މާލޭގައި އަންހެނަކު ރަހީނުކޮށް ވަޅިން ބިރު ދެއްކި އަހްތަރު: ހައްޔަރުގައި ހުއްޓާ އަމިއްލައަށް މަރުވާން އޭނާ ވަނީ މަސައްކަތްކޮށްފައި

ފުލުހުން

އަތުހަރު ބަންދުގައި ހުއްޓާ އަމިއްލައަށް މަރުވާން އުޅުމުން ފަރުވާ ދެނީ

އޭނާ މަރުވެއްޖެ ކަމަށް އަޑު ފެތުރުނު ނަމަވެސް، ފުލުހުން އެކަން ދޮގު ކުރޭ

އަންހެނަކު ކަރުގައި ވަޅި ޖައްސައި، ރަހީނު ކުރި މައްސަލާގައި ފުލުހުންގެ ހައްޔަރުގައި ހުރި އާދަމް އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތްކޮށްފި އެވެ.

ވީ ކިހިނެއް؟ - ފުލުހުންގެ ހައްޔަރުގައި ހުއްޓާ އަތުހަރު އަމިއްލައަށް މަރުވެފައިވާ ކަމަށް ދަނީ އަޑު ފެތުރެމުންނެވެ. ނަމަވެސް ފުލުހުންގެ ފަރާތުން އެކަން ދޮގު ކުރެ އެވެ.

ފުލުހުންގެ ބަސް - ފުލުހުންގެ ތަރުޖަމާނު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝިފާން ވިދާޅުވީ އަތުހަރު އަމިއްލައަށް މަރުވާން އުޅުމުން ހޮސްޕިޓަލަށް ގެންގޮސް މިހާރު ފަރުވާ ދެމުންދާ ކަމަށެވެ.

"މިވަގުތު ޑޮކްޓަރުން ބުނަނީ އޭނާ އަދިވެސް ދިރިހުރި ކަމަށް،" ފުލުހުންގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖުގައި ޝިފާން ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުގައި 2022 ވަނަ އަހަރު ރައީސަށް ގާނޫނުން ލިބިދޭ ބާރުގެ ދަށުން އަދަބު ލުއިކޮށް، މިނިވަންކޮށްފައިވާ އަތުހަރު މަރުވާން މަސައްކަތް ކުރީ ކިހިނެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

ފަސް މަންޒަރު - އަތުހަރު ހައްޔަރު ކުރީ ބުރާސްފަތި ދުވަހުގެ ރޭ ހިނގި ހާދިސާގައި އަންހެން މީހާ ސަލާމަތް ކުރުމަށް އުުޅުމުގެ ތެރޭގައި ފުލުހުން މުގުރުން އޭނާގެ ބޮލުގައި ޖެހުމުން ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު، ޖެހިގެން އައި ހުކުރު ދުވަހުގަ އެވެ.

ހޮޑުލާތީ އަލުން ހޮސްޕިޓަލަކަށް ގެންދިޔަ ނަމަވެސް، އިއްޔެގެ ވަގުތެއްގައި އޭނާ ދޫކޮލުމުން، އަނެއްކާ ވެސް ފުލުހުންގެ ހައްޔަރަށް އަތުހަރު ގެންދިޔަ އެވެ. އަދި އިއްޔެ ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް