާ ލައިގެން ހުރީ ވާފަށް އައްސާ ގޮތަށް ހުރި ސޯޓެއް ކަމަށް ހޮސްޕިޓަލުން އާއިލާއަށް ބުންޏެވެ. އެފަދަ ސޯޓެއް ލައިގެން ވަނުމަކީ ހުއްދަ ކަމެއް ވެސް ނޫންކަން ވަކީލު ފާހަގަ ކުރެއްވި އެވެ.
ހަމްޒާ އިތުރަށް ފާޅުކުރެއްވި ކަންބޮޑުވުންތަކާއި މައްސަލަތައް:
-
ކަސްޓޯޑިއަލްގެ ގިނަ ގޮޅިތަކަކީ މީހަކު އަމިއްލައަށް ދަންޖެހޭ ވަރަށް ވުރެ އުސްކޮށް ހަދާފައި ހުރި ތަންތަން
-
އެހާ އުސްނުކޮށް ހުރި ގޮޅިތަކުގައި ސީސީޓީވީ ކެމެރާ ވެސް ހަރުކޮށްފައި ހުންނައިރު، އެ ކަން ވަރަށް ސީރިއަސްކޮށް ބަލަން އާއިލާއިން އެދޭ
-
ފުލުހުންނާއި ހޮސްޕިޓަލުން ވެސް މައުލޫމާތު ހޯދަން އަތުހަރުގެ މުޅި އާއިލާގެ އެންމެން ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހުނު
-
އަތުހަރުގެ ހާލަތަށް ނުބަލައި ބަންދު ކުރަން ޑޮކްޓަރަކު ހުއްދަ ދިންތޯ ސުވާލުކުރި؛ ހުއްދަ ދިނީ ކޮން ޑޮކްޓަރަކުތޯ ވެސް ބަލައި އަތުހަރުގެ ނަފުސާނީ ހާލަތު ރަނގަޅަށް ދެނެގަންނަން އެދުނު
ފަސް މަންޒަރު - އަތުހަރު ހައްޔަރު ކުރީ ބުރާސްފަތި ދުވަހުގެ ރޭ ހިނގި ހާދިސާގައި އަންހެން މީހާ ސަލާމަތް ކުރުމަށް އުުޅުމުގެ ތެރޭގައި ފުލުހުން މުގުރުން އޭނާގެ ބޮލުގައި ޖެހުމުން ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު، ޖެހިގެން އައި ހުކުރު ދުވަހުގަ އެވެ.
ހޮޑު ލާތީ އާއި ފިޓު ޖެހިގެން ހުކުރު ދުވަހު ވެސް އޭނާ ހޮސްޕިޓަލަށް ގެންދިޔަ އެވެ. ހޮނިހިރު ދުވަހުގެ ވަގުތެއްގައި ހޮސްޕިޓަލުން އޭނާ ދޫކޮލުމުން، އަނެއްކާވެސް ފުލުހުންގެ ހައްޔަރަށް ގެންދިޔަ އެވެ.
ކޯޓުން ވަނީ ހޮނިހިރު ދުވަހު އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވެސް އަމުރުކޮށްފަ އެވެ. އަމިއްލައަށް މަރުވާން މަސައްކަތްކުރީ އޭގެ ފަހުން ފުލުހުންގެ ބެލުމުގެ ދަށުގައި، ދޫނިދޫގައި ގޮޅީގައި ބަންދުގައި ހުއްޓަ އެވެ.