ރޭ އޮފް ރަސްމިއްޔާތުގައި ރައީސް މުހައްމަދު މުއިއްޒު ހިނިތުންވުމާ އެކު އަތް ޖައްސަވަނީ (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)

ރައީސް މުއިއްޒު: ތިން އިންތިހާބުގެ ބޮޑު ކާމިޔާބީގެ ހިނިތުންވުން

ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީ ހޯއްދެވުމާ އެކު ރައީސް މުހައްމަދު މުއިއްޒުގެ ހަޔާތްޕުޅުގެ ބޮޑު ތިން އިންތިހާބު ވެސް ނިމުނީ އުފާވެރި ނަތީޖާއަކުން
23 އޭޕްރީލު 2024
2

މުހިންމު ނުކުތާތައް

މާލޭގެ މޭޔަރުކަމުގެ އިންތިހާބު 2021ގައި ހޯއްދެވީ ވެސް އެންމެން ހައިރާންކޮށްލާފައި

މިދިއަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބަލިކުރެވިދާނެ ކަމާ މެދު އޮތި ޝައްކު

އެއް ބޭފުޅަކު ވިދާޅުވީ؛ 'ހީކުރި ވަރަށް ބުރެ މާ ގަދަ މުއިއްޒު'

އެމަނިކުފާނަކީ ސިޔާސީ އެހާ ވަރުގަދަ ލީޑަރަކަށް ވެދާނެ ކަމަށް، މީގެ ހައެއްކަ މަސް ކުރިން، ގިނަ ބަޔަކު ހިއެއްނުކުރާނެ އެވެ.

ރޭ އާޓިފިޝަލް ބީޗުގައި ހަދާފައި ހުރި ސްޓޭޖް މަތީގައި، ޕީއެންސީގެ އެތައް ހާސް ސަޕޯޓަރުންނާ ބައްދަލުކުރެއްވި އިރު އެއީ މި ވަގުތު ރާއްޖޭގައި ހުންނެވި ސިޔާސީ އެންމެ ވަރުގަދަ ލީޑަރެވެ. އެމަނިކުފާނުގެ ދެ ފަރާތުގަ އާއި ފަހަތްޕުޅުގައި އެތުރިގެން ތިއްބެވީ އޭގެ ކުރީ ދުވަހު އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ސުޕަ މެޖޯރިޓީ ހޯއްދެވި ކެންޑިޑޭޓުންނެވެ.

ރާއްޖޭގެ ސިޔާސީ އާ ދަތުރަށް މަރުހަބާ އެވެ.

ރައީސް މުހައްމަދު މުއިއްޒުގެ މި ކާމިޔާބު ދަތުރު ފެއްޓެވީ، މީގެ ތިން އަހަރު ކުރިން، 10 އެޕްރީލް 2021ގަ އެވެ. އެ ދުވަހު އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ  މޭޔަރުގެ ގޮނޑި ކާމިޔާބުކުރެއްވީ އެންމެން ހައިރާންކޮށްލައްވައިފަ އެވެ. އެއީ އެމްޑީޕީން އަބަދުވެސް ބޮޑު އަގުލަބިއްޔަތެއް ހޯދަމުން އައި ވެރިރަށުގެ ކައުންސިލް ޕީޕީއެމްގެ ކޮންޓްރޯލްގެ ދަށަށް ދިޔަ ވެސް ފުރަތަމަ ފަހަރެވެ.

ދެވަނައަށް ކުރިމަތިލެއްވި އިންތިހާބަކީ މިދިއަ އަހަރުގެ ރިޔާސީ އިންތިހާބެވެ. އޭރު އެންމެ ބޮޑު ސަޕޯޓެއް އޮތް ކަމަށް ބެލެވުނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ހޯއްދެވި ކުރިއަކީ ވެސް، ރާއްޖޭގެ ސިޔާސީ ތާރީހުގައި ހައިރާންކަމެކެވެ.

