މާފުށީ ޖަލު (ފޮޓޯ/އިވާން)

މާފުށި ޖަލު

މާފުށި ޖަލުގައި 'ވާނުވާ' ބަންދުގައި ހުރި މީހަކު ހިތް ހުއްޓިގެން މަރުވެއްޖެ

އޭނާ މަރުވިކަން ޔަގީންވީ އެއްވެސް ހަރަކާތެއް ނެތި މާ ގިނައިރު ގޮޅީގައި އޮތްކަން ފާހަގަވެ، ޖަލުގެ މެޑިކަލް ސެންޓަރުން ސީޕީއާރު ދީގެން ވެސް ހާލަތު ބަދަލުނުވުމުން މާފުށީ ސިއްހީ މަރުކަޒަށް ގެންދިޔުމުން

މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި 45 އަހަރުގެ މީހަކު މިއަދު މަރުވެއްޖެ އެވެ.

ތަފްސީލް - މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނި ގޮތުގައި މުހައްމަދު ޖަމީލު، ޒަމާނީ ވިލާ/ށ. ފުނަދޫ، ގޮޅިން ބޭރަށް ނުނިކުމެ، އެއްވެސް ހަރަކާތެއް ނެތި ގިނައިރު އޮތްކަން ފާހަގަކުރެވިގެން ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް، ސީޕީއާރު ދިނެވެ.

ނަމަވެސް އޭނާގެ ހާލަތަށް އެއްވެސް ބަދަލެއް ނައުމުން 12:13 ހާއިރު މާފުށީ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދޭން ފެށި ކަމަށާއި ޖަމީލުގެ ހިތް ހުއްޓިގެން މަރުވި ކަމަށް ޑޮކްޓަރުން ކަނޑައެޅީ 12:45 ގައި ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

އެނގުން މުހިއްމު - ޖަމީލު ޝަރީއަތް ނިމެންދެން 'ވާނުވާ' ބަންދުގައި ހުރީ ނުރައްކާތެރި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ތުހުމަތުގަ އެވެ. އޭނާއަކީ އެންވަޔަރަމަންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަލީ ސޯލިހަށް ކުރަފަތަކުން ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި މީހާ އެވެ.

އޭގެ ކުރިން ސަލްމާން މިސްކިތުގައި ހުކުރު ނަމާދަށް ތައްޔާރުވަމުން ދަނިކޮށް މިމްބަރަށް އަރައި އަޑުގަދަކުރުމުގެ މައްސަލައެއްގައި ވެސް އޭނާ ހައްޔަރުކޮށްފައިވެ އެވެ.

އެފަހަރު އޭނާ ދޫކޮށްލީ، އޭރު ފުލުހުން ބުނި ގޮތުގައި، ނަފްސާނީ މައްސަލަތަކެއް ހުރުމުންނެވެ.

ކަރެކްޝަންސްއިން ވެސް ބުނި ގޮތުގައި ޖަމީލަކީ ނަފްސާނީ ބައްޔަކަށް ފަރުވާކުރަމުން އައި މީހެކެވެ.

ޖަމީލު މަރުވުމާ އެކު ވަގުތުން އެކަން އޭނާގެ އާއިލާއަށާއި އިންސްޕެކްޓަ އޮފް ކަރެކްޝަނަލް ސާވިސް އަށާއި ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗުއާރުސީއެމް) އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް އަންގާފައިވާނެ ކަމަށް ކަރެކްޝަންސްއިން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް