މާލޭ މޭޔަރު މުއިއްޒު: ޕީއެންސީގެ ޓިކެޓް އޭނާ ވަނީ ކަށަވަރުކުރައްވާފައި (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

މުއިއްޒު ޕީއެންސީގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރައްވައިފި

މުއިއްޒު ޓިކެޓް ކަށަވަރު ކުރެއްވީ ވޯޓު ދެއްވި 48 މެމްބަރުންގެ ތެރެއިން 25 ވޯޓު ހޯއްދަވައިގެން

އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭ ހާލަތުގައި ޕީއެންސީން ވާދަކުރައްވާނެ ކެންޑިޑޭޓަކަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ހޮވައިފި އެވެ.

ވީ ކިހިނެއް؟ - ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން ކެންޑިޑަސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތުމާ ގުޅިގެން އެމަނިކުފާނުގެ އެންގެވުމުގެ މަތިން 'ބެކަޕް ކެންޑިޑޭޓެއް'ގެ ގޮތުގައި ޕީއެންސީން ރިޔާސީ ކެންޑިޑޭޓަކު ނެރެން އެ ޕާޓީން މިއަދު ވަނީ ނިންމާފަ އެވެ. އަދި އެކަމަށް ކުރިމަތިލާން ހުޅުވާލުމުން މުއިއްޒުއާ އެކު ވާދަކުރެއްވީ ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރިފް އުމަރެވެ.

ތަފްސީލު - މިއަދު ހަވީރު ޕީއެންސީގެ މަޝްވަރާ މަޖިލީހުން ވަނީ އެ ދެ ބޭފުޅުންގެ މެދުގައި ސިއްރު ވޯޓެއް ނަގައިފަ އެވެ.

މުއިއްޒު ޕީއެންސީގެ ޓިކެޓް ކަށަވަރު ކުރެއްވީ:

  • ޕީއެންސީގެ މަޝްވަރާ މަޖިލީހުގެ 48 މެމްބަރުންގެ ތެރެއިން 25 ބޭފުޅުންގެ ވޯޓުން 

  • އާދަމް ޝަރީފަށް ލިބިވަޑައިގަތީ 23 ވޯޓު

ޓިކެޓަށް ކުރިމަތިލުމަށް ހުޅުވާލުމާ އެކު، ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވަމުން ގެންދެވި މުއިއްޒު ވަނީ އެ ޕާޓީން ވަކިވެވަޑައިގެން މިއަދު މެންދުރު ޕީއެންސީއަށް ސޮއިކުރައްވާފަ އެވެ.

ޕީއެންސީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބުކުރެއްވުމުގެ ކުރިން ވެސް އަދި އޭގެ ފަހުން ވެސް މުއިއްޒު ވިދާޅުވެފައިވަނީ، އޭނާ އަދިވެސް އުންމީދުކުރައްވަނީ ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވޭނެ ކަމަށެވެ. މުއިއްޒުގެ އެދުމަކީ ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑި އަންނަ ހޯމަ ދުވަހު ހަމަވާއިރު، ޕީއެންސީގެ ޓިކެޓަކީ ބޭނުންނުކޮށް، "ޑަސްބިނަށް ލާ" ޓިކެޓަކަށް ވުމެވެ.

މި ނިންމުމުގެ ސަބަބުން ޕީޕީއެމް-ޕީއެންސީގެ ތެރޭގައި ބައިބައިވުމެއް ނުއުފެދޭނެ ކަމުގެ ޔަގީންކަން ވެސް މުއިއްޒު ވަނީ ދެއްވާފަ އެވެ.

ގުޅުން ހުރި ކަމެއް - ޔާމީންގެ ކެންޑިޑެސީ ގަބޫލުނުކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމުމާ އެކު، އެ މަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް އިއްޔެ ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ވަނީ ބަލައިގެންފަ އެވެ. އަދި ކޮމިޝަނުން މިއަދު މެންދުރު 3ގެ ކުރިން ލިޔުމުން ޖަވާބު ހުށަހެޅުމަށް ސުޕްރީމް ކޯޓުން އިއްޔެ އަންގާފައި ވާއިރު، އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ އޮންނާނެ އެވެ.

ކޮމެންޓް (4)

ޙހހބބބ

9 އޯގަސްޓު 2023
ޢަޑިއަޑިން ހީލަތާއެކު ކުރީ އެކަން. ޥެރިކަމަށް ދަހިވެގެން ޕީ އެން ސީ އަށް ދިޔައީ ނުދޭނަށް ވޯޓއެއް. ފޮލެޓާއެކު ގެވެސް އެރިތަން ފެނުނީ. ޙާދަބޮޑު މުންސަދި އޭ ދޯ....
0 0

މާހިރު

4 އޯގަސްޓު 2023
އަސްތާ! މުއިއްޒުއަށް ވެސް އިނގޭ ދޯ ހިނިތުންވާން
2 0

އިސްމާއިލް

3 އޯގަސްޓު 2023
އަޅުގަނޑަކީ މީ އެއްވެސް ޕާޓީއަކަށް ސަޕޯޓް ކުރާ މީހެއްނޫން. އެކަމަކު މުއިއްޒުގެ ބެކްގްރައުންޑް ޗެކް ކުރުމުން އެނގިއްޖެ މުއިއްޒު މީ ރަނގަޅު ކެންޑިޑޭޓެއްކަން. ބެޗެލަރސް އަދި މާސްޓަރސް އިން ސްޓަކްޗަރަލް އިންޖިނިއަރިން، ޕީއެޗްޑީ އިން ސިވިލް އިންޖިނިއަރިން. ސަރުކާރުގެ އެކި މަގާމުތަކުގައި މަސައްކަތްކޮށްފައިވޭ. މީއެއް ނޫންތޯ ރައްޔިތުން ބަލަން ވީ ކަންކަމަކީ. ރަނގަޅު ތައުލީމެއް ތަޖުރިބާއެއް ނެތް މީހުން ހޮވައިގެން ބޭންނުންވާ ވަރުގެ ބަދަލެއް ނުފެނުނު. އެހެންވީމާ މިފަހަރު އެބަޖެހޭ މުއިއްޒު ކަހަލަ މީހެއް ހޮވަން.
8 1

ނޫން

3 އޯގަސްޓު 2023
ކުދީންނޭ ޕާޓީ ހަމައަށް ދެބައިވީ. ޔާމީންގެ ބާރު ދަނީ. ޔާމީންގެ ސަޕޯޓަރުން އިއްލި އަށް ވޯޓު އަޅައިގެން ދެވަނަ ބުރަކަށް ގެންގޮސްދީ. އެއީ ސަލާމަތްވާނެ ގޮތް
2 7

އިތުރު އާޓިކަލް

އިތުރު އާޓިކަލް