ތިން ވަނަ އިންތިހާބު މިދިއަ އާދިއްތަދުވަހެވެ. ވާދަކުރެއްވީ ރައީސް މުއިއްޒެއް ނޫނެވެ. އެކަމަކު އެ އިންތިހާބުގައި އެމަނިކުފާނުގެ ޕާޓީގެ ކެންޑިޑޭޓުންނަށް މޮޅުނުވެވިއްޖެ ނަމަ  ސަރުކާރު ހިންގަން ކުރިމަތިވާނެ އުނދަގޫތައް އެނގިވަޑައިގަތެވެ. އެހެންކަމުން މިއީ ސިޔާސީ މުޅި ހަޔާތްޕުޅުގެ ވެސް އެންމެ މުހިންމު އިންތިހާބަށް އޮތީ ވެފަ އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވޯޓު ލެއްވުމަށް ފަހު ރައީސް މުއިއްޒު  ނޫސްވެރިންނާ ބައްދަލުކުރައްވަނީ (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)

ޕީއެންސީގެ 66 ކެންޑިޑޭޓުން އެ ވަނީ ގޮނޑި ކާމިޔާބުކުރައްވައިފަ އެވެ. ސަރުކާރަށް ތާއީދުކުރައްވާ އެހެން މެމްބަރުންނާ އެކު އާ ރައްޔިތުންގެ މަޖިލިސް ފަށާނީ ރައީސް މުއިއްޒަށް ތާއީދުކުރައްވާ މަދުވެގެން 75 މެމްބަރުންނާ އެކު އެވެ.

"ހީކުރި ވަރަށް ވުރެ މާ ގަދަ މުއިއްޒު،" މިއީ ރައީސް މުއިއްޒާ އިދިކޮޅު ސިޔާސީ ބޭފުޅަކު، މި ވަގުތުގެ ގޮތުން ނަން ނުޖަހަން ޝަރުތުކޮށް، ވިދާޅުވި ވާހަކައެކެވެ.

"ޔާމީނާ އަޅާބަލާ އިރު ވެސް މި ފެންނަނީ ގަދަކޮށް. މުޅިން ތަފާތު."

މަޖިލިިސް އިންތިހާބުގައި ސަރުކާރުގެ ބާރާއި ނުފޫޒު ބޭނުންކުރި ގޮތާއި ރިޝްވަތުގެ ކަންކަން ވެސް މަތީ ދަރަޖައަކަށް ހުރިކަމުގެ ތުހުމަތުތައް، އިދިކޮޅު ފަރާތްތަކުން އަޅުވަ އެވެ. އެކަމަކު އިންތިހާބުތަކުގައި ސަރުކާރުގެ ހުރިހާ ބާރެއް އޭރަކު ހުންނަވާ ރައީސުން ބޭނުންކުރެއްވުމަކީ ރާއްޖޭގައި އާންމު މަންޒަރެކެވެ. ކޮންމެ އިންތިހާބަކާ ގުޅިގެން ވެސް އެ ތުހުމަތުތައް ފާޅުވެ އެވެ.

މާލޭގެ މޭޔަރުކަމާއި ރިޔާސީ އިންތިހާބު ރައީސް މުއިއްޒު ކާމިޔާބުކުރެއްވީ އެފަދަ ނުފޫޒަކާއި ބާރެއް ނެތި އެވެ. އެކަމަކު މިއަދު އެމަނިކުފާނަކީ ރާއްޖޭގެ އެންމެ ބާރުގަދަ މަގާމުގައި ހުންނެވި ބޭފުޅެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލިސް ހޯއްދަވަން އެ ބާރު ބޭނުންނުކުރައްވާނެ ކަމަށް ބެލުމަކީ، ސިޔާސީ ހަގީގަތާ ދުރުވުމެވެ. 

އާޓިފިޝަލް ބީޗުގެ ސްޓޭޖްގައި ރޭ ރައީސް މުއިއްޒު ހިނިތުންވުމާ އެކު އެ ހުންނެވީ، ކޮންމެ ގޮތަކުން ނަމަވެސް، ރައްޔިތުންގެ މަޖިލިހުގެ ހުރިހާ ކޮންޓްރޯލެއް ސަރުކާރަށް ލިބުމުގެ އުފަލުގަ އެވެ. އެމްޑީޕީގެ އަތުން މާލެ އާއި އައްޑޫ ސިޓީގެ ގޮނޑިތައް ވެސް އަތުލެއްވުމުގެ ބޮޑު އުފަލެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ ހިންގުން އަދި 'މި ފެށުނީ' ކަމަށާއި ސަރުކާރާއި މަޖިލިހުގެ މެމްބަރުން ރައްޔިތުންނަށްޓަކައި ދެން ތިބެން ޖެހޭނީ '24 ގަޑިއިރު ހޭލާ' ކަމަށެވެ.

ރޭގެ ހަފުލާގައި ރައީސް މުއިއްޒު އަތް ޖައްސަވަނީ: މިއީ އެމަނިކުފާނާއި ސަރުކާރަށް ވެސް އުފާވެރި ވަގުތުކޮޅެއް (ދައުރު ފޮޓޯ/ އަނޫފް ޖުނައިދު)

"އަޅުގަނޑުގެ ކެބިނެޓުގެ ވެރިންނަށާއި ކުންފުނިތަކުގެ ވެރިންނަށް އަދި މަޖިލިސް މެމްބަރުންނަށް ދަންނަވާލަން ބޭނުންވަނީ މި ވޭތުވެދިޔަ ފަސް މަސް ދުވަސް އަދި އެއީ އެއްވެސް އެއްޗެއް ނޫނޭ، ތިބޭފުޅުން ދެން އުޅެން ޖެހޭނީ 24 ގަޑިއިރު ހޭލައޭ،" ރައީސް ވިދާޅުވި އެވެ.

އޭގެ ފަހުން ދޭތެރެ ދޭތެރެއިން ވިދާޅުވަމުން ގެންދެވީ ބޭނުންފުޅުވަނީ ވާހަކަ ގިނަކުރަން ނޫން ކަމަށާއި އަމަލީ ގޮތުން ކަންކަން ކުރައްވަން ކަމަށެވެ.

މިއީ ރާއްޖޭގެ ރައީސްކަމުގެ ހުވާކުރެއްވިތާ ފަސް މަސްދުވަހުގެ ތެރޭގައި ރައީސް މުއިއްޒާއި ސަރުކާރަށް އައި ސިޔާސީ ދެވަނަ ހަނީމޫނެވެ. ރޭގެ އުފާވެރިކަމާއި ފަސް މިނިޓަށް ދެމިގެން ދިޔަ ހަވާގެ ކުލަތަކަކީ އެ ހަނީމޫނުގެ ތަސްވީރެވެ.

އެ ސްޓޭޖާ ހަމައަށް ރައީސް މުއިއްޒު ވަޑައިގެންނެވި ގޮތް ލިއުންތަކުން މިހިރީ ފެންނާށެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ރައީސް މުއިއްޒު ރައްޔިތުންނަށް ވިސްނައިދެއްވީ މަޖިލިހުން ކުރިމަތިކުރުވާނެ ހުރަސްތަކުން ސަރުކާރު ސަލާމަތްކޮށްދިނުމަށެވެ. ތަރައްގީގެ މަސައްކަތްތައް ހަލުވިކޮށް ކުރެވޭނީ އޭރުން ކަމަށް ވިދާޅުވި އެވެ. އެހެންކަމުން އެ ފުރުސަތު ނަގާލުމުގެ ބޭނުމަކީ ކޮބައިތޯ ވެސް، ބައެއް ޖަލްސާތަކުގައި، ސުވާލުކުރެއްވި އެވެ.

އެ ސުވާލަށް ރައްޔިތުން ޖަވާބު ދީފި އެވެ.

އެއްވެސް ޝައްކެއް ނެތެވެ. ހަޔާތްޕުޅުގައި ކުރިމަތިލެއްވި ވަރުގަދަ ތިން އިންތިހާބަށް ފަހު ރައީސް މުއިއްޒުގެ ސިޔާސީ ކުރިމަގު މިވަނީ ފުޅާކޮށް ކޮއްޓަވައިފަ އެވެ. މިހާތަނަށް ކާމިޔާބު ނޫން ނަތީޖާއެއް އެމަނިކުފާނު ނުހޯއްދަވަ އެވެ. އެހެންކަމުން ރައީސް މުއިއްޒަކީ މި ވަގުތު ރާއްޖޭގެ އެންމެ ބަރުގަދަ ސިޔާސީ ލީޑަރުކަމާ މެދު ޝައްކެއް ނެތެވެ.

ކޮމެންޓް (2)

profile-image-placeholder

ނޫމް

24 އޭޕްރީލު 2024
ވަށަފަރު މުއިއްޒު ވެރިކަމުން ބާލާނަން

އަހްމަދު

25 އޭޕްރީލު 2024
@ނޫމް ތިޔަ ބާރު ނޫމަށް ލިބިގެނެއްނުވޭ. ތިބާރު ލިބިގެންވަނީ ހަމައެކަނި ﷲސުބްޙާނަހޫ ވަތަޢާލާ އަށް.

އިތުރު އާޓިކަލް

އިތުރު އާޓިކަލް