މާލޭގައި އަންހެނަކު ރަހީނުކުރިި އާދަމް އަތުހަރު

ފުލުހުން

ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް އަތުހަރު މަރުވެއްޖެ

އޭނާގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ފަރުވާދޭން ފެށީ ރޭގައި
2 ސެޕްޓެމްބަރު 2024
1

އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި ރަހީނު ކުރި މައްސަލާގައި ފުލުހުންގެ ހައްޔަރުގައި ހުރި އާދަމް އަތުހަރުގެ ހާލު ގޯސްވެ ވެންޓިލޭޓަރަށް ލައިގެން ފަރުވާ ދެމުން ދަނިކޮށް މިއަދު މަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އަތުހަރު އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދޭން ފެށީ ދޫނިދޫ ގޮޅީގައި އަމިއްލައަށް މަރުވާން އުޅުމުން ކަމަށް ފުލުހުން ބުނެ އެވެ. އޭނާ އައިސީޔޫއަށް ބަދަލުކޮށްފައިވަނީ ރޭގަ އެވެ.

ތަފްސީލް - ފުލުހުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިއަދު ހަވީރު 4:08 ހާއިރު އޭނާ މަރުވެފައިވާ ކަމަށެވެ.

ދޫނިދޫގައި އަތުހަރު ދަންޖެހެނު ގޮތް ބެލުމަށް ދޫނިދޫގައި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އެ އިދާރާތަކަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ އޭނާ ދަންޖެހުނުކަން ފާހަގަކުރެވިގެން ހޮސްޕިޓަލާ ހަމައަށް ގެންދެވުމާ ހިސާބަށް، އޭގެ ވަގުތުތައް މިއަދު ހިއްސާކޮށްފަ އެވެ. އެގޮތުން:

  • ޖަލު ކެމެރާ މޮނިޓާ ކުރަމުން ދަނިކޮށް ދަންޖެހިފައިވާ މަންޒަރު ފެނުނު - ރޭގަނޑު 7:02

  • ޖަލު ގޮޅި ހުޅުވައި އަތުހަރު ތިރީގައި ބޭއްވުން - ރޭގަނޑު 7:02

  • އަތުހަރު ސްޓްރެޗާއަށް ލައިގެން ގޮޅިން ނެރުން - ރޭގަނޑު 7:05

  • ދޫނިދޫ ކްލިނިކަށް ގެންދިއުން - ރޭގަނޑު 7:06

  • އަތުހަރު ކުއްލި ހާލަތުގައި ލޯންޗުގައި މާލެ ގެންދިއުން - ރޭގަނޑު 7:14

  • އައިޖީއެމްއެޗަށް ގެންދަން އެމްބިއުލާންސަށް އެރުވުން - ރޭގަނޑު 7:17

  • އައިޖީއެމްއެޗްގެ އެމަޖެންސީއަށް ގެންދިއުން - ރޭގަނޑު 7:25

ފަސް މަންޒަރު - އަތުހަރު ހައްޔަރުކުރީ ބުރާސްފަތި ދުވަހުގެ ރޭ ހިނގި ހާދިސާގައި އަންހެން މީހާ ސަލާމަތް ކުރުމަށް އުުޅުމުގެ ތެރޭގައި ފުލުހުން މުގުރުން އޭނާގެ ބޮލުގައި ޖެހުމުން ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ދިނުމަށް ފަހު، ޖެހިގެން އައި ހުކުރު ދުވަހުގަ އެވެ.

ހޮޑުލާތީ އާއި ފިޓު ޖެހިގެން ހުކުރު ދުވަހު ވެސް އޭނާ ހޮސްޕިޓަލަށް ގެންދިޔަ އެވެ. ހޮނިހިރު ދުވަހުގެ ވަގުތެއްގައި ހޮސްޕިޓަލުން އޭނާ ދޫކޮލުމުން، އަނެއްކާވެސް ފުލުހުންގެ ހައްޔަރަށް ގެންދިޔަ އެވެ. 

ކޯޓުން ވަނީ ހޮނިހިރު ދުވަހު އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވެސް އަމުރުކޮށްފަ އެވެ. އަމިއްލައަށް މަރުވާން މަސައްކަތްކުރީ އޭގެ ފަހުން ފުލުހުންގެ ބެލުމުގެ ދަށުގައި، ދޫނިދޫގައި ގޮޅީގައި ބަންދުގައި ހުއްޓަ އެވެ.

ކޮމެންޓް (1)

profile-image-placeholder

ސިކުނޑި

2 ސެޕްޓެމްބަރު 2024
ފުލުހުންގެ ޓައިމް ލައިނަކީ ހިތުލަފަޔަށް ލިޔެފައި އޮތް އެއްޗެއް!! އެހެންވިޔަސް ފަސްޓްއެއިޑް ދިންތޯ ބަލަންޖެހޭ! ސްޕައިން ބޯޑެއް ބޭނުންކުރިތޯ ބަލަންޖެހޭ! ނެކްސަޕޯޓް ދިންތޯ ބަލަންޖެހޭ!

އިތުރު އާޓިކަލް

އިތުރު އާޓިކަލް