ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު: މި ވަގުތަށް އޭނާ ގެންދެވީ ކުރިންސުރެ މަސައްކަތްކުރައްވަމުން

މުއިއްޒު ހުންނެވީ ހިމޭންކޮށް، އެކަމަކު އެންމެ ފަހުން އެ ހޯއްދެވީ ޕީޕީއެމްގެ ރިޔާސީ ޓިކެޓް

މާލޭގެ މޭޔަރު ޑރ. މުއިއްޒު ޕީޕީއެމް/ޕީއެންސީގެ މުޅި ލީޑަޝިޕްގެ މައްޗަށް ހޯއްދެވި ކާމިޔާބީއަކީ އާދައިގެ ކަމެއް ނޫން
8 އޯގަސްޓު 2023
2

ޕީޕިއެމްގެ އެތެރޭގެ ވާހަކަތައް، އެތެރޭގެ މަސްދަރުތަކުގެ މައްޗަށް ބިނާކޮށް ލިޔަމުން ގެންދާތާ އަހަރެއް ވަނީ އެވެ. އޭގެ އެއް ރިޕޯޓް ކަމަށްވާ 'ޓާމިނަލް ކެފޭ ފެކްޝަން، ޖަނބުރޯލް ގަސް ފެކްޝަން'ގައި އަޅުގަނޑު ލިއުނު އެއް ވާހަކައަކީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއާ މެދު ޕީޕީއެމްގެ އިސް ބައް ބޭފުޅުންނާއި އާންމު މެންބަރުން ދެކޭ ގޮތެވެ.

އެ ރިޕޯޓަށް ވާހަކަ ދެއްކެވި އެއް ބޭފުޅަކު ވިދާޅުވީ "...ޕާޓީގެ ބޮޑެތި ޖަލްސާތަކުގައި މުއިއްޒުގެ ނަން ގޮވުމުން އަތްޖަހާލެއް ގަދަވީމާ ވެސް ހިތްހަމަނުޖެހުން އެބަ އޮތް' ކަމަށެވެ. 

"ހީވަނީ މުއިއްޒު ގަދަވަނިއްޔޭ. އަސްލަށް ބުނަންޏާ މުއިއްޒު ހަމަ ގަދަ. ގަދަވީމާ މާލޭގެ މޭޔަރުކަން ލިބުނީ."

އެ ރިޕޯޓް ލިއުނީ 25 ސެޕްޓެމްބަރު 2022ގަ އެވެ. މިއަދު މި ފެންނަނީ، އޭނާ އެ ވިދާޅުވި ގޮތަށް، މުއިއްޒު ހަމަ ގަދަ ތަނެވެ. ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ އެހެން ހުރިހާ ބޭފުޅުންނަށް 'ވާނުވާ ނޭނގި' ތިއްބާ، އެ ކާމިޔާބުކުރެއްވީ ރިޔާސި ޓިކެޓެވެ. އެއީ ވެސް ޕީޕީއެމްގެ އާންމު މެމްބަރުކަމާ އެކު ނައިބު ރައީސްކަން ވެސް ކުއްލިއަކަށް ދޫކުރައްވައި ވަގުތުން ޕީއެންސީއަށް ސޮއިކުރެއްވުމަށް ފަހު، ޕީއެންސީގެ ނައިބު ރައީސް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާ ވާދަކުރައްވައިގެންނެވެ.

ޕީއެންސީގެ ސެނެޓްގެ އަގުލަބިއްޔަތު ހޯއްދެވޭ ވަރަށް މެމްބަރުންގެ ވޯޓު ކަށަވަރުކުރެއްވޭނީ އެވަރުގެ ރޭވުންތެރިކަމަކާ އެކު ކުރިންސުރެ މަސައްކަތްތަކެއް ކުރައްވާފައި އޮތުމުންނެވެ.

ޕީއެންސީގެ ރިޔާސީ ޓިކެޓް ހޯއްދެވީ އޭގެ ގަޑިއިރުތަކެއްގެ ކުރިން އެ ޕާޓީގެ މެމްބަރަކަށް ވެވަޑައިގެންނެވުމަށް ފަހު (ފޮޓޯ/ޕީއެންސީ)

އެކަމަކު އެއީ މިދިއަ އަންގާރަދުވަހާ ހަމައަށް އެ ސިއްރު ރަސްމީކޮށް މުއިއްޒު ފާޅެއްނުކުރައްވަ އެވެ. ޕީޕީއެމްގެ އެއްވުންތަކާއި ޖަލްސާތަކާއި ބައްދަލުވުންތަކުގައި އޭނާ ވިދާޅުވަމުން ގެންދެވީ 'އަޅުގަނޑު މި ހުރީ ޕީޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަހަތްޕުޅުގައި' ކަމަށެވެ. ޔާމީން ނޫން އެހެން ޗޮއިސްއެއް ނެތް ކަމަށެވެ.

"އަޅުގަނޑުމެން އެންމެން އެއްބަސް ކިޔައިގެން އެކައްޗެއް މިކިޔަނީ. އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން. އަޅުގަނޑުމެންގެ މެދުގައި އެކަމުގައި އެއްވެސް ދެބަސްވުމެއް ނެތް،" 2 މޭގައި ޕީޕީއެމް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވި އެވެ.

އެ ބައްދަލުވުން ބޭއްވީ ކުއްލިއަކަށެވެ. ރިޔާސީ ޓިކެޓަށް އުއްމީދުކުރައްވައިގެން މަސައްކަތްކުރައްވާ ކަމަށް އަޑުއަރާފައި އޮތީ މުއިއްޒު އެކަންޏެއް ނޫނެވެ. ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް، ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން، މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފަކީ އެ ލިސްޓްގެ ބޭފުޅުންނެވެ. އެ ހަތަރު ބޭފުޅުން ވެސް އެރޭ ނޫސްވެރިންގެ ކުރިމަތީގައި ވާހަކަ ދެއްކެވީ މުއިއްޒުގެ ވެސް މޭރުމުންނެވެ.

އެކަމަކު ހަގީގަތަކީ މި ހުރިހާ ބޭފުޅުން ވެސް ރިޔާސީ ޓިކެޓްގެ ހުވަފެން ދެކެވަޑައިގެންކަމެވެ. ތަފާތަކީ ކޮންމެ ވަގުތަކު އެކަމާ ކުރިމަތިލާން ޖެހުނަސް، ދެ ޕާޓީގެ ސެނެޓްގެ އަގުލަބިއްޔަތު މުއިއްޒު ކަށަވަރުކުރެއްވި ގޮތެވެ. އެކަން މިހާރު އެންމެންނަށް ވެސް ޔަގީންވެއްޖެ އެވެ.

މުއިއްޒުގެ ރިޔާސީ އިންތިހާބުގެ ފޯމު، އިލެކްޝަންސް ކޮމިޝަނާ ހަވާލުކުރައްވަނީ (ދައުރު ފޮޓޯ/ހުސެއިން ސުނެއިން)

"މުއިއްޒު މުޅި އެތި ރޭވީ ވަރަށް މޮޅަށް، އޭނާ ބޭނުންވި ވަގުތު ބޭނުންވި ކަންތައް ކޮށްފި،" ލީޑަޝިޕްގެ އެހެން ބޭފުޅުންނަށް ދެރަބަހަކަށް ވެދާނެތީ ނަން ނުޖަހަން ޝަރުތުކުރައްވައި، އެއް ބޭފުޅަކު ވިދާޅުވި އެވެ.

ފަހަރެއްގައި ވެސް މުއިއްޒު އާއި އެހެން ބޭފުޅުން ޔާމީންގެ އަތްޕުޅުން ރިޔާސީ ޓިކެޓް ޖަހައިގަންނަން މަސައްކަތެއްނުކުރައްވަ އެވެ. މީގެ ދުވަސްކޮޅެއް ކުރިން، 26 ޖުލައިގައި، މުއިއްޒު ވަނީ އެކަން ވަރަށް ސާފުކޮށް ކިޔައިދެއްވައިފަ އެވެ.

"އެމަނިކުފާނުގެ [ޔާމީން] ހައްގުގައި އެމަނިކުފާނަށް އަޅުގަނޑުގެ ތާއީދު އޮތުމުގައި އެއްވެސް ކަހަލަ ޝަރުތެއް ނޯންނާނެ. އަންޑިވައިޑެޑް ލޯޔަލްޓީ އަޅުގަނޑު ރައީސް ޔާމީން އަށް އޮންނާނީ،" ރިޔާސީ އިންތިހާބަށް ޔާމީންގެ ފޯމު ލުމުގެ މަސައްކަތް ކުރިއަށް ދިޔަ އިރު މުއިއްޒާ މެދު އަރާފައި އޮތް ޝައްކުގެ ހިރަފުސްތައް ފޮހެލެއްވުމުގެ ގޮތުން ވިދާޅުވި އެވެ.

"ރައީސް ޔާމީންއަށް އަޅުގަނޑުމެން އަރުވާފައިވާ ރިޔާސީ ޓިކެޓަށް ފުރިހަމަ ތާއީދު ދިނުން އެއީ އަޅުގަނޑުމެން ކުރަން ޖެހޭނެ ކަމަކީ. އެއަށް ހުރަސް އެޅުމަށް، އެއަށް ޗެލެންޖުކުރުމަށް، އެއަށް އެއްވެސް ކަހަލަ ހިޔަންޏެއް އެޅޭ ކަމެއް ކުރުމަކީ އަޅުގަނޑުމެން އެކަކު ވެސް ކޮށްގެން ވާނެ ކަމެއް ނޫން."

ހަގީގަތަކީ އެ ވާހަކަ އެގޮތަށް އާންމުކުރެއްވިޔަސް މުއިއްޒުގެ އަތުގައި ވަރަށް ބޮޑު ބާރެއް އޮތް ކަމެވެ. ރިޔާސީ ކެންޑިޑޭޓަކު ހޮވަން ދެ ޕާޓީން ވަކިން ޕްރައިމަރީ ބޭއްވިޔަސް، އެއްކޮށްލައިގެން ކުރިއަށް ގެންދިޔަސް މެޖޯރިޓީ ކޮންޓްރޯލްކުރެވޭ ވަރަށް އޭނާ ހުންނެވީ ތައްޔާރުވެ އެވެ. 

"ވޯޓަށް ފަހު ލީޑަޝިޕްގެ ބައެއް މީހުން ހަމަ ކޮސްވީ. އެ މީހުންނަށް ނޭނގުނު މިވީ އެއްޗެއް ވެސް،" ޕީޕީއެމް ކޯލިޝަންގެ އިސް ސަފުގައި މަސައްކަތްކުރައްވަމުން އަންނަ ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.

"އާދަމް ޝަރީފަށް އެ ވޯޓު ހޯދައިދޭން ބޮޑު ހަރަދެއް ވެސް ކުރި. މުއިއްޒު ކަޓުވާލަން ބޭނުންވި މީހުން އެ އުޅެނީ އަދިވެސް ހިތްހަމަނުޖެހިގެން. އެ މީހުން ގަބޫލެއްނުކުރޭ މިހެން ވެދާނެއޭ."

މުއިއްޒަކީ އާންމުކޮށް ވެސް ހިމޭންކޮށް ހުންނަވާ ބޭފުޅެކެވެ. މާލޭގެ މޭޔަރުކަން ހޯއްދެވުމަކީ، އެ ހިމޭންކަމަށް އާންމުންގެ އިތުބާރު ވެސް އޮތްކަން ދޭހަކޮށްދޭ ވަރަށް ބޮޑު ކާމިޔާބީއެކެވެ. ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ބޮޑު ނާކާމިޔާބީއެއް ލިބުމުން ޕީޕީއެމް ކޯލިޝަންގެ އެއްވެސް ބާރެއް ދައުލަތުގެ ކަންކަން ނިންމުމުގައި ނެތެވެ. އެ ހާލަތުގައި ވެރިރަށުގެ މޭޔަރުކަމާއި މާލޭ ސިޓީ ކައުންސިލްގެ މެޖޯރިޓީއަކީ، ޕީޕީއެމަށް އާ ނޭވާއަކަށް ވި އެވެ. އޭގެ ބޭނުން މުއިއްޒު ހިއްޕަވަމުން ގެންދަވަނީ، އޭނާއަށް ސިޔާސީ ކުރިމަގު ވެސް ސާފުވާ ގޮތަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ އަރިހުގައި މުއިއްޒު: އޭނާ ވިދާޅުވަނީ ޔާމީން ސަލާމަތްކުރުން ވެސް ގުޅިފައި އޮތީ އިންތިހާބާ ކަމަށް (ފައިލް ފޮޓޯ/ރައީސް އޮފީސް)

އެންމެ ފަހު ވަގުތު އިންތިހާބު ބޮއިކޮޓްކުރަން ޔާމީން ބޭނުންފުޅުވި ނަމަވެސް އެކަން ނުވީ ޕީޕީއެމްގެ އެތެރޭގެ ބާރު މުއިއްޒުގެ އަތްމައްޗަށް ވަރަށް ބޮޑަށް ގޮސް އޮތުމުން ކަމަށް، ޕާޓީގެ ބައެއް ބޭފުޅުން ވިދާޅުވި އެވެ. ރިޔާސީ އިންތިހާބުގައި ބައިވެރިނުވުމަކީ އާންމު ގިނަ މެމްބަރުންގެ ވެސް ރޫހު ނޫންކަން، މުއިއްޒުގެ ޓީމަށް އެނގެ އެވެ. ޔާމީނަށް ވެސް ރަނގަޅެއް އޮތީ ޕީޕީއެމް ކޯލިޝަނުން އިންތިހާބު ކާމިޔާބުކޮށްގެން ކަމަށް ދައްކާ ވާހަކަ ޕާޓީގެ ގިނަ މެމްބަރުންނަށް ފަސޭހައިން ގަބޫލުކުރެވޭނެ އެވެ.

މުއިއްޒު އެ ނުކުންނަވަނީ އިންތިހާބަށެވެ. އެކަމަކު ޔާމީންގެ ނަންފުޅު ވޯޓު ކަރުދާސްކޮޅުގައި އޮންނާނެއޭ ބުނެ، އެންމެ ފަހު ވަގުތާ ހަމައަށް ވެސް އެންމެ ގަދައަށް ވާހަކަ ދެއްކެވި ލީޑަޝިޕްގެ ބޭފުޅުންނަށް މުއިއްޒުގެ ކާމިޔާބީ ގަބޫލުކުރައްވަން އަދިވެސް އުނދަގުލެވެ. އެހެންވެ އަދިވެސް އޭގެ ބައެއް ބޭފުޅުން އިންތިހާބު ބޮއިކޮޓްކުރަން އެބަ ގޮވާލައްވަ އެވެ.

"އެއީ އާންމު މެމްބަރުންނަށް އޮޅުވާލަން ކުރާ ކަމެއް. ޔާމީނަށް ވެސް ފައިދާއަކަށް ނޫން. ޕީޕީއެމް ބޮއިކޮޓްކުރީމާ އެ ހަޅޭއްލަވާ ދެތިން މީހުންނަށް ލިބެން އޮތީ މާ ބޮޑު އެއްޗެކޭ،" މުއިއްޒު ކޮޅުގައި ހުންނެވި އިސް ބޭފުޅަކު ވިދާޅުވި އެވެ.

"އެ އެއްޗެއް މިހާރު ގެއްލޭތީ އެ ރުޅި އަދިވެސް އެ އޮތީ. އެއީ ޕީޕީއެމަށްޓަކައި ލަވާ ހަޅޭއްކެއް ނޫން."

މުއިއްޒު އެ ހުންނެވީ ހަމަޖެހިވަޑައިގެން އޭނާގެ ގޮތުގަ އެވެ. 'ހެދިނެހެދިއެއް ނޭނގި' ޕީޕީއެމްގެ ޓިކެޓް ކަށަވަރުކުރައްވައިގެންނެވެ. ތައުލީމީ ހަޔާތުގައި މުޅިން ވެސް އެންމެ މަތިން ފާސްވި ދަރިވަރުގެ މި ކުރިއެރުމަކީ، ރާއްޖޭގެ ސިޔާސީ އުދަރެހުން އާ ތަރިއެއް ފެނުމެވެ.

ކޮމެންޓް (2)

ޤާދިރު

8 އޯގަސްޓު 2023
އުޅެއުޅެ ވެސް ޕީޕީއެމް ބައިބައިކޮށް ނުލެވުނުދޯ
4 2

އަލިމަނިކުފާނު

8 އޯގަސްޓު 2023
ވަރަށް ރަނގަޅު ވާހަކައެއް. ޙަޤީޤީ ސިޔާސީ ލީޑަރުންނަކީ ދުރަށް ވިސްނައިގެން މަޑުމައިތިރިކަމާއެކު ވަރަށް ވިސްނައިގެން ފިސާރި ރޭވުންތެރިކަމާ ފަރުވާތެރިކަމާއެކު މަސައްކަތްކުރާ މީހުން. ކޮންމެ ކޮންމެ ކަމަކާބެހޭ ގޮތުން މުނާސަބު ނޫން ވަގުތެއްގައި ވާހަކައެއް ނުދައްކާނެ. ބަޔަކު ހަމަ ބުނެލާ އެއްޗަކަށް ވަގުތުން ރައްދެއްވެސް ނުދޭނެ.
21 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް