މުހައްމަދު ޖަމީލް: އޭނާއަށް އަނިޔާކޮށްފައިވާ ކަމަށް އާއިލާއިން ކުރާ ތުހުމަތު ކަރެކްޝަނަލް ސާވިސްއިން ދޮގުކުރޭ

މަރުވި ގައިދީގެ ހަށިގަނޑުން ޒަހަމްތަކެއް؛ އާއިލާއިން ތުހުމަތު ކުރަނީ ޖަލުގައި އަނިޔާކުރި ކަމަށް

ކަރެކްޝަނަލް ސާވިސްއިން ވަނީ އެ ހުރިހާ ތުހުމަތުތަކެއް ދޮގުކޮށްފައި. ޖަމީލް ހުރީ އެކަހެރިކޮށް ނޫން ކަމަށާއި އޭނާއާ އެކު އިތުރު ހަތަރު ގައިދީއަކު ވެސް ހުރި ކަަމަށް ބުނި

މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ އިއްޔެ މަރުވި މުހައްމަދު ޖަމީލުގެ ހަށިގަނޑުން ޒަހަމްގެ ނިޝާންތަކެއް ފެނި، ބަންދުގައި ހުއްޓާ އޭނާއަށް އަނިޔާކުރި ކަމަށް އާއިލާއިން ތުހުމަތުކޮށްފި އެވެ.

ވީ ކިހިނެއް؟ - މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނީ އުމުރުން 45 އަހަރުގެ ޖަމީލު، ޒަމާނީ ވިލާ/ށ. ފުނަދޫ، ގޮޅިން ބޭރަށް ނުނިކުމެ، އެއްވެސް ހަރަކާތެއް ނެތި ގިނައިރު އޮތްކަން ފާހަގަކުރެވިގެން ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް، ސީޕީއާރު ދިން ކަމަށެވެ.

ނަމަވެސް އޭނާގެ ހާލަތަށް އެއްވެސް ބަދަލެއް ނައުމުން 12:13 ހާއިރު މާފުށީ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދޭން ފެށި ކަމަށާއި ޖަމީލުގެ ހިތް ހުއްޓިގެން މަރުވި ކަމަށް ޑޮކްޓަރުން ކަނޑައެޅީ 12:45 ގައި ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

ތަފްސީލު - ކަރެކްޝަންސްއިން މިހެން ބުނެފައިވަނިކޮށް ޖަލުގައި ޖަމީލަށް އަނިޔާކުރި ކަމަށް އާއިލާއިން ތުހުމަތުކުރާ ކަމުގެ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ވަނީ ފެތުރިފަ އެވެ. އޭނާގެ މޫނާއި ގައިގެ އެހެން ބައެއް ހިސާބުތައް ނޫފައިގެންފައިވާ ނިޝާންތަކެއް ފެންނަ ފޮޓޯއެއް ވެސް އާންމުވެފައިވެ އެވެ.

މާފުށި ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ މަރުވި މުހައްމަދު ޖަމީލުގެ މޫނުމަތިން ޒަހަމްގެ ނިޝާންތަކެއް ފެންނަ ފޮޓޯއެއް ވަނީ އާންމުވެފައި.

ޖަމީލުގެ އާއިލާގެ ފަރާތުން 'ދައުރު'އާ ވާހަކަދެއްކި މީހަކު ތުހުމަތުކުރީ ޖަލު އޮފިސަރުން ޖަމީލަށް އަނިޔާކުރި ކަމަށެވެ.

"ޖަމީލަކީ ނަފްސާނީ މައްސަލަ ހުންނަ މީހެއް. އޭނާ ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި އަނިޔާކޮށްފައި އެ ހުރީ،" އޭނާ ބުންޏެވެ.

ޖަމީލުގެ ހަށިގަނޑު މާލެ ގެނައުމަށް ފަހު ސީޓީ ސްކޭނެއް ހެދިކަން ވެސް އިތުބާރު ހުރި މަސްދަރަކުން 'ދައުރު'އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެ ސްކޭންގެ ނަތީޖާއާ ބެހޭ މައުލޫމާތެއް ނުލިބެ އެވެ.

ކަރެކްޝަންސްގެ ބަސް - އާއިލާއިން ކުރާ ތުހުމަތުތައް ކަރެކްޝަންސްއިން ދޮގުކުރެ އެވެ.

"އަޅުގަނޑުމެން [ކަރެކްޝަންސް]ގެ ފަރާތުން [ޖަމީލަށް] އެއްވެސް އަނިޔާއެއް ނުވާކަން ކަށަވަރުކޮށްދެން،" ކަރެކްޝަންސްގެ ތަރުޖަމާނު އާމިނަތު ޔުސްރީން 'ދައުރު'އަށް ވިދާޅުވި އެވެ.

ޔުސްރީން ވިދާޅުވި ގޮތުގައި ޖަލުގައި ގައިދީއަކު މަރުވުމުން އަމަލުކުރާ އާންމު އުސޫލަކީ އާއިލާއަށާއި އިންސްޕެކްޓަ އޮފް ކަރެކްޝަނަލް ސާވިސް އަށާއި ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗުއާރުސީއެމް) އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އެންގުން ކަމަށެވެ.

"އެ މީހުންގެ ހާޒިރުގައި ބާކީ ހުރިހާ ކަމެއް ވެސް ކުރާނީ. އަދި އެ ހަތަރު ތަނުން އެ މަރަކާ ގުޅޭ ގޮތުން މިނިވަން ތަހުގީގެއް ކުރިއަށްގެންދާނެ،" ޔުސްރީން ވިދާޅުވި އެވެ.

"ޑޮކްޓަރު ލިޔުއްވި 'ކޯސް އޮފް ޑެތު'ގައި ވެސް އޮތީ ގުދުރަތީ މަރެއް ކަމަށް."

ރޭ ފަތިސް ނަމާދަށް ފަހު ޖަމީލުގެ ކަށު ނަމާދު ކުރަން ނިންމާފައިވާއިރު، އެ ނިންމުން ވެސް ނިންމާނީ، ޔުސްރީން ވިދާޅުވި ގޮތުގައި، ހަމައެކަނި ކަރެކްޝަންސްގެ ބަދަލުގައި އެ ހަތަރު ފަރާތުންނެވެ. މައްޔިތާ ވަޅުލި ނަމަވެސް ތަހުގީގު ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގުޅުން ހުރި ކަމެއް - ޖަމީލުގެ ނަފްސާނީ މައްސަލަތަކެއް ހުންނަ ކަމަށް ކަރެކްޝަންސް އާއި މީގެ ކުރިން ފުލުހުން ވެސް ބުނެފައިވެ އެވެ. އޭނާ ބަންދުގައި ބެހެއްޓީ އެހެން ގައިދީންނާ ވަކިން، އެކަހެރި ގޮޅިއެއްގައި ކަމަށް ވެސް އަޑު ފެތުރިފައިވެ އެވެ.

ނަމަވެސް އެކަން ދޮގުކުރައްވައި ޔުސްރީން ވިދާޅުވީ ޖަމީލާ އެކު އިތުރު ދެ ގައިދީން އެއް ގޮޅިއެއްގައި ތިބި ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް